ސައިޓުގެ ތަޢާރަފް

އެންމެހާ ޙަމްދު ތަޢުރީފާއި ޘަނާ ޙައްޤުވެގެންވަނީ ނެތުމުގެ ތެރެއިން އަޅުގަނޑުމެން ޚަލްޤުކުރައްވައި، ޙައްޤުގެ މަގަށް އަޅުގަނޑުމެންނަށް ހިދާޔަތު ދެއްކެވި ﷲ ތަބާރަކަވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަނީ ޙައްޤާއި ބާޠިލު ވަކިކޮށް ދެއްވުމަށްޓަކާ، ﷲ ތަޢާލާ ފޮނުއްވެވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށެވެ.

ﷲ ތަޢާލާގެ ރަޙުމަތުން، އަޅުގަނޑުމެންގެ ޤައުމަކީ ދުނިޔޭގެ މުސްލިމް ބައެއް ޤައުމުތަކުގައި އޮންނަފަދަ ބާޠިލު ޢަޤީދާތަކެއް ފެތުރިފައިވާ ޤައުމެއް ނޫނެވެ. ނަމަވެސް ރާއްޖެއަށް ‘ހެޔޮ ބަދަލެއް’ގެ ނަމުގައި، މިއައި ބަދަލަށް ފަހު، ދުނިޔޭގެ ބައެއް ޖަމާޢަތްތަކަށް ރާއްޖޭގައި ޙަރަކާތްތެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. މި ޖަމާޢަތްތަކުގެ ތެރޭގައި، ‘ތަބްލީޣީ ޖަމާޢަތް’ ފަދަ، އެބަޔަކާމެދު ހުށިޔާރުވެތިބުމަށް އަހްލުއްސުންނަތުގެ ބޮޑެތި ރައްބާނީ ޢިލްމުވެރިންތަކެއް ނަޞީޙަތްދެއްވާފައިވާ ޖަމާޢަތްތައްވެސް ހިމެނެއެވެ. ނަތީޖާއަކަށްވީ ރާއްޖެއަށް ބިދުޢަވެރި ފިރުޤާތަކުގެ މީހުން ވަދެ އެމީހުންގެ ދަޢުވަތު މަޑުމަޑުން ފެށުމެވެ.

އެހެންކަމުން މިވެބްސައިޓަކީ، ބިދުޢަވެރި ބާޠިލު ޢަޤީދާތަކެއް އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖޭގައި ފެތުރިގެންދިއުމުގެ ކޮޅުމަތިފެނިފައިވާ މިފަދަ ދުވަސްވަރެއްގައި، އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދީ، ޞައްޙަ ޢަޤީދާ  ބަޔާންކޮށްދިނުމަށްޓަކާ ވުޖޫދަށް އައި ސައިޓެކެވެ.

ﷲ ތަޢާލާ އަޅުގަނޑުމެންގެ މި މަޤުޞަދާ އެއްގޮތަށް ސައިޓް ކުރިއަށް ގެންދިއުމުގެ ހެޔޮތައުފީޤު ދެއްވާށިއެވެ. އާމީން.