[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގޭގެއަށް ޒިޔާރަތްކުރުމުގެ އަދަބުތައް (3)

permission

(4) މަޙްރަމުން ތިބޭ ގެއަކަށް ވަންނައިރު އިޛުނަ ހޯދަންޖެހޭނެތަ؟

މަޙްރަމުންނަކީ ފިރިމީހާއާއި އަނބިމީހާއާއި، އަދި ނަސަބުގެ ސަބަބުން ނުވަތަ ހުއްދަ ގޮތެއްގެ ސަބަބުން ތިމާއަށް އަބަދަށް ކައިވެނިކުރުން ޙަރާމްމީހުންނެވެ.(1) މަޙްރަމުން އުޅޭ ގެއަކަށް ވަންނައިރުވެސް އިޛުނަ ހޯދުމަކީ އިސްލާމީ ރިވެތި އަދަބެކެވެ. މިގޮތުން އިމާމް މާލިކް މުޥައްޠާގައި ޢަތާއު ބުން ޔަސާރު ކިބައިން ރިވާކުރައްވާފައިވާ މުރުސަލު ރިވާޔަތެއްގައި ވެއެވެ. ((أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سَأَلَهُ رَجُلٌ فَقَالَ: يَا رَسُولَ اللَّهِ أَسْتَأْذِنُ عَلَى أُمِّي، فَقَالَ: نَعَمْ، قَالَ الرَّجُلُ: إِنِّي مَعَهَا فِي الْبَيْتِ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: اسْتَأْذِنْ عَلَيْهَا. فَقَالَ الرَّجُلُ: إِنِّي خَادِمُهَا، فَقَالَ لَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: اسْتَأْذِنْ عَلَيْهَا، أَتُحِبُّ أَنْ تَرَاهَا عُرْيَانَةً؟ قَالَ: لَا، قَالَ: فَاسْتَأْذِنْ عَلَيْهَا.)) (المؤطأ: رواية يحيى اللّيثي: رقم الحديث: 1729) މާނައީ: “ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާ މީހަކު ސުވާލުކުރެއްވިއެވެ. އެމީހާ ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ތިމަންގެ މަންމަ (ގެ ކައިރިއަށް ގެއަށް ވަންނައިރު) އިޛުނަ ހޯދަންޖެހޭނެތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އާއެކެވެ. އެމީހާ ދެންނެވިއެވެ. މަންމައާއެކު ގޭގަ އުޅެނީ (ހަމައެކަނި) ތިމަންނައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. އެކަނބުލޭގެ ކިބައިން އިޛުނަ ހޯދާށެވެ. އެމީހާ ދެންނެވިއެވެ. މަންމައަށް ޚިދުމަތްކޮށްދެނީ ތިމަންނައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެމީހާއަށް ޙަދީޘް ކުރެއްވިއެވެ. އެކަނބުލޭގެ ކިބައިން އިޛުނަ ހޯދާށެވެ. އެކަނބުލޭގެ އޮރިޔާން ޙާލަތުގައި ވަނިކޮށް ދެކެން ތިބާ އެދޭނެ ހެއްޔެވެ؟ އެމީހާ ދެންނެވިއެވެ. ނޫނެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (އެހެންވީއިރު) އެކަނބުލޭގެ ކިބައިން އިޛުނަ ހޯދާށެވެ.” މުރުސަލު ޙަދީޘަކީ ޟަޢީފު ޙަދީޘްގެ ވައްތަރެކެވެ.(2) މި ޙަދީޘާމެދު އިބްނު ޢަބްދުލް ބައްރު ރަޙިމަހުﷲ ‘އަލްއިސްތިޛްކާރު’ ގައި ވިދާޅުވެފައިވެއެވެ. ” މި ޙަދީޘް، މި ލަފްޒުން އެއްވެސްގޮތަކުން މުސްނަދުކޮށް (އެބަހީ؛ ރަސޫލާއާހަމައަށް މެދުނުކެނޑި ގުޅިގެންވާ) ކަމެއް ތިމަންނައަށް އެނގިގެން ނުވެއެވެ. މި ޙަދީޘަކީ ޞައްޙަ މުރުސަލު ރިވާޔަތްތަކުގެ ތެރެއިންވާ ރިވާޔަތެކެވެ.” މި ޙަދީޘް ޟަޢީފުނަމަވެސް މި ޙަދީޘަށް މާނައިގެގޮތުން ބާރު ލިބޭ ރިވާޔަތްތައް ވެއެވެ.

