[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞަޙާބީންގެ ތެދުވެރި އީމާންކަމާއި ކިޔަމަންތެރިކަން (2)

130567ކުރީގެ ލިޔުމާއި ގުޅޭ…

އޭބޭކަލުންނީ ﷲ ތަޢާލާ ބާވައިލައްވާ  ވަޙީބަސްފުޅުތަކަށް ކަނުލާ އަޑުއަހައި އެއާއި އެއްގޮތަށް ޢަމަލުކުރުމުގައި މުޅި އުއްމަތަށްހުރި ނަމޫނާއެކެވެ. އެބޭކަލުންގެ މަޖްލީސްތަކުގައި ﷲ ތަޢާލާގެ ވަޙީބަސްފުޅު ކިޔޭވޭހިނދު މުޅި މަޖިލީހުގައި ގިސްލުމާއި ރުއިމުގެއަޑު ގަދަވެގެންދެއެވެ. އެއްދުވަހެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަރަށް ބަލާޣާތްތެރި ޚުތުބާއެއްދެއްވެެވިއެވެ. އިރުބާޟު ބިން ސާރިޔަތު ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ. ( لو تعلمون ما أعلم لضحكتم قليلاً ولبكيتم كثيراً، وما تلذذتم بالنساء على الفرش، ولخرجتم إلى الصعدات تجأرون إلى الله ) މާނައީ: ” ތިމަންކަލޭގެފާނަށް އެނގޭކަންތައް ތިޔަބައިމީހުންނަށް އެނގޭނަމަ ތިޔަބައިމީހުން ހުނީހީ މަދުންނެވެ. އަދި ގިނަގިނައިން ތިޔަބައިމީހުން ރުއީމުއެވެ. އަދި ތިޔަބައިމީހުން އަނބިންނާއެކު ދާންތަކުގައި ލައްޒަތް ހޯދުން ދޫކޮށްލީހެވެ. އަދި ތިޔބައިމީހުން ހުސްބިންތަކަށް ނިކުމެ ﷲ ތަޢާލާގެ ޢަޒާބުން މިންޖުކުރެއްވުމަށްއެދި ދުއާކުރަން ފަށައިފާނޫއެވެ. “ މި ޙަދީޘްގެ ޝަރަޙައިގައި ރާވީ ވިދާޅުވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މިބަސްފުޅު އަޑުއިވުމުން އަޞްޙާބުބޭކަލުންނަށް ކުރެއްވި އަސަރެއްގެ ބޮޑުކަމުން އޭބޭކަލުން އިސްދަށަށްޖައްސަވައި ކީރިތކުރައްވަމުން ގެންދެވިއެވެ. އެވަގުތު މުޅިމަޖިލިސް ރުއިމުގެ އަޑުން ގުގުމާލިއެވެ. އެބޭކަލުންގެ ހިތްތަކަށް އަސަރުކުރުވީ އެބޭކަލުންގެ ހިތްތަކުގައިވާ ތެދުވެރި އީމަންކަން ނޫން ދެއްކޮން އެއްޗެއްތޯއެވެ؟

