[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 17 “ތިންވަނަ ބަހުޘް”

qiyaamai vumuge

އަދި އިބްނު ތައިމިއްޔާ -رحمه الله- ވިދާޅުވެފައިވެއެވެ. [އެބަސްފުޅުގެ މާނައީ] “ސުންނަތެއް ޘާބިތުވެއްޖެނަމަ، ފަހެ އެއަށް ތަބާވުން ވާޖިބުވެގެންވާ ކަމުގައި އެންމެހާ މުސްލިމުން ވަނީ އިއްތިފާޤުވެފައެވެ.”

އަދި އެކަހެރި ޚަބަރާމެދު (އެބަހީ: އާޙާދު ޙަދީޘާމެދު) އިންކާރުކުރާ ފަރާތްތަކަށް ރައްދު ދެއްވަމުން އިބްނުލްޤައްޔިމް -رحمه الله- ވިދާޅުވެފައި ވެއެވެ. [އެބަސްފުޅުގެ މާނައީ] “މީގެ ތެރޭގައި ޞަޙާބީބޭކަލުން އެއްބަޔަކު އަނެއްބަޔަކަށް ޚަބަރު ދެއްވުން ހިމެނިގެންވެއެވެ. ފަހެ ރަސޫލުﷲ صلى الله عليه وسلمގެ އަރިހުން އެކަމަކާ ބެހޭގޮތުން، އެއްބޭކަލަކު އަނެއްބޭކަލަށް ގެނެސްދެއްވާ ވާހަކަތަކުގައި އެބޭކަލުން ހިއްޕަވާ އުޅުއްވިކަން ކަށަވަރެވެ. އަދި އެއިން އެއްވެސް ބޭކަލަކު، ރަސޫލުﷲ صلى الله عليه وسلمގެ އަރިހުން ވާހަކައެއް ގެންނަވާ ފަރާތަކަށް ވިދާޅުނުވެއެވެ: “ތިބާގެ ތިޚަބަރަކީ އެކަހެރިވެގެންވާ ޚަބަރެކެވެ. މުތަވާތިރު ވެއްޖެއުމަށްދާންދެން ޢިލްމު ލިއްބައިނުދޭ…. [ޚަބަރެކެވެ.]”

އަދި އޭގެތެރެއިން ބޭކަލަކާ ހަމައަށް އެނޫން ބޭކަލަކު، ރަސޫލުﷲ صلى الله عليه وسلمގެ އަރިހުން، [ﷲ ތަޢާލާގެ] ޞިފަފުޅަކާ ބެހޭގޮތުން ޙަދީޘެއް ރިވާކުރައްވައިފިނަމަ އެޔެއް ޤަބޫލުކުރައްވައި އޭގައި ހިއްޕަވައި އުޅުއްވައެވެ. އަދި އެޞިފަފުޅަކީ ޤަޠުޢީކޮށް އަދި ޔަޤީންކަމާއެކު ޘާބިތުވެފައިވާ ޞިފަފުޅެއްކަމުގައި ހިތުގެ އަޑީން ޤަބޫލު ކުރައްވަތެވެ. [ޤިޔާމަތްދުވަހު] މާތް ﷲ ފެނުމާއި، އެކަލާނގެ ބަސްވަޙީ ކުރެއްވުމާއި، ކައިރީގައިވާ މީހެކޭ އެއްފަދައިން ދުރުގައިވާ މީހާއަށްވެސް އަޑުއިވޭގޮތަށް، ޤިޔާމަތް ދުވަހުގައި ﷲ ތަޢާލާ ނިދާ އިއްވެވުމާއި، ދުނިޔޭގެ އުޑަށް ކޮންމެ ރެޔަކުމެ ﷲ ތަޢާލާ ފައިބައިވެވޮޑިގެންނެވުމާއި، އެކަލާނގެ ހިނިވަރުނަކުރައްވާވޮޑިގަތުމާއި، އުފާވެވޮޑިގަތުމާއި، އެކަލާނގެ އިނގިލިފުޅަކުން ކުރެ އިނގިލިފުޅަކުން އުޑުތައް ހިއްޕަވާވޮޑިގަތުމާއި، އެކަލާނގެއަށް ފައިންޕުޅުވާކަން ޘާބިތުވާކަމުގައި ޤަބުލޫކުރުން ފަދަ ކަންކަމެވެ. ރަސޫލުﷲ صلى الله عليه وسلمގެ އަރިހުން މިޙަދީޘްތައް ރިވާކުރައްވާ އަޑުއެއްސެވި ނުވަތަ ޞާޙިބެއްގެ ފަރާތުން އަޑުއެއްސެވި ކޮންމެ މީހަކު، އޭނާ އެއަޑުއެހި ފަރާތުގެ ޢަދުލުވެރިކަމާއި ތެދުވެރިކަމަށް، އެކަންކަން ވާކަމުގައި ޤަބޫލުކޮށް އޭގައި ޘާބިތުވެއެވެ. އަދި އެއާމެދު އެބައިމީހުން ޝައްކެއް ނުކުރެއެވެ.

