[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަގެ ހިދާޔަތަށްވުރެ ނުވަތަ ޙުކުމަށްވުރެ އެހެން ފަރާތެއްގެ ހިދާޔަތް ނުވަތަ ޙުކުމް ރަނގަޅުކަމުގައި ދުށުން.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ހިދާޔަތަކީ އެކަލޭގެފާނު އުޅުއްވި ދީނާއި، އެކަލޭގެފާނު ﷲގެ މަގަށް ގޮވާލައްވައި މީސްތަކުންނަށް ދީނުގެ ޢިލްމު އުގަންނައިދެއްވުމަށްޓަކައި އެކަލޭގެފާނު ދެއްކެވި މަގެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަކީ މީސްތަކުންކުރެ އެންމެ ފުރިހަމަވެގެންވާ ހިދާޔަތުގައިވާ ކަލޭގެފާނެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. ((فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللهِ، وَخَيْرُ الْهُدَى هُدَى مُحَمَّدٍ)) (مسلم) މާނައީ: “ފަހެ، ހަމަކަށަވަރުން އެންމެ ހެޔޮ ބަހަކީ ﷲގެ ފޮތެވެ. އަދި އެންމެ ހެޔޮ ހިދާޔަތަކީ މުޙައްމަދު (ޞައްލަﷲ ޢަލައިހިވަސައްލަމަ) ގެ ހިދާޔަތެވެ.” އެކަލޭގެފާނު މީސްތަކުންނާ މުޢާމަލާތުކުރައްވާފައިވާގޮތާއި، ދީނަށް ދަޢުވަތު ދެއްވާފައިވާގޮތާއި، އެކަލޭގެފާނު އަޅުކަން ކުރައްވާފައިވާ ގޮތާ، މިއެންމެހާ ކަމެއްގައި އެކަލޭގެފާނު ވަނީ އެންމެ ރިވެތި ނަމޫނާ ދައްކަވާފައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙުކުމަށްވުރެ އެހެން މީހެއްގެ ޙުކުމް މޮޅުވެފައި، ފުރިހަމަކަމުގައި އިޢުތިޤާދުކޮށްފިމީހާ ފަހެ ކުފުރުވެއްޖެއެވެ. އެހެނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަކީ ﷲގެ ފަރާތްޕުޅުން މީސްތަކުންނަށް ކަންތައްތައް ބަޔާންކޮށްދެއްވާ ކަލޭގެފާނެއެވެ. އެކަލޭގެފާނު ބަޔާންކޮށްދެއްވާ ޙުކުމްފުޅުތައް ސީދާ ގުޅިފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއާއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ((إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ وَلا تَكُنْ لِلْخَائِنِينَ خَصِيماً)) (النساء: 105) މާނައީ: “ހަމަކަށަވަރުން، ޙައްޤުގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވީ، ކަލޭގެފާނަށް ﷲ އަންގަވާފައިވާ ގޮތުގެމަތިން، މީސްތަކުންގެ މެދުގައި ޙުކުމްކުރެއްވުމަށެވެ. ޚިޔާނާތްތެރިންގެ ދިފާޢުގައި މަސައްކަތް ކުރައްވާ ބޭކަލަކުކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ!” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَأَن احْكُمْ بَيْنَهُمْ بِمَا أَنزَلَ اللَّهُ)) (المائدة: 49) މާނައީ: “އަދި ﷲ ބާވައިލައްވާފައިވާ ޙުކުމުން އެބައިމީހުންގެ މެދުގައި ކަލޭގެފާނު ޙުކުމްކުރައްވާށެވެ!” ފަހެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙުކުމް ކުރައްވަނީ ނުވަތަ ބަޔާންކޮށްދެއްވާ ޙުކުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެދިވޮޑިގެންވާ ޙުކުމެވެ. އެހެންކަމުން ވާޖިބުވެގެންވަނީ އެކަލޭގެފާނުގެ ޙުކުމަށް ބޯލަނބައި ކިޔަމަންގަތުމެވެ. ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ((فَلا وَرَبِّكَ لا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لا يَجِدُوا فِي أَنفُسِهِمْ حَرَجاً مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيماً)) (النساء: 65) މާނައީ: “ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވަޙީކުރައްވަމެވެ. އެބައިމީހުންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް ދާނދެން، އެބައިމީހުން އީމާނެއް ނުވާނެއެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެބައިމީހުންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެބައިމީހުން ނުދެކޭނެއެވެ. އަދި އެބައިމީހުން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެއެވެ.” އެކަލޭގެފާނު ޙުކުމް ކުރައްވަނީ ﷲ ގެ ޙުކުމަށެވެ. މަދުފަހަރަކު އެކަލޭގެފާނުގެ އަމިއްލަފުޅު އިޖުތިހާދުގައި ކުށެއް ހެއްދެވުނުނަމަވެސް، ﷲ ސުބުޙާނަހޫ ވަތަޢާލާ އޭގެ ރަނގަޅުގޮތް އެކަލޭގެފާނަށް އަންގަވާދެއްވައެވެ. އެހެންކަމުން އެކަލޭގެފާނުގެ ޙުކުމާ ދެކޮޅުހެދުން ހުއްދަވެގެންނުވެއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَمَا كَانَ لِمُؤْمِنٍ وَلا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْراً أَنْ يَكُونَ لَهُمْ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلالاً مُبِيناً)) (الأحزاب: 36) މާނައީ: “އަދި ﷲއާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް، އަދި މުއުމިނު އަންހެނަކަށްވެސް، އެބައިމީހުންގެ އެކަމުގައި އެބައިމީހުންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲއަށާއި، އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ.” އަދިވެސް ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَمَا يَنْطِقُ عَنْ الْهَوَى * إِنْ هُوَ إِلاَّ وَحْيٌ يُوحَى)) (النجم:3، 4) މާނައީ: “އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުދައްކަވައެވެ. އެއީ އެކަލޭގެފާނަށް އިއްވާ ވަޙީކަމުގައި ނޫނީ ނުވެއެވެ.” އެހެންކަމުން، އެކަލޭގެފާނުގެ ސުންނަތަކީ ﷲގެ ޙަޟްރަތުން ބާވާލެއްވޭ ވަޙީއެވެ. އެކަލޭގެފާނުގެ ސުންނަތަކީ ޤުރުއާނުގެ ތަފްސީރެވެ. އަދި ޤުރުއާނަށްފަހު އިސްލާމްދީނުގެ ދެވަނަ މަޞްދަރެވެ. ފަހެ، ވާޖިބުވެގެންވަނީ ޤުރުއާނަށް އިޙްތިރަމުކުރާފަދައިން އެކަލޭގެފާނުގެ ސުންނަތަށް އިޙްތިރާމުކުރުމެވެ. އަދި ޤުރުއާން ޤަބޫލުކުރާފަދައިން ސުންނަތް ޤަބޫލުކުރުމެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا لا تُقَدِّمُوا بَيْنَ يَدَيْ اللَّهِ وَرَسُولِهِ وَاتَّقُوا اللَّهَ إِنَّ اللَّهَ سَمِيعٌ عَلِيمٌ)) (الحجرات: 1) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲއާއި، އެކަލާނގެ ރަސޫލާގެ ޙަޟްރަތުގައި ތިޔަބައިމީހުން (އެއްވެސްކަމެއްގައި) އިސްވެނުގަންނާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

