[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ އޯގާތެރި ފިރިކަލުން – محمد رسول الله صلى الله عليه وسلم (7)

Enme Oagaatheri Firimeeha

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއިއެކު:

5. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ އިޙްސާސްތަކަށް އިޙްތިރާމްކުރައްވައި އަޅާލެއްވުން:

ޝައްކެއް ނެތެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ އޯގާތެރިކަމާއި، ރަޙުމުކުރުމާއި، އަޅާލުމުގައި މުޅި އިންސާނިއްޔަތަށް މިހާތަނަށް ފެނިގެންދިޔަ އެންމެ ރީތި ނަމޫނާއެވެ. އަދި އެހެން މީހުންގެ އިޙްސާސްތަށް ދެނެގަނެ، އެހެންމީހުންގެ އިޙްސާސްތަކަށް އިޙްތިރާމްކުރައްވާ މަތިވެރި ޝަޚްސިއްތަކަށް އެކަލޭގެފާނު ވެގެން ދިޔައެވެ. މިކަމުގެ ފުރިހަމަ ހެކި އެކަލޭގެފާނުގެ އަމިއްލަ ޒަވާޖީ ޙަޔާތްޕުޅާއި، އެކަލޭގެފާނުގެ މާތް ޞަޙާބީންނާއެކު އުޅުއްވެވި ދިރިއުޅުމުންވެސް ފެނިގެން ދެއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ހިނގާފައިވާ އެކިއެކި ޙާދިޘާތަކާބެހޭ ޙަދީޘްތަކުން އަޅުގަނޑުމެންނަށް މިކަން ފުރިހަމަޔަށް ހާމަވެއެވެ. މިގޮތުން އަނބިއަނބިކަނބަލުންގެ އިޙްސާސްތައް ދެނެގަތުމުގައި އެކަލޭގެފާނު އެ އަނބިކަނބަލެއްގެ މިޒާޖާއި ޢުމުރާ ގުޅޭފަދަ ގޮތަކަށް މުޢާމަލާތް ކުރައްވާ ހައްދަވައެވެ. މިފަދަ ޙާދިޘާތަކަށް ބަލައިލުމުން އަޅުގަނޑުމެންނަށް އެނގިގެންދަނީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ފުރިހަމަކަމާއި، އެކަލޭގެފާނު އުޅުއްވި ސާދާ ދިރިއުޅުއްވުމެވެ. އަދި އަޅުގަނޑުމެންގެ މި ދިރިއުޅުމާއި، ޒަވާޖީ ޙަޔާތުގައިވާ އުނިކަންތައްތަކެވެ.

އަނަސް ބްނު މާލިކު ރަޟިޔަﷲ ޢަންހުގެ ޙަދީޘެއް އައްތިރުމިޛީ (ރަޙިމަހުﷲ) ރިވާކުރެއްވިއެވެ. ޞަފިއްޔާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. އެއްފަހަރަކު ޙަފްޞާ ރަޟިޔަﷲ ޢަންހާ ތިމަންކަމަނާއާ ދިމާލަށް ވިދާޅުވިއެވެ. “ޔަހޫދީ ކަމަނާއެވެ.”(1) މީގެ ސަބަބުން ޞަފިއްޔާ ރަޟިޔަﷲ ޢަންހާއަށް ރޮވުނެވެ. އަދި އެކަމަނާ ރޯން އިންނަވަނިކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެތަނަށް ވަޑައިގެންނެވިއެވެ. އަދި އެކަމަނާއަށް ވީ ކީއްތޯ ސުވާލުކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. “ޙަފްޞާ ތިމަންކަމަނާއާ ދިމާލަށް ޔަހޫދީއެކޭ ވިދާޅުވީއެވެ.” ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާއަށް ޙަދީޘްކުރެއްވިއެވެ. “ކަމަނާއަކީ ﷲ ގެ ރާސޫލެއްގެ ދަރިކަނބަލެކެވެ.(އެބަހީ: ހާރޫން ޢަލައިހި ސަލާމްއެވެ.) އަދި ކަމަނާގެ ބޮޑުބޭބޭފުޅަކީ ﷲ ގެ ރަސޫލެކެވެ.(އެބަހީ: މޫސާ ޢަލައިހި ސާލާމްއެވެ.) އަދި މިހާރު ކަމަނާއަކީ ﷲ ގެ ރަސޫލާގެ އަނބިކަނބަލެކެވެ.(އެބަހީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ.) ކަމަނާއަށް ފަޚުރުވެރިވާނޭ އެތައްކަމެއް ވެއެވެ.” ދެން އެކަލޭގެފާނު (ޙަފްޞާ ރަޟިޔަﷲ ޢަންހާއަށް) ވިދާޅުވިއެވެ. “އޭ ޙަފްޞާއެވެ! ކަމަނާ ﷲ އަށް ބިރުވެތިވެލައްވާށެވެ!”(2)

