[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމްދީނަކީ ހަމަހަމަކަމުގެ ދީން ހެއްޔެވެ؟ ނޫނީ ޢަދުލުވެރިކަމުގެ ދީން ހެއްޔެވެ؟

الحمد لله والصلاة والسلام على رسول الله  وعلى آله وصحبه أجمعين.

މި ޒަމާނަކަށް އައިސް އެންމެ ގިނައިން ކަންފަތުގައިޖެހޭ އެއްއަޑަކީ ހަމަހަމަކަން ނެތްވާހަކައެވެ. ފަރަޤުތަކެއް ގެންގުޅޭކަމުގެ ވާހަކައެވެ. ފިރިހެނުންނާއި އަންހެނުންނާ ދެމެދުއެވެ. މުއްސަދިންނާއި ފަޤީރުންނާ ދެމެދުއެވެ. މުސްކުޅިންނާއި ޒުވާނުންނާ ދެމެދުއެވެ. މިއަޑުތައް ގަދަވަމުން އައިސް މި ފަރަޤުތަކުގެ އަސްލަކީ އިސްލާމްދީން ކަމުގައި ދެކެ، އިސްލާމްދީނަށް އިނގިލި ދިއްކުރާމީހުން ގިނައެވެ. އިސްލާމްދީން ޤަބޫލުނުކުރާ ކާފަރުންގެ ފަރާތުންނާއި، މުސްލިމުންގެ ތެރެއިންވާ ކަމުގައި ދަޢުވާކުރާމީހުންގެ ފަރާތުންވެސްމެއެވެ. މި މަސްއަލާގައި މި ދެބައިމީހުންވެސް އެއްގަލަކަށް އަރައިގެން، ގޮވަނީ ހަމަ އެއްގޮވުމެކެވެ. މިގޮވުމުގައި ‘އާދަމް’، ‘މުޙައްމަދު’، ‘ފާޠިމަތު’، ‘މަރްޔަމް’ ކިޔާމީހެކޭ ‘ޖޯން’، ‘ޑޭވިޑް’، ‘ޖޭން’، ‘މޭރީ’ ކިޔާމީހެކޭ ވަކި ތަފާތެއް ނެތެވެ. އެއްބަޔަކު އިސްލާމްދީންގައި މިވެނިގޮތަކަށް މިވެނިކަމެއް އޮންނާތީއޭ މިހެންވަނީ ބުނަމުންދާއިރު، އަނެއް ބަޔަކު ކޮންމެވެސް ސަބަބަކާހުރެ އިސްލާމްދީނަށް ރައްދުނުކޮށް އެއީ އިސްލާމްދީނުގައި ‘އޮންނަ ގޮތެއް ނޫނޭ’، ‘އިސްލާމްދީނުގައި އެއްވެސް ފަރަޤުކަމެއް ނުހުންނާނޭ’، ‘ދީނުގައި އޮންނަގޮތް އޮޅިގެންނޭ އެއުޅެނީ’ ފަދަ ބަސްތައް ބުނެ މަސްއަލާގައި މަތިއަޅާލައެވެ. އެފަދައިން ބުނާއިރު ޙަޤީޤަތުގައި އެ މަސްއަލައެއްގައި އިސްލާމްދީނުގައި އޮންނަގޮތް ބަލާލުމެއްނުވެސް އޮވެއެވެ. ނޭނގޭޙާލު އަމުދުން އެނގޭމީހެއްކުރެން އަހާލުމެއްވެސް ނޯވެއެވެ.