އެހެންކަމުން، ﷲއާއި އެކަލާނގެ ރަސޫލާގެ ބަސްފުޅުގެ މައްޗަށް އެއްވެސް މީހެއްގެ ބަހެއް އިސްކުރުން ހުއްދަވެގެންނުވެއެވެ. ފަހެ، މިއާޚިލާފަށް ކަންތައްކޮށްފިމީހާ ﷲ އާއި އެކަލާނގެ ރަސޫލާގެ މައްޗަށް އެހެން ފަރާތެއް އިސްކުރީއެވެ. އަދި ހަމައެފަދައިން، ޤުރުއާނާއި ސުންނަތާ ޚިލާފަށް އެމީހާގެ އަމިއްލަ ވިސްނުމާއި ފިކުރަށް، ނުވަތަ އެހެންމީހެއްގެ ގޮތް ޤަބޫލުކުރުމަކީވެސް ހުއްދަވެގެންވާނޭ ކަމެއް ނޫނެވެ.

ވާޖިބުވެގެންވަނީ ﷲއާއި އެކަލާނގެ ރަސޫލާގެ ޙުކުމަކީ ޙައްޤުކަމާއި އެންމެ ރަނގަޅުގޮތްކަމަށް އިޢުތިޤާދުކުރުމެވެ. އަދި އެދެފަރާތުގެ ޙުކުމާ ޚިލާފުވާ ކޮންމެ ޙުކުމަކީ ބާޠިލުޙުކުމެއްކަމަށް އިޢުތިޤާދުކުރުމެވެ. މިއީ މުސްލިމުންގެ ޢަޤީދާއެވެ.

ފަހެ، ﷲގެ ޙުކުމަށްވުރެ ނުވަތަ އެކަލާނގެ ރަސޫލާގެ ޙުކުމަށްވުރެ މަޚްލޫޤުންގެ ޙުކުމް މޮޅުވެފައި، ޢަދުލުވެރިކަމުގައި ދެކޭމީހަކު ކާފަރުވާހުށްޓެވެ. އަދި އެއީ އިސްލާމްކަން ގެއްލުވާލާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ.

ﷲ ބާވާލެއްވިގޮތާ ޚިލާފަށް ޙުކުމްކުރުން:

ޒަމާން ބަދަލުވެ، ކީރިތި ޤުރުއާނާއި ސުންނަތުގައިވާ ޙުކުމްތަކަކީ މާކުރީ ޒަމާނުގެ ޙުކުމްތަކެއްކަމަށާއި، މިޒަމާނާގުޅޭ ޙުކުމްތަކެއް ގެންނަންޖެހޭކަމަށް ދަޢުވާކުރާމީހުންގެ މިދަޢުވާއަކީ މުރުތައްދުވާނެ ދަޢުވާއެކެވެ. އަދި އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކަކީ މިޒަމާނާ މުނާސަބުނުވާ ޙުކުމްތަކެއްކަމުގައި ދެކެ، މިޒަމާނާ މުނާސަބު ޙުކުމްތަކެއް ގެންނަންޖެހޭކަމަށް ދެކޭމީހުން ދަންނާށެވެ. ފަހެ، މިއީ ﷲއަށް ވެވޭ ކުފުރެކެވެ. އެހެނީ، އިސްލާމީ ޝަރީޢަތަކީ ޤިޔާމަތާޖެހެންދެން ކޮންމެ ޒަމާނަކަށާއި ކޮންމެ ތަނަކަށް އެންމެ ފުރިހަމަ ޝަރީޢަތެވެ. ވާޖިބުވެގެންވަނީ މިކަން ތެދުހިތުން ޤަބޫލުކުރުމެވެ. ޒަމާނަށް އިސްލާމީ ޝަރީޢަތް އެކަށީގެންނުވާކަމަށް ދުށުމަކީ އެމީހާގެ އުނިކަމެކެވެ. އަދި އެމީހާގެ ދެނެގަތުމުގައިވާ އުނިކަމެކެވެ. އެއްވެސްޙާލެއްގައި ޝަރީޢަތުގައިވާ އުނިކަމެއްނޫނެވެ.

