[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ލެއި ގަނެވިއްކުން (3)

blood donation

ބޭނުންޖެހިފައިވާމީހަކަށް ލެއި ގަތުން:

މީގެ މިސާލަކީ ލެއި ފޭބުމުގެ ސަބަބުން ލެއި ގަތުމަށް ބޭނުންޖެހިފައިވާ ބަލިމީހުންނެވެ. މިފަދަ މީހަކަށް ލެއި ގަނެވިއްކުމުގެ ޙުކުމެވެ.

މިޒަމާނަކަށްއައިސް ޞިއްޙަތު ރަނގަޅުމީހާގެ ލެއި، ލެއި ފޭބުމުގެ ސަބަބުން ލެއަށް ބޭނުންވާ ބަލިމީހުންނަށް އެޅުމުގެ އޮޕްރޭޝަން ވަރަށް ގިނައިން ކުރެވެއެވެ. ނުވަތަ ލެއިގެ ކެންސަރުޖެހިފައިވާމީހުން، އެމީހުން ދުނިޔޭގައި އަޅުމަށްޓަކައި ލެއި ބަދުލުކުރުމަށް ބޭނުންވެއެވެ. އެހެންނޫންވެއްޖެނަމަ، އެފަދަ ބަލިމީހުން މަރުވުމާއި، ނުވަތަ ހަލާކާ ކުރިމަތިލާންޖެހެއެވެ. މިސަބަބާހުރެ، ޞިއްޙަތު ރަނގަޅުމީހުންގެ ލެއި އެފަދަ ބަލިމީހުންނަށް އަޅަންޖެހެއެވެ. އެފަދަ މީހެއްގެ ހިތުގައި އުފެދޭނެ އަދި ޖަވާބު ލިބުމަށް އެންމެ ބޭނުންޖެހިފައިވާ ސުވާލަކީ: ކުރިން ބުނެވިދިޔަފަދައިން ލެއި ވިއްކުމަކީ ޙަރާމްކަމަކަށްވާއިރު، މަރުންނާއި ހަލާކުން ސަލާމަތްވުމަށްޓަކައި ލެއި ގަތުމަކީ ހުއްދަކަމެއްތޯ ނުވަތަ ނޫންކަމެއް ތޯއެވެ؟

މިމަސްއަލާގައި ކުރީގެ ފިޤުހުވެރިން ކިބައިން ނައްޞެއް އައިސްފައިވާކަމެއް އެނގޭކަށް ނެތެވެ. އެއީ އެއްވެސް ޙާލެއްގައި އެބޭކަލުންގެ ފަރުވާކުޑަކަމަކުންނޫނެވެ. އަދި އެކަމުގެ ޙުކުމް ކަނޑައެޅުމަށް ނުކުޅެދުންތެރިވެގެންވެސް ނުމެނޫންމެއެވެ. އެހެނެއްކަމަކު، އެއީ އެބޭކަލުންގެ ޒަމާނުގައި މިފަދައިން ކަންހިނގާފައިނުވާތީއެވެ. އެހެންނަމަވެސް، މިއާގުޅޭ މަސްއަލަތަކުގައި އެބޭކަލުން ވާހަކަފުޅު ދައްކަވާފައިވެއެވެ. މިސާލަކަށް، ޟަރޫރަތަކަށްޓަކައި އޫރުގެ ކެހެރި ގަތުމެވެ. މީގެ ތަފްޞީލު އަދިފަހުން އަންނަހުއްޓެވެ.

މިސުވާލުގެ ޖަވާބު ދިނުމުގައި ތަފްޞީލުތަކަކަށް ބޭނުންވެގެންވެއެވެ. އެގޮތުން ފުރަތަމައީ: ބޭނުންޖެހިފައިވާމީހާ ލެއިގަތުމުގައި ދެ ޙާލަތެއްވެއެވެ.

ފުރަތަމަ ޙާލަތު: ބޭނުންޖެހިފައިވާމީހާއަށް އެ ލެއި ހޯދާނެ މަގެއް ފެނުމެވެ. އެއީ އެމީހާއަށް ހެޔޮއެދޭމީހުންނާއި، ލެއި ހަދިޔާކުރާމީހުންގެ ފަރާތުން ލެއި ލިބުން، ނުވަތަ ސަރުކާރު ހޮސްޕިޓަލުތަކުން ހިލޭ ބަލިމީހުންނަށް ލެއި ލިބޭގޮތަށް ހަދާފައިވާ ތަންތަނުން ލެއި ލިބުމެވެ. އެ ބޭނުންޖެހިފައިވާމީހާއަށް ލޭހަދިޔާކުރާމީހެއްގެ ފަރާތުން ނުވަތަ ހޮސްޕިޓަލުން ހިލޭ ލެއި ލިބެން އޮއްވައި ލެއި ގަތުން ޙަރާމްވާނެއެވެ. އެހެނީ، ވިއްކުން ޙަރާމް އެއްޗެއް ޟަރޫރީ ޙާލަތުގައި ހުއްދަވާ ދަރަޖައަށް އެމީހާގެ ޙާލަތުނުދެއެވެ.

