[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ލެއި ގަނެވިއްކުން (1)

blood donation

ލެއަކީ އިންސާނާގެ ހަށިގަނޑުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ މާއްދާއެކެވެ. އިންސާނާގެ ހަށިގަނޑު ހެދިބޮޑުވުމަށާއި، ގުނަންތަކުން ހަރަކާތްތެރިވުމަށާއި، ހަށިގަނޑުގައިވާ ވިހަ މާއްދާތައް ހަށިގަނޑުން ބޭރުކުރުމަށާއި، ތަފާތު ބަލިތަކުން ހަށިގަނޑު ރައްކާތެރިކުރުމުގެ ދިފާޢީ ނިޒާމުގެ މުހިއްމު ދައުރެއް ލެއި އަދާކުރެއެވެ. ލެއިގެ އަޞްލަށް އަންނަ ކޮންމެ ބަދަލަކީ ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރުކުރުވާނެކަމެކެވެ. އަދި ހަށިގަނޑަށް ލެއި ބޭނުންވާވަރަށްވުރެ މަދުވެއްޖެނަމަ، ހަށިގަނޑަށް ލެއި ނުލިބިއްޖެނަމަ މަރާ ކުރިމަތިލާންޖެހެއެވެ.

ލެއަކީ މިހާމުހިއްމު އެއްޗަކަށްވާއިރު، މިޒަމާނުގައި ތަފާތު ބަލިތަކުގައި ހަށިގަނޑުން ލެއި މަދުވެއްޖެނަމަ ހަށިގަނޑަށް ލެއި އަޅަންޖެހެއެވެ. ބައެއް ވައްތަރުގެ ލެއި ފަސޭހަކަމާއެކު ލިބޭއިރު، އަނެއްބައި ވައްތަރުގެ ލެއަކީ ހޯދަން ދަތި ވައްތަރުގެ ލެއެވެ.

ތެލެސީމިއާ ބަލިމީހުންނަށާއި، އެނީމިއާ ފަދަ ބަލިމީހުން ދުނިޔޭގައި އުޅުމަށްޓަކައި ލެއި ބަދަލުކުރަންޖެހެއެވެ. ހަމައެފަދައިން ތަފާތު އެކްސިޑެންޓުތަކާއި، ޤުދުރަތީ ކާރިސާތަކުގައި ޒަޚަމްވާމީހުންގެ ހަށިގަނޑަށް ލެއި އަޅަންޖެހޭ ޙާލަތްތައް ވަރަށް ގިނައިން ދިމާވެއެވެ. މީގެން ބައެއް ބަލިތަކާއި، ޙާލަތްތަކުގައި އެއްފަހަރަށްވުރެ ގިނަ ފަހަރު ލެއި ބަދަލުކުރަންޖެހޭ ފަހަރު ފަހަރު އާދެއެވެ. މިފަދަ ޙާލަތްތަކުގައި ލެއި ހޯދަންޖެހެނީ ސަލާމަތުން ހުރި މީހުންގެ ފަރާތުންނެވެ. ބަލިމީހާގެ ލެއާ އެއްފަދަ ލެއެއް ހުރިމީހުންގެ ހަށިގަނޑުން ލެއި ނަގައިގެން ބަލިމީހާގެ ހަށިގަނޑަށް ޖެހެނީ ލެއި އަޅާށެވެ.

ކަންމިހެންހުރިއިރު، ބަލިމީހަކަށް ލެއި ހޯދާމީހާއަށާއި ލެއި ދިނުމަށް އެދޭމީހަކަށް އެންމެ މުހިއްމު އެއްކަމަކަށް ވާނީ އިސްލާމްދީނުގައި މިކަމާބެހޭގޮތުން އައިސްފައިވާގޮތެއް އެނގުމެވެ. ބޭނުންވެއްޖެނަމަ ލެއި އަނެކާއަށް ވިއްކިދާނެބާއެވެ؟ ލެއި ވިއްކާމީހެއްގެ އަތުން ލެއި ގަތުމަކީ ކޮންކަހަލަކަމެއްބާއެވެ؟ ހޯދަން އުނދަގޫ ލެއެއް ގަނެގެންނޫނީ ލިބެން ނެތްނަމަ ކަންތައްކުރާނީ ކިހިނެއްބާއެވެ؟ ލެއި ރައްކާކުރާ ބޭންކުތަކުން ނަގާ އަގު ހުއްދަވާނެބާއެވެ؟ އެގޮތަށް އެފަދަ ލެއިގެ ބޭންކުތަކަށް ފައިސާދިނުން ހުއްދަވާނެބާއެވެ؟ މިފަދަ އެތައް ސުވާލެއް މިކަމުގައި އުފެދިގެން ދެއެވެ.

ﷲގެ އިރާދަފުޅާއެކު، އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތްތަކުގެ އެހީގައި މި ސުވާލުތަކަށް ޖަވާބުދިނުމަށް ފަށައިގަންނަމެވެ.