ކަންމިހެންހުރިއިރު، މިފަދަމީހުންގެ ވާހަކަތަކަށް ރައްދުދޭއިރު ބައެއްމީހުންގެ ވާހަކަތަކުގައި އިސްލާމްދީނަކީ ހަމަހަމަކަމުގެ ދީނޭ ބުނެއެވެ. ޙަޤީޤަތުގައި އެއްވެސް ޙައްދެއް ކަނޑައެޅުމެއްނެތި މިފަދައިން ބުނުމުން ކުރިން ބުނެވުނުމީހުންނަށް އިތުރު ޙުއްޖަތްތަކެއް ލިބިގެންދެއެވެ. އަޅުގަނޑުމެންގެ ބޭނުމަކަށް ވާންވާނީ ބަޔަކު ‘އިސްލާމްދީނަކީ ހަމަހަމަކަމުގެ ދީނެއް ނޫނޭ’ ބުނާއިރަށް ‘އިސްލާމްދީނަކީ ހަމަހަމަކަމުގެ ދީނޭ’ ބުނުމެއްނޫނެވެ. އެހެންނަމަވެސް އިސްލާމްދީނުގެ އަޞްލުތަކަށް ބަލައިގެން އިސްލާމްދީނުގައި އަންގަވާ ދެއްވާފައިވާގޮތް ބަލައި އެކަން ހާމަކުރުމެވެ. މިސާލަކަށް؛ ކުރިން އެބުނެވިދިޔަމީހުން ކުރާ އެއްދަޢުވާއަކީ އިސްލާމްދީނުގައި ފިރިހެނުންނާއި އަންހެނުނާ ދެމެދު ފަރަޤުކުރާވާހަކައެވެ. މިކަމާވިއްދާ އަޅުގަނޑުމެން އިސްލާމްދީނަކީ ފިރިހެނުންނާއި އަންހެނުންނާ ހަމަހަމަކުރާދީނޭ ބުނެއްޖެނަމަ، އެހެން ސުވާލުތަކެއް ފެންމަތިވެގެންދެއެވެ. އެއީ އެހެންވެއްޖެނަމަ އިސްލާމްދީނުގައި ބައެއް ޙުކުމްތަކުގައި އެ ދެޖިންސު ފަރަޤުކުރަނީ ކީއްވެ ހެއްޔެވެ؟؟؟

ހަމަހަމަކަމަކީ ކޮބާ؟

ދިވެހި ރަދީފުގައި ހަމަހަމަކަމުގެ މާނައިގައި 3 މާނައެއް އައިސްފައިވެއެވެ. އެއީ އެއްވަރުކަމުގެ މާނައާއި، ތަފާތެއްނެތްކަމުގެ މާނައާއި، އެއްހަމަކަމުގެ މާނައެވެ. އެހެންކަމުން، ދެ އެއްޗެއްގެ ދެމެދުގައި ނުވަތަ ކަމެއްގައި ހަމަހަމަވެއްޖެނަމަ އެ ދެ އެތީގެ ދެމެދުގައި ނުވަތަ އެ ކަމެއްގައި ފަރަޤުކަން ކަނޑައިގެންދާނެއެވެ.

އިސްލާމްދީނުގައި މިފަދައިން ހަމަހަމަކަން ނެތްކަން މިއީ ޝަރުޢީ ނައްޞުތަކުން ސާބިތުވާކަމެކެވެ. އިސްލާމްދީނަކީ ހުރިހާގޮތަކުންވެސް ހަމަހަމަދީންކަމުގައި ކިތަންމެ ވަރަކަށް ހަދަން އުޅުނަސް އެކަމެއްނުވާނެއެވެ. އެ ޝަރީޢަތުގައިވާ ނައްޞުތަކާ ދެކޮޅަށް އެދީނުގެ ނަމުގައި ކިތަންމެ ގިނަ ދަޢުވާތަކެއްކުރިނަމަވެސް އެ ދަޢުވާއެއްވަނީ އެދީނުގެ ތެރެއިންވާ ދަޢުވާއަކަށް ނޫނެވެ. އަދި އެ ދަޢުވާއިން އިސްލާމްދީން ވަނީ ބަރީޢަތްވެގެންނެވެ. އަދި އިސްލާމްދީނަށް ނަޞްރު ލިބުމުގެ ބަދަލުގައި އެފަދަ ވާހަކަތަކުން ދީނަށް މަލާމާތްވުން ފިޔަވައި އިތުރުކަމެއް ނުވާނެއެވެ. އިސްލާމްދީނުގައި ކަންކަން ހަމަހަމަނުކުރައްވައި ފަރަޤުކުރައްވާފައި އެބަހުއްޓެވެ.

އެހެންކަމުން، އެއްވެސްކަހަލަ ހިފެހެއްޓުމެއް ޤަޢިދެއްނެތި އިސްލާމްދީނަކީ ހަމަހަމަކުރާ ދީނެއް ނޫނެވެ.

އިސްލާމްދީނަކީ ޢަދުލުވެރިކަމުގެ ދީން

ބަޔާންވެ ދިޔަ ފަދައިން އިސްލާމްދީނަކީ ހުރިހާކަމެއްގައި ނުވަތަ ހުރިހާ އެއްޗެއްގައި ހަމަހަމަކުރާ ދީނެއް ނޫނެވެ. އެހެންނަމަވެސް، ޢަދުލުވެރިކަމުގެ ދީނެވެ. އިސްލާމީ ޝަރީޢަތުގައިވާ އެންމެހާ ކަމަކީ ޢަދުލުވެރި ފަރާތަކުން ބާވާލެއްވި ޢަދުލުވެރި ކަންކަމެވެ. އެ ޝަރީޢަތް ކަންކަމަށް އަމުރުކުރަނީ ޢަދުލުވެރިގޮތުގައެވެ. އަދި ކަންކަން ނަހީ ކުރަނީވެސް ޢަދުލުވެރިގޮތުގައެވެ. އަދި ޙުކުމްކުރަނީވެސް ޢަދުލުވެރިގޮތުގައެވެ. އަދި ހަމަހަމަކުރަނީވެސް ޢަދުލުވެރިގޮތުގައެވެ. އަދި ފަރަޤުކުރަނީވެސް ޢަދުލުވެރިގޮތުގައެވެ.

މި އުންމަތަކީ ޢަދުލުވެރި އުންމަތެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

((وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا لِّتَكُونُوا شُهَدَاءَ عَلَى النَّاسِ وَيَكُونَ الرَّ‌سُولُ عَلَيْكُمْ شَهِيدًا)) ﴿البقرة: ١٤٣﴾

މާނައީ: “އަދި ހަމަ އެފަދައިން، ޢަދުލުވެރި ހެޔޮ އުންމަތެއްކަމުގައި (ހައްދުފަހަނަ އެޅުމާ ފަރުވާ ކުޑަކުރުމާ ދެމެދުގައިވާ އުންމަތެއްކަމުގައި) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. އެއީ (ޤިޔާމަތް ދުވަހުން) މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ.” މިއާޔަތުގައި އެވާ وَسَطُ (މެދުމިން) ގެ މުރާދަކީ ޢަދުލުވެރިކަން ކަމުގައި ޞަޙީޙުލް ބުޚާރީގައި އައިސްފައިވެއެވެ. (ބައްލަވާ: ޞަޙީޙުލް ބުޚާރީ: ޙަދީޘް ނަންބަރު: 3339، 4487، 7349)

އަދިވެސް ވަޙީ ކުރައްވާފައިވެއެވެ.

((يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّـهِ شُهَدَاءَ بِالْقِسْطِ وَلَا يَجْرِ‌مَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا اعْدِلُوا هُوَ أَقْرَ‌بُ لِلتَّقْوَىٰ وَاتَّقُوا اللَّـهَ إِنَّ اللَّـهَ خَبِيرٌ‌ بِمَا تَعْمَلُونَ)) ﴿المائدة: ٨﴾ މާނައީ:

“އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށްޓަކައި އެކަލާނގެ ޙައްޤުތައް ފުރިހަމަޔަށް ޤާއިމުކުރާ، އަދި ޢަދުލަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ! އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގެ ކިބައިގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! އެގޮތް ތަޤްވާވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުންކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((إِنَّ اللَّـهَ يَأْمُرُ‌ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْ‌بَىٰ وَيَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ‌ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُ‌ونَ)) ﴿النحل: ٩٠﴾ މާނައީ: “ހަމަކަށަވަރުން، ޢަދުލުވެރިވުމަށާއި، އިޙްސާންތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް ﷲ އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، މުންކަރާތްތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް، وعظ އިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.”

