[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަޅުކަމުގެ ވައްތަރުތައް

އަޅުކަމުގެ ނަންތަކާއި ވައްތަރުތައް ވަރަށްވެސް ގިނައެވެ. އޭގެ ތެރެއިން މިބަޔާންކުރާ ކަންތައް ވެއެވެ.  ނަމާދު ކުރުން، ޒަކާތްދިނުން، ރޯދަ ހިފުން، ޙައްޖުވުންވުން، ޛަބަޙަކުން (ކަތިލުން)، ނަދުރު ބުނުން، ޠަވާފުކުރުން، ތައުބާ ވުން، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ބަހައްޓަންވާ ލޯބިވެތިކަން ބެހެއްޓުން، ބޮޑުކަންކަމަށް އެއިލާހުއާއި ވަކީލްކުރުން، ބިރު ގަތުމުގެ ބައެއް ވައްތަރު، الاستعانة(އިންސާނުންނަށް ނުކޮށްދެވޭ ވަރުގެ ބޮޑެތި ކަންކަމަށް ވާގިއެދުން)، الاستعاذة(يعنى ސަލާމަތް ކޮށްދެއްވުމަށް އެދުން)  ޙިމާޔަަތައް އެދުން، الاستغاثة(ނަސްރަށް އެދުން)، دعاءކުރުމުގެ ހުރިހާ ބާވަތެއް….. އަދި މިނޫންވެސް ދީނުގައި އަޅުކަމެއް ކަމުގައިވާ ކޮންމެ ކަމެއް މިދާއިރާގެ ތެރެއަށް ވަދެއެވެ.

ފަހެ މިބަޔާންވެ ދިޔައީ ހައްތަހާވެސް ވައްތަރުތަކެވެ. މިހުރިހައި އަޅުކަމެއްވެސް ކުރަންވަނީ ހަމައެކަނި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތަށެވެ. އަދި މިއިން އެއްވެސް އަޅުކަމެއް ކުރާއިރު ދީނުގައި އަންގަވާފައިވާ ފަދައިން މެނުވީ ކޮށްފިނަމަ އެއަޅުމަކެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ޤަބޫލުނުކުރައްވާނެއެވެ. އަދި އެއަޅުކަމަކަށް ޘަވާބުލިބުމެއް ނުވެއެވެ.

 އަޅުކަން ސައްޙަވެ އެއަށް ޘަވާބެއް ލިބުންވަނީ ތިން ޝަރުތެއް އޮވެގެންނެވެ. އެއީ:

(1) އަޅުކަންކުރާ މީހާއީ މުސްލިމެއް ކަމުގައިވުން

(2) ޝިރުކުން ދުރުވެ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް އިޚްލާސްތެރިވެ ހުރެ އަޅުކަން ކުރުން

(3) ކޮންމެ އަޅުކަމެއް ނަމަވެސް އެއަޅުކަމެއް ކުރާއިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވި ގޮތަށް ކުރުން

 ފަހެ އަޅުކަން ކުރާއިރު މިއިން ޝަރުތެއް އުނިވެއްޖެނަމަ އެ އަޅުކަން ﷲ ސުބްޙާނަހޫ ވަތަޢާލާ ޤަބޫލު ނުކުރައްވާ ހުއްޓެވެ.

 ސުވާލު:

(1) އަޅުކަމުގެ ވައްތަރު ތަކުގެ ތެރެއިން އެނގިހުރި މިންވަރެއް ބަޔާންކުރޭ!

(2) އަޅުކަން ކުރަންވާނީ ކޮން ފަރާތަކަށް ހެއްޔެވެ؟

(3) އަޅުކަން ސައްޙަވެ އެއަޅުކަމަށް ޘަވާބެއް ލިބުމުގެ އަސްލު ޝަރުތުތައް ބަޔާންކުރޭ؟

***************************

ފަޟީލަތުއްޝައިޚް އަބޫބަކްރު އިބްރާހިމް ޢަލީ ރަޙިމަހުﷲ ލިޔުއްވާފައިވާ “ރިސާލަތުއް ތައުޙީދި” އިން ނަގާފައި