އެގޮތުން އިމާމް އަލްބުޚާރީ އަދަބް އަލްމުފްރަދުގައި ޢަލްޤަމާގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ((جَاءَ رَجْلٌ إِلَى عَبْدِ اللهِ، قَالَ: أَأَسْتَأْذَنُ عَلَى أُمِّي؟ فقال: مَا عَلَى كُلِّ أَحْيَانِهَا تُحِبُّ أَنْ تَرَاهَا)) (الأدب المفرد: رقم الحديث: 1059، و صححه ابن حجر في فتح الباري، و الألباني في صحيح الأدب المفرد) މާނައީ: “ޢަބްދުﷲ (ބުން މަސްޢޫދު) ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. ތިމަންގެ މަންމަ (ގެ ކައިރިއަށް ގެއަށް ވަންނައިރު) އިޛުނަ ހޯދަންޖެހޭނެތޯއެވެ؟ ޢަބްދުﷲ ވިދާޅުވިއެވެ. އެކަނބުލޭގެ ކޮންމެ ކޮންމެ ޙާލަތެއްގައި ހުއްޓާވެސް އެކަނބުލޭގެ ދެކެން ތިބާ ބޭނުންވާނެ ހެއްޔެވެ؟” އަދި މުސްލިމް ބުން ނުޛައިރުގެ ކިބައިން ރިވާކުރައްވާފައިވެއެވެ. ((سَأَلَ رَجْلٌ حُذَيْفَةَ فَقَالَ: أَسْتَأْذَنُ عَلَى أُمِّي؟ فَقَالَ: إِنْ لَمْ تَسْتَأْذَنُ عَلَيْهَا رَأَيْتَ مَا تَكْرَه.)) (الأدب المفرد: رقم الحديث: 1060، و صححه ابن حجر في فتح الباري، وحسّنه الألباني في صحيح الأدب المفرد) މާނައީ: “ޙުޛައިފަތުގެފާނާ މީހަކު ސުވާލުކުރެއްވިއެވެ. އެމީހާ ދެންނެވިއެވެ. ތިމަންގެ މަންމަ (ގެ ކައިރިއަށް ގެއަށް ވަންނައިރު) އިޛުނަ ހޯދަންޖެހޭނެތޯއެވެ؟ ޙުޛައިފާ ވިދާޅުވިއެވެ. ތިބާ އެކަނބުލޭގެ ކިބައިން އިޛުނަ ނުހޯދާކަމުގައިވާނަމަ، ތިބާ ނުރުހޭ ތަންތަން ފެންނާނެއެވެ.”

އަދި އުޚްތުންގެ ކައިރިއަށް ވަންނައިރު އިޛުނަ ހޯދުމާބެހޭގޮތުން ޢަޠާއު ރަޙިމަހުﷲގެ ކިބައިން ރިވާވެފައިވެއެވެ. ((عَنْ عَطَاء قَالَ: سَأَلْتُ ابْنَ عَبَّاسٍ فَقُلْتُ: أَسْتَأْذَنُ عَلَى أُخْتِي؟ فَقَالَ: نَعَمْ. فَأَعِدْتُ فَقُلْتُ: أُخْتَانِ فِي حُجْرِي، وَأَنَا أَمُونِهِمَا وَأَنْفِقُ عَلَيْهِمَا أَسْتَأْذَنُ عَلَيْهِمَا؟ قَالَ: نَعَمْ، أَتُحِبُّ أَنْ تَرَاهُمَا عُرْيَانَتَيْنِ.)) (الأدب المفرد: رقم الحديث: 1063، و صححه ابن حجر في فتح الباري، و الألباني في صحيح الأدب المفرد) މާނައީ: “ޢަޠާއު ވިދާޅުވިއެވެ. އިބްނު ޢައްބާސްއާ ސުވާލުކުރައްވަމުން ތިމަން ދެންނެވީމެވެ. ތިމަންގެ އުޚްތާ (ގެ ކައިރިއަށް ގެއަށް ވަންނައިރު) އިޛުނަ ހޯދަންޖެހޭނެތޯއެވެ؟ ވިދާޅުވިއެވެ. އާއެކެވެ. ފަހެ، ތިމަން އަނެއްކާ ތަކުރާރުކޮށް އެއްސެވީމެވެ. (ތިމަންގެ) ދެއުޚްތުން (އުޅެނީ) ތިމަންގެ ގޭގައެވެ. އަދި އެދެމީހުންގެ ކަންތައްތައްކޮށްދީ، ހޭދަކޮށް ހަދަނީ ތިމަންނައެވެ. އެ ދެ އުޚްތުން (ގެ ކައިރިއަށް ގެއަށް ވަންނައިރު) އިޛުނަ ހޯދަންޖެހޭނެތޯއެވެ؟ ވިދާޅުވިއެވެ. އާއެކެވެ. އެދެމީހުން އޮރިޔާން ޙާލުގައި ވަނިކޮށް ދެކެން ތިބާ ބޭނުންވާނެ ހެއްޔެވެ؟”

ބަޔާންވެ ދިޔަ ރިވާޔަތްތަކުން ދޭހަކޮށްދެނީ މަޙްރަމުންގެ ގޭގެއަށް ނުވަތަ ކޮޓަރިތަކަށް ވަންނައިރުވެސް އިޛުނަ ހޯދަންޖެހޭނެކަމެވެ. (ނުނިމޭ)

_____________________

(1) އެގޮތުން ނަސަބުގެ ސަބަބުން ކައިވެނި ޙަރާމްވާ އަންހެނުން 7 އެކެވެ. އެއީ:

* މަންމައިން. (މީގެ ތެރޭގައި ބައްޕައާއި މަންމަފަރާތުގެ މާމައިން ކިތަންމެ ދުރަށް ދިޔަނަމަވެސް ހިމެނޭނެއެވެ.)