މިފަދައިން ބުނާ ބަޔަކުވެއެވެ. ޙައްދުތައް ޤާއިމުކޮށް، (މުޙްޞަން) ޒިނޭކުރާމީހުން ރަޖަމުކޮށް، ވައްކަންކުރާމީހުން އަތްކަނޑައި، މުރުތައްދުވާމީހުން ޤަތުލުކުރުމަކީ މިޒަމާނާ މުނާސަބުވެގެންވާކަމެއް ނޫނެވެ. އަދި މިޒަމާނުގެ މީސްތަކުންގެ ވިސްނުމާއި ފިކުރާ ފުށުއަރާކަމެކެވެ. ޤާތިލުގެ މައްޗަށް ޤިޞާޞް ހިފުމަކީ ވަޙްޝީ ނުބައި ޢަމަލެއްކަމުގައި މިބައިމީހުން ބުނެއެވެ. މިފަދަ ބަސްތައް ބުނާމީހުންނަކީ އިސްލާމްދީނުން ސާފުކޮށް މުރުތައްދުވާނެމީހުންނެވެ. އެހެނީ، އެމީހަކު އެއިއުތިރާޟުކުރަނީ ﷲގެ ޙުކުމާއެވެ. އަދި އެބުނަނީ ﷲގެ ޙުކުމަކީ އުނިޙުކުމްތަކެއްކަމާއި، މުނާސަބުވެގެންވާ ޙުކުމްތަކެއް ނޫންކަމުގައެވެ. ފަހެ، މިއީ ޞަރީޙަކޮށް އިސްލާމްދީނުން މުރުތައްދުވާނެ ބުނުންތަކެކެވެ.

