[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ އޯގާތެރި ފިރިކަލުން – محمد رسول الله صلى الله عليه وسلم (8)

Enme Oagaatheri Firimeeha

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއިއެކު:

5. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ އިޙްސާސްތަކަށް އިޙްތިރާމްކުރައްވައި އަޅާލެއްވުން:

ދިރިއުޅުމުގެ ހިތްހަމަޖެހުމާއި އުފާވެރިކަން ބިނާވެގެންވަނީ ފިރިމީހާއާއި އަނބިމީހާގެ އުފަލާއި ހިތްހަމަޖެހުމުގެ މައްޗަށެވެ. އެހެންކަމުން ފިރިމީހާ އަނބިމީހާގެ އިޙްސާސްތަކަށް އިޙްތިރާމްކޮށް އަޅާލާފަދައިން އަނބިމީހާވެސް ފިރިމީހާގެ އިޙްސާސްތަކަށް އިޙްތިރާމްކޮށް އަޅާލުމަކީ ދިރިއުޅުން އެކުގައި ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން މުހިއްމުކަމަކެވެ.

މިގޮތުން އަސްމާ ބިންތު އަބޫބަކުރު ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން އައިސްފައިވާ ޙަދީޘްފުޅެއްގައި ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ” ޒުބައިރުގެފާނު ތިމަންކަމަނާއާ ކައިވެނި ބައްލަވައިގަތެވެ.  އޭރު އެކަލޭގެފާނުގެ އަތްޕުޅުގައި އެއްވެސް އަޅެއް އަދި މުދަލެއްފަދަ އެއްޗެއްވެސް ނުވެއެވެ. އެއީ އެކަލޭގެފާނުގެ ޖަމަލާއި އަސްފިޔަވައެވެ. އެއަހަށް ކާންދީ ފެންދީ ހަދަނީ ތިމަންކަމަނާއެވެ. އަދި އެކަލޭގެފާނުގެ ބާލިދީތައް ވަލުން އަމުނާ ހަދަމެވެ. އަދި ފުށްމޮޑެވެސް ހަދަމެވެ. ނަމަވެސް ރަނގަޅަށް ރޮށިފިހާކަށް ތިމަންކަމަނާއަކަށް އޭރަކު ނޭނގެއެވެ. އެކަން ތިމަންކަމަނާއަށް ކުރިން ކޮށްދެއްވާ އުޅުއްވީ އަންޞާރިއްޔަ ބޭކަނބަލުންގެ ތެރެއިން ތިމަންކަމަނާއަށް ވަރަށް ހެޔޮ ބޭކަނބަލުންތަކެކެވެ. ޒުބައިރުގެފާނު މަސައްކަތްކުރެއްވުމަށް رسول الله صلى الله عليه وسلم ދެއްވި ބިމުން ފެށިގެން ތިމަންކަމަނާ އުޅޭ ހިސާބަށް ކަދުރުއޮށްތައް ގެންނަނީ ބޯމަތީގައެވެ. އެއީ ގާތްގަނޑަކަށް ފަރްސަޚެއްގެ ތިންބައިކޮށްފަދެބައެވެ. (ފަރްސަޚަކީ: ގާތްގަނޑަކަށް ފަސްކިލޯމީޓަރެވެ.)

އެއްދުވަހަކު ބޯމައްޗަށް ކަދުރު އޮށްތައް ލައިގެން އަންނަނިކޮށް ފަހެ، رسول الله صلى الله عليه وسلم އާ ބައްދަލުވެއްޖެއެވެ. އެކަލޭގެފާނުގެ އަރިހުގައި އަންޞާރުންގެ ތެރެއިން ބައެއް ބޭކަލުން ތިއްބެވިއެެވެ. ފަހެ، ތިމަންކަމަނާއަށް އެކަލޭގެފާނު ގޮވާލެއްވުމަށްފަހު ދެން ‘އިޚް އިޚް’ އޭ ޙަދީޘްކުރެއްވިއެވެ. (އެއީ ޖަމަލުމަޑުކުރުވުމަށް ބުނާ ކަލިމައެކެވެ.) އެއީ އެކަލޭގެފާނާއެކު ތިމަންކަމަނާ ގެންދެވުމަށެވެ.(1) ފަހެ، ފިރިހެނުންތަކަކާ އެކީ ދިޔުމަށް ތިމަންކަމަނާ ލަދުވެތިވީމެވެ. އަދި ޒުބައިރުގެފާނުގެ ޣީރަތްތެރިކަން ތިމަންކަމަނާއަށް ހަނދާންވިއެވެ. އެކަލޭގެފާނަކީ ވަރަށް ޣީރަތްތެރި ބޭކަލެކެވެ.  ފަހެ، رسول الله صلى الله عليه وسلم އަށް ތިމަންކަމަނާ ލަދުގަތީކަން އެނގިވަޑައިގަތުމުން އެކަލޭގެފާނު ވަޑައިގެންފިއެވެ.

ޒުބައިރުގެފާނުގެ އަރިހަށްއައިސް ތިމަންކަމަނާ ދަންނަވައިފީމެވެ. އަޅުގަނޑާ  رسول الله صلى الله عليه وسلم އާ ބައްދަލުވިއެވެ. އޭރު އަޅުގަނޑުގެ ބޯމަތީ ކަދުރުއޮށްތަކެއް ހުއްޓެވެ. އަދި އެކަލޭގެފާނާއެކު އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން ތިއްބެވިއެވެ. ފަހެ އަޅުގަނޑު  ސަވާރުވުމަށްޓަކާ އެކަލޭގެފާނުގެ ޖަމަލުކޮޅު ތިރިކުރެއްވިއެވެ. ނަމަވެސް އަޅުގަނޑު  ލަދުވެތިވީއެވެ. އަދި ކަލޭގެފާނުގެ ޣީރަތްތެރިކަން އަޅުގަނޑަށްވަނީ އެނގިފައެވެ.”

ފަހެ ޒުބައިރުގެ ފާނު ވިދާޅުވިއެވެ. “ﷲގަންދީ ހުވާކޮށްފައި ބުނަމެވެ. އެކަލޭގެފާނާ އެކު އައުމަށްވުރެ ކަމަނާގެ ބޯމަތީގައި ކަދުރުއޮށްތައް އުފުލައިގެން އައުން ތިމަންކަލޭގެފާނަށް މާބޮޑެވެ.”

ދެން އެކަމަނާ ވިދާޅުވިއެވެ. “އެއަށްފަހު އަބޫބަކުރުގެފާނު ތިމަންނައަށް ޚާދިމަކު ފޮނުވައިދެއްވިއެވެ. އޭގެ ފަހުން އަސްތައް ބަލަހައްޓަން ތިމަންނައަށް ނުޖެހެއެވެ. ފަހެ އޭގެ ސަބަބުން ތިމަން އަޅުވެތިކަމަކުން މިނިވަންވިފަދައެވެ.”(2)

މި ޙަދީޘްއަށް ބަލާލުމުން އަސްމާގެފާނު އެކަމަނާގެ ފިރިކަލުން ޒުބައިރުގެފާނުގެ ޣީރަތްތެރިކަމާމެދު ވިސްނަވައި އެކަލޭގެފާނުގެ އިޙްސާސްތަކަށް އިޙްތިރާމްކުރެއްވި މިންވަރު ހާމަވެގެން ދެއެވެ. އެހެނީ رسول الله صلى الله عليه وسلم އާ އެކު ވަޑައިގަތުންވެސް އެ ދޫކޮށްލެއްވީ ފިރިކަލުންގެ ނުރުހުންފުޅެއް ލިބިދާނެ ކަމަށްޓަކައެވެ.

