[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބިލާލު ބިން ރަބާޙް رضي الله عنه (1)

 “އަބޫބަކުރުގެފާނަކީ އަހަރެމެންގެ ސާހިބާއެވެ. އަދި އަހަރެމެންގެ ސާހިބާ މިނިވަންކުރެއްވި ބޭފުޅާއެވެ.” (އެވިދާޅުވަނީ ބިލާލުގެފާނު މިނިވަންކުރެއްވި ވާހަކައެވެ.)

ޢުމަރުގެފާނު ‘ އަހަރެމެންގެ ސާހިބާ ‘ މިލަޤަބު ދެއްވާފައިވާ ބޭފުޅަކުވާނީ، ޝައްކެއްނެތްގޮތުގައި ވަރަށްވެސް މާތް މަތިވެރި ބޭފުޅަކަށެވެ. އާއެކެވެ. އެކަލޭގެފާނަކީ ހަންގަނޑު ކަޅު، އިސްކޮޅުންދިގު، ތުނބުޅީގެ އިސްތަށިފުޅު ތުނި ބޮލުގެ އިސްތަށިދިގު ބޭކަލެކެވެ. މީހަކު އެކަލޭގެފާނާދިމާއަށް ތަޢުރީފުގެ ގޮތުން އެއްޗެކޭ ބުނެފިނަމަ، ކީރިތިކުރައްވާޙާލު އިސްތަށަށް ޖައްސަވައި ވިދާޅުވެއެވެ. “ހަމަކަށަވަރުން އަހަންނަކީ ޙަބަޝީއެކެވެ. އަދި އިއްޔެ އަހަންނަކީ އަޅަކީމެވެ.”

ﷲ ގެ ކުޅަދުންވަންތަކަމާއެވެ. އިއްޔެ ނިކަމެތި އަޅެއްގެގޮތުގައި ހުރި މިބޭފުޅާ ވެގެންދިޔައީ މުސްލިމުންގެ ތެރޭގައި ޤަދަރާއި ޢިއްޒަތް އުފުލިގެން ދިޔަ ބޭކަލަކަށެވެ. އާދެ، މުސްލިމުންނަށް ނަމާދަށް އައުމަށް ގޮވާ މުދިމަކަށެވެ. އަދި އެކަލޭގެފާނަކީ ކެރިގެން ބުދުތަކަށް އިންކާރުކުރައްވާ އެތަކެއްޗަށް ފުރައްސާރަކުރައްވާ އުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނަކީ ވަރަށްވެސް އާދަޔާ ޚިލާފު ބޭކަލެކެވެ. އިސްލާމްދީން ފެށިގެން މިހާތަނަށް އައިއިރުވެސް މުސްލިމުންގެ ހަތަރު ޚަލީފާއިން މަޝްހޫރުފަދައިން އެކަލޭގެފާނުގެ ނަންފުޅު މަޝްހޫރުވެ މަޢުރޫފްވެފައިވެއެވެ. އެންމެ ބޮޑެތިމީހުންނަށް އެނގޭފަދައިން ކުޑަކުއްޖާއަށްވެސް އެކަލޭގެފާނު އެނގެއެވެ. އިސްލާމީ ޤައުމެއްގެ ޕްރައިމަރީ ސުކޫލެއްގައި ކިޔަވާ ކުއްޖެއްކުރެން ނިކަން އައްސަވާބަލާށެވެ. “ބިލާލްގެފާނަކީ ކޮންބޭކަލެއް ހެއްޔެވެ؟” ޖަވާބުގައި އެކުއްޖާ ބުނާނެއެވެ. ” އެއީ رسول الله صلى الله عليه وسلم ގެ މުދިމެވެ. އަދި އެކަލޭގެފާނަކީ އެކަލޭގެފާނު ދީންދޫކުރޭތޯ، އެކަލޭގެފާނު އަޅުވެތިކޮށްގެން އުޅުނު މީހާ، ހޫނުގެ ސަބަބުން ދޮންވެފައިވާ ހިލައިން އެކަލޭގެފާނަށް ޢަޛާބު ދައްކަމުން ގެންދިޔައިރުވެސް ޝިރުކުނުކޮށް أحد, أحد އޭ ވިދާޅުވި ސަޙާބީއެވެ.”