އިސްލާމްދީނުގައި ބައެއް ޙާލަތްތަކުގައި ތަފާތުކުރައްވައި، އަނެއްބައި ޙާލަތްތަކުގައި ހަމަހަމަކުރައްވައެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ.

((قُل لَّا يَسْتَوِي الْخَبِيثُ وَالطَّيِّبُ وَلَوْ أَعْجَبَكَ كَثْرَ‌ةُ الْخَبِيثِ)) ﴿المائدة: ١٠٠﴾

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ނުބައިކަންތަކުގެ ގިނަކަން، ތިބާ ޢަޖައިބުކޮށްލިޔަސް، ނުބައިކަންތަކާއި، ރަނގަޅު ކަންތައް ހަމަހަމަވެގެނެއް ނުވެއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ.

((وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ )) ﴿فاطر: ٢٢﴾

މާނައީ: “އަދި ދިރިތިބި ތަކެއްޗާއި، މަރުވެފައިވާ ތަކެއްޗާ ހަމަހަމަވެގެން ނުވެއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ.

((وَلَيْسَ الذَّكَرُ‌ كَالْأُنثَىٰ )) ﴿آل عمران: ٣٦﴾

މާނައީ: “ފިރިހެންކުއްޖަކު އަންހެންކުއްޖަކާ އެއްފަދައެއްނޫނެވެ.”

އެހެންކަމުން ހަމަހަމަކަމާއި ޢަދުލުވެރިކަމަކީ ތަފާތު ދެކަމެކެވެ. ހަމަހަމަވުމަކީ އެއްވަރުވުމާއި، ތަފާތެއްނެތުމާއި، އެއްހަމަވުމެވެ. އެހެންނަމަވެސް ޢަދުލުވެރިވުމުގައި ހަމަހަމަކުރަންޖެހޭ ޙާލަތްތަކުގައި ހަމަހަމަކުރާނެއެވެ. އަދި ތަފާތުކުރަންޖެހޭ ޙާލަތްތަކުގައި ތަފާތުކުރާނެއެވެ. އެގޮތުން އިސްލާމްދީނުގައިވާ ޢަދުލުވެރިކަމުގެ ސަބަބުން ދަރިންގެ މެދުގައާއި، އަނބިންގެ މެދުގައި ހަމަހަމަކުރަން އަންގަވާފައިވެއެވެ. އަދި އެ ޢަދުލުވެރިކަމުގެ ސަބަބުން ވާރުތަމުދާ ބެހުމުގައާއި، ހެކިދިނުމުގައި ފިރިހެނުންނާއި އަންހެނުން ތަފާތުކުރެއެވެ. މި ހަމަހަމަކުރުމާއި ތަފާތުކުރުންތަކަށް ޢަދުލުވެރިކަމުގެ ނަޒަރުން ބަލައިލައިފިނަމަ ޢަދުލުވެރިކަން ފެނިގެންދާނެއެވެ. އިސްލާމްދީނަކީ ޢަދުލުވެރިކަމުގެ ދީނެވެ. އެއްވެސް ޙާލެއްގައި ހަމަހަމަކުރާ ދީނެއް ނޫނެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((أَفَمَن كَانَ مُؤْمِنًا كَمَن كَانَ فَاسِقًا لَّا يَسْتَوُونَ)) ﴿السجدة: ١٨﴾ މާނައީ: “ފަހެ، މުއުމިނަކު ކަމުގައިވާ މީހާއާއި (އުރެދޭ) ފާސިޤަކު ކަމުގައިވާ މީހާ ހަމަހަމަވާނެ ހެއްޔެވެ؟ އެ ދެބައިމީހުން ހަމަހަމައެއް ނުވާނެއެވެ.” މުއުމިނަކާއި ފާސިޤަކާ ހަމަހަމަކުރުމަކީ އަނިޔާވެރިކަމެކެވެ. މިތަނުގައި ޢަދުލުވެރިކަމަކީ މިދެބައިމީހުން ތަފާތުކުރުމެވެ.

މުޙައްމަދު ބިން ޞާލިޙު އަލްޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “(އިސްލާމްދީނާމެދު) ބައެއްމީހުން ޢަދުލުވެރިކަމުގެ ދީނުގެ ބަދަލުގައި ހަމަހަމަކަމުގެ ދީން ބޭނުންކުރެއެވެ. މިއީ ކުށެކެވެ. (އިސްލާމްދީނަކީ) ހަމަހަމަކަމުގެ ދީނޭ ނުބުނެވޭނެއެވެ. އެހެނީ ހަމަހަމަކަމޭ ބުނުމުން ދެ އެއްޗެއް ދެމެދުގައި ތަފާތުނުކުރުން އަންނާނެއެވެ. އެހެންނަމަވެސް ޙިކުމަތްތެރިގޮތަކީ އެ ދެ އެތީގައި ތަފާތުވުންކަމުގައިވެދާނެއެވެ. މި (ހަމަހަމަކުރުމުގެ) ދަޢުވާގެ ސަބަބުން ބުނެއެވެ. ފިރިހެނަކާއި އަންހެނަކާދެމެދުގައި ވަނީ ކޮން ތަފާތުކަމެއް ހެއްޔެވެ؟ އެހެންވެ މިބައިމީހުން ފިރިހެނުންނާއި އަންހެނުންނާ ހަމަހަމަކުރެއެވެ. މިގޮތަށް ބުނަމުންގޮސް ބައެއްމީހުން ބުނެއެވެ. ޙާކިމްމީހާއާއި ރައްޔިތުންނާދެމެދު ވަނީ ކޮން ތަފާތެއް ހެއްޔެވެ؟ އެއްވެސްމީހަކަށް އަނެކަކެއްގެ މައްޗަށް ވެރިއަކަށް ނުހުރެވޭނެއެވެ. ދަރިފުޅާ ބައްޕައާ ދެމެދު ވަނީ ކޮން ތަފާތެއް ހެއްޔެވެ؟ ދަރިއެއްގެ މައްޗަށް ބައްޕަ އިސްނުކުރެވޭނެއެވެ…. މިގޮތަށް އެތައް ވާހަކަތަކެއް ދައްކައެވެ. އެހެންނަމަވެސް އަޅުގަނޑުމެން ބުނަނީ (އިސްލާމްދީނަކީ) ޢަދުލުވެރިކަމުގެ (ދީން)ކަމުގައިވާނަމަ، (އޭގެ މާނައަކީ) ކޮންމެ މީހަކަށްވެސް އެމީހަކަށް ދޭންޖެހޭ ޙައްޤުތައް ދިނުމެވެ. (މިގޮތަށް ޢިބާރާތް ބޭނުންކުރުމުން) މި ނުބައިކަން ފިލައި، ޢިބާރާތް (ކުށުން) ސަލާމަތްވެގެންދާނެއެވެ.” (ބައްލަވާ: ޝަރްޙު އަލްޢަޤީދަތުލް ވާސިޠިއްޔާ: 1/229)

ކޮންމެ ޙާލަތެއްގައި ހަމަހަމަކުރުމަކީ ފިޠުރީގޮތުންނާއި ބުއްދީގެގޮތުން ބެލިނަމަވެސް ހަމަޖެހޭކަމެއް ނޫނެވެ.

ފިޠުރީގޮތުން:

ފިޠުރީގޮތުން ބަލާނަމަ، ކޮންމެ ޙާލަތެއްގައި މީސްތަކުން ހަމަހަމަކުރުމަކީ ފިޠުރީގޮތުން ޤަބޫލުކުރާކަމެއް ނޫނެވެ. މިސާލެއްގެ ގޮތުން ފިރިހެނުންނާއި އަންހެނުންގެ ވާހަކައަށް ބަލާލަމާތޯއެވެ. މި ދެޖިންސު ދެމެދުގައި ޖިސްމާނީގޮތުންނާއި، ބުއްދީގެގޮތުންނާއި، ކުޅަދާނަކަމުގެގޮތުން ފަދަ ކަންކަމުގައި ތަފާތުތައް ހުންނަކަމީ ކިރިޔާވެސް ތަންދޮރު ދަންނަ ކުއްޖަކަށްވެސް އެނގޭނޭކަމެކެވެ. މިފަދަ ތަފާތުތަކެއް ހުރިއިރު ހުރިހާކަމެއްގައި ހަމަހަމަކުރާނެގޮތެއް ހޯދާނެތަނެއް މިއުޑުދަށުގައި ވޭ ހެއްޔެވެ؟ އަދި ހަމަހަމަކޮށްފިނަމަ ކޮންމެވެސް އެއްބައެއްގެ ޙައްޤުތައް ނިގުޅި، ޢަދުލުވެރިކަމުގެ ބަދަލުގައި އަނިޔާވެރިކަން ފާޅުވާނެއެވެ. އެންމެ ހަމަހަމަކަމަށް ގޮވާލާ އަޑުއުފުލަމުންގެންދާ އެމެރިކާ އަދި ޔޫރަޕްގެ ޙާލަތާމެދު ވިސްނާލަމާތޯއެވެ. އެބައިމީހުން ކުޅިވަރުތަކުގައި ފިރިހެނުންނާއި އަންހެނުން ހަމަހަމަނުކުރަނީ ކީއްވެ ހެއްޔެވެ؟ ފިރިހެން ފުޓްބޯޅަ މެޗުތައް އެހެރަގެން ކުޅެމުންގެންދަނީ ވަކިންނެވެ. އަންހެނުންވަކިންނެވެ. ފެތުން، ދުވުން، ޓެނިސް ފަދަ ކުޅިވަރުތައްވެސް ހަމަމިފަދައެވެ. ހަމަހަމަކޮށްގެން ނުކުޅެނީ އެބައިމީހުންގެ ލަދުވެތިކަމުގެ ސަބަބުންތޯއެވެ؟ ނޫނެކެވެ. އެގޮތައް ހަމަހަމަކޮށްފިނަމަ އިންސާފުވެރިނުވާނެތީއެވެ. ވީއިރު، މި ހަމަހަމަކަމަށް ހުރިހާކަމެއްގައި ގޮވާލާގޮވާލުމަކީ ކޮން އުޞޫލެއްގެ މައްޗަށް ގޮވާލެވޭ ގޮވާލުމެއް ބާވައެވެ؟ އިސްލާމްދީނުގައި ތަފާތުކުރައްވާފައިވާތީ އެކަންކަމާ ގޮންޖެހުމަށް ނޫން ދެންކޮންކަމެއްގައި ބާވައެވެ؟

ބުއްދީގެ ގޮތުން:

ބުއްދީގެގޮތުން ބަލާއިރުވެސް ހުރިހާކަމެއްގައި އަދި ހުރިހާ ދާއިރާއެއްގައި ހަމަހަމަކުރުމުގެ ފަލްސަފާ ނެގުމަކީ ހަމަޖެހޭކަމެއް ނޫނެވެ. ހަމަހަމަކުރުމުގެ ސަބަބުން ވެރިޔަކީ ކޮބައިކަމާއި، ރައްޔިތުންނަކީ ކޮބައިކަން އޮޅޭ ހިސާބަށް ކަންތައްތައް ދާތަނާއި، މައިންބަފައިންނަކީ ކޮބައިކަމާއި ދަރިންނަކީ ކޮބައިކަން އޮޅޭ ހިސާބަށް ކަންތައްތައް ދާތަނާއި، ފިރިހެނުންނާއި އަންހެނުންނަކީ ކޮބައިކަން އޮޅޭ ހިސާބަށް ކަންތައްތައް ދާތަން ފެންނާނެއެވެ. ކޮންމެ ބުއްދިވެރި ވިސްނޭމީހަކަށް އިޙްސާސްވެގެން ދާނީ މިކަންކަމުގެ ހިތިރަހަ އަޅުގަނޑުމެންގެ އަރުތެރޭގައިވެސް ލަމުން އަންނަކަމުގެ އިޙްސާސެވެ.

