[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުﷲ صلى الله عليه وسلم ދެކެ ލޯބިވާންވީ ކީއްވެ؟- 2

ރަސޫލުﷲ صلى الله عليه وسلم މިންބަރު ބޭނުންކުރެއްވުމުގެ ކުރީގައި އެކަލޭގެފާނު ޚުޠުބާ ވިދާޅުމަށްޓަކައި އަރަން ބޭނުންކުރާ ކަދުރުރުއްގަނޑަށް އެކަލޭގަފާނު ނުފެނުމުން އެކަލޭގެފާނު ދުށުމުގެ ޝައުޤުވެރކަމުގައި ކުޑަކުއްޖެއް ފަދައިން ރޮމުން ހަޅޭލަވައި ގޮވަންފެށިއެވެ. ދެން އެކަލޭގެފާނު އައިސް އޭގައި ބައްދާލިއެވެ. އެ ހިނދު ކުޑަކުއްޖަކު ރޮމުން ޝަކުވާކުރާފަދައިން ޝަކުވާކުރަން ފެށިއެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނު އޭގައި ބައްދާނުލިނަމަ ޤިޔާމަތާއި ޖެހެންދެން އެގޮތަށް ރުއިމުގައި އޭތި ހޭދަކުރީހެވެ.” [سنن الدارمي]

މި ޙަދީޘް ކިޔާދެއްވުމަށްފަހު އަލްއިމާމް ޙަސަނުލް ބަޞްރީ رحمه الله ކީރިތި ކުރައްވަން ފެއްޓެވިއެވެ. އަދި ވިދާޅުވިއެވެ. އެ ލަކުޑިގަނޑު ރަސޫލުﷲ صلى الله عليه وسلم އަށް ޝައުޤުވެރިވެ އެކަލޭގެފާނާއި ބައްދަލުވުމަށް އެދޭއިރު، އަހަރެމެން އެކަލޭގެފާނާއި ބައްދަލުވުމަށް އެދުންވެރިވުން މާ ހައްޤުކަން ބޮޑެވެ.

ރަސޫލުﷲ صلى الله عليه وسلم އެއްދުވަހެއްގައި، އިބްރާހީމް عليه السلام އާ ބެހޭގޮތުން ﷲ ތަޢާލާ ބާވާލައްވާފައިވާ މި އާޔަތާއި ” رَ‌بِّ إِنَّهُنَّ أَضْلَلْنَ كَثِيرً‌ا مِّنَ النَّاسِ ۖ فَمَن تَبِعَنِي فَإِنَّهُ مِنِّي ۖ وَمَنْ عَصَانِي فَإِنَّكَ غَفُورٌ‌ رَّ‌حِيمٌ ﴿٣٦﴾ ” سورة ابراهيم މާނަ : ” އަޅުގެ ވެރި ރަސްލަކާކޮ ! ހަމަކަށަވަރުން އެ ބުދުތައް މީސްތަކުންގެ ތެރެއިން ގިނަބަޔަކު މަގުފުރައްދައިފިއެވެ. ތިމަންކަލޭގެފާނަށް ތަބާވެއްޖެ މީހަކީ ތިމަންކަލޭގެފާނުގެ ދީނުގެ މީހެކެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެ މީހާ ދަންނާށެވެ! ހަމަކަށަވަރުން އިބަރަސްކަލާންގެއީ ގިނަގިނައިން ފާފަ ފުއްސަވާ އޯގާވަންތަ ރަސްކަލާނގެއެވެ. ” އީސާ ޢަލައިހިއްސަލާމާއި ބެހޭގޮތުން ﷲ ތަޢާލާ ބާވާލައްވާފައިވާ މިއާޔަތް ” إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ‌ لَهُمْ فَإِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ﴿١١٨﴾” سورة المائدة މާނަ: ” އެބައިމީހުންނަށް އިބަރަސްލަކާނގެ ޢަޒާބު ދެއްވާނަމަ ، ހަމަކަށަވަރުން އެބައިމީހުންނަކީ އިބަރަސްކަލާނގެ އަޅުންނެވެ. އަދި އެބައިމީހުންނަށް އިބަރަސްކަލާނގެ ފާފަ ފުއްސަވާނަމަ، ފަހެ ހަމަކަށަވަރުން އިބަރަސްކަލާނގެއީ ޢަޒީޒްވަންތަ ޙަކީމްވަންތަ ރަސްކަލާނގެއެވެ. ”  ކިޔަވައި ވިދާޅުވެލެއްވިއެވެ. އަދި އެކަލޭގެފާނުގެ ދެ އަތްޕުޅު މައްޗަށް އުފުއްލަވާ ދަންނަވަން ފެއްޓެވިއެވެ. ” اللّهمَّ أُمَّتِي … أُمَّتِي ” ( އޭ ﷲ ! އަޅުގެ އުއްމަތެވެ! އަޅުގެ އުއްމަތެވެ! ) އަދި ކީރިތި ކުރައްވަން ފެއްޓެވިއެވެ. އެ ހިނދު ﷲ ތަޢާލާ އެކަލޭގެފާނުގެ އަރިހަށް ޖިބްރީލް ޢަލައިހިއްސަލާމް ފޮނުއްވެވިއެވެ. ޖިބްރީލް عليه السلام ވަޑައިގެން ރަސޫލުﷲ صلى الله عليه وسلم ކީރިތިކުރައްވާ ސަބަބު އެއްސެވިއެވެ. ދެން ރަސޫލުﷲ صلى الله عليه وسلم އެކަމާއި ބެހޭގޮތުން ވިދާޅުވެދެއްވުމުން ޖިބްރީލް عليه السلام  ވަޑައިގެން ﷲ ތައާލާއަށް ހަޟްރަތުގައި ދެންނެވިއެވެ. ޖިބްރީލް عليه السلام ތަޢާލާގެ ހަޟްރަތުގައި ދެންނެވުމުގެ ކުރިންނާއި ފަހުންވެސް ﷲ ތަޢާލާ އެ ހުރިހާކަމެއްގެ ޚަބަރުތައްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. ﷲ ތާޢާލާ ޖިބްރީލް ޢަލައިހިއްސަލާމަށް އެންގެވިއެވެ. ކަލޭގެފާނު ވަޑައިގެން މުޙައްމަދު ގެފާނު އަރިހުގައި ވިދާޅުވާށެވެ. މާނަ : ” ތިމަން އިލާހު ކަލޭގެފާނު ރުހިވޮޑިގަންނަވާފަދަ ގޮތަކަށް ކަލޭގެފާނުގެ އުއްމަތާއި މެދު ކަންތައްކުރައްވާހުށީމެވެ. އަދި ނިކަމެތި ގޮތެއްވިޔަ ނުދެއްވާ ހުށީމެވެ. ” – صحيح مسلم –

