[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (12)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ގޭތެރޭގައި ޝަރުޢީ ޢިލްމު

 

އަށްވަނަ ނަސޭހަތް: ގޭގެ އަހުލުންނަށް އުނގަންނައިދިނުން

 

އަންނަނިވި އާޔަތުގައިވާ ﷲ ގެ އަމުރުފުޅު ތަންފީޛުކުރުމަކީ ގޭގެ ވެރިމީހަގެ މައްޗަށް ލާޒިމު ކަމެކެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ… ﴾ [سورة التحريم ٦]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުން، ނަރަކައިން ސަލާމަތްކުރާށެވެ. އެ ނަރަކައިގެ ދަރަކީ މީހުންނާއި ހިލައެވެ…”

މިއާޔަތަކީ ގޭގެ އަހުލުންނަށް ކިޔަވައިދިނުމާއި، އެބައިމީހުން ތަރުބިއްޔަތު ކުރުމާއި، އެބައިމީހުންނަށް ހެޔޮކަންތަކަށް އަމުރުކުރުމާއި، ނުބައިކަންތައްތައް މަނާކުރުމުގެ ދަލީލެކެވެ. ބައެއް މުފައްސިރުން މިއާޔަތާމެދު ވިދާޅުވެފައިވާ ބަސްފުޅުތައް ލޮބުވެތި ކިޔުންތެރިންނަށްޓަކައި ހުށަހަޅާލަމެވެ. އެއީ ގޭގެވެރިމީހާގެ ވާޖިބުތަކާއި ބެހޭގޮތުންނެވެ.

ޤަތާދާ رحمه الله ވިދާޅުވިއެވެ.

“ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށް އެބައިމީހުންނަށް އަމުރުކުރަންވާނެއެވެ. އަދި އެއިލާހަށް ނުކިޔަމަންތެރިވުން އެބައިމީހުންނަށް މަނާކުރަންވާނެއެވެ. އަދި ހަމަކަށަވަރުން ﷲ ތަޢާލާ އެބައިމީހުންނަށް އަމުރުކުރައްވާފައިވާ އަމުރުފުޅުތައް ޤާއިމުކުރުމަށް އަމުރުކުރަންވާނެއެވެ. އަދި އެކަމުގައި އެހީތެރިވެދޭށެވެ.”

އައްޟައްޙާކު އަދި މުޤާތިލް رحمهما الله ވިދާޅުވިއެވެ.

“އޭނާގެ އަހުލުންނާއި ގާތްތިމާގެ މީހުން އަދި އަންހެން އަޅުންނަށް، ﷲ ތަޢާލާ އެބައިމީހުންނަށް ފަރުޟުކުރައްވާފައިވާ ކަންތައްތަކާއި ނަހީކުރައްވާފައިވާ ކަންތައްތައް އުނގަންނައި ދިނުމަކީ މުސްލިމު މީހާގެ މައްޗަށް އޮތް ޙައްޤެކެވެ.”

ޢަލީ رضي الله عنه ވިދާޅުވިއެވެ.

“އެބައިމީހުންނަށް އުނގަންނައިދޭށެވެ. އަދި އެބައިމީހުން އަދަބުވެރިކުރުވާށެވެ.”

އިލްކިޔާ އައްޠަބަރީ رحمه الله ވިދާޅުވިއެވެ.

“ފަހެ އަހަރެމެންގެ ދަރިންނަށާއި އަހުލުންނަށް ދީނާއި ހެޔޮކަންތައްތައް އަދި އަދަބުތަކުގެ ތެރެއިން އެމީހުންނަށް ބޭނުންވާ ކަންތައްތައް އުނގަންނައިދޭން ޖެހޭނެއެވެ. އަދި ރަސޫލުﷲ صلى الله عليه وسلم އަންހެން އަޅުންނަށް، އެބައިމީހުންނަކީ އަޅުންކަމުގައިވަނިކޮށް، އުނގަންނައިދިނުމަށް ބާރުއެޅުއްވިއިރު ތިޔަބައިމީހުންގެ ދަރިންނާއި އަހުލުންނާމެދު، އެއީ މިނިވަނުންކަމުގައިވީހިނދު، ދެކެނީ ކިހިނެތް ހެއްޔެވެ؟”

އަލްބުޚާރީ رحمه الله އެކަލޭގެފާނުގެ ޞަޙީޙްގައި ވިދާޅުވެފައިވެއެވެ.

“ބާބު: ފިރިހެނާ އޭނާގެ އަންހެން އަޅުންނަށާއި އަހުލުންނަށް އުނގަންނައިދިނުން.

ދެން އެކަލޭގެފާނު ރަސޫލުﷲ صلى الله عليه وسلم ގެ ޙަދީޘްފުޅު ނަކަލުކުރެއްވިއެވެ.

«ثَلاَثَةٌ لَهُمْ أَجْرَانِ … وَرَجُلٌ كَانَتْ عِنْدَهُ أَمَةٌ فَأَدَّبَهَا فَأَحْسَنَ تَأْدِيبَهَا، وَعَلَّمَهَا فَأَحْسَنَ تَعْلِيمَهَا، ثُمَّ أَعْتَقَهَا فَتَزَوَّجَهَا فَلَهُ أَجْرَانِ»

މާނައީ: “ދެ އަޖުރު ލިބޭ ތިން މީހުންވެއެވެ… އަދި އަންހެން އަޅަކު މިލްކުވެގެންވާ ފިރިހެނާއެވެ. ފަހެ، އެންމެ ހެޔޮގޮތުގައި އޭނާ އަދަބުވެރިކުރުވައެވެ. އަދި އެންމެ ހެޔޮގޮތުގައި އޭނާއަށް އުނގަންނައިދެއެވެ. ދެން އެއަށްފަހު އެ އަންހެނާ މިނިވަންކޮށް އޭނާއާ ކައިވެނިކުރެއެވެ. ފަހެ، އެފިރިހެނާއަށް ދެ އަޖުރުވެއެވެ.”

އިބްނު ޙަޖަރު رحمه الله މި ޙަދީޘްގެ ޝަރަޙައިގައި ވިދާޅުވިއެވެ.

“ބާބުގެ ސުރުޚީއާއި ޙަދީޘްއާ ހުރި ގުޅުމަކީ، އަޅުއަންހެނުންގެ ވާހަކަ ޛިކުރުކުރެވިފައިއެވަނީ ސީދާ އެޙަދީޘްގެ ނައްޞުގައެވެ. އަހުލުންގެ ވާހަކަ ނަގާފައި އެވަނީ ޤިޔާސްކޮށްގެންނެވެ.  ﷲ ތަޢާލާ ފަރުޟުކުރައްވާފައިވާ ކަންތައްތަކާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ގެ ސުންނަތްތައް އަޅުންނަށް ބަޔާންކޮށްދިނުމަށް ސަމާލުވުމަށްވުރެ މިނިވަނުންތަކަކަށް އުނގަންނައިދިނުމަށް ސަމާލުވުން މާބޮޑަށް އެދެވިގެންވެއެވެ.”

_________________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް