[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖަޒާލިބުންވަނީ ނިޔަތްގަތް ގޮތުގެ މައްޗަށެވެ 3

ފުރަތަމަ ބައި…

ދެވަނަބައި…

ޙަދީޘުންލިބޭ ބައެއް ފައިދާތައް:

1. މި ޙަދީޘަކީ އިސްލާމްދީނުގެ މައިގަނޑު އެ ދެ ޙަދީޘެއްގެ މައްޗަށް ބިނާވެގެންވާ ދެ ޙަދީހުގެ ތެރެއިން އެއް ހަދީޘެވެ. ޢިލްމުވެރިން ވިދާޅުވެއެވެ. އިސްލާމްދީންގެ މައިގަނޑު ވަނީ ދެ ހަދީޘެއްގެ މައްޗަށެވެ. އެއީ މިހަދީޘްއާއި، ޢާއިޝަތުގެފާނުގެ ޙަދީޘްއެވެ.

((مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدّ))

“ތިމަންކަލޭގެފާނުގެ (ޝަރީޢަތުގައި) އަމުރުވެގެންނުވާކަމެއް ކޮއްފިމީހާ، އެމީހެއްގެ އެޢަމަލުވަނީ (އެމީހަކަށް) ރައްދުވެވިގެންނެވެ.”

މި ހަދީޘްކީ (إنما الأعمال …) ހިތުގެ ޢަމަލުތަކުގެ ތަނބެވެ. އެއީ ހިތުގެ ޢަމަލުތަކުގެ މީޒާންނެވެ. އަދި ޢާއިޝަތުގެފާނުގެ ޙަދީޘްއަކީ ބޭރު ގުނަވަންތަކުގެ ޢަމަލުތަކުގެ ތަނބެވެ. މީގެ މިސާލަކީ:

ވަރަށް އިޚްލާސްތެރި އަޅެކެވެ. ﷲ ތަޢާލާގެ ދަރުމައާއި ޘަވާބަށްއެދިގެން އަޅުކަންކުރާ މީހެކެވެ. އެހެނަސް އޭނާ ގިނަ ބިދުޢަވެރި ޢަމަލުތައްކުރެއެވެ. އޭނާގެ ނިޔަތަށް ބަލައިފިކަމަށްވާނަމަ ފެންނާނީ ރަނގަޅު ނިޔަތެކެވެ. އެހެނަސް އޭނާގެ އަމަލުތަކަށް ބަލައިފިކަމަށްވާނަމަ ފެންނާނީ ގޯސް ރައްދުވެގެންވާ އަމަލުތަކެކެވެ. އެއީ ޝަރީޢަތުގައި ބަޔާންވެގެންވާގޮތާއި ޚިލާފު އަމަލުތަކަކަށްވާތީއެވެ.

އެނެއް މިސާލަކީ: މީހަކު ނަމާދުކުރުމަށް އޮންނަ އެންމެ ފުރިހަމަ ގޮތަށް ނަމާދުކުރަނީއެވެ. އެހެނެއްކަމަކު އޭނާ ނަމާދުކުރަނީ މީހަކަށް ދެއްކުމަށެވެ. އެހެން ކަމަށްވެއްޖެނަމަ އޭނާގެ އިޚްލާސްތެރިކަންގެއްލުނީއެވެ. އަދި އޭނާގެ ނަމާދަށް އޭނާއަށް ޘަވާބެއް ނުލިބޭނެއެވެ.

2. އަޅުކަން އެއް އަޅުކަމާއި އަނެއް އަޅުކަން ވަކިކުރުން ވާޖިބުކަން މިހަދީޘުން އެބަ އެނގެއެވެ. އެގޮތުން މީހަކު މެންދުރު ނަމާދުކުރަން ބޭނުންވެއްޖެނަމަ މެންދުރުނަމާދާއި އެހެން ނަމާދުތަކާއި ވަކިކުރަންޖެހެއެވެ. ހަމަ އެފަދައިން ދެ މެންދުރުނަމާދު ކުރަން ބޭނުންވާމީހާ (އިއްޔެގެ މެންދުރުނަމާދާއި މިއަދުގެ މެންދުރުނަމާދު އެއްވަގުތެއްގައި ކުރަން ބޭނުންވާމީހާ) އިއްޔެގެ މެންދުރު ނަމާދާއި މިއަދުގެ މެންދުރުނަމާދުގެ ނިޔަތް ތަފާތުކޮށް ވަކިކުރަން ޖެހޭނެއެވެ. އެހެނީ ކޮންމެ ނަމާދަކަށްވެސް ނިޔަތެއްވެއެވެ.

ސުވާލު: މީހަކު މެންދުރު ވަގުތުވުމުން ތާހިރުވެގެން ނުކުމެގޮސް މިސްކިތަށްވަދެ އެވަގުތެއްގެ ފަރުޟު އަދާކުރުމަށްޓަކައި، މާނައަކީ އޭނާގެ ހިތުގައި އެއީ މެންދުރު ކަމެއް ނުވަތަ ޢަސުރުކަމެއް ނުވަތަ ޢިޝާކަމެއް ނުވާ ހާލު ވަދެ ނަމާދުކޮއްފިނަމަ އެކަން ހުއްދަވެގެންވޭ ހެއްޔެވެ ނުވަތަ ނުވޭ ހެއްޔެވެ؟

ޖަވާބު: އިސްވެދިޔަ ޤާއިދާއަށް ބަލައިފިކަމަށްވާނަމަ ހުއްދަވެގެންނުވެއެވެ. ހަންބަލީ މަޒްހަބުގައި އޮންނަނީވެސް މިގޮތަށެވެ.

އަދި މިގޮތަށްކުރުމުން ހުއްދަވާނެކަމަށްވެސް ބުނެވެއެވެ. އެއީ ޙާއްސަވެގެންވާ އެއްޗެއް އިތުރަށް ހާއްސަކުރުން ޝަރުތުނުވާތީއެވެ. ނަމާދަށް ނިޔަތްގަތުމުން އަދި ވަގުތު ޙާއްސަކުރުމުގެ ސަބަބުން އެނަމާދު ޙާއްސަކުރުމުންވެސް ފުދޭނެއެވެ. މިއީވެސް އިމާމް ޢަހުމަދުގެ ފަރާތުން އައިސްފައިވާ ރިވާޔަތެކެވެ. މާނައީ އެވަގުތެއްގެ ފަރުޟަށް ނިޔަތްގަތްކަމުގައިވީނަމަވެސް ފުދޭނެއެވެ. މިއީ އެންމެ ރަނގަޅު ގައުލެވެ. އަދި ރާޖިހު ގޮތްވެސް މެއެވެ.

3. ﷲ ތަޢާލާއަށް އިޚްލާސްތެރިވުމަށް ބާރުއަޅުއްވައިފައިވުން. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދެބަޔަކަށް މީސްތަކުން ބައްސަވާފައެވެ. އެއީ: އެބައެއްގެ ޢަމަލުތަކުން ﷲ ތަޢާލާގެ ވަޖުހުފުޅާއި ސުވަރުގެ އެދިގެން މަސައްކަތް ކުރާމީހުންނާއި، އެޔާއި ސީދާ އިދިކޮޅު މީހުންނެވެ.

4. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ އެކަލޭގެފާނުގެ ނަންފުޅު ﷲ ތަޢާލާގެ އިސްމުފުޅާއި (و) “އަދި” އިން ގުޅުވާލާފައެވެ. އެއީ (إِلَى اللهِ وَرَسُولِهِ) ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި” މިހެން ހަދީޘްކުރެއްވި ކުރެއްވުމުގައެވެ. މިތަނުގައި އެކަލޭގެފާނު (ثُمَّ) “ދެން” ބޭނުން ނުކުރައްވައެވެ. އެހެނީ މީހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ما شاء الله وشئت “ﷲ ތަޢާލާ އިރާދަކުރެއްވި ގޮތެވެ. އަދި ކަލޭގެފާނު ބޭނުންފުޅުވެ ވަޑައިގެންނެވި ގޮތެވެ” މިހެން ދެންނެވެމުން އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. (بَلْ مَا شَاءَ الله وَحْدَه) “އެހެނެއްކަމަކު ހަމައެކަނި ﷲ ތަޢާލާ އިރާދަކުރެއްވި ގޮތެވެ.” އެހެންކަމަށްވާނަމަ މިދެ ހާލަތުގެ ތަފާތަކީ ކޮބައިހެއްޔެވެ؟

ޖަވާބު: ޝަރުޢީކަންކަމުގައި (و) ނުވަތަ “އަދި” ބޭނުންކޮއްގެން ގުޅުވިދާނެއެވެ. އެހެނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތުން އެނގޭ ކޮންމެ އެއްޗަކީ ﷲ ތަޢާލާގެ ފަރާތުން ބާއްވާލެއްވޭ އެއްޗެކެވެ. އެހެނީ ﷲ ތަޢާލާ ވަޙީކުރައްވަނީ:

(مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ)

“رسول އާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެވެ.”

އެހެނެއްކަމަކު ކައުނު ހިންގެވުމުގެ ކަންކަމުގައި ﷲ ތަޢާލާއާއި އެއްވެސް ފަރާތެއް ވާވުގެ ޒަރިއްޔާއިން ގުޅުވުމެއް ހުއްދަވެގެން ނުވެއެވެ. އެހެނީ ކޮންމެ ކަމެއްވެސްވަނީ ﷲ ތަޢާލާގެ ޢިރާދަފުޅައިގެން އެކަލާންގެ އިރާދަކުރައްވާ ގޮތަށެވެ.

އެހެންކަމުން މީހަކު މާދަމާ ވާރޭ ވެހޭނެހޭ އެހުމުން ﷲ އާއި އެކަލާނގެ ރަސޫލާއޭ މޮޅަށް ދެނެވޮޑިގެންވަނީ ބުނެފިނަމަ އެއީ ގޯހެކެވެ. އެހެނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެފަދަ ކަންކަމުގެ ޚަބަރު ލިބިގެންނެއް ނުވެއެވެ.

އެހެނެއްކަމަކު މީހަކު މިވެނިކަމަކީ ޙަރާމްކަމެއްހޭ ނުވަތަ ޙަލާލުކަމެއްހޭ އެހުމުން ﷲ އާއި އެކަލާނގެ ރަސޫލާއޭ މޮޅަށް ދެނެވޮޑިގެންވަނީ ބުނުމުން އެންމެ ރަނގަޅެވެ. އެހެނީ ޝަރުޢީކަންކަމުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙުކުމްފުޅަކީ ﷲ ތަޢާލާގެވެސް ޙުކުމްފުޅެވެ. ﷲ ތަޢާލާ ވަޙީކުރައްވަނީ:

(مَّن يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ)

“رسول އާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެވެ.”

ނިމުނީ

ރިފަރެންސް: ޝަރްހު އަލް-އަރްބަޢޫން އައް-ނަވަވިއްޔާ : ފަޟީލަތުއް ޝައިޚް އަލްޢައްލާމާ މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން