[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ރުއްސަވާގޮތަށް އަޅުކަންކުރުން

Ibaadah

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ﷲ ސުބުޙާނަހޫ ވަތަޢާލާއީ މީސްތަކުން ޚަލްޤުކުރައްވައި، ރިޒްޤުދެއްވައި، އެބައިމީހުންގެ ކަންކަން ރާއްވަވައި ހިންގަވާ އިލާހެވެ. އެބައިމީހުންގެ ވެރި އިލާހެވެ. އެއިލާހަށް މެނުވީ އަޅުކަންކުރުން ހުއްދަވެގެންނުވެއެވެ. މީސްތަކުންގެ މައްޗަށް ލާޒިމުވެގެންވަނީ ހަމައެކަނި އެއިލާހަށް އަޅުކަންކުރުމަށެވެ.

މީސްތަކުން ކުރާ އަޅުކަންތަކުގެ ތެރެއިން ﷲ ސުބުޙާނަހޫ ވަތަޢާލާ ޤަބޫލުކުރައްވަނީ އެއިލާހު ރުއްސަވާގޮތަށް ކުރެވޭ އަޅުކަމެކެވެ. އެއިލާހު ރުއްސަވާގޮތާ ޚިލާފަށް ކިތަންމެމޮޅަށް، ކިތަންމެ އުނދަގުލުން އަޅުކަމެއް ކުރިނަމަވެސް އެކަމަކީ އެއިލާހު ޤަބޫލުކުރައްވާނޭ ކަމެއް ނޫނެވެ. ބޭރުފުށުން އަޅުގަނޑުމެންނަށް އެއީ ވަރަށް ރަނގަޅުކަމެއްކަމުގައި ދެކުނުނަމަވެސްމެއެވެ. ބައެއް މީސްމީހުން ﷲއަށް އަޅުކަންކުރުމުގައި ތަފާތުގޮތްތައް ހަދައި، ތަފާތު ކަންކަން ހެޔޮކަންކަމުގެ ނަމުގައި ކުރާތަން ފެނިދާނެއެވެ. އަދި ބޭރުފުށުން އެއީ ވަރަށް ރަނގަޅު، ދީނުގެ ތެރެއިންވާ ކަމެއްކަމުގައިވެސް ހީކުރެވިދާނެއެވެ. އެހެންނަމަވެސް، ﷲ ސުބުޙާނަހޫ ވަތަޢާލާ ރުއްސަވާކަމެއްކަމުގައި އެކަންނުވާކަމުގައިވާނަމަ އެކަމަކީ ބޭކާރުކަމެއްކަމުގައިވެދެއެވެ. އަދި ޘަވާބެއް ނުލިބޭތާގައި ފާފަވެރިވެގެންވެސް ހިނގައިދާނެއެވެ.