އެހެނީ ފިރިމީހާއަށް އިސްލާމްދީނުގައި މަތީ މަޤާމެއް ދެއްވާފައިވެއެވެ. އެއީ އޭނާގެ ބެލެހެއްޓުން ތެރިކަމާއި ޒިންމާއާ އެކަށީގެންވާ ގޮތުގެ މަތިންނެވެ. ވުމާއެކު ފިރިމީހާ ރުހޭ ކަންތައްތަކާއި ނުރުހޭކަންތައްތަކަކީ ކިޔަމަންތެރި އަދި ﷲ އަށް ބިރުވެތިވާ އަނތްބަކު އޭނާގެ މަޤުޞަދަށް ވާސިލްވުމަށްޓަކައި ފަރުވާތެރިވާނެ ކަމެކެވެ. އެގޮތުން މި ޙާދިޘާއިން މުސްލިމު އަންހެންކަނބަލުންގެ ތެރެއިން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުއްސެވުމާއި ފުއްސެވުން އަދި އާޚިރަތުގެ ބާއްޖަވެރިކަމަށް އެދޭ ކަނބަލުންނަށް ވަރަށް ފުރިހަމަ ފިލާވަޅެއް ލިބިގެން ދެއެވެ. އަދި ހަމަ އެހެންމެ ފިރިމީހާ ނުރުހޭކަމެއްކަން އެނގޭ ޙާލު ފިރިމީހާގެ އިޙްސާސްތަކާ ދެކޮޅަށް ޢަމަލުތައް ބިނާކުރުމީ ނުވަތަ އޭނާ ނުރެހޭ ކަމެއް ކުރުމީ ރަނގަޅުގޮތް ނޫންކަން މި ޙަދީޘުން އަންގައިދެއެވެ. އެހެނީ ފިރިމީހާއަކީ އަނބިމީހާއަށް އޭނާ ސުވަރުގެ ވަދެވުމަށްޓަކައި ލިބިފައިވާ ހަމައެކަނި ތަޅުދަނޑި ނުވަތަ މަގު ކަމުގައިވުންވެސް އެކަށީގެންވެއެވެ. އެހެންނޫންކަމުގައިވިޔަސް ފިރިމީހާއަކީ އަނބިމީހާ ސުވަރުގެ ވަދެވުމަށްޓަކައި އެހީތެރިވެދޭނެ އެންމެ މުހިއްމު ފަރާތެވެ.

އަނބިމީހާ ފަދައިން ފިރިމީހާވެސް އަނބިމީހާއަށް އަޅާލާ އޭނާގެ އިޙްސާސްތަކަށް އިޙްތިރާމްކުރުމީ رسول الله صلى الله عليه وسلم ދެއްކެވި މަތިވެރި އަޚްލާޤަށް ތަބާވެ އެއާ އެއްގޮތަށް ޢަމަލުކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ޚާއްޞަކޮށް އަނބިމީހާ ބަލިވެ އުޅޭއިރުއާއި، މާބަނޑު ދުވަސްވަރާއި އަދި ޙައިޟުގެ ދުވަސްތަކުގައި އަޅާލައި ހަދަންޖެހޭނެއެވެ. އެހެނީ އެކަމުން ފިރިމީހާ އޭނާގެ އަނބިމީހާއާއި އޭނާގެ ޢާއިލާއަށް ސަމާލުވާ މިންވަރާއި އަޅާލާ މިންވަރު ހާމަވެގެން ދާނެއެވެ. އަދި އޭގެ ސަބަބުން އެދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ، ދެހިތުގައި ވާ ލޯތްބާއި އޯގާތެރިކަން އިތުރުވެގެންދާނެއެވެ.

– ނުނިމޭ –

(މި ލިޔުން ލިޔުމުގައި އެންމެ ގިނަ މަޢުލޫމާތުތައް ނަގަމުން މިދަނީ ‘ދަ ޕުރޮފެޓް މުޙައްމަދު – ދަ ބެސްޓް އޮފް އޯލް ހަސްބެންޑް’ މިފޮތުންނެވެ. އެހެންކަމުން ގިނަ މަސްދަރުތައް ނަގާފައިވާނީ މި ފޮތުގެ ފުޓްނޯޓުންނެވެ. ނަމަވެސް ލިޔުން ލިޔަމުން މިދަނީ ދިވެހި މުޖުތަމަޢާ ގުޅޭ އިތުރުބައިތަކާއި އިތުރު ނޯޓުތައް އިތުކޮށްގެނެވެ.)

_______________________________________

(1). ނޯޓް: މިތަނުގައި (އެއީ އެކަލޭގެފާނާއެކު ތިމަންކަމަނާ ގެންދެވުމަށެވެ.) ގެ މާނައެއްކަމުގައި، އިބުނު ޙަޖަރު ‘ފަތްޙުލްބާރީ’ އޭ ކިޔުނު ފޮތުގައި ވިދާޅުވެފައިވެއެވެ. “އެކަމަނާއާއި އެކަމަނާ އަތުގައިވާ ތަކެތި އެއްސަވާރީއަށް އެރުވުމަށްފަހު އެކަލޭގެފާނު އެހެންސަވާރީއަކަށް އެރުމުގެ އިޙްތިމާލު މިޙަދީޘްގައިވެއެވެ.”

މަޞްދަރުތައް:

 (2). ޞަޙީޙުލް ބުޚާރީ، ޙަދީޘް ނަންބަރު: 5224

އެހެންބައިތައް