އެކަލޭގެފާނުގެ އުއްމަތުގެ މީސްތަކުންނަށް ދެރަގޮތެއްވެގެން ހިނގައިދާނެކަމަށްޓަކައި އެކަލޭގެފާނު ކަންބޮޑުވެވަޑައިގެން ހިތާމަކުރައްވައެވެ. އުއްމަތުގެ މީސްތަކުންގެ އަމިއްލަ ނަފްސުތަކަށްވުރެ ބޮޑަށް އެބައިމީހުންދެކެ އެކަލޭގެފާނު ލޯބިވެވަޑައިގަންނަވައެވެ. އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ދެކެ އަހަރެމެން ލޯބިވާންވީ ކީއްވެގެންކަން މަތީގައި ބަޔާންކުރެވުނު ހާދިޘާއިންވެސް ވަރަށް ރަނގަޅަށް ހާމަވެއެވެ.

އަދި އެއާއި އެކު އީމާންކަން ފުރިހަމަވުމާއި އީމާންކަމުގެ ފޮނިކަން އިޙްސާސްވުންވެސް އެކަލޭގެފާނުދެކެ ލޯބިވުމުގެ މައްޗަށް ބިނާވެފައިވާކަމީ އެކަލޭގެފާނަށް ލޯބިކުރަންޖެހޭ ބައިވަރު ސަބަބުތަކުގެ ތެރެއިން މުހިއްމު ދެސަބަބެވެ. ރަސޫލުﷲ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. ” އެމީހެއްގެ މައިންބަފައިންނާއި، ދަރިންނާއި އަދި އެންމެހާމީސްތަކުންނަށްވުރެ، އެމީހެއްގެ ގާތުގައި އެންމެ ލޮބުވެތިކަން ބޮޑު ބޭކަލަކީ ތިމަންކަލޭގެފާނު ކަމުގައި ވެއްޖައުމަށް ދާންދެން އެމީހެއްގެ އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. ” [متفق عليه]

އެއްދުވަހެއްގައި އުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ތިމަންކަލޭގެފާނުގެ ގާތުގައި، އެހެން ހުރިހާ އެއްޗަކަށް ވުރެ ލޮބުވެތިކަން ބޮޑީ ކަލޭގެފާނެވެ. ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސު ފިޔަވައެވެ.” ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ”ނޫނެކެވެ. އެފަރާތެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ނަފްސުވާ ފަރާތް ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ކަލޭގެފާނުގެ އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ތިމަންކަލޭގެފާނު ދެކެ ލޯބިވެއްޖައުމަށް ދާންދެނެވެ. (އެބަހީ: އީމާންކަން ފުރިހަމަ ނުވާހުއްޓެވެ.)” ދެން ޢުމަރުގެފާނު ވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ. ފަހެ، މިހާރު ތިމަންކަލޭގެފާނުގެ އަމިއްލަ ނަފްސަށް ވުރެވެސް ކަލޭގެފާނު ދެކެ ލޯބިވަމެވެ.” ފަހެ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.”މިހާރެވެ. އޭ ޢުމަރުގެފާނެވެ. (އެބަހީ: މިހާރު ރަނގަޅެވެ.)” [رواه البخاري]

އީމާންކަމުގެ ފޮނިކަން އިޙްސާސްވުމަށްޓަކައި ލިބިގަންނަން ޖެހޭ ތިން ސިފައެއް އެކަލޭގެފާނު ބަޔާންކޮށްދެއްވިއިރު، އޭގެތެރެއިން އެއްކަމަކަށް ހަދީޘްކުރެއްވިއެވެ. ” ﷲ އާއި އެއިލާހުގެ ރަސޫލާ ފިޔަވައި އެހެން ހުރިހާ ތަކެއްޗާއި ފަރާތްތަކަކަށްވުރެ ބޮޑަށް ، ﷲ އާއި އެއިލާހުގެ ރަސޫލާއަކީ އެމީހެއްގެ ގާތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދެފަރާތްކަމުގައި ވުން…..” މިއެވެ.  [رواه مسلم]

– ނިމުނީ –

ރަސޫލުﷲ صلى الله عليه وسلم ދެކެ ލޯބިވާންވީ ކީއްވެ؟ -1