ހަމައެފަދައިން، ޝަރީޢަތަށް ޙުކުމްކުރުމާއި ޤާނޫންތަކަށް ޙުކުމްކުރުމަކީ، އެދެކަމުގެ ތެރެއިން ބޭނުން އެއްޗަކަށް ޙުކުމްކުރުމަށް އިޚްތިޔާރުލިބިގެންވާކަމެއްކަމަށް ބުނާމީހުންވެއެވެ. ބޭނުންވެއްޖެނަމަ ޝަރީޢަތަށް ޙުކުމްކޮށްފައި، އަދި ބޭނުންވެއްޖެނަމަ ޤާނޫނުތަކަށް ޙުކުމްކުރުމުގެ އިޚްތިޔާރުލިބިގެންވާކަމަށް މިބައިމީހުން ބުނަމުންދެއެވެ. މިފަދައިން ބަސްބުނާމީހަކީވެސް އިސްލާމްދީނުން މުރުތައްދުވާނެމީހެކެވެ. އެހެނީ، ﷲގެ ޙުކުމްފުޅުތަކަކީ ބޭނުންމީހަކު އެޙުކުމްފުޅުތަކުގައި ހިފާފައި، ބޭނުންނުވާމީހަކު އެޙުކުމްފުޅުތައް ދޫކޮށްލަން އޮތް ޙުކުމްފުޅުތަކެއް ނޫނެވެ. އެހެނެއްކަމަކު، ﷲގެ ޙުކުމްފުޅުތަކަކީ އެޙުކުމްފުޅުތައް ތަންފީޛުކުރުން ލާޒިމުވެގެންވާ ޙުކުމްފުޅުތަކެކެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَأَنْ احْكُمْ بَيْنَهُمْ بِمَا أَنزَلَ اللَّهُ وَلا تَتَّبِعْ أَهْوَاءَهُمْ)) المائدة: 49 މާނައީ: “އަދި ﷲ ބާވައިލައްވާފައިވާ ޙުކުމުން އެބައިމީހުންގެ މެދުގައި ކަލޭގެފާނު ޙުކުމްކުރައްވާށެވެ! އަދި އެބައިމީހުންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު ތަބަޢަވެވަޑައި ނުގަންނަވާށެވެ!” ފަހެ، ﷲގެ ޙުކުމްފުޅު ތަންފީޛުކުރުމަކީ ލާޒިމުކަމެކެވެ. ﷲގެ ޙުކުމްފުޅުތައް ފިޔަވައި އެހެން ޙުކުމްތަކެއް މީސްތަކުންނަށް ރަނގަޅުވެގެންނުވެއެވެ. އެކަމަކީ އެކަމުގައި ޚިޔާރުލިބިގެންވާކަމެއް ނޫނެވެ. ((وَمَا كَانَ لِمُؤْمِنٍ وَلا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْراً أَنْ يَكُونَ لَهُمْ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلالاً مُبِيناً)) (الأحزاب: 36) މާނައީ: “އަދި ﷲއާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް، އަދި މުއުމިނު އަންހެނަކަށްވެސް، އެބައިމީހުންގެ އެކަމުގައި އެބައިމީހުންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲއަށާއި، އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ.” ފަހެ، ﷲ ބާވާލެއްވި ޙުކުމްފުޅުތަކަށް ޙުކުމްކުރުމަކީ އަޅުކަމުގެ ވައްތަރުތަކުގެ ތެރެއިންވާ އަޅުކަމެކެވެ. އަޅުތަކުންނަށް ވާޖިބުވެގެންވަނީ މަތިވެރިވަންތަ ﷲގެ ޙުކުމްފުޅުތަކުގެ ކުރިމަތީގައި މަޑުމޮޅިވެ ކިޔަމަންގަތުމެވެ. އަދި އެޙުކުމްފުޅުތަކަށްވުރެ މަތިވެރި އަދި އެޙުކުމްފުޅުތަކާ އެއްފަދަ ޙުކުމްފުޅުތަކެއް ނުވާކަމަށް ހިތުގެއަޑިން ޤަބޫލުކުރުމެވެ. ﷲގެ ޙުކުމްފުޅުތަކަކީ އިޚްތިޔާރުލިބިގެންވާކަމެއްކަމަށް އެއްވެސްމީހަކު ހީކޮށްގެންނުވާނެއެވެ. އަދި ކޮންމެ މީހަކީ ކޮންމެ އެއްޗެއް ބުނުމުގެ މިނިވަންކަމާއި، ކޮންމެ ފިކުރެއްގެ މިނިވަންކަމޭ ކިޔައިގެން ޒިންދީޤުންނާއި މުނާފިޤުންނާއި ޢަލްމާނީން ﷲގެ ޙުކުމްފުޅުތަކާމެދު މީސްތަކުން ދުރުކުރުވުމަށް މަސައްކަތްކުރަމުންދެއެވެ. މިފަދަ ބަހެއްބުނާމީހަކީ ދީނުން ބޭރުވެ ކުފުރުވާނެމީހެކެވެ. އެހެނީ، އެބައިމީހުން ﷲގެ ޙުކުމްފުޅު ބޮލާލައިޖަހައި، އެޙުކުމްފުޅުތަކާމެދުގައި ބޮޑައިވެގަތީއެވެ.

ހަމައެފަދައިން ބުނާ ބަޔަކު އުޅެއެވެ. ﷲގެ ޙުކުމްފުޅުތަކަކީ ޙައްޤެވެ. އެހެންނަމަވެސް އެޙުކުމްފުޅުތައް ތަންފީޛުކުރުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫނެވެ. އަދި މަޞްލަޙަތަށް ބަލާފައި ޒަމާނާއެކު އިންސާނާއަށް އެހެންމީހުންގެ ޙުކުމްތަކުގައި ހިފުމަކީ ހުއްދަކަމެއްކަމުގައި މިބައިމީހުން ބުނެއެވެ. ފަހެ، މިއީވެސް އިސްލާމްދީނުން ބޭރުވެގެންދާނެކަމެކެވެ. އެހެނީ، ﷲ ބާވާލެއްވިގޮތަށް މެނުވީ ޙުކުމްކުރުމަކީ ހުއްދަވެގެންވާކަމެއްނޫނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙުކުމާ ތަޢާރުޟުވާ ކޮންމެ ޙުކުމަކީ ބާޠިލުވެގެންވާ ޙުކުމެކެވެ. އެއިލާހުގެ ޙުކުމަށް ޙުކުމް ނުކުރުމުގެ ސަބަބުން މަސްއަލަތައް ބޮޑުވެ، މަސްއަލަތަކުގެ މައްޗަށް މަސްއަލަތައް އިތުރުވެގެންދާނެއެވެ.

