[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

الأَسْمَاءُ الْحُسْنَى ގެ މާނަ

الْحُسْنَى ގެ މާނަ:

ޢަރަބިބަހުގައި الْحُسْنَى އަކީ الأَحْسَن ގެ މުއައްނަޘް (އެބަހީ: އަންހެން) ގޮތެވެ. އެއީ الكُبْرَى އޭ އެއްގޮތަށް އެއްވަޒަނަކަށެވެ. الأَحْسَن ގެ މާނައަކީ އެންމެ ރިވެތިވުމެވެ. މިއީ ރިވެތިއަށްވުރެންވެސް މަތީ ދަރަޖައެކެވެ.

އެހެންކަމުން، الأَسْمَاءُ الْحُسْنَى ގެ މާނައަކީ އެންމެ ރިވެތިވެގެންވާ އިސްމުފުޅުތަކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ އިސްމުފުޅުތަކަށް މިނަން ދެއްވާފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. ((قُلْ ادْعُوا اللَّهَ أَوْ ادْعُوا الرَّحْمَنَ أَيّاً مَا تَدْعُوا فَلَهُ الأَسْمَاءُ الْحُسْنَى)) الإسراء: ١١٠ މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ ގެ އިސްމުފުޅުން ދުޢާ ކުރާށެވެ. ނުވަތަ رحمٰن ގެ އިސްމުފުޅުން ދުޢާކުރާށެވެ. ތިޔަބައިމީހުން (އެއިލާހުގެ އިސްމިފުޅުތަކުން) ކޮންމެ އިސްމުފުޅަކުން ދުޢާ ކުރިޔަސް (ހަމަހަމައެވެ.) ފަހެ، އެއިލާހަށް الأَسْمَاءُ الْحُسْنَى (އޭ ކިޔުނު އިސްމުފުޅުތައް) ވެއެވެ.”

ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެންމެހާ އިސްމުފުޅެއް އެންމެ ރިވެތިވެގެންވެއެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. ((وَلَهُ الْمَثَلُ الْأَعْلَى فِي السَّمَاوَاتِ وَالْأَرْضِ)) الروم:27 މާނައީ: “އަދި އުޑުތަކާއި ބިމުގައި އެންމެ މަތިވެރިވެގެންވާ މިޘާލު ވަނީ އެކަލާނގެއަށެވެ.” މިއާޔަތުން ދޭހަކޮށްދޭގޮތުގައި، ﷲ ސުބުޙާނަހޫ ވަތަޢާލާއީ އެއިލާހުގެ ޛާތުފުޅުގައާއި، އިސްމުފުޅުތަކުގައި އެންމެ މަތިވެރިވެގެންވާ ފަރާތެވެ. އެހެންކަމުން، އެއިލާހުގެ އެންމެހާ އިސްމުފުޅުތައް އެންމެ ރިވެތިވެގެންވެއެވެ. އެބަހީ، އެއިސްމުފުޅުތައް ރިވެތިކަމުގައާއި، ފުރިހަމަވުމުގައި އެންމެ މަތިވެރިވެގެންވެއެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކަކީ އެންމެ ރިވެތިވެގެންވާ ޞިފަފުޅުތައްކަމުގެ ދަލީލުތައް:

1. ﷲ ސުބުޙަނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((قُلْ ادْعُوا اللَّهَ أَوْ ادْعُوا الرَّحْمَنَ أَيّاً مَا تَدْعُوا فَلَهُ الأَسْمَاءُ الْحُسْنَى)) الإسراء: ١١٠ މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ ގެ އިސްމުފުޅުން ދުޢާ ކުރާށެވެ. ނުވަތަ رحمٰن ގެ އިސްމުފުޅުން ދުޢާކުރާށެވެ. ތިޔަބައިމީހުން (އެއިލާހުގެ އިސްމިފުޅުތަކުން) ކޮންމެ އިސްމުފުޅަކުން ދުޢާ ކުރިޔަސް (ހަމަހަމައެވެ.) ފަހެ، އެއިލާހަށް الأَسْمَاءُ الْحُسْنَى (އޭ ކިޔުނު އިސްމުފުޅުތައް) ވެއެވެ.”

