[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވައްހާބީން ؟ އެއީ ކޮންބަޔެއް؟

 

އިހުގެ މާތް ޖީލުތައް ނުވަތަ ސަލަފުން ( ޞަހާބީންނާއި އެބޭކަލުންނާއި ތަބާވީ ޖީލުތައް ) ދެއްކެވި ނަމޫނާ އާއި އެއްގޮތްވާ ގޮތުގެ މަތީން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް އޮތް ވާޖިބެކެވެ. މިދެންނެވި އިހުގެ މާތް ޖީލުތައް ނަމުނާ އަކަށް ބަލައިގެން އުޅޭމީހުންނަށް ނިސްބަތްކޮށް ކިޔެނީ ސަލަފީން ނުވަތަ އަހްލުއްސުންނާ ވަލްޖަމާޢަތެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި ގޮތުގައި ހައްޤުގޮތުގައި ހިފަހައްޓައިފ ކޮންމެ މީހަކުމެ ނިސްބަތްވާ ހުށީ އަހްލުއްސުންނާ ވަލްޖަމާޢަތަށެވެ. ނަބިއްޔާ ސައްލަﷲ ޢަލައިހި ވަސައްލަމަ އެދަޢުވަތަކާއިގެން ވަޑައިގެންނެވި ދަޢުވަތަކީ ތައުޙީދުގެ ދަޢުވަތެވެ. ﷲ އެއްކައުވަންތަކޮށް އެއިލާހު ފިޔަވައި އަޅުކަންކުރެވޭ އެހެނިހެންފަރާތްތަކަށް ކާފިރުވުމުގެ ދަޢުވަތެވެ.

 އާދެ ” ވައްހާބީން” މިލަފްޡު ބައެއް މީހުން ބޭނުންކުރަނީ ޝައިޚް މުޙައްމަދު ބިނު ޢަބްދުލްވައްހާބް އިބްނު ސުލައިމާން އައްތަމީމީ އަލްހަންބަލީ ގެންނެވި ދަޢުވަތާއި ގުޅުވައިގެންނެވެ. އެބައިމީހުން ޝައިޚް އާއި އެބޭފުޅާއަށް ތަބާވީ މީހުންނަށް ނިސްބަތްކޮށް ” ވައްހާބީންނޭ” ކިޔައި އުޅެއެވެ. ދެންފަހެ ޝައިޚް މުޙައްމަދު އިބްނު ޢަބްދުލްވައްހާބްގެ ޙަރަކާތާއި އެބޭފުޅާގެ ދަޢުވަތާއި ބެހޭ ގޮތުން ކުޑަނަމަވެސް މަޢުލޫމާތެއް ލިބިފައިވާ މީހަކަށް އެނގި ފާޅުވެގެންދާނެ ޙަޤީޤަތަކީ އެބޭފުޅާ ގޮވައިލެއްވި ދަޢުވަތަކީ ހަމަ ތައުޙީދުގެ ދަޢުވަތުކަމެވެ. ޝިރުކުގެ އެންމެހައި ވައްތަރުތަކުން ދުރުހެލިވެގަތުމުގެ މައްޗަށް އިންޒާރުކުރެއްވި ދަޢުވަތުކަމެވެ. އަދި ހަމައެހެންމެ ޝައިޚް އާއި އެބޭފުޅާއަށް ތަބާވީ ބޭފުޅުންގެ ފޮތްތަކާއި ފަތުވާތަކުން އިންސާފުގެ ލޮލަކުން ބަލައިފި ކޮންމެ މީހަކަށްމެ ފެންނަހުށީ އިހުގެ މާތް ޖީލުތަކުގެ ވެސް އަޤީދާ އެވެ. އާދެ އަހްލުއްސުންނާ ވަލްޖަމާޢަތުގެ އަޤީދާ އެވެ.ޚުލާޞާއަކީ ޝައިޚްގެ ދަޢުވަތު ބިނާކުރެއްވެވީ ﷲ ގެ ފޮތާއި އެއިލާހުގެ ނަބިއްޔާގެ ސުންނަތުގެ މައްޗަށެވެ.

ވައްހާބިޒަމަކީ އާ ދީނެއް ނޫނެވެ. އާ މަޒްހަބެއް ވެސް ނުމެ ނޫންމެއެވެ .އެއީ ދީނުގެ ކަންތައްތަކުގެ ތެރެއިން ވަޅުޖެހިފައިވާ ކަންތައްތައް ދިރުވައި އަދި ތައުޙީދުގެ އަޤީދާއަށް ގޮވައިލެވުނު ގޮވައިލުމެކެވެ. އެހެންކަމުން ” ވައްހާބީންނާއި ” ދުރުހެލިވުމަށް ގޮވައިލާ މީހުންނާއި މެދުގައި އަޅުގަނޑުމެން ސަމާލުވާން އެބަޖެހެއެވެ. އެހެނީ އެބައިމީހުން އެގޮވައިލަނީ މިއުންމަތުގެ މާތް ޖީލުތައް ( ޞަހާބީން ، ތާބިޢީން ، ތަބަޢަތާބިޢީން ) ގެނެސްދެއްވި ހައްޤުގެ މަގު ދޫކޮށްލުމަށެވެ. ޞައްޙަ އަޤީދާގައި ހިފަހައްޓައި ހެޔޮ މަގުގައި ސާބިތުވޭތޯ ގަދައަޅައި މަސައްކަތްކުރާ މީހުންނަށް ނިސްބަތްކޮށް ” ވައްހާބީ ” މިލަފްޡު ބޭނުންކުރާ މީހުންނަކީ ޖާހިލު ތަންދޮރުނުދަންނަ މީހުންކަންވެސް ދެނެގަތުން ހުއްޓެވެ.