[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސިޔަރަތު ފިލާވަޅު 14

މައްކާގެ މުޝްރިކުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ކުރި އުނދަގޫތައް:

1- عروة بن الزبير رحمه الله قَالَ : سَأَلْتُ عَبْدَ اللَّهِ بْنَ عَمْرٍو عَنْ أَشَدِّ مَا صَنَعَ الْمُشْرِكُونَ بِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ .قَالَ : رَأَيْتُ عُقْبَةَ بْنَ أَبِي مُعَيْطٍ جَاءَ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهُوَ يُصَلِّي فَوَضَعَ رِدَاءَهُ فِي عُنُقِهِ فَخَنَقَهُ بِهِ خَنْقًا شَدِيدًا . فَجَاءَ أَبُو بَكْرٍ حَتَّى دَفَعَهُ عَنْهُ فَقَالَ : (أَتَقْتُلُونَ رَجُلًا أَنْ يَقُولَ رَبِّيَ اللَّهُ وَقَدْ جَاءَكُمْ بِالْبَيِّنَاتِ مِنْ رَبِّكُمْ) . މާނައީ: “ޢުރުވާ ބުނުއްޒުބައިރުގެ އަރިހުން ރިވާވެގެންވެއެވެ. ތިމަންކަލެގެފާނު ޢަބްދުﷲ ބިން ޢަމްރު ބުނު އަލްޢާޞް –ރަޟިޔަﷲޢަންހު- ގެއަރިހުގައި ދެންނެވީމެވެ. މުޝްރިކުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ކުރިމަތިކުރި އެންމެ ބޮޑު އުނދަގުލަކާއި ބޭހޭގޮތުން ތިމަންކަލޭގެފާނަށް ޚަބަރު ދީބަލާށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްދުވަހަކު ގެފުޅު ކައިރާގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ނަމާދުކުރައްވަން ހުންނަވަނިކޮށް ޢުގުބާ ބިން އަބީ މުޢައިޠު އެކަލޭގެފާނާ ދިމާލަށް އައިސް އެކަލޭގެފާނުގެ ކޮނޑުފުޅުގައި ހިފައި އެކަލޭގެފާނުގެ ކަރުފުޅުދަށުން ހެދުންފުޅުގައި ހިފައި ދަމައި ބާރުކޮށްލިއެވެ. ދެން އެކަލޭގެފާނަށް ވަރަށްބޮޑަށް އުނދަގޫފުޅެވެ ހާސްވާގޮތްވިއެވެ. ދެން ފަހެ އަބޫބަކުރު –ރަޟިޔަﷲޢަންހު- ވަޑައިގން ޢުޤުބާގެ ކޮނޑުގައި ހިއްޕަވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ދުރުކުރެއްވިއެވެ. އަދި އެކަލޭގެފާނު ﷲ ގެ މިވަޙީބަސްފުޅު ކިޔަވާވިދާޅުވިއެވެ. (ތިޔަބައިމީހުން ފިރިހެނަކު ތިޔަ ޤަތުލުކުރަން އުޅެނީ ތިމަންގެ ވެރިރަސްކަލާނގެއީ، ﷲ އޭ އެކަލޭގެފާނު ވިދާޅުވާތީ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު ތިޔަބައިމީހުންގެގާތަށް ވަޑައިގަތީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުން ފާޅުވެގެންވާ ހެކިތަކާއިގެންނެވެ.)” في رواية الإمام البخاري (3678)

2- عَنْ ابْنِ مَسْعُودٍ قَالَ بَيْنَمَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي عِنْدَ الْبَيْتِ وَأَبُو جَهْلٍ وَأَصْحَابٌ لَهُ جُلُوسٌ وَقَدْ نُحِرَتْ جَزُورٌ بِالْأَمْسِ فَقَالَ أَبُو جَهْلٍ أَيُّكُمْ يَقُومُ إِلَى سَلَا جَزُورِ بَنِي فُلَانٍ فَيَأْخُذُهُ فَيَضَعُهُ فِي كَتِفَيْ مُحَمَّدٍ إِذَا سَجَدَ فَانْبَعَثَ أَشْقَى الْقَوْمِ فَأَخَذَهُ فَلَمَّا سَجَدَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَضَعَهُ بَيْنَ كَتِفَيْهِ قَالَ فَاسْتَضْحَكُوا وَجَعَلَ بَعْضُهُمْ يَمِيلُ عَلَى بَعْضٍ وَأَنَا قَائِمٌ أَنْظُرُ لَوْ كَانَتْ لِي مَنَعَةٌ طَرَحْتُهُ عَنْ ظَهْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالنَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سَاجِدٌ مَا يَرْفَعُ رَأْسَهُ حَتَّى انْطَلَقَ إِنْسَانٌ فَأَخْبَرَ فَاطِمَةَ فَجَاءَتْ وَهِيَ جُوَيْرِيَةٌ فَطَرَحَتْهُ عَنْهُ ثُمَّ أَقْبَلَتْ عَلَيْهِمْ تَشْتِمُهُمْ فَلَمَّا قَضَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَاتَهُ رَفَعَ صَوْتَهُ ثُمَّ دَعَا عَلَيْهِمْ وَكَانَ إِذَا دَعَا دَعَا ثَلَاثًا وَإِذَا سَأَلَ سَأَلَ ثَلَاثًا ثُمَّ قَالَ اللَّهُمَّ عَلَيْكَ بِقُرَيْشٍ ثَلَاثَ مَرَّاتٍ فَلَمَّا سَمِعُوا صَوْتَهُ ذَهَبَ عَنْهُمْ الضِّحْكُ وَخَافُوا دَعْوَتَهُ… الحديث) رواه الإمام مسلم މާނައީ: “އިބުނު މަސްޢޫދު -ރަޟިޔަﷲޢަންހު- ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދަޅުވިއެވެ: އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ގެފުޅު ކައިރީގައި ނަމާދު ކުރައްވަން ހުންނެވިއެވެ. އެވަގުތު އަބޫ ޖަހުލާއި އޭނާގެ އެކުވެރިން އެމީހުންގެ މަޖިލީހުގައި ތިއްބެވެ. އޭގެ ކުރީދުވަހުގައި ޖަމަލުތަކެއްވަނީ ކަތިލެވިފައެވެ. އަބޫ ޖަހުލު އެތާގައިތިބި މީހުންނަށް ބުންޏެވެ. މިވެނި ޤަބީލާއެއްގެ މީހުން ކަތިލާފައި ހުރި ޖަމަލުތަކުގެ ބަނޑުގައި ހުރި މަސް (ބަނޑުގައި ދަރި އޮންނަ އުރަ) ނަގައިގެންގޮސް މުޙައްމަދުގެފާނު ސަޖިދަޔަށް ދިޔުމުން އެކަލޭގެފާނުގެ ކޮނޑުގައި އަޅުވާނީ ކާކުތޯއެވެ؟ ދެންފަހެ އެމީހުންގެ ތެރޭގައި ހުރި އެންމެ ބަދުނަސީބު މީހާގޮސް އެ ތަކެތިނަގައިގެން އައިސް ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ސަޖިދަޔަށް ވަޑައިގަތުމުން އެކަލޭގެފާނުގެ ދެކޮނޑުފުޅު ދެމެދުގައި އެތަކެތި އެޅުވިއެވެ. އިބްނު މަސްޢޫދު -ރަޟިޔަﷲޢަންހު- ވިދާޅުވިއެވެ: ދެން އެމީހުން އެއްބަޔަކު އަނެއްބަޔަކަށް ހޭންފަށައިފިއެވެ. އެކަކުއަނެކަކާ ދިމާލަށް ލެނބޭހާ މިންވަރަށް އެމީހުން ހޭންފެށިއެވެ. އެމަންޒަރު ތިމަންކަލޭގެފާނަށް ފެނިވަޑައިގަތެވެ. އެވަގުތު ތިމަންކަލޭގެފާނަށް ބާރެއް ލިބިވަޑައިގެންވީނަމަ ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަގެ ބުރަކަށިފުޅުން އެތަކެތި ނެންގެވީމުއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ސަޖިދައިން ތެދުވެވަޑައިނުގެން އެޙާލަތުގައި އޮންނަވަނިކޮށް މީހަކު އެވާހަކަ ފާޠިމާ -ރަޟިޔަﷲޢަންހާ- އަށް ދެންނެވިއެވެ. ދެންފަހެ އެކަމަނާ ވަޑައިގެން އެކަލޭގެފާނުގެ ބުރަކަށިފުޅުން އެތަކެތި ނަންގަވައި އެއްލެވިއެވެ. އޭރު އެކަމަނާއަކީ ކުޑައަންހެންކުއްޖެކެވެ. އެއަށްފަހު އެކަމަނާ އެނބުރި ވަޑައިގެން މުޝްރިކުންނާއި ކުރިމަތިލައްވައި  ނުރުހުންވެ އެއްޗެހިކިޔުއްވިއެވެ. ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ނަމާދުކޮށް ނިމިވަޑައިގަތުމުން ހަރުއަޑުފުޅުން އެބައިމީހުންގެ މައްޗަށް ދުޢާކުރެއްވިއެވެ. އޭރު އެކަލޭގެފާނު ދުޢާ ދަންނަވަނީ ތިންފަހަރުއެވެ. އަދި ﷲ ގެ ޙަޟުރަތުން ކަމަކަށް އެދޭނަމަވެސް ތިން ފަހަރު އެދެއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: އޭ ﷲއެވެ! ޤުރައިޝުން ހިއްޕަވައިފާނދޭވެ! މިގޮތަށް ތިން ފަހަރު ދުޢާކުރެއްވިއެވެ. އެބައިމީހުންނަށް އެއަޑު އިވުމުން ހުނުން ހުއްޓާލައިފިއެވެ. އަދި އެކަލޭގެފާނުގެ ދުޢާއަށް އެމީހުން ބުރުގެންފިއެވެ. …. (ޙަދީޘްގެ ދެންއޮތްބައި ކުރިޔަށް).

މުސްލިމުން ޙަބުޝްކަރައަށް ހިޖުރަކުރެއްވުން.

މުސްލިމުން ޙަބުޝްކަރައަށްކުރި ފުރަތަމަ ހިޖުރަ:

މުސްލިމުންގެ ޢަދަދުގިނަވެ މައްކާގެ މުޝްރިކުންގެ ފަރާތުން އެބައިމީހުންނަށް ކުރިމަތިވާ އުނދަގޫތަކާއި ދުއްތުރާތައް ގިނަވުމުގެ ސަބަބުން ޙަބުޝްކަރައަށް ހިޖުރަ ކުރުމުގެ އިޒުނަ މާތްﷲ މުސްލިމުންނަށް ދެއްވިއެވެ. އެންމެ ފުރަތަމަ ޙަބުޝްކަރަޔަށް ހިޖުރަކުރެއްވީ އެގާރަ ފިރިހެން ބޭކަލުންނާއި 4 އަންހެން ބޭކަނބަލުންނެވެ. އެބޭކަލުން ހިޖުރަޔަށް ނިކުމެވަޑައިގަތީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ރަސޫލުކަމާއިގެން ފޮނުއްވުނުތާ ފަސްވަނައަށް ވީއަހަރު ރަޖަބު މަހުގައެވެ. އެބޭކަލުންގެ ފަހަތުން އެބޭކަލުން ހޯދުމަށްޓަކައު ޤުރައުޝުން ނިކުތެވެ. އެހެންނަމަވެސް ޤުރައިޝުންގެ އަތުގައި އެބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކު ނުޖެހުނެވެ. އެބޭކަލުން ޙަބަޝްކަރައަށް ހިޖުރަ ކުރެއްވުމަށްފަހު އުޅުއްވީ ވަރަށް އަމާންކަމާއެކުގައެވެ. އެއަށްފަހު އެބޭކަލުންނަށް ޚަބަރުލިބުނީ މައްކާގެ އަހުލުވެރިން އިސްލާމްވީކަމުގެ ޚަބަރެވެ. މިޚަބަރާއެކު އެބޭކަލުން މައްކާއަށް ވަޑައިގަތެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ރަސޫލުކަމާއިގެން ވަޑައިގެންނެވިތާ 5 ވަނައަހަރު ޝައްވާލު މަހުގައެވެ. އެބޭކަލުން މައްކާއާ ހަމަޔށްފޯރާން އިރުގަނޑެއް ވެފައިވަނިކޮށް ކިނާނަތުގެ ޤަބީލާގެ ބަޔަކާ ދިމާވެގެން ޤުރައިޝުންނާއި އެމީހުންގެ ޙާލާއި ބޭހެގޮތުން ސުވާލުކުރިއެވެ. އެމީހުން ޚަބަރު ދިންގޮތުގައި އެބައިމީހުން ތިބީ އަދިވެސް ކުރިންވެސް ތިބި ނުބައިކަންތަކުގެ މަތީގައެވެ. އެހިސާބުން އެޚަބަރަކީ ދޮގުޚަބަރެއްކަން އެބޭކަލުންނަށް އެނގިވަޑައިގަތެވެ. ދެން އެބޭކަލުން ހަބުޝްކަރަޔަށް އެނބުރި ރުޖޫޢަވުމާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އެހެންނަމަވެސް އެބޭކަލުން ނިންމީ މާއްކާ އާ ހަމަޔަށް ފޯރާފައިވުމާއެކު މައްކާއަށްވަދެ ޤުރައިޝުން ތިބިގޮތެއްބަލައި އަހުލުންނާއި ބައްދަލުކުރުމަށްޓަކައި މައްކާއަށް ވަނުމަށެވެ. މިގޮތުން މައްކާއަށް ވެންނެވި ބޭކަލުން ވެންނެވީ އެކި މީސްމީހުންގެ ހިމާޔަތުގަޔާއި ސިއްރުންނެވެ. އެބޭކަލުންގެ ތެރެއިން ޙަބުޝްކަރަޔަށް އެނބުރި ވަޑައިގަތީ އިބްނު މަސްޢޫދު -ރަޟިޔަﷲޢަންހު- އެކަންޏެވެ. އެކަލޭގެފާނު މައްކާއަށް ވަދެވަޑައިނުގެން ދުވަސްކޮޅަކު ހުންނެވުމަށްފަހު ޙަބުޝްކަރަޔަށް އެނބުރިވަޑައިގަތީއެވެ.