2. އެހެން ވަޙީ ބަސްފުޅެއްގައިވެއެވެ. ((وَلِلَّهِ الأَسْمَاءُ الْحُسْنَى فَادْعُوهُ بِهَا وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ)) الأعراف:180 މާނައީ: “އެންމެރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ، ﷲއަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ ޙަޟްރަތަށް ދުޢާކުރާށެވެ! އަދި އެކަލާނގެ ނަންފުޅުތަކާމެދު، ޙައްޤުމަގުން އެއްކިބާވެ އުޅޭމީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ.”

3. އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((اللَّهُ لا إِلَهَ إِلا هُوَ لَهُ الأَسْمَاءُ الْحُسْنَى)) طـه:8 މާނައީ: ” ﷲއީ، އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާ ރަސްކަލާނގެއެވެ. އެންމެ ރިވެތި އިސްމުފުޅުތައް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ.”

4. އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ لَهُ الْأَسْمَاءُ الْحُسْنَى)) الحشر:24 މާނައީ: “އެކަލާނގެއީ، ﷲއެވެ. ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. ހުރިހާ އެއްޗެއް އުފައްދަވާ ރަސްކަލާނގެއެވެ. ޞޫރަކުރައްވާ ރަސްކަލާނގެއެވެ. އެންމެހާ ރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ، އެކަލާނގެއަށެވެ.”

ﷲގެ އިސްމުފުޅުތަކަށް އެންމެ ރިވެތިވާގޮތް:

ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތައް އެންމެ ރިވެތި ވަނީ ދެގޮތަކުންނެވެ. އެއީ:

1. މިއިސްމުފުޅުތަކުން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ނަންފުޅު ދެއްވާފައިވުމެވެ. އެއިލާހުގެ ކޮންމެ އިސްމުފުޅަކީ އެންމެ މަތިވެރިވެގެންވާ، އެންމެ ރިވެތިވެގެންވާ، އަދި އެންމެ ޢިއްޒަތް ލިބިގެންވާ އިސްމުފުޅެކެވެ.

2. އެއިލާހުގެ ކޮންމެ އިސްމުފުޅަކީ، އެއިސްމުފުޅެއްގައި އެއިސްމުފުޅަކާގުޅޭ އެންމެ ފުރިހަމަވެގެންވާ ޞިފައެކުލެވިގެންވާ އިސްމުފުޅެކެވެ. އެއްވެސްގޮތަކުން އެއިސްމުފުޅުތަކަށް އުނިކަމެއް، އަދި ޢައިބުކަމެއް ނުވެއެވެ.

އެގޮތުން އެއިލާހުގެ އިސްމުފުޅެއް ވަކިން އޮންނައިރުވެސް، އެއިސްމުފުޅެއްގައި އެންމެ ރިވެތިކަން އެކުލެވިގެންވެއެވެ. މިސާލެއްގެ ގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކުގެ ތެރެއިން އެއް އިސްމުފުޅަކީ الحَيُّ އެވެ. އެބަހީ ދިރިދެމިވޮޑިގެންވާ އިލާހެވެ. މިއިސްމުފުޅުން ދޭހަކޮށްދެނީ އެއިލާހަށް ދިރިދެމިވޮޑިގަތުމުގެ ޞިފަފުޅު އެންމެ ފުރިހަމައަށް ލިބިވޮޑިގެންވާކަމެވެ. ހަމައެފަދައިން އެއިސްމުފުޅު އަނެއްއިސްމުފުޅަކާގުޅުމުންވެސް އެންމެ ރިވެތިކަން ހާމަކޮށްދެއެވެ. މިގޮތުން ޤުރުއާނުގެ އެކި އާޔަތްތަކުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއިސްމުފުޅު އެއްތަނެއްގައި ގުޅޭނެގޮތަށް ގެންނަވާފައިވެއެވެ. މިސާލަކަށް الحَيُّ القَيُّوم، الغَفُورُ الرَّحِيم އެވެ.

