[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފިރިހެނާގެ ފައިކުރި ތަނބިކަށްޓަށްވުރެ ތިރިކުރުން 3

trousers

الحمد لله والصلاة والسلام على رسول الله  وعلى آله وصحبه أجمعين.

ފިރިހެނާގެ ފައިކުރި ތަނބިކަށްޓަށްވުރެ ތިރިކުރުމާބެހޭގޮތުން ބައެއްމީހުންނަށް އަރާފައިވާ އޮޅުންތަކެއް

2 އަބޫބަކުރުގެފާނު رضي الله عنهގެ އިޒާރުކޮޅުވެސް ތަނބިކަށްޓަށްވުރެ ތިރިއަށް ހުންނަކަމަށް އައިސްފައިވޭ

ފިރިހެނާއަށް މަނާކުރެވިފައިވަނީ ތަނބިކަށްޓަށްވުރެ ތިރިއަށް އޭނާގެ ހެދުން ބެހެއްޓުމެވެ. ފަހެ ހަކަމަށަވަރުން ޞަޙާބީ ބޭކަލުންނަކީ މި އުންމަތަށް ވަޑައިގެން އެންމެ މާތް ބޭކަލުންނަށްވީހިނދު އެބޭފުޅުންގެ ހެދުންކޮޅު ހުރީ ތަނބިކަށްޓަށްވުރެ މަތީގައެވެ.

عَنْ سَالِمِ بْنِ عَبْدِ اللَّهِ عَنْ أَبِيهِ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((مَنْ جَرَّ ثَوْبَهُ خُيَلَاءَ لَمْ يَنْظُرِ اللَّهُ إِلَيْهِ يَوْمَ الْقِيَامَةِ)) قَالَ أَبُو بَكْرٍ: يَا رَسُولَ اللَّهِ إِنَّ أَحَدَ شِقَّيْ إِزَارِي يَسْتَرْخِي إِلَّا أَنْ أَتَعَاهَدَ ذَلِكَ مِنْهُ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ((لَسْتَ مِمَّنْ يَصْنَعُهُ خُيَلَاءَ)). [رواه البخاري / كتاب: / باب: / رقم الحديث ]

މާނައީ: ސާލިމް ބުން ޢަބްދުﷲ އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވިއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އެކަލޭގެފާނު ރިވާކުރެއްވިއެވެ. “ބޮޑާވެރިކަމާއެކު ހެދުންދަމައިފި މީހަކަށް ޤިޔާމަތްދުވަހު ﷲ ނުބައްލަވާނެއެވެ.” އަބޫބަކުރު رضي الله عنه ވިދާޅުވެފައިވެއެވެ. “އޭﷲގެ ރަސޫލާއެވެ. ތިމަންކަލޭގެފާނުގެ އިޒާރުކޮޅު އެއްފަރާތުން ތިރިއަށް އާދެއެވެ. ނަމަވެސް އަވަސްއަވަހަށް ތިމަންކަލޭގެފާނު އެ ހިފަހައްޓާ ހަދަމެވެ.” ފަހެ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ކަލޭގެފާނަކީ ބޮޑާވެރިކަމާއެކު އެކަންކުރައްވާ ބޭކަލެއްނޫނެވެ.”

މިޙާދިޘާގައި ކަންތައްވެފައިވާގޮތަށް އިޝާރަތްކޮށް ބައެއް މީހުން ބުނެ އުޅެނީ މީގެން ދަލީލު ލިބެނީ ބޮޑާވެރިކަމަކާނުލާ ފިރިހެނާގެ ފައިކުރި ތަނބިކަށްޓަށްވުރެ ތިރިކުރުމަކީ މައްސަލައެއް ނޫންކަމަށެވެ. އަދި ފައިކުރި ތަނބިކަށްޓަށްވުރެ ތިރިކުރުމަކީ އެހާ ނުބައިކަމެއްކަމުގައި ވާނަމަ އަބޫބަކުރުގެފާނު رضي الله عنه ނުކުރެއްވީހެވެ.

ނަމަވެސް މިބައިމީހުން މިބުނާފަދައިން މި ޙަދީޘުން މާނަ ނުނެގެއެވެ. ބޮޑާވެރިކަމާއެކު ނުލާ މިޢަމަލުކުރުމަކީ މައްސަލައެއް ނޫންކަމަށް ބުނާމީހުން ދަންނައެވެ. އެކަމުގެ ތަފްޞީލު އިސްވެބަޔާންވެގެން ހިނގައްޖެއެވެ. ދެން އަބޫބަކުރުގެފާނު رضي الله عنه ގެ މިޙާދިޘާއަށް އިޝާރަތްކޮށް ހެދުމުގެ ފައިކުރި ކިތަންމެ ދިގުކޮށް ބެހެއްޓުމަކީ އެއީ މައްސަލައެއް ނޫންކަމަށް ބުނުމާމެދު ދަންނައެވެ. މިފަދަ މީހުންނަށް ދެގޮތަކުން ރައްދު ދެވެއެވެ.

ފުރަތަމައީ: އަބޫބަކުރުގެފާނު رضي الله عنه އެކަލޭގެފާނުގެ ހެދުންކޮޅުގެ އިޒާރުކޮޅު ތިރިކުރައްވަނީ އެކަލޭގެފާނުގެ އަމިއްލަ އިޚްތިޔާރަކުނޫނެވެ. ނަމަވެސް އެހެދުންކޮޅު ފައިބަނީއެވެ. އަދި އެއާއެކު އެކަލޭގެފާނު ހެދުންކޮޅު އުފުއްލަވައެވެ. ނަމަވެސް [މިހާރު] ހެދުމުގެ ފައިކުރި ތަނބިކަށްޓަށްވުރެ ތިރިކުރާމީހުން އެކަންކުރަނީ ގަޞްދުގައެވެ.

ދެވަނައީ: އަބޫބަކުރުގެފާނު رضي الله عنه އަކީ ނަބިއްޔާ صلى الله عليه وسلم އެބޭކަލެއްގެ ރަނގަޅުކަމާ މާތްކަމަށް ތަޒްކިޔާދެއްވާފައިވާ ބޭކަލެކެވެ. އަދި އެކަލޭގެފާނު އެކަންކުރައްވަނީ ބޮޑާވެރިކަމާއެކު ނޫންކަމަށް ނަބިއްޔާ صلى الله عليه وسلم ހެކިވެވަޑައިގެންފައިވެއެވެ. އަބޫބަކުރުގެފާނު ފިޔަވާ މިކަންކުރި އެއްވެސް މީހަކަށް މިހެކިވުން ޙާޞިލުވެފައިވޭ ހެއްޔެވެ؟ [1]

އެހެންކަމުން ޚުލާޞާއަކީ މިޙާދިޘާއަކީ އިސްބާލުކުރުމަށް އޮތް ހުއްޖަތެއްނޫނެވެ. ނަމަވެސް މިއީ އިސްބާލުނުކުރުމަށް އޮތް ހުއްޖަތެކެވެ. މިފަދަ ޢުޛުރައް ގެންނަ މީހުން އެފަދަ ޢަމަލުތަކުން އެއްކިބާވެ އެންމެ ރަނގަޅުގޮތަށް ތަބާވުމަށް އަވަސްވެގަންނާށެވެ!

__________________________________________

[1] ބައްލަވާ މަޖްމޫޢު ފަތާވާ އިބްނު ޢުޘައިމީން ، جزء: ۱٢/ رقم السؤال:٢٢٣

-ނުނިމޭ-

މިލިޔުމުގެ އެހެން ބައިތައް ބައްލަވާ