[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ލެއި ގަނެވިއްކުން (2)

blood donation

ލެއި ވިއްކުމުގެ ޙުކުމް:

ލެއި ވިއްކުމަކީ ޙަރާމްވެގެންވާ ކަމެކެވެ. މިކަމުގެ ޙަރާމްކަން ވަނީ ކީރިތި ޤުރުއާނުންނާއި ސުންނަތުންނާއި އިޖުމާޢުން ޘާބިތުވެފައެވެ.

ޤުރުއާނުގެ ދަލީލުތައް:

ﷲ ވަޙީ ކުރައްވާފައިވެއެވެ. ((حُرِّمَتْ عَلَيْكُمْ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنزِيرِ)) المائدة: 3 މާނައީ: “މުޅަތަކެއްޗާއި، (އޮހޮރޭ) ލެޔާއި، އޫރުމަސް ތިޔަބައިމީހުންގެ މައްޗަށް ޙަރާމްވެގެންވެއެވެ.”

އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((إِنَّمَا حَرَّمَ عَلَيْكُمْ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللَّهِ فَمَنْ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَا إِثْمَ عَلَيْهِ إِنَّ اللَّهَ غَفُورٌ رَحِيمٌ)) البقرة:173 މާނައީ: “ތިޔަބައިމީހުންނަށް އެކަލާނގެ ޙަރާމް ކުރައްވާފައިވާކަން ކަށަވަރީ، މުޅަ ތަކެއްޗާއި، ލެޔާއި، އޫރުމަހާއި، ﷲ ފިޔަވައި އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗެވެ. ފަހެ، މަޖުބޫރު ވެއްޖެމީހާ ނުކިޔަމަންތެރިކަމެއް އަދި ހައްދުފަހަނަޅައި ދިޔުމެއްނެތި (އެތަކެތިން ކެއުމުގައި) އެމީހާގެ މައްޗަކަށް ފާފައެއް ނެތެވެ. ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމް ވަންތަ ރަސްކަލާނގެއެވެ.”

އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((إِنَّمَا حَرَّمَ عَلَيْكُمْ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنْزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ فَمَنْ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ اللَّهَ غَفُورٌ رَحِيم)) النحل:115 މާނައީ: “ތިޔަބައިމީހުންނަށް، އެކަލާނގެ حرام ކުރައްވާފައިވާކަން ކަށަވަރީ، މުޅަތަކެއްޗާއި، ލެޔާއި، އޫރުމަހާއި، ﷲ ފިޔަވައި އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗެވެ. ފަހެ، ނުކިޔަމަންތެރިވެ، ދެކޮޅުވެރިވުމެއް އަދި ހައްދުފަހަނަޅައިދިއުމެއް ނެތި، މަޖުބޫރު ވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެވެ.”

މިއާޔަތްތަކުން ދަލީލުނެގޭގޮތް: މިއާޔަތްތަކުގައި ﷲ ތަޢާލާ އެވަނީ ލެއި ކެއުން ޙަރާމްކުރައްވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްގައިވާފަދައިން އެކެއުން ޙަރާމްވެފައިވުމުން އެ ވިއްކުން ޙަރާމްވާނެއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. ((إِنَّ اللَّهَ إِذَا حَرَّمَ عَلَى قَوْمٍ أَكْلَ شَىْءٍ حَرَّمَ عَلَيْهِمْ ثَمَنَهُ)) (أخرجه أبو داود و ابن حبان و ابن المنذر في الأوسط) މާނައީ: “ހަމަކަށަވަރުން ﷲ ބައެއްގެ މައްޗަށް އެއްޗެއް ކެއުން ޙަރާމްކުރައްވައިފިނަމަ، އެބައެއްގެ މައްޗަށް އެވިއްކައިގެން ލިބޭ ފައިދާ ޙަރާމްކުރެއްވިއެވެ.” އަދިވެސް ޔަހޫދީންނާބެހޭގޮތުން އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((قَاتَلَ اللَّهُ يَهُودَ حُرِّمَتْ عَلَيْهِمْ الشُّحُومُ فَبَاعُوهَا وَأَكَلُوا أَثْمَانَهَا)) (البخاري) މާނައީ: “ﷲ ޔަހޫދީން ޤަތުލުކުރައްވާށިއެވެ! އެބައިމީހުންނަށް ސަރުބީ ޙަރާމްކުރެވުނެވެ. އެހެންނަމަވެސް، އެބައިމީހުން އެވިއްކާ އަދި އެއިން ލިބޭ ފައިދާތައް ކައި އުޅުނެވެ.” މިޙަދީޘުން ދަލީލު ލިބޭގޮތުގައި ޝަރީޢަތުގައި ކެއުން ޙަރާމް ކުރައްވާފައިވާ އެއްޗެއް ވިއްކައިގެން ލިބޭ ފައިދާވެސް ޙަރާމްވެގެންވެއެވެ. (ބައްލަވާ: المحلي 9/8 ، وأحكام القرآن للجصاص 1/117 ، فتح الباري 4/415 – 416)

ސުންނަތުގެ ދަލީލުތައް:

އަބޫ ޖުޙައިފާ ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވެއެވެ. ((إِنَّ رَسُول اللهِ صلى الله عليه وسلم حرَّمَ ثَمَنُ الدَّمِ)) (البخاري: 2209)މާނައީ: “ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ލެއި ވިއްކައިގެން ލިބޭ ފައިދާ ޙަރާމްކުރެއްވިއެވެ.”

