[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބިލާލު ބިން ރަބާޙް رضي الله عنه (2)

މިފަދަ ގޮތަކަށް މިބައިމީހުން އެކަލޭގެފާނަށް އަނިޔާކުރަމުންދަނިކޮށް أبوبكر الصديق رضي الله عنه  އަށް އެތަނަށް ވަޑައިގަނެވިއްޖެއެވެ. އެކަލޭފާނަށް މިއަނިޔާވެރި މަންޒަރު ފެނިވަޑައިގަތުމާއިއެކު ހަރުއަޑުފުޅުން ވިދާޅުވިއެވެ. “ތިޔަބައިމީހުން އިންސާނަކު ތިޔަ މަރާލަނީ އޭނާގެ އިލާހަކީ ﷲ އޭ ބުނާތީހެއްޔެވެ؟” އެއަށްފަހު އެކަލޭގެފާނު އުމައްޔާ އަށް ވިދާޅުވިއެވެ. ” އޭނާގެ އަގަށް ވާވަރަށްވުރެ އިތުރަށް ނަގާށެވެ. އަދި އޭނާ މިނިވަންކުރާށެވެ. “

މިދަނޑިވަޅު ވެގެންދިޔައީ އުމައްޔާ އެދި އެދި ހުރި ފުރުޞަތަކަށެވެ. އަވަސް އަވަހަށް މުޞީބާތަކުން ސަލާމަތްވާ ފަދައިން ބިލާލުގެފާނު އަބޫބަކުރުގެފާނަށް ވިއްކާލިއެވެ. ހަމަ ވިއްކާލުމާއެކު އަބޫބަކުރުގެފާނު އެކަލޭގެފާނު މިނިވަންކުރެއްވިއެވެ. އެހިނދު އުމައްޔާ ބުންޏެވެ. “އޭނާ ގެންދާށެވެ. ލާތަޔާއި އުއްޒާ ގަންދީބުނަމެވެ. ކަލޭގެފާނު އޭނާ ގަންނަން އެއްބަސްވީ އެންމެ އޫޤިއްޔާއަކަށް(1) ކަމުގައި ވީނަމަވެސް އަހަރެން ކަލޭގެފާނަށް އޭނާ ވިއްކީމުހެވެ.”  އަބޫބަކުރުގެފާނަށް އުމައްޔާގެ މި މަލާމާތުގެ ޢިބާރާތް ވިސްނިވަޑައިގެން އެއަށް ރައްދުދެއްވަމުން ވިދާޅުވިއެވެ. ” ﷲ ގަންދީ ބުނަމެވެ. ކަލޭ އޭނާ ވިއްކަން އެއްބަސްވީ ސަތޭކަ އޫޤިއްޔާއަށް ކަމުގައި ވީނަމަވެސް އަހަރެން އޭނާ ގަތީމުހެވެ.” އެއަށްފަހު ބިލާލް رضي الله عنه  ގޮވައިގެން رسول الله صلى الله عليه وسلم ގެ އަރިހަށް ވަޑައިގަތެވެ. މިކަމާ މުސްލިމުން ވަރަށް އުފާކުރިއެވެ.

رسول الله صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީން މަދީނާއަށް ހިޖުރަކޮށްފިއެވެ. އަދި رسول الله صلى الله عليه وسلم މުސްލިމުންނަށް ނަމާދަށް އައުމަށްޓަކައި ބަންގިގޮވުމަށް ކަނޑައަޅުއްވައިފިއެވެ. އެކަމަކު ބަންގިގޮވާނީ ކާކުބާއެވެ؟ ދުރުހިސާބުތަކުގައިވާ މީހުންނަށްވެސް އިވޭނެފަދައިން الله أكبر  ގެ ޝިޢާރު ފާޅުކުރުމުގެ ނަސީބުލިބޭނީ ކޮންޞަޙާބީއަކަށްބާއެވެ؟

رسول الله صلى الله عليه وسلم މިމުހިއްމު މަސްޢޫލިއްޔަތު ޙަވާލުކުރެއްވީ ބިލާލް رضي الله عنه  އާއެވެ. އެކަލޭގެފާނަކީ ވޭނާއި ކެކުޅުމުގައި، ގަދަފަދަ އުޤޫބާތްތަށް ލިބެމުން ދިޔައިރުވެސް އެއްކައުވަންތަކަމުގެ ޝިޢާރު އުފުއްލަވައި ” ﷲ أحد …. أحد..(މާނައީ: ﷲ އެއްކައުވަންތަވެވޮޑިގެންވެއެވެ. އެއްކައުވަންތަވެވޮޑިގެންވެއެވެ.” އޭ ވިދާޅުވުމުގައި ޘާބިތުވެލެއްވި ސަޙާބީއެވެ.