އަދި ޢާއިޝާ ރަޟިޔަﷲ ގެ އަރިހުން ރިވާވެގެންވެއެވެ. (އެއްފަހަރަކު އެކަނބަލުން ދަރުތުރެއްގެ މަތީގައި ވަނިކޮށް) ޞަފިއްޔާ ރަޟިޔަﷲ ޢަންހާގެ ޖަމަލު ބަލިކަށިވެ ވެއްޓުނެވެ. އަދި ޒައިނަބު ރަޟިޔަﷲ ޢަންހާގެ އަތްޕުޅުގައި ގިނަ ޖަމަލު ހުރުމުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާއަށް ހަދީޘްކުރެއްވިއެވެ. “ޞަފިއްޔާގެ ޖަމަލު ބަލިކަށިވެ ވެއްޓިއްޖެއެވެ. ކަމަނާގެ ޖަމަލުތަކުގެ ތެރެއިން ޖަމަލެއް އެކަމަނާއަށް ދެވިދާނެހެއްޔެވެ؟” ޒައިނަބު ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “ތިމަންކަމަނާގެ ކިބައިން (ކަލޭގެފާނު އެދިވަޑައިގަންނަވަނީ) އެ ޔަހޫދީ ކަމަނާއަށް (ޖަމަލެއް) ދިނުމަށްތޯއެވެ؟”(3) ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ (އެކަމަނާގެ މި ބަސްފުޅަށް ނުރުހިވަޑައިގެން) އެކަމަނާގެ އަރިހުން ވަޑައިގެންނެވިއެވެ. އަދި އެކަމާ ހިތްހަމަޖެހިވަޑައިނުގެން، ދެމަސް ނޫނީ ތިންމަސް ވަންދެން އެކަމަނާއާ ދުރުވެވަޑައިގެން ހުންނެވިއެވެ. އެކަމަނާގެ ދާންކޮޅު ފައްޖަހައި، ދެން ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާއަށް މާފުކޮށްނުދެއްވާނެމަށް އެކަމަނާ ހީފުޅުކުރައްވަން ފެޓެވުމާ ހަމައަށެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. “(އެއީ)އެއްދުވަހެއްގެ މެންދުރެއްހާ އިރެވެ. އެކަލޭގެފާނު އެކަމަނާގެ(ޒައިނަބު ރަޟިޔަﷲ ޢަންހާގެ) ކޮޓަރިކޮޅަށް ވެދެވަޑައިގެންނެވިއިރު ތިމަންކަމަނާ އެކަލޭގެފާނާއެކު ވީމެވެ. އަދި އެކަމަނާ އެކަމަނާގެ ދާންކޮޅު އަލުން (އެދާންކޮޅު) އޮތްތަނުގައި އެޅުއްވިއެވެ.”(4)

މަތީގައި އެވާ ދެ ޙާދިޘާއިން އަޅުގަނޑުމެންނަށް ބަޔާންކޮށްދެނީ، އެކަލޭގެފާނުގެ އަނބިކަނބަލަކަށް ހިތާމައެއް ލިބެން އެކަލޭގެފާނު ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމެވެ. އަދި އަނބިއަނބި ކަނބަލުން ދިފާޢުކުރައްވާ، އެފަދަ ނާޒުކު ވަގުތުގައި އެކަނބަލުންނަށް އަޅާލައްވާ އޯގާވެތެރިވެވަޑައިގަންނަވާކަމެވެ. އަދި އެހެންމެ ޙަފްޞާގެފާނަށް “ކަމަނާ ﷲ އަށް ބިރުވެތިވެލައްވާށެވެ!” ޙަދީޘްކުރެއްވުމުން އެނގެނީ އެކަލޭގެފާނު އެފަދަ ވަގުތުގައިވެސް އަނބިކަނބަލުންނަށް އޯގާތެރިކަމާއެކު ނަޞޭޙަތްތެރިވެވަޑައިގެން ހެޔޮމަގަށް އަޅުއްވާކަމެވެ. އަދި ޒައިނަބު ރަޟިޔަﷲ ޢަންހާގެ ބަސްފުޅާމެދު ހިތްހަމަޖެހިވަޑައިނުގެން އެކަމަނާޔާ ދުރުވެވަޑައިގެންނެވީ، ޞައްފީ ރަޟިޔަﷲ ޢަންހާއަށް ނިކަމެތިކަމެއް ލިބުނަ ނުދެއްވުމަށާއި، އެކަމަނާއަށް އެކަމަނާގެ އެބަސްފުޅަކީ ރަނގަޅު ބަސްފުޅެއްނޫންކަން އިޙްސާސްވެ ވަޑައިގަތުމަށެވެ.

ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިހާރު ފެންނަމުންދާ ގިނަ މަންޒަރުތައް މިއާ މުޅިން ޚިލާފެވެ. އަނބިމީހާ ނުވަތަ ފިރިމީހާގެ ފަރާތުން ކުށެއް ފެންނައިރަށް އަޑުލައި، އެކަންތައް ބޮޑު މައްސަލައަކަށް ހަދާލާތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ. އަދި އެފަދަ ކުޑަ ކަމެއްގެ ސަބަބުން ދެމަފިރިންގެ ލޯބީގެ ޙަޔާތް ހަލަބޮލި ދިރިއުޅުމަކަށް ހަދާލާތަން ފެނެއެވެ. އަޑު އެހުމާއި، އޯގާތެރިކަމާއެކު ނަޞޭޙަތް ދިނުމާއި، ރީތިގޮތުގައި ވިސްނޭފަދަ އަދަބުތައް ދިނުމުގެ ބަދަލުގައި ގިނަ މީހުން ހިފަނީ ގޮތްދޫނުކުރުމާއި ހަރުކަށިކަމުގައެވެ. މިއީ ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާ މުޅިން ޚިލާފަށް ކުރެވޭ ކަންކަމެވެ.

ޢާއިޝާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގައި ވާގޮތުން، އެކަމަނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ކައިވެނިބައްލަވައިގެންނެވީ އެކަމަނާގެ ޢުމުރުފުޅުން ހަތް އަހަރުފުޅުގައެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާގެ ގާތަށް ވަޑައިގެން ރޭކުރައްވަންފެއްޓެވީ އެކަމަނާގެ ޢުރުފުޅުން ނުވަ އަހަރުފުޅުގައެވެ.(5) އޭރު އެކަމަނާ، އެކަމަނާޔާ އެއް ޢުމުރެއްގެ އެހެން ރަޙްމަތްތެރި އަންހެން ކުދިންނާއެކު ފޮތިން ހަދާފައިވާ ބުދު ބޭނުންކުރައްވައިގެން ކޫޅެހައްދަވެއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާގެ އަރިހަށް ވެދެވަޑައިގަތުމުން، އެކަމަނާގެ ރަޙްމަތްތެރިންތައް ފިލައެވެ. ނަމަވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް އެ ކުދިންގެ ގާތަށް ވަޑައިގެން ކުޅުން ކުރިއަށް ގެންދެވުމަށް ވިދާޅުވާކަމުގައިވެއެވެ.(6)

މިއީ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ އިޙްސާސްތައް ދެނެގަނެ އެކަނބަލުންގެ އިޙްސާސްތަކަށް އިޙްތިރާމްކުރެއްވި މިންވަރެވެ. އަދި އެއަނބިކަނބަލެއްގެ އިޙްސާސްތައް ދެނެގަތުމުގައި އެކަނބަލެއްގެ މިޒާޖަށް ވިސްނާވަޑައިގެންނެވި މިންވަރެވެ.

މީގެ އިތުރުންވެސް އެއްފަހަރަކު ދަތުރެއްގެ މަތީގައި ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަތްޕުޅުން އެކަމަނާގެ އުޚްތު އަސްމާ ރަޟިޔަﷲ ޢަންހާގެ އުޅާކޮޅު ގެއްލުމާ ގުޅިގެން، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޅި ލަޝްކަރު އެއްކޮށް އެ އުޅާކޮޅު ހޯއްދެވުމަށްޓަކައި މަޑުކުރުވިއެވެ.(7) މިކަމުން ދޭހަކޮށްދެނީ އެކަލޭގެފާނު އަމާނާތަށް ރައްކާތެރިވާ މިންވަރެވެ. އަދި އެކަލޭގެފާނުގެ އަނބިކަނބަލެއްގެ އަތްޕުޅުން އެފަދަ ކަމެއް ދިމާވުމުން އެކަމަށް އެހީތެރިވެ ވާގިވެރިވި މިންވަރެވެ.