މިޙަދީޘުން ދަލީލު ނެގޭގޮތް: އައްޝައުކާނީ ވިދާޅުވެފައިވެއެވެ. “(މި ޙަދީޘްގައި) ޙަރާމްއޭ ބުނެވުމުގެ މުރާދަކީ ލެއި (ވިއްކައިގެން ލިބޭ) އަގެވެ. ފަހެ އެހެންކަމުން މިޙަދީޘުން ދަލީލުކޮށްދެނީ އެ ވިއްކުން ޙަރާމްކަމެވެ.” (نيل الأوطار).

އިޖުމާޢު:

ލެއި ވިއްކުމަކީ ޙަރާމްވެގެންވާ ކަމެއްކަމުގެ އިޖުމާޢު އިބްނުލް މުންޛިރާއި، އައްޝަވްކާނީއާއި، އިބްނު ޙަޖަރު ނަޤުލުކުރައްވާފައުވެއެވެ. އިބްނު ޙަޖަރު ‘ފަތުޙުލް ބާރީ’ ގައި ވިދާޅުވެފައިވެއެވެ. “އެ (އެބަހީ: ލެއި) އިޖުމާޢުން ޙަރާމެވެ. އެބަހީ؛ ލެއި ވިއްކުމާއި، އޭގެ ފައިދާގައި ހިފުމެވެ.”

ލެއި ވިއްކުން ޤުރުއާނުންނާއި ސުންނަތުންނާއި އިޖުމާޢުން ޙަރާމްވެފައިވާއިރު، ލެއި ވިއްކައިފިނަމަ އެމުޢާމަލާތުގެ ޙުކުމަކީ ކޮބާ؟

ލެއި ވިއްކުމަކީ ފިޤުހު ޢިލްމުވެރިންގެ އަރިހުގައި ބާޠިލު ވިއްކުމެކެވެ. ލެއި ވިއްކައިފިނަމަ ލެއި ގަތްފަރާތަށް އޭގެ އަގު އަނބުރާ ރައްދުކުރުން ވާޖިބުވާނެއެވެ. އެހެނީ، ލެއަކީ ނަޖިސް، ގަނެއްވިއްކުން ހުއްދަނޫން އެއްޗެކެވެ. އަދި ލެއި މިލްކުކުރުން ހުއްދަވެގެންނުވެއެވެ. މިލްކުކުރުން ޞައްޙަނުވާ އެއްޗެއް ވިއްކުމަކީ ހުއްދަކަމެއް ނޫނެވެ. އަދި ހަމައެހެންމެ، އޭގެ ނަޖިސްކަމާހުރެ ކެއުންވެސް ޞައްޙަވެގެންނުވެއެވެ. އަދި ބަޔާންވެދިޔަ އަބޫ ޖުޙައިފާގެ ޙަދީޘްގައިވާ ފަދައިން ޝަރުޢީގޮތުން އެ ވިއްކުންވެސް ޞައްޙަވެގެންނުވެއެވެ. އެހެންކަމުން، އޭގެ އަގުގައި ހިފުމަކީ މީސްތަކުންގެ މުދާ ބާޠިލުގޮތުގައި ކެއުމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((لا تَأْكُلُوا أَمْوَالَكُمْ بَيْنَكُمْ بِالْبَاطِلِ)) (النساء: 29) މާނައީ: “ބާޠިލުގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ!”

އަދި ހަމައެހެންމެ، ލެއަކީ އެއްވެސްމީހެއްގެ މިލްކިއްޔާތުގެގޮތުގައި ގުނޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން، ލެއި ވިއްކައިފިނަމަ ބެލެވޭނީ މިލްކު ނުވާ އެއްޗެއް ވިއްކުންކަމުގައެވެ. ލެއަކީ މިލްކުވާ އެއްޗެއްނަމަ އިންސާނާ މަރުވުމުން އޭނާގެ ވާރުތަވެރިންނަށް ލެއި ވާރުތަކުރާނެއެވެ. އެގޮތަށް ވާރުތަވެރިންނަށް ލެއި ވާރުތަނުކުރާތީ އެނގޭކަމަކީ ލެއަކީ މިލްކިއްޔާތުގެގޮތުގައި ގުނޭނެ އެއްޗެއް ނޫންކަމެވެ. ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައިވާގޮތުގައި މިލްކު ނުވާއެއްޗެއް ވިއްކައިފިނަމަ އެވިއްކުން ބާޠިލުވެގެންވެއެވެ.

ލެއި ވިއްކުން ނަހީވެގެންވުމުގެ ޢިއްލަތް:

ލެއަކީ ނަޖިހެއްކަމަށް ވިދާޅުވެލައްވާ ޢިލްމުވެރިންގެ އަރިހުގައި، ލެއި ވިއްކުން ނަހީވެގެންވުމުގެ ޢިއްލަތަކީ ނަޖިހަކަށްވުމެވެ. އިބްނު ރުޝްދު ވިދާޅުވެފައިވެއެވެ. “ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާގޮތުގައި އެއްގަމު ޖަނަވާރުންގެ ލެއަކީ ޙަރާމް އެއްޗެކެވެ.” (ބިދާޔަތުލް މުޖުތަހިދު: 4/79)

އިބްނުލް ޢަރަބީ ‘އަޙްކާމުލް ޤުރުއާން’ ގައި ވިދާޅުވެފައިވެއެވެ. “ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާގޮތުގައި ލެއަކީ ނަޖިސް ޙަރާމް އެއްޗެކެވެ. އަދި އެ ނުކެވޭނެއެވެ. އަދި އޭގެން މަންފާއެއްވެސް ލިބިނުގަނެވޭނެއެވެ.”

މިކަމުގެ މައްޗަށް ބިނާކޮށް، ކެއުން ޙަރާމް ކޮންމެ އެއްޗަކީ އިޖުމާޢުން ވިއްކުން ހުއްދަނޫން އެއްޗެކެވެ.

(ނުނިމޭ)

_______________________

ލެއި ގަނެވިއްކުން (1)