މުސްލިމުންގެ ބަންގިއެއްކަމުގައި ވީ އަންނަނިވި ކަލިމަތަކެވެ.  الله أكبر, ألله أكبر , الله أكبر, ألله أكبر , أشهد الا إله إلا الله, أشهد الا إله إلا الله, أشهد أن محمدا  رسول الله , أشهد أن محمدا  رسول الله , حي على الصلاة , حي على الصلاة , حي على الفلاح , حي على الفلاح , الله أكبر, ألله أكبر , لا إله إلا الله. މިކަލިމަތަށް ބިލާލުގެފާނު ހިތްގައިމު އަޑުން ގޮވަމުންދާއިރު، އަޑުއަހާ މީހުންގެ ހިތްތަކަށް ފިނިކަން ލިބި ، އީމާންކަން އިތުރުވެގެން ދެއެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. އެންމެފަހުން ހަނގުރާމަ ފަރުޟުކުރެވިއްޖެއެވެ. މައްކާގެ މުޝްރިކުން މަދީނާއަށް ހަމަލާދީ އެރަށް ހިފުމަށްޓަކައި ހަނގުރާމައަށް އަތުވެއްޖެއެވެ.

އެއީ އިސްލާމްދީނުގެ ފުރަތަމަ ހަނގުރާމައެވެ. އެއީ ބަދުރު ހަނގުރާމައެވެ. އެހަނގުރާމައިގެ މޮޓޯއެއްކަމުގައި رسول الله صلى الله عليه وسلم ހަމަޖެއްސެވީ ” أحد …. أحد..” އެވެ. އެއީ އެހަނގުރާމައެއްގައި މުޝްރިކުންގެ އެތައް ފަހުލަވާނުންނަކާއި، ބޮޑުންނެއް ޤަތުލުވެގެންދިޔަ ހަނގުރާމައެކެވެ. މަދު މުސްލިމުންކޮޅަކަށް ލިބުނު ބޮޑުވެގެންވާ ނަޞްރެކެވެ.

ދެލަޝްކަރު މައިދާނަށް އަތުވެއްޖެއެވެ. އުމައްޔާ ބުން ޚަލަފް އުޅުނީ މައިދާން ދޫކޮށް ފިލަން ދާށެވެ. ނަމަވެސް އޭނާގެ އެކުވެރި އުޤުބާ އަށް މިޚަބަރު ލިބުމާއެކު، މީރުވަސްދުއްވުމަށްޓަކައި އަލިފާން ރޯކުރަން ބޭނުންކުރާ އެއްޗެއް ހިފައިގެން އުމައްޔާ އޭނާގެ ޤަބީލާގެމީހުންގާތު އިންދައި އޭނާގެ ގާތަށް ދިޔައެވެ. އަދި އޭތި އުމައްޔާގެ އަތަށް އެއްލުމަށްފަހު ބުންޏެވެ. “އަމެވެ. ކަލޭ މިބޭނުންކުރާށެވެ. އެހެނީ ކަލެޔަކީ ހަމަކަށަވަރުންވެސް އަންހެނެކެވެ.” އެހިނދު އުމައްޔާ އޭނާޔާދިމާލަށް ހަޅޭލަވާގަތެވެ. އަދި ބުންޏެވެ. “ﷲ ކަލެޔަށާއި ކަލޭއެކަމަކާއިގެން އައިކަމަކީ މުޑުދާރުކަމެއްކަމުގައި ލައްވާށިއެވެ.”  ކޮންމެއަކަސް އުމައްޔާ ގަތްލަދުން ކުރިމަތީ ހަދާނެގޮތެއްނޭނގިގެން އެނބުރި ހަނގުރާމައިގެ މައިދާނަށް ތައްޔާރުވެގެން ހިނގައްޖެއެވެ.  އުޤުބާ އަކީ، ބިލާލްގެފާނާއި އަދިވެސް އެހިނިހެން މުސްލިމުންނަށް އުމައްޔާކުރި އަނިޔާގައި އޭނާއަށް އެންމެ ބޮޑަށް އެހީތެރިވެދިން މީހާއެވެ. މިއަދު އޭނާ ހަލާކުގެ ތެރެއަށް އެއްލައިލީވެސް ހަމަ އޭނާއެވެ.

ހަނގުރާމަ ފެށިއްޖެއެވެ. ފަޒާ ގުގުމައިގެން ދިޔައީ މުސްލިމުންގެ ޝިޔާރުންނެވެ. ” أحد …. أحد..” އެވެ. އުމައްޔާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއީ އޭނާއާއި ބީރައްޓެހި ކަލިމަތަކެއްނޫނެވެ. އާއެކެވެ. އެއީ އޭނާ އަޅަކަށް ހަދައިގެން ގެންގުޅުނު މީހާ، އޭނާއަށް ގަދަފަދަ ޢުޤޫބާތް ދެމުން ގެންދިޔައިރުވެސް ތަކުރާރުކުރި ބަސްތަކެވެ. މިއަދު އެކަލިމަތަށް އެވެގެންދިޔައީ މުޅި ދީނުގެ މޮޓޯއެއްކަމުގައެވެ.

ހަނގުރާމަ ހޫނުވެ ލޭއޮހޮރުވުންތަށް ގިނަވެއްޖެއެވެ. މައިދާނުގައިވަނީ ލޭގެ ކޯރުތަށް އުފެދިފައެވެ. އެންމެ ފަހުން ހަނގުރާމަ އޭގެ ނިމުމަކާއި ކައިރިވުމުން އުމައްޔާ ބުން ޚަލަފަށް ޢަބްދުއްރަޙްމާން ބުން އަޢުފް رضي الله عنه  ފެނިގެން އެކަލޭގެފާނު ގާތަށް ހިނގައްޖެއެވެ. އަދި އޭނާ އަކީ އެކަލޭގެފާނުގެ އަސީރަކަށް ހެދުމަށް އެދުނެވެ. ޢަބްދުއްރަޙްމާން ބުން އަޢުފް އޭނާގެ އެ އެދުން ޤަބޫލުކުރެއްވިއެވެ. އަދި އޭނާއާއި އެކު އަސީރުން ތިބޭތަނާއި ދިމާލަށް މިސްރާބު ޖެއްސެވިއެވެ.

މިމަންޒަރު ބިލާލުގެފާނަށް ފެނިވަޑައިގެންފިއެވެ. އެހިނދު އެކަލޭގެފާނު ހަޅޭލަވައިގަތެވެ. “ކުފުރުގެ ބޯ، އުމައްޔާ ބުން ޚަލަފެވެ! އޭނާ ސަލާމަތްވެއްޖިއްޔާ އަހަރެން ސަލާމަތް ނުކުރައްވާށިއެވެ!” އެކަލޭގެފާނު ކަނޑިކޮޅު ހިއްޕަވައިގެން ކުފުރާއި ބޮޑާކަމުން ފުރިފައިވާ އުމައްޔާގެ ބޯ ކަނޑާލުމަށްޓަކައި ދުއްވައިގަތެވެ. އެހެންނަމަވެސް ޢަބްދުއްރަޙްމާން ބުން އަޢުފް ހަރުއަޑުން ވިދާޅުވިއެވެ. “އޭ ބީލާލެވެ. އޭނާއަކީ އަހަރެންގެ އަސީރެކެވެ.” ހަނގުރާމަ ނުނިމި އުޅެނިކޮށް، އަދި ކިއެއްތަ ހަނގުރާމަ އެއްމެ ހޫނުވެފައިވާ ވަގުތުގައި އަސީރެއްގެ ގޮތުގައި އޭނާ ބަލައިގަންނާނީ ކިހިނެތްހެއްޔެވެ؟ އެމީހެއްގެ ކަނޑިން މުސްލިމުނގެ ޠާހިރުލޭ އޮހޮރި އޮހޮރި ހުރި މީހަކު މިފަދަ ޙާލެއްގައި އަސީރެއްގެ ގޮތުގައި ބަލައިގަނެވޭނީ ކޮންފަދައަކުންހެއްޔެވެ؟ ނޫނެކެވެ. ބިލާލުގެފާނަށް މިގޮތް އެއްގޮތަކަށްވެސް ޤަބޫލެއްނުކުރެވުނެވެ.