ބިލާލުގެފާނަކީ އިސްލާމްދީން އައުމުގެކުރީގައި ހަމައެކަނި އަޅެކެވެ. އެކަލޭގެފާނުގެ ބުރަމަސައްކަތުން އެކަލޭގެފާނު އަޅުވެތިކޮށްގެން އުޅުނު ކަލޭގެއަށް އެތައް ޖަމަލަކަށް ހުއިހިއްޕަވައި ބަލަހައްޓަވައެވެ. އުޖޫރައެއްގެ ގޮތުގައި އެނުބައި ނުލަފާ މުޝްރިކު ކަލޭގެ ދެނީ އަތް ގޮއްޓަށް އަޅާލެވޭ ވަރުގެ ކަދުރުކޮޅެކެވެ. މީސްތަކުން ހީކުރަމުން ދިޔައީ މިފަދަ އަޅެއްގެ ގައިގައި ޙަޤީޤަތާއި ކުރިމަތިލައި އޭގެސަބަބުން ލިބޭ ވޭން ބަރުދާސްތުކުރުމުގެ އެއްވެސް އާރެއްބާރެއް ނުހުންނާނެކަމަށެވެ. އަދި މިފަދަ ބޭކަލަކުވާނީ އެއްވެސް އަގެއްނެތް ބޭކާރު މީހަކަށް ކަމަށެވެ. އެހެނެއްކަމަކު އިސްލާމްދީނުގެ ސަބަބުން އެކަލޭގެފާނު ވެގެންދިޔައީ ބަޠަލަކަށެވެ. މުޅިދުނިޔެ ހައިރާންކޮށްލި ފަހުލަވާނަކަށެވެ.

ކޮންފަދަ އީމާންކަމެއްތޯއެވެ. ކޮންފަދަ ކެތްތެރިކަމެއްތޯއެވެ. އޭގެސަބަބުން ލިބިގެންދިޔައީ ކޮންފަދަ މަތިވެރި އަޖުރެއްތޯއެވެ.

އެކަލޭގެފާނުގެ އިސްލާމްވުން އަޑުއަހާލަމާތޯއެވެ.

މައްކާގެ މުޝްރިކުންގެ ދޫދޫމަތިން ބިލާލް رضي الله عنه  އާހަމައަށް رسول الله صلى الله عليه وسلم ގެ ވާހަކަ އިވެންފަށައިފިއެވެ. އަދި އެކަލޭގެފާނު ދިޔައީ އެކަލޭގެފާނުގެ ސާހިބުމީހާއާއި އޭނާގެ މެހުމާނުން رسول الله صلى الله عليه وسلم އާ ބެހޭގޮތުން ދައްކާ ވާހަކަތައް ސިއްރުން އަޑުއައްސަވަމުންނެވެ. އެމީހުން އެކަލޭގެފާނުދެކެ ރުޅިއައިސް އެކަލޭގެފާނާއި ދިމާލަށް ގޮވާ ހުތުރު އެއްޗެހިތައް ބިލާލުގެފާނަށް އިވިވަޑައިގަންނަވައެވެ.

މިބައިމީހުނގެ ވާހަކަތަކުން ބިލާލް رضي الله عنه  އަށް ދިޔައީ މި ދީނާ ބެހޭގޮތުން ދަސްވަމުންނެވެ. އެކަލޭގެފާނަށް އިޙްސާސްވެވަޑައިގަތީ، މިޢުސޫލުތަކަކީ އެކަލޭގެފާނު ދިރިއުޅުއްވަމުންގެންދަވާ މާޙައުލާ މުޅިން ބީރައްޓެހި އުޞޫލުތަކެއްކަމަށެވެ. رسول الله صلى الله عليه وسلم ގެ މާތްކަމާއި މަތިވެރިކަމާއި، އެކަލޭގެފާނުގެ އަމާނާތްތެރިކަމާއި ތެދުވެރިކަމަށް އެބައިމީހުން އިޢުތިރާފްވާކަން ބިލާލްގެފާނަށް ފެނިވަޑައިގަތެވެ. އެބައިމީހުން ބުނެއެވެ. “މުޙައްމަދަކީ ދޮގުވެރިއެއް ނޫނެވެ. ސިޙުރުވެރިއެއްނޫނެވެ. އަދި މޮޔައެއްވެސް ނޫނެވެ. އެހެނެއްކަމަކު އަހަރެމެން އެކަލޭގެފާނާއި ދިމާއަށް އެފަދަ ބުނުމުން ބުނަންޖެހޭނެއެވެ. އެއީ އެކަލޭގެފާނުގެ ދީނަށްވަންނަމުންދާ މީހުން މަދުކުރުމަށްޓަކައެވެ.” މިވާހަކަތަކުން ބިލާލުގެފާނަށް ދިޔައީ ފުން އަސަރުތަކެއްކުރުވަމުންނެވެ.