އިސްލާމްދީނުގައި ފަޤީރުންނާއި މިސްކީނުން އަތުން ޒަކާތްނުނަގައި މުއްސަނދިން އަތުން ޒަކާތް ނަގަންޖެހެނީ މިސަބަބާހުރެއެވެ. ޒަކާތުގެ ޙިކުމަތާއި މަޤްޞަދަށް ބަލާއިރު މި ދެބައިމީހުން ހަމަހަމަކުރުމަކީ ބޭއިންސާފުވުމެކެވެ. އަނިޔާވެރިކަމެކެވެ. ސަލާމަތުންވާ ބުއްދިއާ ފުށުއަރާކަމެކެވެ. އެހެންކަމުން މި ޙާލަތުގައި ފަރަޤުކުރައްވާފައި ވަނީއެވެ. ވާރުތަމުދާ ބެހުމުގައި ބައެއް ޙާލަތްތަކުގައި އަންހެނުންނަށްވުރެ ގިނައިން ފިރިހެނުންނަށް ލިބޭގޮތަށް އޮންނަނީ މިސަބަބާހުރެއެވެ. އަންހެނުންނާ ޚިލާފަށް ފިރިހެނުންނަކީ އެމީހާގެ އަނބިދަރިންނާއި، މައިންބަފައިންނާއި، އަޚުންނާއި އުޚުތުންގެ ކަންކަން ބެލެހެއްޓުމާ ޙަވާލުވާންޖެހޭ މީހެކެވެ. މިއާޚިލާފަށް އިސްލާމީ ޝަރީޢަތުގައި އަންހެނުންނަކީ އެފަދަ ޒިންމާ އުފަލަންޖެހޭ ބައެއް ނޫނެވެ. ހެޔޮކަމުގެ ގޮތުން އަންހެންމީހާ ހޭދަކުރުމަކީ ތަފާތު މައްސަލައެކެވެ. ކަންމިހެން އޮތްއިރު، ވާރުތަމުދަލުން ފިރިހެންމީހާއަށް ބައެއް ޙާލަތުގައި އަންހެންމީހާއަށްވުރެ ގިނައިން ލިބުމަކީ މައްސަލައެއް ހެއްޔެވެ؟ ޢަދުލުވެރިކަމަކީ އެއީ ނޫން ހެއްޔެވެ؟

ވަކިކަމެއް ނުބައިކޮށް ހިނގަންމެދުވެރިވަނީ އިސްލާމްދީނުގައި މިވެނިކަމެއް މިހެން އޮންނާތީއޭ ބުނެ ކަންކަން އިސްލާމްދީނުގައި އެޅުވުމަކީ އެ ދީނުގެ އަހުލުވެރިންގެ ގޮތެއް ނޫނެވެ. ދެމަފިރިންގެ ދެމެދުގައި ހިނގާކަމެއްގެ ސަބަބުން އަނިޔާނުވާގޮތުގެ މަތިން އަންހެންމީހާގެ ގައިގައި ޖެހުމަކީ އިސްލާމްދީނުގައި ހުއްދަ ދެއްވާފައިވާކަމެކެވެ. އެހެންނަމަވެސް، ޙައްޤަކާނުލައި އަނބިންގައިގައި ތެޅުމާއި، އެކަނބަލުންނަށް އަނިޔާކޮށް ހެދުމަކީ އިސްލާމްދީނުގައި އޮތްކަމެއް ނޫނެވެ. ބަޔަކު މިފަދައިން ކަންތައްކުރާތީ އެއީ އިސްލާމްދީނުގައި އެގޮތަށް އައިސްފައިވާތީ ހިނގާކަމެކޭ ނުބުނެވޭނެއެވެ. ކަމެއްގައި މިދީނުގައި އަންގަވާދެއްވާފައިވާގޮތާ ޚިލާފަށް ކައިވަތެއްގެ މިންވަރު ބޭރަށްޖެހުނަސް އެކަމަކުން މިދީން ވަނީ ބަރީޢަވެގެންނެވެ. އެކަމުގެ ނުބައިކަން ނިސްބަތްކުރަންޖެހޭނީ އެފަދައިން ކަންތައްކުރާމީހުންނަށެވެ. އިސްލާމްދީނަކަށް ނޫނެވެ. އިސްލާމްދީން ނަގަންޖެހޭނީ ބަޔަކު އުޅޭގޮތަކުންނޫނެވެ. އެދީނުގެ މަޞްދަރުތަކުންނެވެ.