ޢަބްދުއްރަޙްމާން ބުން އަޢުފް އޭނާއަށް ދެއްވާފައިވާ ޙިމާޔަތް ބިލާލުގެފާނަށް އެކަނިމާއެކަނި ހަލާކުކޮށް ނުލެވޭނެކަން  އެކަލޭގެފާނަށް އިޙްސާސްވެވަޑައިގަތެވެ. އެހިނދު އަޑުގެ ކޮޅަށް އެކަލޭގަފާނު ގޮވާލިއެވެ. “އޭ ﷲ އަށްޓަކައިވާ އަހުރެންގެ އެހީތެރިންނެވެ! ކުފުރުގެ ބޯ، އުމައްޔާ ބުން ޚަލަފް މިހުރީއެވެ. އޭނާ ސަލާމަތްވެއްޖިއްޔާ އަހުރެން ސަލާމަތް ނުކުރައްވާށިއެވެ.” އެހިނދު މުސްލިމުނގެ ޖަމާޢަތެއް ކަނޑި ހިފައިގެން އެތަނަށް އައިސްފިއެވެ. އަދި އުމައްޔާއާއި އޭނާގެ ދަރި ވަށާލިއެވެ. ޢަބްދުއްރަޙްމާން ބުން އަޢުފަށް އެންމެ ކުޑަމިނުން އެކަލޭގެފާނުގެ އަސީރު، އަޅައިގެން ހުރި ހަތިޔާރުކޮޅުވެސް ނުނެގުނެވެ.

ލެއިން ތަތްތެޅިފައިވާ ކަނޑިތަކުގެ ދަށުގައިވާ އުމައްޔާގެ ހަށިގަނޑަށް ބިލާލް رضي الله عنه  ފުން ނަޒަރަކުން ބައްލަވާލެއްވިއެވެ. އެއަށްފަހު އެކަލޭގަފާނު އަވަސް އަވަހަށް އެމުޑުދާރު މަސްގަނޑާ ދުރައްދުއްވައިގަތެވެ. އެކަލޭގެފާނުގެ ޝިޢާރު އުފުލަމުންނެވެ. ” أحد …. أحد..” އެވެ.

ބިލާލް رضي الله عنه   އުމައްޔާއަށް މަޢާފް ނުކުރީ ކީއްވެގެން ބާއޭ މީހަކު ހިތަށްއެރުން އެކަށީގެންވެއެވެ. ދަންނާށެވެ. ބިލާލްގެފާނާއި އުމައްޔާގެ ކުރިމަތިލުން ހިނގާފައިވަނީ ހަނގުރާމައިގެ މައިދާނުގައެވެ. އެމައިދާނަށް ކޮންމެ ބަޔަކުވެސް އަންނަނީ އެބައިމީހުންގެ ދުޝްމަނުން ނެތިކޮށްލުމަށްޓަކައެވެ. ނަމަވެސް މިކަން ހިނގީ މިފަދަ މައިދާނެއްގައި ކަމުގައި ނުވާނަމަ، ބިލާލުގެފާނުފަދަ ބޭފުޅަކު އޭނާއަށް ރަޙުމް ކުރައްވައިފީހެވެ.

=ނުނިމޭ=

_____________________________

އޫޤިއްޔާއަކީ: ރަންރިހިފަދަ އެއްޗިސް ކިރުމަށް ބޭނުންކުރާ މިންގަނޑެކެވެ. އެއް އޫޤިއްޔާއަކީ ގާތްގަނޑަކަށް 40ދިރުހަމެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް ބެއްލެވުމަށް: ލިންކު