މިފަދަ ގޮތަކަށް ދުވަސްތައް ފާއިތުވަމުންދެއެވެ. އެއްދުވަހަކު ބިލާލް  رضي الله عنه  އަށް އާދަޔާޚިލާފް އިޙްސާސްތަކެއް ކުރެވުނެވެ. ހިދާޔަތުގެ އަލިކަން އެކަލޭފާނަށް ފެނުންކަހަލައެވެ. އެހެންކަމުން އެކަލޭގެފާނު رسول الله صلى الله عليه وسلم ގެ އަރިހަށް ވަޑައިގެން އިސްލާމްވެވަޑައިގަތެވެ.

އެކަލޭގެފާނު އިސްލާމްވުމުގެ މިޚަބަރު ފެތުރުމަށް ނެގީ ކުޑަހިނދުކޮޅެކެވެ. މިކަންތައް ވެގެންދިޔައީ ބަނީ ޖުމުޢާގެ ބޮޑުން ހައިރާން ކޮށްލިކަމަކަށެވެ. އެބައިމީހުންނަށް މިކަންތައްވެގެންދިޔައީ މައްކާގެ އެހެނިހެން މުޝްރިކުން ކުރިމަތީގައި އެބައިމީހުން ލަދުގަންނަވާލި ކަމަކަށެވެ.

އުމައްޔާ ބުން ޚަލަފް އޭނާގެ ހިތާހިތާ ކިޔާލިއެވެ. “މައްސަލައެއްނެތެވެ. ހަމަކަށަވަރުން މިއަދުގެ އިރުއޮއްސޭނީ މިމަގުފުރެދިފައިވާ ކަލޭގެ އިސްލާމްކަމާއެކީއެވެ.” ކޮންމެއަކަސް އިރުއޮއްސުނުއިރުވެސް ބިލާލެގެފާނުގެ އިސްލާމްކަން އޮއްސުނުކަމަކަށްނުވިއެވެ. އެހެނެއްކަމަކު ކޮންމެވެސްދުވަހަކުން އެއިރު އޮއްސުނީ މުޝްރިކުންނާއި އެބައިމީހުންގެ އަޢުވާނުންނާއި އެކީގައެވެ.

ބިލާލުގެފާނު އުޅުއްވަމުން އައީ ވަރަށްވެސް އާދަޔާއި ޚިލާފް އުޞޫލުފުޅަކަށެވެ. މުޝްރިކުން އެކަލޭގެފާނަށް ދެމުން ގެންދިޔަ ގަދަފަދަ އަނިޔާތަކަށް އެކަލޭގެފާނު ޘާބިތުކަންމަތީ ކެތްކުރެއްވިއެވެ. އެކަލޭގެފާނުގެ މިކެތްތެރިކަމުގެ ސަބަބުން އެކަލޭގެފާނު، އެދުވަސްވަރުގެ މީހުންނަށާއި އަދި އަންނަން އޮތް ޖީލުތަކަށް ދެއްވީ ވަރަށްވެސް އަގުހުރި ފިލާވަޅެކެވެ. މާތްކަމާއި މަތިވެރިކަމާއި، މިނިވަންކަމާއި ޙުއްރިއްޔަތަކީ ރަނާއި ރިއްސަށް ނުވަތަ ގަދަފަދަ އުޤޫބާތަށް ގަނެވޭނެ އެއްޗެއްނޫންކަން އެކަލޭގެފާނު ކިތަންމެހާވެސް ރަނގަޅަކަށް ޘާބިތުކޮށްދެއްވިއެވެ.

މުޝްރިކުން އެކަލޭގެފާނަށް ކުރަމުން ގެންދިޔައީ ކޮންފަދަ އަނިޔާއެއްތޯއެވެ. އެބައިމީހުން ދުވާލުގެ އެންމެ ހޫނުގަދަ ވަޤުތު އެކަލޭގެފާނުގެ ޙަށިކޮޅުގައިވާ ފޭރާންކޮޅު އަތުލައި، ހޫނުގެ ސަބަބުން ދޮންވެފައިވާ ހިލަތަކުގެ މައްޗަށް އެކަލޭގެފާނު ވައްޓާލައެވެ. އެއަށްފަހު ދޮންވެފައިވާ، އެކަކަށް އެކަނި ކިރިޔާ އުފުލޭވަރުގެ ހިލައެއްގެނެސް އެކަލޭގެފާނުގެ މޭފުޅުމަތީގައި ބާއްވައެވެ. މިގަދަފަދަ އުޤޫބާތް އެކަލޭގެފާނަށް ކޮންމެދުވަހަކު ލިބެމުންދިޔައެވެ. އެންމެފަހުން އެކަލޭގެފާނަށް މިއަދަބުދޭމީހުންގެ ހިތަށް ރަޙުމްވަދެ، އެބައިމީހުންގެ ކަލާނގެތަކާ ބެހޭގޮތުން ހުތުރުއެއްޗެހި ނުކިޔައި އެއެއްޗެއްސާބެހޭގޮތުން ކޮންމެވެސް ރަނގަޅުބަހެއް އެކަލޭގެފާނު ބުނެފިނަމަ އެކަލޭގެފާނު ދޫކޮށްލުމަށް އެބައިމީހުން ނިންމިއެވެ.

ނަމަވެސް ބިލާލް  رضي الله عنه  އެބައިމީހުންގެ ކަލާނގެތަކާއި ބެހޭގޮތުން އެންމެ ހެޔޮބަހެއްވެސް ނުބުނާނެކަމުގައި ވިދާޅުވިއެވެ. އާއެކެވެ. އެކަލޭގެފާނު އެބަހެއްނުބުނެގެން އެކަލޭގެފާނުގެ ނަފްސާއި އެކު އެކަލޭގެފާނުގެ އިސްލާމްކަންވެސް ސަލާމަތް ކުރެވިދާނެ އެ ބަސް ބުނުމަށް އިންކާރުކުރެއްވިއެވެ. އަދި އެކަލޭގެފާނު ހަރުއަޑުން ވިދާޅުވެ، މަތިވެރިކުރައްވަމުން ގެންދެވީ އެކަލޭގެފާނުގެ ޝިޢާރެވެ. ” أحد …. أحد.. ! ” މިއެވެ. އަނިޔާވެރިން އެކަލޭގެފާނުގެ މިޢަމަލުފުޅުތަކާއިމެދު ރުޅިއައިސް ހަޅޭލަވައިގަތެވެ. އަދި އެބައިމީހުން ބުންޏެވެ. ” ލާތަ އާއި ޢުއްޒާގެ ނަން ގަންނާށެވެ. ” ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ” أحد …. أحد.. ! ” އެވެ. އެބައިމީހުން ބުންޏެވެ. އަހަރެމެން މިކިޔާގޮތަށް ކިޔާށެވެ. ނަމަވެސް އެކަލޭގެފާނު މަލާމާތުގެ ރާގަކަށް ބުންޏެވެ. ” ހަމަކަށަވަރުން ތިޔަފަދައިން ބުނަން އަހަރެންގެ ދުލަކަށް ފަސޭހައެއްނޫނެވެ. “

އެހެންކަމުން އެކަލޭގެފާނަށް ޖެހިވަޑައިގަތީ އެބަރުހިލަ އެކަލޭގެފާނުގެ މޭފުޅުމަތީގައިވާ ޙާލު ހަށިގަނޑު ފިއްސާލަނިވި އެހިލަތައްމަތީ އޮންނާށެވެ. އަދި އިރުއޮއްސުމުން އެބައިމީހުން އެކަލޭގެފާނު ނަގައި، އެކަލޭގެފާނުގެ ކަރުގައި ވާގަނޑެއްޖަހައި، އެބައިމީހުންގެ ކުޑަކުދިންނާއި އެކަލޭގެފާނު ޙަވާލުކުރެއެވެ. އެކުދިން އެކަލޭގެފާނު ފަރުބަދަތަކުގެ ވަށައިގެންނާއި، މައްކާގެ މަގުތަކުގައި ދަމައެވެ. ނަމަވެސް ބިލާލުގެފާނު ” أحد …. أحد.. ! ” އޭ ބުނުން ފިޔަވައި އެހެން އެއްޗެއް ވިދާޅެއްނުވެއެވެ. ރޭގަނޑުވެ އަނދިރިވުމުން އެބައިމީހުންގެ މިކުޅިގަނޑު ހުއްޓާލުމަށްފަހު، އެކަލޭގެފާނަށް ބުނަމުން ގެންދެއެވެ. “މާދަމާ އަހަރެމެންގެ ކަލާނގެތަކަށް ހެޔޮބަސް ނޫނީ ނުބުނައްޗެވެ. އަހަރެމެންގެ ކަލާނގެއަކީ ލާތަޔާއި ޢުއްޒާއޭ ބުނާށެވެ. އޭރުން އަހަރެމެން ކަލޭ ދޫކޮށްލާނަމެވެ. ކަލެއަށް އަނިޔާކޮށް ކޮށް އަހަރެމެން ވަރުބަލިވެއްޖެއެވެ. މިހާރު އަނިޔާ ލިބުނު މީހުންނަކީ އަހަރެމެންކަހަލައެވެ. ” ނަމަވެސް ބިލާލުގެފާނު ނޫނެކޭބުނުމުގެ ގޮތުން އެކަލޭގެފާނުގެ ބޯފުޅު ހޫރާލިއެވެ. އަދި ތަކުރާރު ކުރަމުންގެންދެވިއެވެ. ” أحد …. أحد.. ! “

އެހިނދު އުމައްޔާ ބުން ޚަލަފް ރުޅިއައިސްގެން އެކަލޭގެފާނުގެ މާތް ހަށިކޮޅުގައި ބާރު އެތިފަހަރެއް ޖެއްސެވެ. އަދި ހަޅޭލަވައިގަތެވެ. ” އޭ ނުބައިކަމުގެ އަޅާއެވެ. ކަލޭ އަހަރެމެންގެތެރެއަށް ގެނެސް އެއްލާލީ ކޮން ބަދުނަސީބެއްހެއްޔެވެ؟ ލާތަޔާއި އުއްޒާ ގަންދީބުނަމެވެ. އަހަރެން ކަލެޔަކީ އަޅުންނާއި ސާހިބުންނަށް ހުރި ޢިބުރަތަކަށް ހަދާލާނަމެވެ. އެހިންދުވެސް ބިލާލުގެފާނު އުފުއްލެވީ އެކަލޭގެފާނުގެ ޝިޢާރެވެ. އަދި ކޮންމެ މުއުމިނެއްގެވެސް ޝިޢާރެވެ. ” أحد …. أحد.. ! ” އެވެ. އެހިނދު އެތަނުން އެކަކު (މަކަރުވެރިކަމާއެކު) ބުންޏެވެ. ” އޭ އުމައްޔާއެވެ. އިހަށް މަޑުކޮށްބަލާށެވެ. ލާތަ ގަންދީ ބުނަމެވެ. އޭނަޔަށް ދެން އަނިޔާކޮށްގެން ނުވާނެވެ. އެހެނީ ހަމަކަށަވަރުން އޭނާޔަކީ (އަހަރެމެންގެ ތެރެއިންވާ) އަހަރެމެންގެ މީހެކެވެ. އަދި އޭނާގެ މަންމައަކީ އަހަރެމެންގެ އަޅު އަންހެނެކެވެ. އިސްލާމްދީނަށްޓަކައި އަހަރެމެން ރުޅިއަރުވާ އަހަރެމެންނަށް މަލާމަތްކުރާކަށް ބިލާލެއްބޭނުމެއްނުވާނެއެވެ.” އެވަގުތު ބިލާލް  رضي الله عنه  އެބައިމީހުނގެ މަކަރުން ފުރިފައިވާ މޫނުތަކަށް ބަލައިލިއެވެ. އަދި މަޑުމަޑު އަޑަކުން އެތަކުރާރުކުރައްވަމުން ގެންދެވި ބަސްތަކުގެ ސަބަބުން ، އެކަލޭގެފާނުގެ ހިތްވަރުފުޅު ގަދަކަމާމެދު އެބައިމީހުން ހައިރާންވެ އަންތަރީސްވިއެވެ. އެކަލޭގެފާނު ވިދާޅުވަމުން ގެންދެވީ أحد …. أحد.. މިފަދައިންނެވެ.

ޖެހިގެން އައިދުވަހުގެ މެންދުރުވަގުތެވެ. ހޫނުގަދަވެ ހިލަތަށް ދޮންވުމާއެކީ ބިލާލުގެފާނަށް އަދަބުދިނުމަށްޓަކައި ނެރެވިއްޖެއެވެ. އެހެނެއްކަމަކު އެކަލޭގެފާނު ކެތްކުރެއްވިއެވެ. ޘާބިތުވެލެއްވިއެވެ. އަދި އެމުޞީބާތުގެ އަޖުރު އެދިވަޑައިގަތީ ގަދަކީރިތިވަންތަ ހުސްޠާހިރުވަންތަ الله سبحانه وتعالي ގެ ޙަޟުރަތުންނެވެ.

=ނުނިމޭ=

_________________________________

މިލިޔުމުގެ އެހެނިހެން ބައިތައް ބެއްލެވުމަށް: ލިންކު