[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތައުޙީދުގެ ބައިތައް ކުރުގޮތަކަށް

1- ތައުޙީދުއް ރުބޫބިއްޔާ: ﷲ ތަޢާލާ އަކީ ހުރިހާ އެއްޗެއްގެ ރައްބުވަންތަ އިލާހުކަމަށް އިޤުރާރު ވުމެވެ. އަދި އެންމެހާ ތަކެއްޗެއް ޚަލްޤު ކުރައްވާ އެތަކެއްޗަށް ރިޒުޤުދެއްވާ އެތަކެތި އެއިލާހަކަށް މިލްކުވެވޮޑިގެންވާ އިލާހުކަމަށް އިޤުރާރުވުމެވެ. އަދި އެއިލާހަކީ އެންމެހާ ތަކެއްޗަށް ދިރުން ދެއްވައި މަރުގެންނަވާ އަދި އެންމެހާ ތަކެއްޗަށް ފައިދާ އާއި މަންފާ ކުރަނިވި ގޮތްތަކާއި ދަތި އުނދަގޫ ގޮތްތަށްވެސް މެދުވެރި ކުރައްވަވާ އަދި ބޭނުންޖެހިފައިވާ މީހާގެ ދުޢާ އިޖާބަކުރައްވާ ހަމައެކަނި ފަރާތްކަމަށް އިޤުރާރު ވުމެވެ. އަދި ހުރިހާ ކަމެއްގެ އަމުރުވަނީ އެއިލާހަށެވެ. އަދި ހުރިހާ ހެވެއްވަނީ އެއިލާހުގެ އަތްޕުޅުގައެވެ. އެއިލާހީ ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ އިލާހެވެ. އަދި މިކަންތައްތަކުގައި އެއިލާހާއި ބައިވެރިވެގެންވާ އެއްވެސް ފަރާތެއް ނުވެއެވެ. އަދި މީގެ ތެރޭގައި ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުންވެސް ހިމެނެއެވެ.

2- ތައުޙީދުލް އަސްމާއި ވައްޞިފާތި (ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތަކުގައި އެއިލާހު އެއްކައުވަންތަ ކުރުން): އެއިލާހީ ކޮންމެކަމަކަށްމެ ކުޅަދުންވަންތަވެވޮޑިގެންވާ އަދި ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހުކަމަށް އިޤުރާރު ވުމެވެ. އަދި އެއިލާހީ ދިރިދެމިވޮޑިގެންވާ ތާއްޔެއްޖެހުމެއްނުވާ އަދި އަވަހާރަފުޅު ލެއްޕެވުމެއްވެސް ނުވާ އިލާހުކަމަށް އިޤުރާރު ވުމެވެ. އެއިލާހުގެ އިރާދަފުޅާއި ނުލާ އެއްވެސް ކަމެއް ނުވާކަމަށާއި އެއިލާހުއީ އެންމެ ޙިކްމަތްވަންތަ އިލާހުކަމަށް އިޤުރާރު ވުމެވެ. އަދި އެއިލާހުއީ އައްސަވާވޮޑިގެންވާ، ބައްލަވާވޮޑިގެންވާ، އޯގާވަންތަ، ރަޙީމްވަންތަ، ޢަރުޝީގެ މަތީގައި އިސްތިވާއުވެވޮޑިގެންވާ އިލާހެވެ. މުލްކުވަންތަކަމުގެ ހުރިހާ ސިފަތަކެއް އެއިލާހަށް ލިބިވޮޑިގެންވެއެވެ. އަދި އެއިލާހުގެ މުލްކުގެ މައްޗަށް ފުރިހަމަ އާރާއިބާރު އެއިލާހަށް ލިބިވޮޑިގެންވެއެވެ. އަދި އެއިލާހުއީ ޤުއްދޫސްވަންތަ އަދި ހުރިހާ އުނިސިފަތަކަކުން ހުސްޠާހިރުވަންތަވެވޮޑިގެންވާ ހުރިހާ މަޚްލޫޤުންނަށް އަމާންކަން ދެއްވާ ހުރިހާ މަޚްލޫޤުން ބަލަހައްޓަވާ ރައްކާތެރިކަންދެއްވާ ޢިއްޒަތް ލިބިވޮޑިގެންވާ ޖައްބާރުވަންތަ އަދި ކިބްރިޔާވަންތަ އިލާހުއެވެ. އަދި މުޝްރިކުން ޝިރުކުކޮށްއުޅޭ ތަކެއްޗާއި ކަންތަކުން އެއިލާހު ހުސްޠާހިރުވަންތަވެވޮޑިގެންވެއެވެ. އަދި މިނޫންވެސް ﷲ ތަޢާލާގެ ނަންފުޅުތަކާއި ސިފަފުޅުތަކަށް ބަދަލުގެނައުމަކާއިނުލާ އަދި އުނިކުރުމަކާއިނުލާ އަދި އޭގެވައްތަރު ބަޔާންކުރުމަކާއިނުލާ އަދި އެއްވެސް އެއްޗަކާއި އަޅާކިޔުމެއްނެތި އީމާންވުމެވެ.