މިގޮތުގެ މަތިން، ބައެއް ފަހަރު  ޙުކުމްތަކާގުޅޭ ޙަދީޘްތައް ޘާބިތުވެފައިވޭތޯ އެބޭފުޅުން ސުވާލުކުރައްވާ ހައްދަވައެވެ. …. ނަމަވެސް [ﷲ ތަޢާލާގެ] ޞިފަފުޅުތަކާބެހޭ ޙަދީޘްތައް ފާޅުކުރުމަށް އެއިން އެއްވެސް ބޭކަލަކު އެދިވަޑައިގެންކަން އެއްގޮތަކަށްވެސް އެނގޭކަށްނެތެވެ. އަދި ކިއެއްތޯއެވެ. ރަސޫލުﷲ صلى الله عليه وسلمގެ އަރިހުން އެޚަބަރާއިގެން ބޭކަލަކު ވަޑައިގަތުމުން އެބޭކަލުން އެންމެބޮޑަށް އަވަސްވެގަންނަކަމުގައިވަނީ އެ [ޙަދީޘް] ޤަބޫލުކުރުމާއި، އެއަށް ޢަމަލު ކުރުމާއި، [އެއިން] ޙުކުމް ލިއްބައިދޭ ކަމުގައި ޔަޤީން ކުރުމާއި އަދި އެއިން [އެކަލާނގެ] ޞިފަފުޅުތަށް ޘާބިތުކުރުމުގެ މައްޗަށެވެ. ސުންނަތާ ބެހޭގޮތުން ކުޑަކޮށްވެސް ދަންނަ އަދި ބަލައިހަދައި މީހަކަށް އެކަން އެނގޭނެއެވެ. އަދި އެކަމަކީ ފާޅުވެގެންވާކަމެއްކަމުގައި ނުވާނަމަ  އެފަދައިން ކަން ހިނގާފައިވާ ސަތޭކަ އެތައް ޙާދިޘާއެއް ބަޔާންކުރީމުހެވެ.

މިހެންކަމުން، ރަސޫލުﷲ صلى الله عليه وسلمގެ އަރިހުންވާ ޚަބަރަކުން ޢިލްމުލިއްބައިނުދޭކަމަށް ޤަބޫލުކުރާމީހާ، އޭނާ އެވަނީ ޞަޙާބީންގެ އިޖްމާޢުއާއި ތާބިޢީ ބޭކަލުންގެ އިޖްމާއު އަދި އިސްލާމީ އުންމަތުގެ އިޖުމާޢުވެސް ބޮލާލާޖަހައިފިއެވެ. އަދި ހަމައެއާއެކު މުޢުތަޒިލާއިންނާއި ޖަހްމީންނާއި ރާފިޟާއިން އަދި ޚަވާރިޖުންފަދަ [ޙަދީޘްގެ] ޙުރުމަތްކެނޑި މީހުންނާ އޭނާ އިއްތިފާޤުވެގެންފިކަން ކަށަވަރެވެ. އަދި އެފަދަ ފިރުޤާތަކުގެ މީހުންނާ ބައެއް ފިޤުހުވެރިންނާއި އުޞުލުލް ފިޤްހުގެ ބައެއް ޢިލްވެރިންވެސް ތަބާވެފައިވެއެވެ.

ދެން ފަހެ އުންމަތުގެ ސަލަފުންގެ ތެރެއިން ވަޑައިގަތް އިމާމުވެރި ބޭކަލުން އެބައިމީހުންނާ އެއްބަހެއް ނުވެއެވެ. ކިއެއްތޯއެވެ! އިމާމުވެރި ބޭކަލުން[ޙުއްޖަތް] ފާޅުކޮށްފައިވަނީ އެބައިމީހުންގެ ބަސްތަކާ ޚިލާފަށެވެ. އެކަހެރި ޚަބަރުން ލިއްބައިދެނީ ޢިލްމު ކަމުގައި ވިދާޅުވެފައިވާ ޢިލްމުވެރީންގެ ތެރޭގައި، [އަލްއިމާމު] މާލިކު، [އަލްއިމާމު] ޝާފިޢީ، [އަލްއިމާމު] އަބޫ ޙަނީފާގެ އަޞްޙާބުން، [އަލްއިމާމު] ދާވޫދު ބިން ޢަލީ އަދި އެކަލޭގެފާނުގެ އަޞްޙާބުން ކަމުގައިވާ އިބްނު ޙަޒަމްފަދަ ބޭބޭފުޅުން ހިމެނެއެވެ.

=ނުނިމޭ=

މިލިޔުމުގެ އެހެންބައިތައް ބައްލަވާ