[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމު އެދިގޮވަނީ ޢަމަލުކުރުމަށް 21 – ފަހު ބައި

ilm

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.

 އަދި މިވާހަކަތައް ނިންމަމުން ޚަޠީބުލް ބަޣްދާދީ އެކަލޭގެފާނުގެ ފޮތް ކަމުގައިވާ اِقْتِضاَءُ اَلْعِلْمِ اَلْعَمَل ގެނެސްފައިވާ ޢިބްރަތްތެރި އަދި ބަލާޣަތްތެރި އަދި ފުން އަޘަރާއި އަދި މާނަ ހިމެނޭ ބަސްތަކެއް ޛިކުރުކޮށްލާނަމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“އޭކިޔަވާ ކުއްޖާއެވެ. އަހަރެން ތިބާއަށް ވަޞިއްޔަތްކުރަމެވެ. ޢިލްމު އުނގެނުމުގައި ތިބާގެ ނިޔަތް އިޚްލާސްތެރި ކުރާށެވެ. އަދި އެޢިލްމު ވާޖިބުކުރާ ކަންތައްތަކަށް ޢަމަލުކުރުމުގެ މައްޗަށް ތިބާގެ ނަފްސާ ޖިހާދުކުރާށެވެ. ހަމަކަށަވަރުން ޢިލްމަކީ ގަހެކެވެ. އަދި ޢަމަލުތަކަކީ އެގަހުގެ މޭވާއެވެ. އެމީހެއްގެ ޢިލްމަށް ޢަމަލުނުކުރާ މީހަކީ ޢިލްމުވެރިންގެ ތެރެއިންވާ މީހެއްނޫނެވެ. ތިބާގެ ކިބައިގައި ޢިލްމުގެ މިންވަރެއް ނެތް ހިނދު ޢަމަލުތަކާއި ރައްޓެހިވެ ގާތްވާން ނޫޅޭށެވެ. އަދި ޢަމަލުކުރުމުގައި ތިބާ ފަރުވާކުޑަ ކޮށްފައިވާ ހިނދު ޢިލްމާއި ގާތްވެ ރައްޓެހިވާން ނޫޅޭށެވެ. އެހެން ނަމަވެސް ޢިލްމާއި އަދި ޢަމަލުކުރުން އެއް މިންވަރަކަށް ޙާޞިލު ކުރާށެވެ. އެއީ ކިތަންމެ ކުޑަ މިންވަރެއް ކަމުގައި ވީނަމަވެސްމެވެ. ޢިލްމުވެރިއެއް އޭނަ އުޅޭގޮތުގެ ނުބައިކަމުގެ ސަބަބުން މީސްތަކުން އޭނަގެ ޢިލްމު ދޫކޮށްފައިވާ މީހަކަށްވުރެ ވަކިނިކަމެތި މީހެއް ނުވެއެވެ. އަދި ހަމައެފަދައިން ޖާހިލެއް، އޭނާގެ އަޅުވެރިކަމަށް ބަލައިފައި  މީސްތަކުން އޭނަގެ ޖާހިލުކަން ބަލައިގަތް  މީހެއްވެސްމެވެ.  އެހެން ނަމަވެސް މަދު މިންވަރެއް ކަމުގައިވީ ނަމަވެސް، ޢިލްމާ ޢަމަލުކުރުމުން ޖަމަޢަ ކޮށްފި މީހަކީ ، ﷲގެ ރަޙްމާތާއި ފަޟްލަވަންތަކަމާއި އަދި އެކަލާނގެ ނިޢުމަތް އެކަލާނގެ އަޅާގެ މައްޗަށް ފުރިހަމަ ކުރައްވައިފިނަމަ، އާޚިރުގައި ކާމިޔާބު ވާނޭ މީހާއެވެ.

ޢިލްމު އުނގެނުމަށް އިހުމާލުވެ، ފަރުވާ ކުޑަކޮށް، އަދި ވަކި މަންހަޖެއްނެތި އަދި ހަށިގަނޑުގެ އުފަލާ އަރާމަށް ލޯބިކުރުން ފަދަކަންތައްތަކުގެ ނިމުން ވާކަންކަށަވަރީ ހިތިކޮށް ނިކަމެތިކޮށެވެ. ޢިލްމު ޙާޞިލްކުރަންވީ އެޢިލްމާއި އެއްގޮތަށް ޢަމަލުކުރުމަށެވެ. އަދި ހަމައެފަދައިން ޢަމަލުކުރުމުގެ ބޭނުމަކީ ﷲގެ ޢަޛާބުން ސަލާމަތްވެ ނަޖާވުމެވެ. ޢިލްމަށް ޢަމަލުނުކުރާނަމަ އެޢިލްމަކީ ޢިލްމުވެރިޔާގެ މައްޗަށް ހުރި ބުރައެކެވެ. ޢިލްމަކީ އަހަރުމެންގެ މައްޗަށްވާ ބުރައެއް ކަމުގައްޔާއި އަދި ނިކަމެތިކަން ވާރުތަކުރުވަނިވި ކަމެއްކަމުގައްޔާއި އަދި އަހަރުމެންގެ ކަނދުރާތަކުގައި އެޅުވިގެންވާ ކަސްތަޅުތަކެއް ކަމުގައި ނުލެއްވުމަށްއެދި ﷲ ތަޢާލާގެ ކިނބައިން ރައްކާތެރިކަމަށްއެދެމެވެ.”

މިމައުޟޫޢަށް ލިޔަން ގަސްތުކޮށްފައިވާ މިންވަރު މިހާހިސާބުން ލިޔެނިމުނީއެވެ. ދުޢާއަކީ ﷲ ތަޢާލާ މިޢިލްމަކީ އަހަރުމެނަށް ހުރި ޙުއްޖަތެއް ކަމުގައި ލެއްވުމެވެ. އަދި އަހަރުމެންގެ މައްޗަށްވާ ޙުއްޖަތެއް ކަމުގައި ނުލެއްވުމެވެ. އަދި އަހަރުމެންނަށް އެކަލާނގެ އުނގަންނަވައި ދެއްވި ޢިލްމަކީ އަހަރުމެންނަށް ފައިދާކުރަނިވި ޢިލްމެއް ކަމުގައި ލެއްވުމެވެ. އަދި އެކަލާނގެ އަހަރުމެންނަށް ފައިދާކުރުވަނިވި ޢިލްމު އުނގަންނަވައި ދެއްވުމެވެ. އަދި އަހަރުމެންގެ ޢިލްމު އިތުރުކޮށް ދެއްވުމެވެ. އަދި އަހަރުމެންގެ ހުރިހާ ކަމެއް އިޞްލާޙުކޮށްދެއްވުމެވެ.

سبحانك اللهم وبحمدك, أشهد أن لا إله إلا أنت, أستغفرك وأتوب إليك, وصلى الله وسلم وبارك وأنعم على عبد الله ورسوله نبينا محمد وآله وصحبه أجمعين.

  =ނިމުނީ=

   މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