އަދި މީގެތެރޭގައި، ﷲ ބާވާލެއްވިގޮތަށް މެނުވީ ޙުކުމްކުރުން ހުއްދަނުވާނެކަމަށް ޤަބޫލުކޮށް، އެޙުކުމްތައް ފިޔަވައި އެހެން ޙުކުމްތަކަށް ޙުކުމްކުރުމަކީ ޙަރާމްކަމެއްކަމަށް ޤަބޫލުކޮށް، އަމިއްލަ އެދުމަށްޓަކައި އެޙުކުމްފުޅުތަކާ ޚިލާފުވާމީހުންވެއެވެ. އަދި އެފަދަމީހުން ރިޝްވަތަށާއި، ފައިސާއަށް ދަހިވެތިވެ ﷲގެ ޙުކުމްފުޅަށް ޙުކުމްކުރުން ދޫކޮށްލައެވެ. އަދި އެއިގެ ތެރެއިން ބައެއްމީހުން، އެމީހުންގެ އެޢަމަލަކީ ހުއްދަވެގެންނުވާ ޢަމަލެއްކަމަށް ޤަބޫލުކޮށް މަންޞަބާއި ޢިއްޒަތަށްޓަކައި ﷲގެ ޙުކުމްފުޅުތައް ދޫކޮށް އެހެންޙުކުމްތަކަށް ޙުކުމްކުރެއެވެ. މިފަދަމީހުންގެ މައްޗަށް މިއްލަތުން ބޭރުވާ ކުފުރުގެ ޙުކުމެއް ނާންނާނެއެވެ. އެހެންނަމަވެސް، އެބައިމީހުން އެކުރަނީ ކުޑަކުފުރެވެ. އެބަހީ؛ ބޮޑުކުފުރަށް ނުވާ ކުފުރެވެ. މިއީ ބޮޑެތިފާފައިގެ ތެރޭގައި ހިމެނޭ ފާފައެކެވެ. އަދި ނުރައްކާތެރިކަން ބޮޑުވެގެންވާ ފާފައެކެވެ.