ދެވަނަ ޙާލަތު: ލެއި ހަދިޔާކުރާމީހަކު ނުލިބި، ނުވަތަ ހޮސްޕިޓަލުންވެސް ހިލޭ ލެއި ނުލިބި، ލެއި ގަތުން ފިޔަވައި އިތުރުގޮތެއް ނެތިއްޖެނަމަ، މިފަދަ ޙާލަތުގައި ޟަރޫރަތަކަށްޓަކައި ލެއި ގަތުން ހުއްދަވާނެއެވެ. އެއީ މަރުން ރައްކާތެރިވެ، ދިރިހުރުން ރައްކާތެރިކުރުމަށެވެ. މި ޙާލަތުގައި ލެއިގަތުމަކުން ކުށެއްނެތެވެ. އަދި އެ ލެއިގެ އަގު ދިނުމަށް ކުޅަދާނަވެގެންވާމީހާއަށް މިފަދަ ޙާލަތެއްގައި ލެއި ގަތުން ވާޖިބުވެގެންދެއެވެ. އެއީ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ((وَلا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ)) (البقرة: 195) މާނައީ: “އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ!”

މިފަދަ ޙާލަތުގައި އެފަދަ މީހަކު ލެއި ނުގަނެއްޖެނަމަ އެމީހަކު ފާފަވެރިވާނެއެވެ. އެހެނީ، އެމީހާ، އެމީހާގެ ނަފްސު މަރަށް ހުށަހެޅީތީއެވެ. އެނަފްސަކީ އެމީހާގެ މިލްކެއް ނޫނެވެ. އެއީ އެނަފްސު ޚަލްޤުކުރެއްވި އިލާހުގެ މިލްކެކެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. ((وَلا تَقْتُلُوا أَنفُسَكُمْ)) (النساء: 29) މާނައީ: “އަދި ތިޔަބައިމީހުންގެ ނަފްސުތައް ޤަތުލުނުކުރާށެވެ.”

އިބްނުލް ޢަރަބީ ވިދާޅުވެފައިވެއެވެ. ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. “މުޅަތަކެއްޗާއި ލެއި ކެއުމަށް ޟަރޫރަތަށްޖެހިގެންވާމީހާ އެނުކައިފިނަމަ، އެމީހަކަށް ﷲ (އެފާފަ) ޢަފޫނުކުރައްވައިފިނަމަ ޖެހޭނީ ނަރަކައަށް ވަންނާށެވެ. (އެބަހީ: އެއީ ބޮޑުފާފައެކެވެ.)” (أحكام القرآن لابن العربي (1/53)) ޟަރޫރީ ޙާލަތުގައި އެމީހާއަށް ލެއި ކެއުން ހުއްދައިރު، ޟަރޫރީ ޙާލަތުގައި ލެއި ގަތުންވެސް ހުއްދަވާނެއެވެ.

ބޭނުންޖެހިގެންވާމީހާ ލެއި ގަތުމަކީ ހުއްދަކަމެއްކަމުގެ ދަލީލު ދަންނައެވެ. އެއީ:

ފުރަތަމައީ: ކީރިތި ޤުރުއާނުގެ ދަލީލެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((إِنَّمَا حَرَّمَ عَلَيْكُمْ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللَّهِ فَمَنْ اضْطُرَّ غَيْرَ بَاغٍ وَلا عَادٍ فَلا إِثْمَ عَلَيْهِ)) (البقرة: 173) މާނައީ: “ތިޔަބައިމީހުންނަށް އެކަލާނގެ ޙަރާމްކުރައްވާފައިވާކަން ކަށަވަރީ، މުޅަ ތަކެއްޗާއި، ލެޔާއި، އޫރުމަހާއި، ﷲ ފިޔަވައި އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗެވެ. ފަހެ، މަޖުބޫރުވެއްޖެމީހާ ނުކިޔަމަންތެރިކަމެއް އަދި ހައްދުފަހަނަޅައި ދިޔުމެއްނެތި (އެތަކެތިން ކެއުމުގައި) އެމީހާގެ މައްޗަކަށް ފާފައެއް ނެތެވެ.”

މިއާޔަތުން ދަލީލުނެގޭ ގޮތް: ހަމަކަށަވަރުން ﷲ ތަޢާލާ ވަނީ މުޅަތަކެއްޗާއި، ލެއާއި، އޫރުމަހާއި، އެހެން ފަރާތްތަކަށް ކަތިލެވޭތަކެތި ޙަރާމްކުރައްވާފައެވެ. އޭގެ ފަހުގައި އެއަންގަވަނީ ޟަރޫރަތްޖެހިގެންވާ ޙާލަތުގައި އެތަކެތި ކެއުން ހުއްދަކަމުގައެވެ. ޟަރޫރީ ޙާލަތުގައި އެމީހާއަށް އެތަކެތި ކެއުން ހުއްދަވާއިރު، ޟަރޫރީ ޙާލަތުގައި އެތަކެތި ގަތުންވެސް ހުއްދަވާނެއެވެ. ފަހެ، އެހެނީ ކެއުން ޙަރާމްވުމަކީ ގަނެވިއްކުން މަނާކުރާކަމެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((إِنَّ اللَّهَ إِذَا حَرَّمَ عَلَى قَوْمٍ أَكْلَ شَىْءٍ حَرَّمَ عَلَيْهِمْ ثَمَنَهُ)) މާނައީ: “ހަމަކަށަވަރުން ﷲ ބައެއްގެ މައްޗަށް އެއްޗެއް ކެއުން ޙަރާމްކުރައްވައިފިނަމަ، އެބައެއްގެ މައްޗަށް އެވިއްކައިގެން ލިބޭ ފައިދާ ޙަރާމްކުރެއްވިއެވެ.” ހަމައެފަދައިން، ބަޔަކަށް ﷲ ޟަރޫރީ ޙާލަތުގައި އެއްޗެއް ކެއުން ހުއްދަކުރައްވައިފިކަމުގައިވާނަމަ، ޟަރޫރީ ޙާލަތުގައި އެ އެއްޗެއް ގަތުން ހުއްދަވެގެންވެއެވެ.

ދެވަނައީ: ފިޤުހީ ޤަވާއިދުގައިވެއެވެ. “ޟަރޫރަތްތައް، ރައްކާތެރިވުމަށް އަންގަވާފައިވާ ތަކެއްޗާއި ކަންތައްތައް ހުއްދަކުރާނެއެވެ.” އިންސާނާގެ ލެއި ފޭބުމަށްވުރެ ބޮޑަށް ޟަރޫރަތަށްޖެހޭނެ ކަމެއް ނުވެއެވެ. އެހެނީ، ލެއި ގަތުން ފިޔަވައި އިތުރުގޮތަކުން ލެއި ނުލިބިއްޖެނަމަ މަރަށާއި ހަލާކަށް އެމީހަކު ހުށަހެޅިގެންދެއެވެ.

މި މުހިއްމު ފިޤުހީ ޤަވާޢިދު ނެގިފައިވަނީ މި ޙަދީޘުންނެވެ. ((لا ضَرَرَ وَلا ضِرَارَ)) މާނައީ: “ގެއްލުންދިނުމެއް އަދި ގެއްލުން ލިބިގަތުމެއްނުވެއެވެ.” މި ޤާޢިދާ ގެންނެވުމަށްފަހު އިބްނު ނަޖީމު ވިދާޅުވެފައިވެއެވެ. “ބަނޑުހައިހޫނުކަމުގެ ސަބަބުން މުޅަތަކެތި ކެއުން ހުއްދަވާނެއެވެ. އަދި ފާރުގަނޑަށް ބޭހުގެގޮތުގައި ބަނގުރާއެޅުން ހުއްދަވާނެއެވެ. އަދި ނުރުހުންތެރިވެގެންވާޙާލު (ޟަރޫރަތަކަށްޓަކައި) ކުފުރުގެ ބަހެއް ބުނުން ހުއްދަވާނެއެވެ.”

ފަހެ، ބަޔާންވެމިދިޔައީ ބޭނުންޖެހިފައިވާމީހާ ލެއި ގަތުމުގެ ޙުކުމެވެ. ފަހެ، އެފަދަ މީހަކަށް ލެއި ގަތުން ހުއްދަވެގެންވާ ޝަރުޠަކީ، ހިލޭ ހެޔޮއެދޭމީހުންގެ ފަރާތުން ނުވަތަ ހޮސްޕިޓަލުން ހިލޭ ލެއި ނުލިބިއްޖެނަމައެވެ. މިއާޚިލާފަށް، ޟަރޫރަތެއްނެތި ހަށިގަނޑު ވަރުގަދަކުރުމަށާއި ބޭހުގެ ބަދަލުގައި ލެއި ބޭނުންވެއްޖެނަމަ ލެއި ގަތުން ހުއްދަވެގެންނުވެއެވެ. އެހެނީ، ލެއި ގަތުން ހުއްދަވެގެންވަނީ އެ ލެއަށް މުހިއްމުވެގެންވާ މީހާއަށެވެ. އެމީހަކީ އެ ލެއި ނުލިބިއްޖެނަމަ އެމީހާ މަރުވެދާނެކަމަށް ނުވަތަ އެމީހާގެ ގުނަނަކަށް ގެއްލުންވެދާނެކަމުގެ ބިރުއޮތްމީހާއެވެ. ކޮންމެހެން ލެއަށް ބޭނުންޖެހިފައިނުވާމީހާ ލެއި ގަތުން ހުއްދަވެގެންނުވެއެވެ. އެއީ އެމީހާއަށް އެކަން ހުއްދަކޮށްދޭ ޟަރޫރަތެއް ނެތުމުންނެވެ. ޟަރޫރަތުގައި ހުއްދަކުރާ އެއްޗަކަށް ޤިޔާޞްކުރުން ޞައްޙަވެގެންނުވެއެވެ. (ނުނިމޭ)

____________________

ލެއި ގަނެވިއްކުން (1)

ލެއި ގަނެވިއްކުން (2)