ކަންމިހެންހުރިއިރު، ﷲ ސުބުޙާނަހޫ ވަތަޢާލާ ރުއްސަވާ ކަންކަމަކީ ކޮބައިކަން ދެނެގަތުމަކީ، އެއިލާހަށް ޙައްޤުގޮތުގައި އަޅުވެތިވާމީހާއަށް އެންމެ މުހިއްމުވާނެކަމެވެ. މިހާހިސާބުން އުފެދޭނެ ސުވާލަކީ؛ ﷲ ރުއްސަވާ ކަންކަން އެނގޭނީ ކިހިނަކުންތޯއެވެ؟ އެއިލާހު ރުއްސަވާ ކަންކަން ދެނެގަތުމަށް އޮތް މަގަކީ ކޮބައިތޯއެވެ؟ މީސްތަކުންކުރެ އެކަކު އަނެކަކު ރުހޭ ކަންކަން ބަޔާންކޮށްދިނުމުން ނޫނީ ނޭނގޭއިރު، ﷲ ސުބުޙާނަހޫ ވަތަޢާލާ ރުއްސަވާކަންކަން ހޯދުމަށް ރުޖޫޢަވެ ސުވާލުކުރާނެ ފަރާތަކީ ކޮބައިތޯއެވެ؟ ޝައްކެއްވެސްނެތްގޮތުގައި އެނގޭކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރުމަށް އިންސާނުންނާއި ޖިންނީން ޚަލްޤުކުރެއްވުމަށްފަހު، އެއަޅުކަން ކުރާނީ ކިހިނެއްކަން ބަޔާންނުކުރައްވައި އެއިލާހު ދޫނުކުރައްވާނެކަމެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ރުއްސަވާ އަޅުކަންތަކަކީ ކޮބައިކަން އެނގެން އޮތް މަގަކީ ސާފުމަގެކެވެ. އެމަގެއްގައި ކަސިޔާރުކަމެއްނެތް ސީދާވެގެންވާ މަގެކެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފޮތާއި، އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ފޮތް ބާވާލެއްވީ އެއިލާހު ރުއްސަވާވޮޑިގެންވާ ގޮތް ބަޔާންކޮށްދެއްވުމަށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ފޮނުއްވީ އެފޮތުގައިވާ ކަންކަން ޢަމަލީގޮތުން ބަޔާންކޮށްދެއްވައި، އެފޮތުގެ މަގަށް ގޮވާލެއްވުމަށެވެ. އެހެންކަމުން، މި ދެމަޞްދަރަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ރުއްސަވާވޮޑިގެންވާ ގޮތް ބަޔާންކުރައްވާފައިވާ ހަމައެކަނި ދެ މަޞްދަރެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާން ބާވާލެއްވި މަޤްޞަދު ބަޔާންކުރައްވައި ވަޙީ ކުރައްވާފައިވެއެވެ. ((إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَ‌اكَ اللَّـهُ وَلَا تَكُن لِّلْخَائِنِينَ خَصِيمًا)) النساء: ١٠٥ މާނައީ: “ހަމަކަށަވަރުން، ޙައްޤުގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވީ، ﷲ އެދިވޮޑިގަންނަވާ ގޮތުގެމަތިން، މީސްތަކުންގެ މެދުގައި ޙުކުމްކުރެއްވުމަށެވެ. ޚިޔާނާތްތެރިންގެ ދިފާޢުގައި މަސައްކަތް ކުރައްވާ ބޭކަލަކުކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ!” އަދި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދައްކަވާ ދެއްވާފައިވާގޮތަކީ ﷲ ރުއްސަވާ، އެއިލާހުގެ ޙަޟްރަަތުން ރަޙްމަތާއި ޘަވާބަށް އެދޭމީހާއަށް އޮތްމަގުކަން ބަޔާންކުރައްވައި ވަޙީ ކުރައްވާފައިވެއެވެ. ((لَّقَدْ كَانَ لَكُمْ فِي رَ‌سُولِ اللَّـهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْ‌جُو اللَّـهَ وَالْيَوْمَ الْآخِرَ‌ وَذَكَرَ‌ اللَّـهَ كَثِيرً‌ا)) الأحزاب: ٢١ މާނައީ: “ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ. (އެއީ) ﷲގެ ދަރުމައާއި، އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ.”

ވުމާއެކު، އަޅުކަމެއް ކުރާއިރު މިކަމަށް ސަމާލުވުމަކީ ވަރަށްވެސް މުހިއްމުކަމެކެވެ. ހަމައެހެންމެ، އަންނަނިވި ނުކުތާތައް ވަރަށް ރަނގަޅަށް ހަނދުމަ ބަހައްޓަންޖެހެއެވެ.

1. އަޅުކަމެއްގެ ޞިފަ ގުޅިފައިވާނީ ދަލީލުގެ މައްޗަށެވެ. އެބަހީ؛ އެއްވެސް އަޅުކަމެއް ކުރާގޮތާއި ޞިފަ ގުޅިފައިވާނީ ދަލީލުގެ މައްޗަށެވެ. ދަލީލެއްގައި އައިސްފައިވާނުވާ ކަމެއް އަޅުކަމެއްގެ ތެރެއަށް ނުވެއްދޭނެއެވެ. އެފަދަ ކަމެއް އަޅުކަމުގެ ތެރެއަށް ވައްދައިފިނަމަ އެކަމެއް ވެގެންދާނީ ބިދުޢަ އަކަށެވެ.

2. އަޅުކަންތަކުގެ ޝަރުޠުތައް ގުޅިފައިވާނީ ދަލީލުގެ މައްޗަށެވެ. އެބަހީ؛ އަޅުކަމެއް ޞައްޙަވުމާއި، ބާޠިލުވުމަށް ޝަރުޠު ކަނޑައެޅޭނީ ދަލީލުގެ މައްޗަށެވެ.

3. އަޅުކަމެއް ބާޠިލުވާކަންކަން ބިނާވެފައިވާނީ ދަލީލުގެ މައްޗަށެވެ. އެބަހީ؛ ޝަރުޢުގައި އައިސްފައިވާގޮތަށް އަޅުކަމެއް ކުރާއިރު، އެއަޅުކަމެއް ބާޠިލުކުރުވާ ކަމެއްނަމަ އެކަން ބިނާވެގެންވާނީ ދަލީލުގެ މައްޗަށެވެ.