އަދި އެއިލާހުގެ އިސްމުފުޅުގެ ތެރޭގައި “الرحمن” “الرحيم” ވެއެވެ. މިދެއިސްމުފުޅު ދަލީލުކުރަނީ މިދެނަން ކިޔޭ ފަރާތަށެވެ. އެއީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އަދި ދަލީލުކުރަނީ މިދެއިސްމުފުޅުން ނެގޭ ޞިފަފުޅުކަމުގައިވާ ރަޙްމަތަށެވެ. އަދި މިދެއިސްމުފުޅުން ނެގޭ ޞިފަފުޅު ނޫން އެހެން ލާޒިމުކުރާ ޞިފަފުޅުތައްކަމަށްވާ ދިރިދެމިވޮޑިގެންވާކަމަށާއި، ކުޅަދުންވެވޮޑިގެންވާކަމަށް ދަލީލުކުރެއެވެ. ދެން ބާކީހުރި އިސްމުފުޅުތައްވެސް މިފަދައެވެ. މިއީ އެއިލާހުގެ މަޚްލޫޤުތަކުންނާ ޚިލާފުކަމެކެވެ. އެހެނީ، މީހަކީ ޖާހިލެއް ނަމަވެސް އެމީހަކަށް ޙަކީމޭ ކިޔާފާނެއެވެ. އަދި އަނިޔާވެރިޔަކަށްވެސް ޙަކަމް (އެބަހީ ޙުކުމް ކުރުމުގައި މޮޅުމީހާ) އޭ ކިޔާފާނެއެވެ. އަދި ޤަދަރެއްނެތް މީހަކަށްވެސް ޢަޒީޒް (އެބަހީ ޢިއްޒަތްތެރިމީހާ) އޭ ކިޔާފާނެއެވެ. ޝަރަފުވެރިނޫން މީހަކަށްވެސް ޝަރީފް (އެބަހީ ޝަރަފުވެރިޔާ) އޭ ކިޔާފާނެއެވެ. އަދި ހެޔޮނޫން މީހަކަށްވެސް ކަރީމް (އެބަހީ ހެޔޮމީހާ) އޭ ކިޔާފާނެއެވެ. އަދި ނުބައިމީހަކަށްވެސް ޞާލިޙު އޭ ކިޔާފާނެއެވެ. އަދި ނުތަނަވަސްކަމުގައި އުޅޭމީހާއަށްވެސް ސަޢީދު (އެބަހީ ހިތްހަމަޖެހިގެންވާމީހާ) އޭ ކިޔާފާނެއެވެ. އަދި އަސަދު (އެބަހީ ސިންގާ) އަދި ޙަންޟަލާ އާއި ޢަލްޤަމާ (އެބަހީ ހިތިދެގަހަށްކިޔާ ދެނަން) މިފަދަ ނަންނަން މިސިފަތައް ލިބިގެންނުވާ މީހާއަށް ކިޔާފާނެއެވެ.

ފަހެ، ﷲ ގެ މަތިވެރިކަމާއެވެ. ޙަމްދުހުރީ އެއިލާހަށެވެ. އެއިލާހު ވަނީ އެއިލާހު ޞިފަކުރައްވާފައިވާ ފަދައިންނެވެ. އަދި އެއިލާހުގެ މަޚްލޫޤުން އެއިލާހަށް ޞިފަކުރާ ޞިފަކުރުންތަކުން އެއިލާހު ވަނީ މަތިވެރިވެ ވޮޑިގެންނެވެ.