މިފަދަ އެތަކެއް ސިފަތަކެއްގެ ސަބަބުން ﷲ ތަޢާލާ އެބޭކަލުންގެ ތެދުވެރި ކަމާމެދު ހެކިވެވޮޑިގަތެވެ. އެބޭކަލުންނަށް ކިތައްމެ ކުޑަފާފަޔެއް ކުރެވުނުކަމުގައި ވިޔަސް އެއީ ކުޑަކަމެއްކަމުގައި ދެކެވަޑައިނުގަންނަވައެވެ. ހަމަ ވަގުތުން ﷲ ތަޢާލާ އަށް ތައުބާވެ އިސްތިޢުފާރުކުރައްވައެވެ. އެއްވެސް ޙާލެއްގައި އެއީ ކުޑަކަމެއްކަމުގައި ދެކެވަޑައިގެން އެކަން ހަނދާނުން ފޮހެނުލައްވައެވެ. އެހެނަސް ކުރެވުނު ފާފައިގެ ބޮޑުކަމާމެދު ވިސްނާ ފިކުރުކޮށް އުޅުއްވަތެވެ. މިކަމުގެ ރިވެތި މިސާލެއް ޞަޙީޙު ބުޚާރީގައި ބަޔާން ވެގެންވެއެވެ. އެއްދުވަހެއްގައި އުސާމާ ބިން ޒައިދު ރަޟިޔަﷲޢަންހުއަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލަޝްރަކަރާއިގެން ޖުހައިނާއަށް ވަޑައިގަތުމަށް އަމުރުކުރެއްވިއެވެ. ހަނގުރާމައިގައި ޢަދުއްވުން ބަލިކަށިވެ ފަސްޖެހި ދާންފެށުމުން ކާފަރުންގެ މިހަކާއި އުސާމާ ރަޟިޔަﷲޢަންހުއާއި ދިމާވިއެވެ. އެވަގުތު އެކަލޭގެފާނުގެ އަރިހުގައި އަންޞާރިއްޔަ ބޭކަލެއްވެސް ހުންނެވިއެވެ. އެކަލޭގެފާނު އޭނާ އާ ކުރިމަތިލެއްވުމުން އޭނާ ގަހެއްގެ ނިވަލަށް ވަދެ ފިލިއެވެ. އެހިނދު އޭގެ ދެބޭކަލުން ގަހުގެ ދެފަރާތުން އައިސް ދިމާކުރެއްވިއެވެ. އެވަގުތު އެމީހާ ގޮތްހުސްވެ ޝަހާދަތްކިޔައި އިސްލާމްވިއެވެ. އެހިނދު އަންޞާރިއްޔަ ބޭކަލާ ކަނޑިތިރިކުރައްވައިފިއެވެ. ނަމަވެސް އުސާމާ ރަޟިޔަﷲޢަންހު ކަނޑިން ޖައްސަވައި އޭނާގެ ބޯ ކަނދުރާއިން ވަކިކޮށްލެއްވިއެވެ. ދެން މިދެބޭކަލުންގެ ދެމެދުގައި ޚިޔާލުތަފާތުވެ މިކަމުގެ ހުކުމް ހޯއްދެވުމަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް ވަޑައިގެން ކަންތައް ހިނގައިދިޔަ ގޮތުގެ ވާހަކަ ދަންނަވައިފިއެވެ. ދެންފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ ހިއްޕުޅާހަމަޖެހިވަޑައިނުގެން ޙަދީޘްކުރެއްވިއެވެ. ” އޭނާ ޝަހާދަތްކިޔުމަށްފަހުވެސް ޤަތުލުކޮށްލީތޯއެވެ؟ ކަލޭގެފާނު އެކަން ކުރެއްވުން ހުއްދަވެގެންވަނީ ކިހިނެއްތޯއެވެ؟” އުސާމާ ވިދާޅުއެވެ. “އޭނާ ޝަހާދަތުގެ ދެކަލިމަ ކީ ﷲ އީމާންވާކަށް ނޫނެވެ. އެހެން ނަމަވެސް އޭނާ އެ ކަލިމަކީ ކަނޑިޔަށް ބިރަށެވެ.” ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކަލޭގެފާނު އޭނާގެ ހިތްފަޅައި ބެލީތޯއެވެ؟” އެހިނދު ދެރަފުޅުވެ ވަޑައިގެން ހިތާހިތާ ދެންނެވިއެވެ. ތިމަންކަލޭގެފާނުގެ އިސްލާމްވުން މިޙާދިޘާއަށް ފަހުގައި ވީނަމަ ކޮންފަދަހެއްޔެވެ. އެހެނީ ކާފަރުކަންމަތީގައި ހުރެފައި އިސްލާމްވުމުން އިސްވެގޮސްފައިވާ ފާފަތައް ފޮހެވިގެންދާކަމަށްޓަކައެވެ. އެހާވެސް އެކަލޭގެފާނުގެ  ހިތްޕުޅަށް އަސަރުކުރިވިއެވެ.