4. ވަކި ވަޤުތަކާ އަޅުކަމެއް ގުޅޭނަމަ އެކަމުގެ ދަލީލު އޮންނަންވާނެއެވެ. މިސާލަކަށް މިވެނި ރޯދައެއް ނުވަތަ ނަމާދެއް މިވެނިވަޤުތެއްގައި ކުރުމަކީ ޚާއްޞަ މަތިވެރި ޘަވާބެއް ލިބޭނެކަމެއްކަމުގައި ދެކިގެން ކުރުމެވެ. އަޅުގަނޑުމެން ޢަރަފާތްދުވަސް، ޝައްވާލުމަހުގެ 6 ރޯދަ، ޢާޝޫރާދުވަހުގެ ރޯދަ އެވަޤުތުތަކަށް ޚާއްޞަކޮށްގެން ހިފަނީ އެވަޤުތަކުގައި ރޯދަ ހިފުމަށް ދަލީލު އައިސްފައިވާތީއެވެ. ހަމައެހެންމެ، ޟުޙާވަޤުތުގައި ޟުޙާ ނަމާދު، ފަރުޟުނަމާދުތަކުގެ އިހާއި ފަހުގައި ރަވާތިބު ސުންނަތްތައް، ޢިޝާނަމާދުގެ ފަހުން ވިތުރިނަމާދު ފަދަ ނަމާދުތައް އެވަޤުތުތަކަށް ޚާއްޞަކޮށްގެން ކުރަނީ އެވަޤުތުތަކުގައި އެނަމާދުތައް ކުރުމަށް ދަލީލު އައިސްފައިވާތީއެވެ. މިއާޚިލާފަށް، ޚާއްޞަކޮށްގެން މިސާލަކަށް ޝަޢުބާންމަހުގެ 15 ވަނަ ދުވަހު ރޯދަހިފުމަކީ ޚާއްޞަ މަތިވެރިކަމެއްކަމުގައި ދެކިގެން ކުރުންފަދަ ކަންކަމަކީ ޞައްޙަ ދަލީލެއް އައިސްފައިވާ ކަމެއްނޫނެވެ. އެހެންކަމުން އެފަދައިން ޚާއްޞަކުރުން ހުއްދަނުވާނެއެވެ.

މަސައްކަތުގައި އަވަދިނެތި އުޅޭމީހަކު، އެމީހާއަށް ހުސްވަޤުތުވާއިރަކު، ޢާއްމު ސުންނަތް ނަމާދު އެހުސްވަޤުތުތަކުގައި ކޮށްލުމަކީ ހުއްދަކަމެކެވެ. އެހެނީ އެމީހާގެ ޤަޞްދަކީ އެވަޤުތު ޚާއްޞަކުރުމެއްނޫނެވެ. އަދި އެމީހާ އެނަމާދު އެކުރަނީ ވަކި ޚާއްޞަ މަތިވެރިކަމެއް އެވަޤުތުގައިކުރުމުން ލިބޭނެކަމަށް ދެކިގެނެއްވެސް ނޫނެވެ. ހަމައެހެންމެ، މިސާލަކަށް މަސައްކަތް ހުންނަގޮތުން ސުންނަތް ރޯދަ ނުހިފޭމީހަކު، އެމީހާއަށް ޗުއްޓީވާދުވަހު، ޝަރުޢީގޮތުން ރޯދަހިފުން ހުއްދަދުވަހެއްނަމަ އެދުވަހެއްގައި ޢާއްމު ސުންނަތް ރޯދައެއް ހިފާލުމަކީ ހުއްދަކަމެކެވެ.

5. ވަކި ތަނަކަށް އަޅުކަމެއް ގުޅޭނަމަ އެކަމުގެ ދަލީލު އޮންނަންވާނެއެވެ. އެބަހީ؛ ވަކިތަނެއްގައި ޚާއްޞަކޮށް އަޅުކަމެއް ކުރަންޖެހޭނަމަ އެކަމަށް ދަލީލު އޮންނަންވާނެއެވެ. އެގޮތުން ޙައްޖާއި ޢުމުރާ ކުރުމަށް މައްކާއަށް ދާންޖެހެނީ އެއަޅުކަން ކުރުމަށްޓަކައި އެތަނަށް ދާންޖެހޭކަން ދަލީލުތަކުން ޘާބިތުވާތީއެވެ. މިއާޚިލާފަށް؛ ނަދުރެއްބުނުމަށް ވަކިތަނަކަށް ޚާއްޞަކުރުންފަދަ ކަންކަން ހުއްދަވެގެންނުވެއެވެ.

6. ވަކި ޚާއްޞަ ސަބަބަކާ އަޅުކަމެއް ގުޅޭނަމަ އެކަމުގެ ދަލީލު އޮންނަންވާނެއެވެ.

7. ވަކި ޚާއްޞަ ޢަދަދަކާ އަޅުކަމެއް ގުޅޭނަމަ އެކަމުގެ ދަލީލު އޮންނަންވާނެއެވެ. އެބަހީ؛ މިވެނި އަޅުކަމެއް މިވެނި ޢަދަދަކަށް ކުރުމަކީ މަތިވެރިކަމެއްކަމުގައި ދެކެވޭނީ އެކަމަށް ދަލީލު ލިބިގެންނެވެ.

އެހެންކަމުން، މި އަޅުކަންކުރާއިރު މިކަންކަމަށް ސަމާލުކަން ދިނުމަކީ އަޅުކަން ﷲ ރުއްސަވާގޮތުގައި ކުރެވިގެންދާނެކަންކަމެވެ.