[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަފްސީރު ބެހޭ ބައިތައް

DSC_0154ތަފްސީރު ބެހެނީ ދެބަޔަކަށެވެ. އެއީ

1: އައްތަފްސީރު ބިލްމައުޘޫރި (ބިއް ރިވާޔާ)

2- އައްތަފްސީރު ބިއްރައުޔި (ބިއް ދިރާޔާ)

ތަފްސީރު ބިލް މައުޘޫރި: އެއީ ކީރިތި ޤުރުއާނުގެ ތަފްސީރު ހަމަ ކީރިތި ޤުރުއާނުން ބަލައިގެންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ޞައްޙަގޮތުގައި ނަޤުލުވެފައިވާ ޙަދީޘްތަކަށް އިސްކަންދީގެން އަދި މާތް ޞަޙާބީންގެ ކިބައިން ނަޤުލުވެފައިވާ ބަސްފުޅުތަކަށް ރިޢާޔަތްކޮށްގެން، ﷲ ތަޢާލާގެ އެ ބަސްފުޅުތަކުގެ މުރާދު ތާބިޢީ ބޭކަލުން ބަޔާންކުރެއްވި ކުރެއްވުމަށްވެސް ސަމާލުކަން ދީގެން ކީރިތި ޤުރުއާން ތަފްސީރުކުރުމެވެ.

މިގޮތަށް ކީރިތި ޤުރުއާން ތަފްސީރުކޮށްފައިވާ ބައެއް ފޮތްތަކަކީ:

*- ޖާމިޢުލް ބަޔާނި ޢަން ތައުވީލި އާޔިލް ޤުރުއާނި – އިބްނު ޖަރީރުއް ޠަބަރީ (މަޝްހޫރު ތަފްސީރުއް ޠަބަރީ)

*- މަޢާލިމުއް ތަންޒީލި – ބަޣަވީ (މަޝްހޫރު ތަފްސީރުލް ބަޣަވީ)

*- ތަފްސީރުލް ޤުރުއާނިލް ޢަޡީމް – އިބްނު ކަޘީރު (މަޝްހޫރު ތަފްސީރު އިބްނު ކަޘީރު)

 

ތަފްސީރު ބިއްރައުޔި: އެއީ އަމިއްލައަށް އިޖުތިހާދުކޮށްގެން ކީރިތި ޤުރުއާން ތަފްސީރު ކުރުމެވެ. ރައުޔަށް ތަފްސީރު ކުރުން ދެބަޔަކަށް ބެހިގެންވެއެވެ. އެއީ

ހ- ތަފްސީރު ބިއްރައުޔި އަލް މަޙްމޫދު – (ތަޢުރީފުކުރެވިފައިވާ ތަފްސީރުކުރުން)

ށ- ތަފްސީރު ބިއްރައުޔި އަލް މަޛްމޫމު – (އެއްޗިހިކިޔިފައިވާ ތަފްސީރުކުރުން)

ތަފްސީރު ބިއްރައުޔި އަލް މަޙްމޫދު – (ތަޢުރީފުކުރެވިފައިވާ ތަފްސީރުކުރުން) އަކީ ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ނަގާ ތަފްސީރެވެ. ތަފްސީރު ކުރާ މީހާއަކީ ޢަރަބި ބަހުގެ ޢިލްމުވެރިޔަކަށް ވާންޖެހެއެވެ. އަދި ޝަރީޢަތުގެ ޤަވާޢިދުތަކާ އުޞޫލުތައް އެނގޭ މީހަކަށް ވާންޖެހެއެވެ. އަދި ހަވާއަށް ތަބާވުމުން ދުރުހެލިވާ މީހަކަށް ވާންޖެހެއެވެ.

މިގޮތަށް ތަފްސީރު ކުރުމުގެ ޙުކުމަކީ އެއީ ޖާއިޒުކަމެކެވެ. (ހުއްދަކަމެކެވެ.)

މިގޮތަށް ތަފްސީރު ކުރެވިފައިވާ ބައެއް ފޮތްތަކަކީ:

# އަލްބަޙްރުލް މުޙީޠު – އަބޫ ޙައްޔާން

ތަފްސީރު ބިއްރައުޔި އަލް މަޛްމޫމު – (އެއްޗިހިކިޔިފައިވާ ތަފްސީރުކުރުން) އަކީ ޢިލްމު ނެތި ކީރިތި ޤުރުއާން ތަފްސީރު ކުރުމެވެ. ނުވަތަ ހަވާނަފުސަށް ތަބާވެ ކީރިތި ޤުރުއާން ތަފްސީރު ކުރުމެވެ. ނުވަތަ ޢަރަބި ބަހާއި ޝަރީޢަތުގެ ޤަވާޢިދުތައް ނޭނގިހުރެ ތަފްސީރުކުރުމެވެ. ނުވަތަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބަސްފުޅުތައް އޭނާ ޤަބޫލުކުރާ މަޛުހަބަކަށް ނުވަތަ ޤަބޫލުކުރާ ބިދުޢައަކަށް ބާރު ދިނުމުގެ ގޮތުން އޭގެ މާނަ އަނބުރާލުމެވެ. ނުވަތަ ހަމައެކަނި ﷲ ތަޢާލާއަށް އެނގޭ އަދި އަހަރެމެން އިންސާނުންނަށް ނޭނގޭ ކަންކަން ތަފްސީރު ކުރުމެވެ.

މިގޮތަށް ތަފްސީރު ކުރުމުގެ ޙުކުމަކީ އެއީ ހުއްދަކަމެއް ނޫނެވެ.

 މިގޮތަށް ތަފްސީރު ކުރެވިފައިވާ ބައެއް ފޮތްތަކަކީ:

– އަލް ކައްޝާފު – ޒަމަޚްޝަރީ (މުޢުތަޒިލާއިން އިޢުތިމާދުކުރާ ތަފްސީރު ފޮތެއް)

– މަޖްމަޢަލް ބަޔާނި ލިޢުލޫމިލް ޤުރުއާނި – ޠަބްރިސީ (ޝިޔަޢީންގެ ތަފްސީރު ފޮތެއް)

– ޢަރާއިސުލް ބަޔާނި ފީ ޙަޤާއިޤިލް ޤުރުއާނި – އަބޫ މުޙައްމަދު އައްޝީރާޒީ (ޞޫފީންގެ ތަފްސީރު ފޮތެއް)