ލެއަކީ ނަޖިހެއްތޯއެވެ؟

މަޢުޟޫޢަށް އަލިއަޅުވާލުމުގެ ކުރިން ލެއަކީ ނަޖިހެއްތޯ ނުވަތަ ނޫންތޯ ބަލާލުމަކީ މުހިއްމުކަމެކެވެ. އެހެނީ، މިކަމުގެ މައްޗަށް ލެއިގެ ގަނެވިއްކުމުގެ ޙުކުމް ވަރަށް ބޮޑަށް ބިނާވެގެންވެއެވެ. މިމަސްއަލައަކީ ދިގުކޮށް ބަހުޘް ކުރެވިދާނެ މަސްއަލައެކެވެ. މިތަނުގައި ކުރުގޮތަކަށް މިމަސްއަލައަށް އަލިއަޅުވާލަމެވެ.

މިގޮތުން އިންސާނާގެ ލެއަކީ ނަޖިހެއްތޯ ނުވަތަ ނޫންތޯއާމެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވެއެވެ. ބައެއް ޢިލްމުވެރިންގެ އަރިހުގައި އިންސާނާގެ ލެއަކީ ނަޖިހެކެވެ. އެއީ ޙައިޟުގެ ލެއިކަމުގައިވީނަމަވެސް، ނުވަތަ ދެދޮރުންކުރެ ދޮރަކުން ނިކުތް ލެއެއްކަމުގައިވީނަމަވެސް، ނުވަތަ ފާރުގަނޑަކުން ނިކުތް ލެއެއްނަމަވެސް ފަރަޤުކުރުމެއްނެތިއެވެ. ކާފަރެއް މުސްލިމެއް ފަރަޤުކުރުމެއް ނެތިއެވެ. އިންސާނާގެ ލެއަކީ ނަޖިހެއްކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ އަރިހުގައި އިންސާނާގެ ލެއި ހެދުމުގައި ޖެހިއްޖެނަމަ ސާފުކުރުން ލާޒިމުވާނެއެވެ. އަދި ލެއި ގަނެވިއްކުންވެސް ނަޖިހަކަށްވުމުގެ ސަބަބުން ޙަރާމްވާނެއެވެ. މިބޭކަލުންގެ ދަލީލުތަކަކީ؛

1. އިޖުމާޢު ނަޤުލުވެފައިވުން.

އިންސާނާގެ ލެއަކީ ނަޖިހެއްކަމަށް އިމާމް އަޙްމަދާއި، އިބްނު ޢަބްދުލް ބައްރު ‘އައްތަމްހީދު’ ގައާއި، އަންނަވަވީ ‘އަލްމަޖްމޫޢު’ ގައި މުސްލިމުން އިޖުމާޢުވެފައިވާކަމަށް ނަޤުލުކުރައްވާފައިވެއެވެ. އަދި އިބްނު ޙަޒްމު ‘އަލްމަޖްމޫޢު’ ގައާއި، އަލްޤުރުޠުބީ އެކަލޭގެފާނުގެ ތަފްސީރުގައާއި، އިބްނު ޙަޖަރު ‘ފަތުޙުލްބާރީ’ގަ އާއި، އިބްނުލް ޤައްޔިމް ‘ބަދާއިޢުލް ފަވާއިދު’ ގައި ލެއަކީ ނަޖިހެއްކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާކަމަށް ވިދާޅުވެފައިވެއެވެ.

2. ޙައިޟުގެ ލެއާއި އިސްތިޙާޟާގެ ލެއަށް ޤިޔާސްކުރުން.

ބުޚާރީއާއި މުސްލިމް ގެންނަވާފައިވާ އަސްމާ ބިންތި އަބީބަކުރު ރަޟިޔަﷲ ޢަންހާގެ ޙަދީޘްގައި، ޙައިޟުގެ ލެއި ދޮވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އަންގަވާފައެވެ. އެހެންކަމުން، ޙައިޟުގެ ލެއާ އެއްފަދައިން އެހެން ލެއަކީވެސް ނަޖިސް ލެއެކެވެ. އަދި ބުޚާރީއާއި މުސްލިމް ގެންނަވާފައިވާ، ފާޠިމާ ބިންތި އަބީ ޙުބައިޝް ރަޟިޔަﷲ ޢަންހާ އިސްތިޙާޟާގެ ލެއާބެހޭގޮތުން ސުވާލުކުރެއްވުމުން ނަމާދުކުރުމަށް ލެއި ދޮވުމަށް އަންގަވާފައިވެއެވެ. ނަޖިހަކަށް ނުވާނަމަ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ލެއި ދޮވުމަށް އަމުރުނކުރެއްވީހެވެ.

