[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: މާމަގެ ތަރުކާރީދަނޑު

މިއީ ޕްރީ ސްކޫލް ޢުމުރުފުރާގެ ކުދިންނަށް ” ތަރުކާރީ” މި ތީމް ނަންގަވާދެއްވާއިރު ބޭނުންކުރެވިދާނެ ވާހަކައެކެވެ.

__________________________

މާމަ ދިރިއުޅެނީ ރަށުގައި ޢާއްމުކޮށް މީހުން ދިރިއުޅޭ ހިސާބަށްވުރެދުރުގައެވެ. އެކަނިމާއެކަނި ދިރިއުޅެމުން އަންނަ މާމަގެ ގޯތީގެ ވަށައިގެން ހުސް ބިމެއް އޮވެއެވެ. މި ބިމުގައި މާމަ ކުރާ ކަމަކީ ތަރުކާރީ ހެއްދުމެވެ. މާމަ އެކި މީސްމީހުންގެ ފަރާތުން ތަރުކާރީ ހެއްދުމާ ބެހޭ މައުލޫމާތު ހޯދުމަށްފަހު މިހާރުވަނީ ބޮޑު ތަރުކާރީދަނޑެއް ހައްދާފައެވެ. މާމަގެ ދަނޑުގައި މިހާރު އެކިވައްތަރުގެ ތަރުކާރީ ހުރެއެވެ.އޭގެތެރޭގައި ބަރަބޯ،ބަށި، ކިއުކަމްބާ،ކެޕްސިކަމް،ކޮޕީފަތް،ލެޓިއުސް ކެބެޖް އަދި ކެރެޓް ފަދަ ފައިދާހުރި ތަރުކާރީ ހިމެނެއެވެ.

ތަރުކާރީ ދަނޑެއް އޮތުމުން މާމަ ވަރަށް އުފާ ވެއެވެ. އެއީ މާމަގެ ޑޮކްޓަރު ވިދާޅުވާ ގޮތަށް ސިއްޙަތު ރަނގަޅަށް ބެހެއްޓުމަށްޓަކައި ތަރުކާރީ ކެއުމަށް ފަސޭހައިން ތަރުކާރީ ލިބޭތީ އެވެ. އަދި ތަރުކާރީ ވިއްކައިގެން ލިބޭ ފައިސާއިން މާމަގެ މާމަ ދަރިންނަށް ހަދިޔާ ދެވޭތީ އެވެ.

އެއްދުވަހަކު ހަވީރު، މާމަ ބަދިގޭގައި އުޅެލާފައި ތަރުކާރީދަނޑަށް ވަންއިރު ފެނުނީ ބަށި އަޅާ ފުރިފައި އޮތް ބަށިގަހެއް އުފުރާލާފައި އޮއްވައެވެ. މާމަދެރަވެގެން ހުރެ އިތުރު ގަހަކަށް ގެއްލުންލިބިފައި ހުރިތޯ ބަލާލިއިރު ކޮޕީފަތް ގަސްތައްވެސް ހުރީ އުފުރާލާފައެވެ.

މާމަ ވަރަށް ބޮޑަށް ދެރަވެފައި ހުރެ ގޮސް މާމަގެ ބޮޑު އުނދޯލީގައި އިނދެ މިކަމާ ވިސްނަން ފެށިއެވެ. އެވަގުތު ހަ އަހަރުގެ މާމަ ދަރިފުޅު އުނެއިޝް ގޯތިތެރޭގައި އުޅެނިކޮށް ފެނުނެވެ.

މާމަ އުނެއިޝް ގެނެސް އުނދޯލީގައި ބޭންދުމަށްފަހު ބުންޏެވެ.

މާމަ: ދަރިފުޅު މާމަގެ ތަރުކާރީ ދަނޑަށް ވަނިންތަ؟

އުނެއިޝް: ލައްބަ

މާމަ: އެހެންވިއްޔާ ދަރުފުޅަށް އެނގޭތަ ގަސްތައް އުފުރާލީ ކާކުކަން؟

އުނެއިޝް: އަޅުގަނޑު އުފުރާލީ. މާމަ އެކަހަލަ ގަސް އިންދީ ކީއްކުރަންތަ؟

މާމަ: އެއީ ކޮންކަހަލަ ގަސްތަކެއް. ކީއްވެ ދަރިފުޅު ގަސްތައް އުފުރާލީ؟

އުނެއިޝް: މާމާ! އެއީ ވަރަށް ނުބައި ތަރުކާރީ ގަސްތަކެއް.. ބަށިގަސްވެސް އެހެންވެ އަޅުގަނޑު އުފުރާލީ. ހުރިހާ ތަރުކާރީވެސް ނުބައި.

މާމަ: ދަރިފުޅަށް ނޭނގި ނަމަވެސް ތި ކުރެވުނީ  ރަނގަޅު ކަމެއް ނޫން. ފުރަތަމަ ކަމަކީ ގަސްތައް އުފުރާލުން. ތިމާގެ އަމިއްލަ ތަކެތި ނޫން އެއްޗެއްގައި އަތްލަންވާނީ ވެރިފަރާތުގެ ހުއްދަ ލިބިގެން. ދެވަނަ ކަމަކީ ދަރިފުޅަށް ނުބައި ކޮންމެ އެއްޗަކީ އުކާލަންޖެހޭ އެއްޗެއްނޫން. ޚާއްސަކޮށް ތަރުކާރީ ކަހަލަ ފައިދާ ހުރި އެއްޗެހި ނުބައި ވިއަސް ކާން ވާނެ. ކޮޕީ ފަތް ކަހަލަ ފެހި ފަތަކީ ހަމުގެ ބަލިތަކުން ދުރުކޮށްދޭ އެއްޗެއް. ކެރެޓަކީ ލޮލުގެ މައްސަލަތަކުން ސަލާމަތްކޮށްދޭ އެއްޗެއް. ހަމަ މިގޮތަށް ހުރިހާ ތަރުކާރީއެއްގައިވެސް ކޮންމެވެސް ފައިދާއެއްވާނެ. އެހެންވީމާ މީރު ނުވިޔަސް ތަރުކާރީ ކާންވާނެ. ދަރިފުޅަށް މީރުނުވިޔަސް ބަލިވީމާ ބޭސް ވެސް ބޮމެއްނު. ތަރުކާރީ ކެއުމުން ބަލިތަކުން ދުރުވާނެ އިންޝާﷲ.”

އުނެއިޝް: (ވަރަށް ދެރަވެފައި) މާމާ! ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަން. އަޅުގަނޑަށް ނޭނގުނީ.

އެވަގުތު އުނެއިޝްގެ މަންމަ އައުމުން މާމަ ވީގޮތް ކިޔައި ދިނެވެ. އުނެއިޝް، މަންމައަށް ބުންޏެވެ. “މަންމާ! ދެން މާމަގެ ތަރުކާރީ ދަނޑަށް ގެއްލުން ނުދޭނަން. ތަރުކާރީ އަކީ ވަރަށް ފައިދާ ހުރި އެއްޗެއް. ތަރުކާރީ ނުބައި ވިއަސް ކާން މަސައްކަތް ކުރާނަން. އިންޝާ ﷲ.”

މި އަޑު އިވުމުން އުނެއިޝްގެ މަންމަ ހީލާފައި ބުންޏެވެ. “ދަރިފުޅު،މާމަގެ ބަސް ޤަބޫލު ކުރީތީ މަންމަ ވަރަށް އުފާ ވެއްޖެ”.

އަނެއްދުވަހު، މާމައާއެކު ތަރުކާރީދަނޑުގައި އަލުން ގަސްތައް އިންދުމުގައި އުނެއިޝް ވަރަށް ބޮޑަށް އެހީތެރިވެދިނެވެ. މާމައަށް ވަޅުކޮނެދީ، ގަސްތައް މާމައަށް ގެނެސްދީ، ގަސްތަކަށް ފެންދީހެދިއެވެ.