[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ތަޢާލާ އާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلمއަށް ކިޔަމަންވާށެވެ.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

(يَا أَيُّهَا الَّذِينَ آمَنُوا لَا تُقَدِّمُوا بَيْنَ يَدَيِ اللَّـهِ وَرَ‌سُولِهِ ۖ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ سَمِيعٌ عَلِيمٌ) [سورة الحجرات ١]

މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ﷲ ގެ ޙަޟްރަތުގައި އަދި  އެއިލާހުގެ ރަސޫލާގެ އަރިހުގައި ތިޔަބައިމީހުން (އެއްވެސްކަމެއްގައި) އިސްވެނުގަންނާށެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

”މި ސޫރަތް (ސޫރަތުލްޙުޖުރާތު) ފެށިފައިވަނީ މުއުމިނުންނަށް ﷲ ތަޢާލާ ކުރައްވާފައިވާ އަމުރަކުންނެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅު މެދުކަނޑާ ނުލުމަށާއި ގޮތްދޫނުކުރުމާއެކު އެކަލޭގެފާނާއި ދެކޮޅުވެރި ނުވުމަށެވެ. އެއާ ޚިލާފަށް އެބައިމީހުންނަށް އަންގަވާފައިވަނީ ﷲ ތަޢާލާއަށް ބިރުވެތިވުމުގެ ގޮތުން ކެތްތެރިވުމަށާއި ނަބިއްޔާ صلى الله عليه وسلم އަށް ކިޔަމަންތެރިވުމަށާއި ހުރިހާ ކަމެއްގައި އެކަލޭގެފާނަށް ތަބަޢަވުމަށެވެ. ނަބިއްޔާ صلى الله عليه وسلم އަށާއި އެކަލޭގެފާނުގެ ބަސްފުޅުތަކަށް އިޙްތިރާމްކުރުން ރަމްޒުކޮށްދެނީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ސަބަބަކީ އެކަލޭގެފާނު އަމިއްލަފުޅަށް އެއްވެސް އެއްޗެއް ޙަދީޘް ނުކުރައްވައެވެ. ﷲ ތަޢާލާ ވަނީ އެކަލޭގެފާނަށް މަގު ދައްކަވާފައެވެ. އެހެންކަމުން އެކަލޭގެފާނުގެ ބަސްފުޅުތަކާއި ޢަމަލުފުޅުތައް ބަލަންޖެހޭނީ އެއީ ﷲ ތަޢާލާގެ ވަޙީގެ ޒަރީއާއިން އެކަލޭގެފާނަށް އަންގަވާފައިވާ ކަންކަންކަމުގައެވެ. ނަބިއްޔާ މުޙައްމަދު صلى الله عليه وسلم  އަކީ އެންމެ ފަހުގެ ރިސާލަތު މީސްތަކުންނަށް ފޯރުކޮށްދިނުމަށްޓަކައި ﷲ ތަޢާލާ އިޚްތިޔާރު ކުރައްވާފައިވާ ފަރާތެވެ. މި މުހިންމު ނުކުތާ އަށް އަލިއަޅުވާލާ އެކަމަށް ބާރު ދިނުމުގެ ގޮތުން ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

(وَمَا يَنطِقُ عَنِ الْهَوَىٰ ﴿٣﴾ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ ﴿٤﴾) [سورة النجم 3-4]

މާނައީ: “އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. (3) އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެއެވެ. (4)”1

އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައިވީއިރު މިފަދަ މަތިވެރި އިރުޝާދުތައް ދެނެގަނެ އެއާއެއްގޮތަށް ޢަމަލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އާޚިރަތުގެ ބާއްޖަވެރިކަން ލިބެން އޮތީ ﷲ ތަޢާލާ އަންގަވާފައިވާ މަގުގައި ޘާބިތުވެ ތިބުމުންނެވެ. އެހެންކަމުން މިއުންމަތުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ދައްކަވާފައިވާ ރިވެތި ނަމޫނާ އަޅުގަނޑުމެން ބަލައިގަންނަންޖެހެއެވެ. ނަމަވެސް ހިތާމައަކީ މިއަދު މި ދިވެހި މުޖުތަމަޢުގައިވެސް އެކަލޭގެފާނުގެ ބަސްފުޅުތަކަށް ފާޅުގައި އިންކާރުކުރަމުންދާ ބަޔަކު ތިބިކަމެވެ. އިސްވެދިޔަ އާޔަތުން އަޅުގަނޑުމެންނަށް އަންގަވާފައިވާ މަތިވެރި އެންގެވުން އެބައިމީހުން ހަނދުމަނައްތާލީ ހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަކީ އަޅުގަނޑުމެންނަށް ބާއްޖަވެރިކަން ލިބެންއޮތް މަގެވެ. އަޅުގަނޑުމެން މަސައްކަތްކުރަންވީ އެ މަތިވެރި ސުންނަތް އުނގެނި އެއާ އެއްގޮތަށް ޢަމަލުކުރެވޭތޯއެވެ. އަޅުގަނޑުމެންނަށް ކުރިން އެނގިފައި ނެތްކަމެއް ބަޔާންކޮށްދެއްވުމުން އަވަހަށް އެހެޔޮ މަގަށް ރުޖޫޢުވުމަށް އަވަސްވެ ގަންނަންވީއެވެ. ނުރަނގަޅު ގޮތް ވަގުތުން ދޫކޮށްލަންވީއެވެ. ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ޘާބިތުވެފައިވާ އެއްވެސް ކަމެއްގައި ދެބަސްވެ އަރައިރުންވުމެއް ނެތެވެ. އެހެންކަމުން ﷲ ތަޢާލާއާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންވުމަށް ގޮވާލެވުމުން މުއުމިނުންގެ ބަހަކަށް ވާންވާނީ:

(سَمِعْنَا وَأَطَعْنَا)

މާނައީ: “ތިމަންމެން އަޑުއަހާ ކިޔަމަންވެއްޖައީމެވެ .”

_____________________________________________

[1] މިލިޔުމަކީ އިންޓަނެޝަނަލް އިސްލާމިކް ޕަބްލިޝިން ހައުސް އިން ޗާޕްކޮށްފައިވާ (ތަފްސީރު ސޫރަތުލް ޙުޖުރާތު – ބިލާލް ފިލިޕްސް) އެފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.