– ނުނިމޭ –

(މި ލިޔުން ލިޔުމުގައި އެންމެ ގިނަ މަޢުލޫމާތުތައް ނަގަމުން މިދަނީ ‘ދަ ޕުރޮފެޓް މުޙައްމަދު – ދަ ބެސްޓް އޮފް އޯލް ހަސްބެންޑް’ މިފޮތުންނެވެ. އެހެންކަމުން ގިނަ މަސްދަރުތައް ނަގާފައިވާނީ މި ފޮތުގެ ފުޓްނޯޓުންނެވެ. ނަމަވެސް ލިޔުން ލިޔަމުން މިދަނީ ދިވެހި މުޖުތަމަޢާ ގުޅޭ އިތުރުބައިތަކާއި އިތުރު ނޯޓުތައް އިތުކޮށްގެނެވެ.)

_______________________________________

(1)،(3).  މުހިއްމު ނޯޓެއް: އެއްވެސް ޙާލެއްގައި މިތާ “ޔަހޫދީ” މިބަސް ބޭނުންކުރެވިފައި މިވަނީ އަޅުގަނޑުމެން ދިވެހިން ޢާންމުކޮށް ބޭނުންކުރާ ފަދަ މާނައެއްގައެއް ނޫނެވެ. އަޅުގަނޑުމެން ދިވެހިން މިބަސް ގިނަފަހަރު ބޭނުންކުރަނީ މަކަރުވެރި ހީލަލްތެރިންނަށެވެ. ނަމަވެސް މިތަނުގައި އެކަނބަލުން މިބަސް ޞަފިއްޔާ ރަޟިޔަﷲ ޢަންހާއާ ދިމާލަށް ވިދާލުވެފައި އެވަނީ އެކަމަނާއަކީ ޔަހޫދީ ދަރިކޮޅަށް ނިސްބަތްވާ ބޭކަނބަލަކަށް ވާތީއެވެ. والله أعلم

(5). މުހިއްމު ނޯޓެއް: އެއީ މީގެ 1400 އެތައް އަހަރެއް ކުރިއެވެ. އެޒަމާނުގައި ދިރިއުޅުނު މީހުންގެ ހެދިބޮޑުވުމުގެ ޙާލަތު މިހާރަށްވުރެ ވަރަށްބޮޑަށް ތަފުވާނެއެވެ. މިހާރު މިޒަމާނުގައިވެސް އެކި ޤައުމުތަކުގައި ހެދި ބޮޑުވުމުގެ ތަފާތުތައް ނުހަނު ބޮޑުވެފައި، ކައިވެނިކުރުމަށް ހަމަޖައްސާފައިވާ ޢުމުރުވެސް އެކި ޤައުމުތަކުގައި މިހާރުވެސް ތަފާތެވެ. އަދި އޭރު އެދުވަސްވަރު އެކަން އެއީ ޢަރަބިންގެ ތެރޭގައި މައްސަލަޔަކަށްވެ އައިބުކަމަކަށް ނުވެއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އެންމެ ޢަދާވާތްތެރި ‘އަބޫ ޖަހުލުވެސް’ މި ކަމުގައި ހިފައިގެން އެކަލޭގެފާނަށް ފުރަސާކޮށް ހަދާފައެއް ނުވެއެވެ. ހައިރާންވެ އަންތަރީސްވަނީ އޭގެ އެތައް ޤަރުނެއް ފަހުން އައި ބަޔަކު މިކަމާ ކަންބޮޑުވެ އައިބުކަމެއްކަމަށް ދެކިގެން އުޅޭތީއެވެ. މިއީ ހަމަ އެކަލޭގެފާނަށާއި މުސްލިމުންނަށް އަރާ ރުޅިނޫން ދެން ކޮންކަމެއް ހެއްޔެވެ!

މަޞްދަރުތައް:

 (2). އައްތިރްމިޛީ ޙަދީޘް ނަންބަރު 3894، އަލްބާނީ ރަޙިމަހުﷲ މިޝްކާތުލް މަޞާބީޙްގައި ޞައްހަކުރައްވާފާ (2/358).

(4). އަޙްމަދު ހަދީޘް ނަންބަރު 1699، 25718 އަލްބާނީ ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތް އައްތަރުޣީބު ވައްތަރުހީބުގައި މިއީ ޙަސަނު ދަރަޖައިގެ ޙަދީޘެއްކަމުގައި ވިދާޅުވަފައިވެއެވެ.

(6). މުސްލިމު ޙަދީޘް ނަންބަރު 81، 4939.

(7). މުސްލިމު ޙަދީޘް ނަންބަރު 367

އެހެންބައިތައް