މިމަސްއަލާގައި ވިސްނާލަންޖެހޭ މުހިއްމު އެއްނުކުތާއަކީ؛ ﷲ ބާވާލެއްވިގޮތަށް ޙުކުމްކުރުމަކީ ހަމައެކަނި އެކިފަރާތްތަކުގެ ޙައްޤުތަކާބެހޭގޮތުންނާއި، މީސްތަކުންގެ މެދުގައިޖެހޭ މަސްއަލަތަކާއި، ފައިސާގެ މަސްއަލަތަކުގައި އުފެދޭ މަސްއަލަތަކުގައި ޙުކުމްކުރުންކަމުގައި ބައެއް މީހުންނަށް ވިސްނިފައިވެއެވެ. އާދޭހެވެ! މިފަދަ މަސްއަލަތަކުގައި ﷲގެ ޙުކުމްފުޅަށް ޙުކުމްކުރަންޖެހޭނެއެވެ. އެހެންނަމަވެސް، ﷲގެ ޙުކުމްފުޅަށް ޙުކުމްކުރުމަކީ ހަމައެކަނި މިކަންކަމުގައި އެއިލާހުގެ ޙުކުމްފުޅުތަކަށް ޙުކުމްކުރުމެއްނޫނެވެ. ހަމައެހެންމެ، ޢަޤީދާގެ މަސްއަލަތަކުގައިވެސް ﷲ ބާވާލެއްވި ޢަޤީދާގެ ޙުކުމްފުޅުތަކަށް ތަބާވާންޖެހެއެވެ. އެއްވެސްޙާލެއްގައި، ކޮންމެމީހަކީ މިނިވަންކަންލިބިގެންވާ މީހެކޭ ބުނެ، ބޭނުން ޢަޤީދާއަކަށް މީސްތަކުން އުޅެން ދޫކޮށްލުން ހުއްދަވެގެންނުވެއެވެ. ހަމައެފަދައިން، ޢިބާދާތުގެ ކަންކަމުގައިވެސް ﷲ ބާވާލެއްވިގޮތަށް ތަބާވާންޖެހޭނެއެވެ. އެއިލާހު ބާވާލެއްވިގޮތާ ޚިލާފުވެ، އަލަށް ދީނަށް ބިދުޢަތައް ވެއްދުމަކީ ހުއްދަވެގެންވާކަމެއް ނޫނެވެ.

އެހެންކަމުން، ވެރިންގެ މައްޗަށް ވަނީ ﷲގެ ޝަރުޢުއާ އެއްގޮތަށް ޙުކުމްކުރުމެވެ. އެޙުކުމްފުޅުތަކާ ޚިލާފަށް ހެދޭ ޤާނޫނުތަކަށް ޙުކުމްކުރުމަކީ ހުއްދަވެގެންވާނޭކަމެއްނޫނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِنْ قَبْلِكَ يُرِيدُونَ أَنْ يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَنْ يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَنْ يُضِلَّهُمْ ضَلالاً بَعِيداً * وَإِذَا قِيلَ لَهُمْ تَعَالَوْا إِلَى مَا أَنزَلَ اللَّهُ وَإِلَى الرَّسُولِ رَأَيْتَ الْمُنَافِقِينَ يَصُدُّونَ عَنْكَ صُدُوداً)) النساء: 60 -61 މާނައީ: “ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި، ކަލޭގެފާނުންގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް، އީމާންވެގެން ތިބިކަމަށް ބުނާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެބައިމީހުން ޙުކުމްލިބިގަންނާން، ޠާޣޫތުންގެ ފަރާތަށް ދިއުމަށް އެބައިމީހުން އެދެއެވެ. ހަމަކަށަވަރުން، އެފަރާތަށް ކާފަރުވުމަށް އެބައިމީހުންނަށް އަމުރުކުރައްވާފައިވާ ޙާލުގައެވެ. އަދި، ޝައިޠާނާ އެދެނީ، (ޙައްޤުމަގުން) ދުރުވެގެންވާ މަގުފުރެދުމަކުން، އެބައިމީހުން މަގުފުރެއްދުމަށެވެ. އަދި، اﷲ ބާވައިލައްވާފައިވާ ފޮތަށާއި، ރަސޫލާ އަންގަވާ ގޮތަށް ތަބަޢަވާން ތިޔަބައިމީހުން އަންނާށޭ ބުނެފިނަމަ، މުނާފިޤުން، (ނަފުރަތުވެ) ކަލޭގެފާނަށް ފުރަގަސްދޭތީ ދެކެވަޑައިގަންނަވާނެއެވެ.” މިއާޔަތް ބާވާލެއްވުނު ސަބަބަކީ، މުނާފިޤުންގެ މީހަކާއި ޔަހޫދީއަކާދެމެދު އުފެދުނު މަސްއަލައެއްގައި، ޙުކުމްކުރުމަށްޓަކައި މުޙައްމަދުގެފާނުގެ އަރިހަށް ދިއުމަށް ޔަހޫދީމީހާ ބުންޏެވެ. އެހެންނަމަވެސް، މުނާފިޤުމީހާ ބުނީ ޔަހޫދީއެއްކަމުގައިވާ ކަޢުބު ބުނުލް އަޝްރަފުގެ ކައިރިއަށް ޙުކުމްކުރުމަށް ދާށެވެ. އެހެނީ، އޭނާއަކީ ރިޝްވަތުހިފާމީހެއްކަމުގައި ވާތީއެވެ. މިޙާދިޘާއާގުޅިގެން މިއާޔަތްބާވާލެއްވުނެވެ. މިއާޔަތުގައިވާ ޠާޣޫތަކީ ކަޢުބު ބުނުލް އަޝްރަފެވެ. މިނަމުގެ ތެރެއަށް ބާވާލެއްވިގޮތާ ޚިލާފަށް ޙުކުމްކުރާކޮންމެ މީހެއް ވަދެގެންދާނެއެވެ. ފަހެ، ޤަޞްދުގައި ﷲ ބާވާލެއްވިގޮތާ ޚިލާފަށް ޙުކުމްކުރާމީހަކީ ޠާޣޫތެކެވެ. ޠާޣޫތު މިބަސްނެގިފައިވަނީ “ޠުޣްޔާން” (އެބަހީ؛ ޙައްދުފަހަނައެޅުން) މިބަހުންނެވެ. އެފަދައިން އެކިޔެނީ ޙައްޤުން އެއްކިބާވެ ދާތީއެވެ.