ކުރުގޮތަކަށް ބަޔާންވެމިދިޔައީ އިންސާނާގެ ލެއަކީ ނަޖިހެއްކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ދަލީލުތަކެވެ. ދެން، އިންސާނާގެ ލެއަކީ ނަޖިހެއް ނޫންކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ބަސްފުޅަށް ޖެހިލަމާތޯއެވެ. ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭކަލުން ޙައިޟުގެ ލެއާއި، ދެދޮރުންކުރެ ދޮރަކުން ނޫންތަނަކުން ނުކުންނަ ލެއަކީ ނަޖިހެއްނޫންކަމަށް ވިދާޅުވެއެވެ. މިފަދައިން ވިދާޅުވެލައްވާ ޢިލްމުވެރިންގެ ތެރޭގައި އައްޝަވްކާނީއާއި، ‘އައްރައުޟަތުއް ނަދިއްޔާ’ ގައި ވާގޮތުން ޞިއްދީޤު ޙަސަން ޙާން އަލްގަންނޫޖީއާއި، ‘އައްޝަރަޙު އަލްމުމްތިޢު’ ގައި ވާގޮތުން އިބްނު ޢުޘައިމީންއާއި، ‘ސިލްސިލަތުއް ޞަޙީޙާ’ އަދި ފިޤްހުއް ސުންނާގެ ތަޢުލީޤުގައި ވާގޮތުން ޝެއިޚް އަލްއަލްބާނީ ހިމެނެއެވެ. މިބޭކަލުން ގެންނަވާ ދަލީލުތަކަކީ؛

1. ޞަޙާބީންނަކީ ހަނގުރާމަކުރައްވާ އުޅުއްވި ބޭކަލުންކަމާއި، ހަނގުރާމަތަކުގައި ލެ އުނގުޅޭނެކަމާއި، ނަމަވެސް އެއްވެސް ޞަޙާބީ ބޭކަލެއް ނަމާދުކުރެއްވުމަށް އެ ލެއި ދޮންނެވިކަމެއް ޘާބިތުވާން ނެތުމެވެ.

2. ދަލީލެއް ނާންނަހާހިނދަކު، އަޞްލަކީ ޠާހިރުވުމެވެ. ޢާއްމުކޮށް އިންސާނާގެ ލެއަކީ ނަޖިހެއްކަމަށް އެއްވެސް ދަލީލެއް ނެތުމެވެ.

3. އިންސާނާގެ ލެއަކީ ނަޖިހެއްނަމަ ޝަހީދުން ވަޅުލާއިރު ލެއިތައް ދޮންނަން އަންގަވާފައި އޮންނާނެ އެވެ. އެހެންނަމަވެސް، ޝަހީދުން ހިނެވުމެއް ނޯވެއެވެ.

4. އިސްތިޙާޟާގެ ލެއަކީ ނަޖިހެއްނަމަ، އިސްތިޙާޟާގެ ލެއި އަންނައިރު ޙައިޟުގެ ލެއި އަންނައިރު ޖިމާޢުވުން ޙަރާމްވެގެންވާފަދައިން ޙަރާމްވާނެއެވެ. އިސްތިޙާޟާގެ ލެއި އަންނައިރު ޖިމާޢުވުން ޙަރާމްވެފައިނެތުމުން ދޭހަކޮށްދެނީ ޙައިޟުގެ ލެއާއި އިސްތިޙާޟާގެ ލެއާ ތަފާތުކަމެވެ.

5. އެކި ބޭކަލުން ގެންނަވާފައިވާ އިޖުމާޢުގެ ބަސްފުޅާ ޞަޙާބީންގެ ޢަމަލުފުޅުތަކާއި އެހެން މަސްއަލަތަކުގައި އިޖުމާއުގެ ބަސްފުޅާ ތަޢާރުޟުވާތީ، އެއީ މުޢުތަބަރު އިޖުމާޢުގެ ބަހެއްކަމުގައި ނުވުމެވެ.

މި މަސްއަލާގައި ޢިލްމުވެރިންގެ ބަސްފުޅުތައް މިފަދައިން ހުރިއިރު، ލެއަކީ ނަޖިހެއްކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ބަސްފުޅަށް ބުރަވާކަމުގައިވަނީނަމަ، ލެއަކީ ނަޖިހަކަށް ވުމުގެ ސަބަބުން ލެއި ގަނެވިއްކުން ޙަރާމްވާނެއެވެ. ނަޖިހެއް ނޫންކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ބަސްފުޅަށް ބުރަވާކަމުގައިވަނީނަމަ، ނަޖިހަކަށްވުމުގެ ސަބަބަކުން ލެއި ގަނެވިއްކުން ޙަރާމެއްނުވާނެއެވެ. ނަމަވެސް ލެއި ވިއްކުން ޙަރާމްވާ އެނޫން ދަލީލުތައް އައިސްފައިވެއެވެ. (ނުނިމޭ)