ޞަޙާބީ ބޭކަލުންނަށް ﷲ ތަޢާލާގެ ނަޞްރާއި މަދަދުލިބި އެބޭކަލުންގެ ދަރަޖަ މަތިވެރިވެގެން ދިޔުމުގައި އެބޭކަލުން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަށް ތަބާވުމުގައި ދެއްކެވި ރިވެތި ނަމޫނާ ފާހަގަކޮށްލެވެއެވެ. އެބޭކަލުންގެ މުޅިދިރިއުޅުމުގެ ހުރިހާ ކަމެއްގައި އެ މާތް ނަބިއްޔާއަށް ބޯލަނބައި ކިޔަމަންގަތެވެ. އެމާތް ނަބިއްޔާގެ އަޚްލާޤުފުޅުން އަޚްލާޤު ލިބިގަތުމަށް އެބޭކަލުން މަސައްކަތް ކުރެއްވިއެވެ. އެކަލޭގެފާނު  ލޯބިކުރެއްވި ކޮންމެ އެއްޗަކަށް ލޯބިކުރައްވިއެވެ. ހިއްޕުޅާހަމަނުކުރެއްވެވި ކޮންމެ އެއްޗަކަށް އެބޭކަލުންވެސް ހިއްޕުޅާހަމަނުކުރައްވަތެވެ. އެއީ ދީނުގައި ޙަލާލުކަމެއްކަމުގައި ވިޔަސްމެވެ. މިކަމަށް ދަލީލްލިބޭ ޙަދީޘެއް ޞަޙީޙު ބުޚާރީގައި ބަޔާންވެގެންވެއެވެ. އަނަސްބިން މާލިކް ރަޟިޔަﷲޢަންހު ރިވާކުރެއްވި މިޙަދީޘްގައިވެއެވެ. ތިމަންކަލޭގެފާނު އެއްދުވަހެއްގައި މާތްނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަރިހުގައި ފަރިއްކޮޅެއްގައި ބައިވެރިވީމެވެ. އެހިނދު އެކަލޭގެފާނު ދުއްބާއު ( ބަރަބޯ ޒާތުގެ މޭވާއެއް) މާ ގަޔާވެވަޑައިގެން ފަރިއްކުޅުއްވިއެވެ. އަނަސްބިން މާލިކް ރަޟިޔަﷲޢަންހު ދެންނެވިއެވެ. ﷲ ގަންދީ ބުނަމެވެ. އެދުވަހަށްފަހުގައި ތިމަންކަލޭގެފާނު ދުއްބާއު ފަރިއްކުޅުއްވުން ދޫކޮށެއް ނުލައްވަމެވެ. އެކަލޭގެފާނުގެ ހިތުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް އޮތް ތެދުވެރި ލޯބި ނިކަން ދެކިބަލާށެވެ.

ސަހާބީންގެ ތެދުވެރި އީމާންކަމުގެވާހަކަ ދައްކާނިމޭކަށްނެތެވެ. ވީމާ މިވަރުން ފުއްދާލާނަމެވެ. ދުޢާކީ އަޅަމެންނަކީ މާތްނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަ އަށް ލޯބިކުރުމަށްފަހުގައި އެކަލޭގެފާނުގެ ޞަހާބީންނަށްވެސް ލޯބިކުރާ ބަޔަކުކަމުގައި ލެއްވުމެވެ. ހައްދަވާގެންގުޅުއްވާ އިލާހެވެ. ޞަޙާބީންނަށް ލޯބިކުރާ މީހުންނަށް ރަޙްމަތް ލައްވާނދޭވެ. އަދި އެމާތް ޞަޙާބީންނަށް ލަޢުނަތް ދޭމީހުންނަށް  އިބައިލާހުގެ ޙަޟުރަތުން ލަޢުނަތް ލައްވާށިއެވެ. އާމީން.

-ނިމުނީ-
ކުރީގެ ބައި