3- ތައުޙީދުލް އުލޫޙިއްޔާ: ތައުޙީދުގެ މިބައި ބިނާވެގެންވަނީ ﷲ ތަޢާލާއަށް އަޅުކަންތައް ޚާލިޞްކުރުމުގެ މައްޗަށެވެ. ލޯބިވެތިވުމާއި ބިރުވެތިވުމާއި ކަންކަމަށް އުއްމީދުކުރުމާއި ވަކީލުކުރުމާއި ﷲ ތަޢާލާގެ ރަޙުމަތަށް އެދުމާއި ކޯފާއަށް ބިރުވެތިވުމާއި ކަންކަމަށްއެދި ދުޢާކުރުމުގައި ހަމައެކަނި ﷲ ތަޢާލާއަށް ދެންނެވުމެވެ. އަދި ފާޅުގަޔާއި ސިއްރުގައި ކުރެވޭ އަޅުކަންތަކުގައިވެސް އިޚްލާޞްތެރިވުމެވެ. އެއިލާހަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. ބަޔާންކުރެވުނު ކަންތައްތަކާއި އަދި މިނޫންވެސް އަޅުކަންތަކުގައި އެހެން އެއްވެސް ފަރާތެއް ބައިވެރިކުރުން ހުއްދަވެގެން ނުވެއެވެ. އަދި ކުށްތަން ކުރެވިގެންވާ މަލާއިކަތެއް ކަމުގައިވިޔަސް އަދި އެއިލާހު ފޮނުއްވި ރަސޫލުބޭކަލަކު ކަމުގައިވިޔަސް އެއްވެސް އަޅުކަމެއްގައި އެއިލާހާއި ބައިވެރިކުރުން ހުއްދަވެގެންނުވެއެވެ. إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾ މާނައަކީ: ” އަޅަމެން އަޅުކަންކުރަނީ، ހަމައެކަނި އިބައިލާހަށެވެ. އަދި އަޅަމެން ވާގިއެދެނީ،   ހަމައެކަނި އިބައިލާހުގެ ޙަޟުރަތުންނެވެ. (5)” މި އާޔަތުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވަނީ ތައުޙީދުލް އުލޫޙިއްޔާއެވެ. އެއީ އަޅުކަން ކުރުމުގައި ﷲ ތަޢާލާ އެއްކައުވަންތަ ކުރުމެވެ. މިއީ ދީނުގެ ފެށުމާއި ދީނުގެ ނިމުން ވެސްމެވެ. އަދި ދީނުގެ ބޭރުފުށާއި އެތެރެފުށަކީވެސް މިއީއެވެ. އަދި މިއީ ރަސޫލުބޭކަލުންގެ އެންމެ ފުރަތަމަ އަދި އެންމެފަހުގެ ދަޢުވަތުވެސްމެވެ. އަދި لا إله إلا الله ގެ މާނައަކީވެސް މިއީއެވެ.