[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަޅުކަން

73388_395158147264965_297524027_nއަޅުކަން ނުވަތަ ޢިބާދާތު އޭ ބުނެވޭ ބަހުގެ މާނައީ؛ ނިކަމެތިވެ ދެރަވުމެވެ. ނުވަތަ އަދަބުވެރިވެ ބިރުވެތި ވުމެވެ.

ޝަރީޢަތުގެ އިޞްޠިލާޙުގައި ޢިބާދާތް އޭ ނުވަތަ އަޅުކަމޭ ބުނެވޭ ބަހުގެ މާނައީ؛ ﷲ އަމުރު ކުރެއްވި ކަންތައް ކުރުމާއި އެއިލާހުގެ ނަހީ ކުރެއްވި ކަންތައްތަކުން ދުރުވެ އެއިލާހުގެ ޙަޟުރަތަށް ކިޔަމަންތެރި ވުމެވެ. އެހެން ޢިބާރާތަކުން ބުނަނީނަމަ، އަޅުކަމަކީ ބޭރުފުށާއި އެތެރެ ފުށުގެ ޢަމަލު ތަކާއި ބަސްތަކުގެ ތެރެއިން އެކަމަކަށް ﷲ ރުހިވޮޑިގެންވާ އަދި ލޯބިވެ ވޮޑިގެންވާ ކޮންމެ ކަމަކަށް ޢާއްމުކޮށް ކިޔާ ނަމެކެވެ. އަޅުކަމުގެ ހުރިހައި ކަމެއްވެސް ކުރަންވާނީ ހަމައެކަނި ﷲއަށެވެ. އެހެން ފަރާތެއް ޤަސްތުކޮށްގެން އަޅުކަން ކޮށްފިނަމަ އެމީހަކީ މުޝްރިކެކެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސީންނާއި ޖިންނީން ހެއްދެވީ އަޅުކަން ހަމައެކަނި އެއިލާހުއަށް ކުރުމަށެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ﴿وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلاَّ لِيَعْبُدُونِ ﴾ މާނައީ: “ޖިންނީނާއި އިންސީން ތިމަން އިލާހު ހެއްދެވީ އަޅުކަން ހަމައެކަނި ތިމަން އިލާހުގެ ޙަޟުރަތަށް ކުރުމަށެވެ.”

 

މިހެން ކަންހުރިއިރު އަޅުކަމުގެ އެއްވެސް ބާވަތެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ނޫން ފަރާތަކަށް ކޮށްފި މީހާ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ކާފިރު ވީއެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރާއިރު އެއަޅުކަމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާއާއެކު އެހެން ފަރާތެއް ބައިވެރިކޮށްފިނަމަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޝަރީކު ކުރީއެވެ. އުލޫހިއްޔަތުގައި ޝިރުކު ކުރީއެވެ. ތައުޙީދު ގެއްލުނީއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކޯފާއާއި ޢަޛާބު އެމީހަކަށް ޙައްޤު ވީއެވެ.

 

ސުވާލު:

(1) ޢިބާދާތު ނުވަތަ އަޅުކަމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބައިހެއްޔެވެ؟

(2) ޝަރީޢަތުގެ އިޞްޠިލާޙުގައި އަޅުކަމަކި ކޮބައިހޭ؟

(3) އަޅުކަން ކުރަންވާނީ ކޮންފަރާތަކަށް ހެއްޔެވެ؟ އޭގެ ދަލީލްއަކީ ކޮބައިހެއްޔެވެ؟

(4) ﷲ ސުބްޙާނަހޫ ވަތަޢާލާ ނޫން އެހެން ފަރާތަކަށް އަޅުކަން ކޮށްފިނަމަ ވާނީ ކިހިނަމަކުންހެއްޔެވެ؟

(5) ﷲ ސުބްޙާނަހޫ ވަތަޢާލާއާއެކު އެހެން ފަރާތެއް ބައިވެރިކޮށްގެން އަޅުކަން ކޮށްފި މީހާގެ ޙުކުމް އަކި ކޮބައިހެއްޔެވެ؟

 

*******************************************

އައްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ލިޔުއްވާފައިވާ “ރިސާލަތުއް ތައުޙީދި” ފޮތުން ނަގާފައި