* އަންހެން ދަރިން. (މީގެ ތެރޭގައި ދަރިންގެ ދަރިން މިގޮތަށް ކިތަންމެ ދުރަށް ދިޔަނަމަވެސް ހިމެނޭނެއެވެ.)

* އުޚްތުން. (މީގެ ތެރޭގައި އެއްބަނޑު އެއްބަފާ، އަދި އެއްބަފާ، އަދި އެއްބަނޑު އުޚްތުން ހިމެނޭނެއެވެ.)

* މަންމަ ފަރާތު ބޮޑުދައިތަ. (ކިތަންމެ ގިނަވިޔަސް ހިމެނޭނެއެވެ.)

* ބައްޕަ ފަރާތު ބޮޑުދައިތަ. (ކިތަންމެ ގިނަވިޔަސް ހިމެނޭނެއެވެ.)

* އެއްބަނޑު އެއްބަފާ، ނުވަތަ އެއްބަފާ، ނުވަތަ އެއްބަނޑު އަޚާގެ އަންހެންދަރިން. (އެބަހީ؛ ތިމާއަށް ބޮޑުބޭބެ ކިޔާ އަންހެން ކުދިން.)

* އެއްބަނޑު އެއްބަފާ، ނުވަތަ އެއްބަފާ، ނުވަތަ އެއްބަނޑު އުޚްތުގެ އަންހެންދަރިން. (އެބަހީ؛ ތިމާއަށް ބޮޑުބޭބެ ކިޔާ އަންހެން ކުދިން.)

ހުއްދަގޮތެއްގެ ސަބަބުން ކައިވެނި ޙަރާމްވާ މީހުންނަކީ އެއްކިރުވުމުގެ ގޮތުން ކައިވެނި ޙަރާމްވާ މީހުންނާއި، ކައިވެނީގެ ސަބަބުން އަބަދަށް ކައިވެނި ޙަރާމްވާމީހުނެވެ. މިގޮތުން އެއްކިރުވުމުގެ ގޮތުން ޙަރާމްވާނީ ނަސަބުގެގޮތުން ކައިވެނި ޙަރާމްވާ މީހުންނާ އެއްދަރަޖައެއްގައި ތިބޭ މީހުންނެވެ. އެގޮތުން ކިރުދިން އަންހެނާ މަންމައަކަށްބަލައިގެން އެއްކިރުވުމުގެ ސަބަބުން ޙަރާމްވާ މީހުން ބަލާނީއެވެ.

ކައިވެނީގެ ސަބަބުން މަޙްރަމުންގެ ޙުކުމް ހިނގާމީހުންނަކީ؛

* އަނބިމީހާގެ މަންމަ. (މިގޮތުން އަނބިމީހާގެ މަންމައާއި ބައްޕަގެ މަންމަ މިގޮތަށް ކިތަންމެ ދުރަށް ދިޔަނަމަވެސް ހިމެނޭނެއެވެ.)

* ރޭކުރި އަނބިމީހާގެ އަންހެން ދަރި.

* ފިރިހެންދަރީގެ އަނބިން. (މީގެ ތެރޭގައި ފިރިހެން ދަރީގެ ފިރިހެންދަރީގެ އަންހެން ދަރިން މިގޮތަށް ކިތަންމެ ދުރަށް ދިޔަނަމަވެސް ހިމެނޭނެއެވެ.)

* ބައްޕަގެ އަންހެނުން. (އެބަހީ؛ ދޮން މަންމަ)

(2) މުރުސަލު ޙަދީޘަކީ ރާވީ އާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާމެދުގައި އެހެން ރާވީއެއް ވެއްޓިފައިވާ ޙަދީޘެވެ. މި ޙަދީޘް ރިވާވެގެން މިވަނީ ޢަޠާއު ބުން ޔަސާރުގެ ކިބައިންނެވެ. ޢަޠާއު ބުން ޔަސާރަކީ ތާބިޢީ ބޭކަލެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައާ ބައްދަލުވެވަޑައިގެންފައެއްނުވެއެވެ. އެހެންކަމުން ޢަޠާއު އާއި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އާ މެދުގައި ރާވީއަކު ވެއްޓިފައިވެއެވެ. މުރުސަލު ޙަދީޘަކީ ޟަޢީފު ޙަދީޘްގެ ވައްތަރެކެވެ.

_______________________

މުހިއްމު މަރުޖިޢު:

(1) روائع البيان تفسير آيات الأحكام: محمد علي الصابوني.

_________________________

މި ލިޔުމުގެ އިތުރު ބައިތަށް ބެއްލެވުމަށް