މުސްލިމުން ޙަބުޝްކަރަށް ކުރި ދެވަނަ ހިޖުރަ:

ޙަބުޝްކަރައިން އެނެބުރި މައްކާއަށް އައި މުސްލިމުންނަށާއި މައްކާގައި ދިރިއުޅެމުންދިޔަ އެހެންމުސްލިމުންނަށް މުޝްރިކުން ކުރަމުންދިޔަ އަނިޔާތަކައި އުނދަގޫތަކާއި ދުއްތުރާތައް އިތުރުވެގެންދިޔައެވެ. މިކަމުގެ ސަބަބުން މުސްލިމުން ދެވަނަ ފަހަރަށް ޙަބުޝްކަރަޔަށް ހިޖުރަކުރެއްވުމުގެ އިޒުނަ ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ދެއްވިއެވެ. މިފަހަރު ހިޖުރަކުރެއްވީ 83 ފިރިހެން ބޭކަލުންނެވެ. އަދި 11 ޤުރައިޝުންގެ ބޭކަނބަލުންނާއި ޤުރައިޝް ވަންހަޔަށް ނިސްބަތްނުވާ 7 ބޭކަނބަލުންނެވެ. އެބޭކަލުން ޙަބުޝްކަރަޔަށް ހިޖުރަކުރެއްވުމަށްފަހު ޙަބުޝްކަރައިގެ ޢަދުލުވެރި ރަސްގެފާނު ނަޖާޝީގެ އަމާންކަމުގައި ހެޔޮޙާލުގައި ތިއްބެވެ. މިކަމާހެދި މައްކާގެ މުޝްރިކުން ކަންބޮޑުވެ މުސްލިމުން އެބައިމީހުންގެ މަކަރުވެރި ރޭވުމަކުން އަތުލައިގަތުމަށްޓަކައި ނަޖާޝީ ގެ އަރިހަށް ޢަބްދުﷲ ބިން ޢަމްރު ބުނު އަލްޢާޞް އާއި ޢަބްދުﷲ ބިން އަބީ ރަބީޢާ ހިމެނޭގޮތަށް ހަދިޔާއާއެކީ  ވަފުދެއް ފޮނުވިއެވެ. އެހެން ނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އެބައިމީހުންގެ އެ މަކަރުވެރި ރޭވުމުން މުސްލިމުން ސަލާމަތްކުރެއްވިއެވެ.

މިފިލާވާޅާ ގުޅޭ ސުވާލުތައް:

1-       ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް މައްކާގެ މުޝްރިކުން ކުރި 2 އުނދަގުލެއް ބަޔާންކުރޭ!

2-       މުސްލިމުން ޙަބުޝްކަރަޔަށް ހިޖުރަކުރެއްވީ ކިތައްފަހަރު؟

3-       މުސްލިމުން އެންމެ ފުރަތަމަ ޙަބުޝްކަރަޔަށް ހިޖުރަކުރެއްވީ ކޮން އަހަރަކު؟ އަދި އެ ހިޖުރަޔަށް ފަހު އެނބުރި މައްކާއަށް އައީ ކޮން ސަބަބަކާހުރެ؟

4-       މުސްލިމުން ދެވަނަ ހިޖުރަޔަށް ހަބުޝްކަރަޔަށް ވަޑައިގެންނެވިއިރު އެ ބޭކަލުންގެ ޢަދަދަކީ ކޮބާ؟

ފުރަތަމަ ހިޖުރަޔަށްފަހު މައްކާއަށް އެނބުރިވަޑައިގެން މައްކާއަށް ވަދެވަޑައިނުގެން ޙަބުޝްކަރަޔަށް އެނބުރިވަޑައިގެންނެވި ބޭކަލަކީ ކޮބާ؟

މފިލާވަޅުގެ  އެހެން ބައިތައް ބެއްލެވުމަށް