[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަލަފުންގެ ޙަޔާތްޕުޅަށް ނަޒަރެއް…3

ޢުމަރު ބިން ޢަބްދިލްޢަޒީޒް ރަޙިމަހުﷲ

الحمد لله وحده والصلاة والسلام على من لا نبي بعده وعلى آله وصحبه ومن تبعه. وبعد:

އާދެ، އަޅުގަނޑުމެން ކިޔަމުން މިދަނީ ޢުމަރު ބިން އަލްޚައްޠާބު ރަޟިޔަﷲ އަންހާއި ވަރަށްބޮޑު ގުޅުމެއް އޮތް ބޭކަލެއްގެ ސިޔަރަތެވެ. އެހެންކަމުން އެކަލޭގެފާނުގެ ސިޔަރަތުގެ ސަފުޙާތަކަށް ދިޔުމުގެ ކުރިން، މުސްލިމުންގެ ދެވަނަޚަލީފާ ޢުމަރު ބިން އަލްޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގެ ދުވަސްވަރަށް ޖެހިލަންޖެހެއެވެ.

ޢުމަރުގެފާނުގެ ޚިލާފަތުގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ވިއްކުމަށްޓަކައި ކިރު ގިނަކުރުމަށް، އެއަށް ފެންއެޅުން މަނާކުރައްވައި އެކަލޭގެފާނުވަނީ ޤަރާރެއް ނެރުއްވާފައެވެ. ނަމަވެސް މިޤަރާރާއި ޚިލާފުވާ ހުރިހާ އެންމެން އެކަލޭގެފާނަށް އެނގިވަޑައިނުގަންނަވާނެކަން ކަށަވަރެވެ. ގޭތެރޭގައި ހުރެ ސިއްރުސިއްރުން އެކަންކުރާ މީހަކު އެކަލޭގެފާނަށް އެނގިވަޑައިގަންނަވާނީ ފަހެ ކިހިނަކުންތޯއެވެ! އެހެންކަމުން މިކަމުން ދުރުވެ ރައްކާތެރިވާނީ، ޢުމަރުގެފާނަށް ފެނިވަޑައިނުގެންނެވި ކަމުގައިވިޔަސް، ﷲތަޢާލާ ބައްލަވާވޮޑިގެންވާކަން ހިތްމައްޗަށް ގެނެސްގަނެ، އެއިލާހަށް ބިރުވެތިވާ މީހުންކަން ކަށަވަރެވެ.

މިހާހިސާބުން މިއަންނަނީ އަޅުގަނޑުމެން އެންމެންގެ ސުވާލުގެ ޖަވާބެވެ. ޢުމަރު ބިން އަލްޚައްޠާބު ރަޟިޔަﷲ ޢަންހާއި، ޢުމަރު ބިން ޢަބްދިލްޢަޒީޒު ރަޙިމަހުﷲއާ އޮތް ގުޅުމުގެ ވާހަކައެވެ. ޢުމަރު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ އާދައިގެމަތިން މީސްތަކުންގެ ޙާލު ބެއްލެވުމަށްޓަކައި އެއްރެޔަކު ނިކުމެވަޑައިގެން އުޅުއްވަނިކޮށް މަންމައަކާއި އޭނާގެދަރިފުޅާ ދެމެދު ދެކެވުނު ވާހަކަތަކެއް އިވިވަޑައިގަތެވެ. ފައިދާ ގިނަކުރުމަށްޓަކައި ކިރުއެއްޗަށް ފެންއަޅައި ގިނަކުރަން މަންމަ ބޭނުންވިއެވެ. ނަމަވެސް، ޢުމަރު ރަޟިޔަﷲ ޢަންހުގެ ޤަރާރުގެ މަތިން ދަރިފުޅު ހަނދާންކޮށްދިނެވެ. އެހިނދު މަންމަ ބުންޏެވެ. “ދަރިފުޅާއެވެ. އަމީރުލްމުއުމީނީނަކަށް އަހަރެމެން ނުފެނެއެއް ނޫންހެއްޔެވެ.” ނަމަވެސް، ﷲތަޢާލާ ބައްލަވާވޮޑިގެންވާކަން އެނގޭ، އެއިލާހަށް ބިރުވެތިވާ ދަރިފުޅު، ޖަވާބުގައި މަންމައަށް ބުންޏެވެ. “އަމީރުލްމުއުމިނީނަށް ނުފެނުނުކަމުގައިވިޔަސް އެކަލޭގެފާނުގެ ވެރިރައްބު ބައްލަވާވޮޑިގެންވެއެވެ.” އެކުއްޖާގެ މިޖަވާބު އިވުމާއެކު ޢުމަރު ރަޟިޔަﷲ ޢަންހު ވަޑައިގެން އެކަލޭގެފާނުގެ ބޭކަލުންތައް ޖަމަޢަކުރެއްވުމަށްފަހު، ކޮންމެވެސް އެއްކުއްޖަކު އެއަންހެންކުއްޖާއާ ކައިވެނިކުރުމަށް އެންގެވިއެވެ. ދެންފަހެ އެކަލޭގެފާނުގެ ދަރިކަލުން ޢާޞިމް އެކުއްޖާއާ ކައިވެނިބައްލަވައިގެންނެވިއެވެ. އަދި އެއަންހެންކުއްޖާގެ ކިބައިން އެކަލޭގެފާނަށް ދަރިކަނބަލަކު ލިބިވަޑައިގެންނެވުމުން ލައިލާގެ ނަމުން ނަންދެއްވުމަށްފަހު ކުންޔާއެއްކަމުގައި އުއްމު ޢާޞިމް ކަނޑައެޅުއްވިއެވެ.

އެންމެފަހުން މިދެންނެވި ދަރިކަނބަލުން ފުރާފުރިހަމަވެ ކައިވެނި ބައްލަވައިގެންފިއެވެ. އެކަމަނާ ކައިވެނިބެއްލެވީ ޢަބްދުލްޢަޒީޒް ބިން މަރުވާނާއެވެ. އެދެބޭކަލުންނަށް ލިބިވަޑައިގެންނެވި ދަރިކަލުންނަކީ، ޢުމަރެވެ. އާދެ، ޢަދުލުވެރި ޚަލީފާ ޢުމަރު ބިން ޢަބްދިލްޢަޒީޒެވެ.

 – ނުނިމޭ –