ފަހެ، މުސްލިމުންގެ ވެރިންނަށާއި، ޙުކުމްކުރާމީހުންގެ މައްޗަށް ވާޖިބުވެގެންވަނީ ﷲ ބާވާލެއްވި ޝަރުޢުއަށް ޙުކުމްކުރުމެވެ. އެޙުކުމްފުޅުތައް އެހެން ޙުކުމްތަކަކަށް ބަދަލުނުކުރުމެވެ. އެއްވެސްޙާލެއްގައި “ބޮޑެތި ޤައުމުތައްދެކެ ތިމަންމެން ބިރުގަންނަނީއޭ” ބުނެގެންނުވާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙުކުމްފުޅުގައި ވަނީ ޚާލިޤުވަންތަ އިލާހަށް އުރެދުމެއްވާކަމެއްގައި މަޚްލޫޤަކަށް ކިޔަމަންގަތުމެއް ނުވުމެވެ.

ﷲގެ ޙުކުމްފުޅުތަކަށް ޙުކުމްކުރުމަކީ އާދައިގެ ކަމެއްނޫނެވެ. ބޮޑުވެގެންވާ މަތިވެރިވެގެންވާ ކަމެކެވެ. މިއީ އާދައިގެކަމެއްކަމަށް ދެކުމަކީ ހުއްދަވެގެންވާކަމެއް ނޫނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅަމެންނަށް ހެޔޮ މަގަށް މަގުދައްކަވައި، ﷲގެ ޙުކުމްފުޅުތަކަށް ޙުކުމްކުރުމުގެ ހެޔޮ ތައުފިޤު އަޅަމެނަށް ދެއްވާށި! އާމީން.

_______________________

ނޯޓް: މިލިޔުމަކީ މުޙައްމަދު ބިން ޢަބްދުލްވައްހާބް ރަޙިމަހުﷲގެ ފޮތެއްކަމުގައިވާ “ނަވާޤިޟުލް އިސްލާމް” އަށް އައްޝައިޚް ޞާލިޙް ބުން ފައުޒާން އާލްފައުޒާން ޙަފިޡަހުﷲ ކުރައްވާފައިވާ ޝަރަޙައެއް އަޞްލަކަށް ބަލައިގެން، އެޝަރަޙައިން މުހިއްމު ނުކުތާތައް ނަގައިގެން ތަރުޖަމާކޮށްފައިވާ ލިޔުމެކެވެ.