[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދުނިޔޭގެ މިސާލު

world

ﷲ ސުބްހާނަހޫ ވަތައާލާ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. “..އަދި ދުނިޔެއިން ތިބާއަށް ލިބެންވީ ބައި ހަނދާން ނައްތައިނުލާށެވެ.!..” [سورة القصص 77]

އިމާމު ޤުރްތުބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ދުނިޔެއިން ތިބާއާއި އެކު ގެންދާން ލިބޭނެ ހަމައެކަނި އެއްޗަކީ ތިބާގެ ކަފުނެވެ.”

 މިދުނިޔެއިން ތިބާއާއި އެއްކޮށް ގެންދެވޭނީ ހަމައެކަނި ތިބާގެ ކަފުނެވެ. އެހެން ހުރިހާ އެއްޗެއް ދޫކޮށްލަންޖެހެއެވެ. ތިބާގެ ކާރު ކަމުގައިވިޔަސް، އެކައުންޓުގައި ހުރި ލާރި ކަމުގައިވިޔަސް އެއިން އެއްވެސް އެއްޗެއް ނުގެންދެވޭނެއެވެ. ތިބާގެ މަޝްހޫރުކަން، ރީތި އަންނައުނު އަދި ހަމަ އެހެންމެ ހިތްގައިމު ހިތްފަސޭހަ ދިރިއުޅުމާއިވެސް އަލްވަދާޢު ކިޔަންޖެހޭނެއެވެ. ތިބާގެ ކަށްވަޅަށް (ދުނިޔަވީ މާއްދީތަކެތީގެ ތެރެއިން)  ހަމައެކަނި ގެންދެވޭނީ، ތިބާ ނިވާކުރަން އަޅާ ކަފުން ފޮތިކޮޅުތަކެވެ.

     ނަމަވެސް އަހަރެމެން ވަރަށް ގިނައިން ދުނިޔޭގެ ޒީނަތައް ހެއްލެއެވެ. އެގޮތުން ޢިލްމުވެރިއަކު ދުނިޔޭގެ މިސާލު ޖައްސަވާފައިވަނީ އަންނަނިވި މިސާލުންނެވެ. ޖަންގައްޔެއްގެ ތެރެއިން ހިނގަމުންދާ މީހެކެވެ. ފަހަތަށް ބަލާލުމުން ސިންގާއެއް ފެނުނެވެެ. އޭތި ޝިކާރަވެރިވެގެން އޮތީ އޭނާ ކާލާށެވެ. ކަމަކު ދާކަށް ނެތެވެ. ބޯޖެހިތާ ނަގޫޖަހާފައި ދުއްވައިގަތީ ފުރާނަ އަތަށް ލައިގެންނެވެ. ދުވަމުން ގޮސް ވަޅަކާއި ހިސާބަށް ފޯރިއެވެ. އަވަހަށް ސަލާމަތްވުމަށްޓަކައި އެވަޅަށް އޭނާ ފުންމާލިއެވެ. އެވަޅަށް ފުންމާލިއިރު ވަޅުތެރެއިން އޭނާއަށް ވަލެއް ފެނިގެން އަވަހަށް އޭގައި އެލިގަތެވެ.

     ހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު ވަޅުގެ މަތި ބަލާލިއިރު ސިންގާ އޭނާގެ އިންތިޒާރުގައި ހުއްޓިހުރި ތަން ފެނުނެވެ. ވަޅުގެ ތިރިއަށް ނަޒަރު ހިންގާލިއިރު މޭގަނޑު އަތަށް އައި ކަހަލައެވެ. ބޮޑު ނާގަހަރުފައެއް އަނގަ ހުޅުވައިގެން މިއޮތީ އޭނާއާއި ދިމާ ތިރީގައިއެވެ. އޭނާގެ ހަމައެކަނި ސަލާމަތަކީ އެލިގެން އޮތް ވަލެވެ. އިރުކޮޅެއްފަހުން އޭނާއަށް އެވަޅުގެ ތެރެއިން ކަޅު މީދަލަކާއި ހުދު މީދަލެއް ފެނުނެވެ. އެދެމީދާ އައިސް އޭނާ އެލިގެން އޮތް ވަލުގައި ދަތްއަޅާ ހަފަން ފަށައިފިއެވެ. އެވާ ކާން ފަށައިފިއެވެ.

މަތީގައި ސިންގާ، ތިރީގައި ނާގަހަރުފަ، އޭނާގެ ހަމައެކަނި ދިރިހުރުމުގެ އުންމީދަކީ އެލިގެން އޮތްވާ ނަމަވެސް، އެވެސް މަޑުމަޑުން ބުރިވާން ފަށައިފިއެވެ. ދެން ކޮންމެއަކަސް މިހެން އޮއްވާ އޭނާގެ ކުރިމަތިން މާމުއި ހަތައެއް ފެނުނެވެ. އެއަށް އިނގިލިލުމަށްފަހު އެމާމުއި ފޮދު ރަހަ ބަލާލިއެވެ. އެވަގުތު ހިނދުކޮޅަކަށް އޭނާ ސިންގާ، ނާގަހަރުފަ އަދި މީދާތައް މަތީން ހަނދާން ނެތުނެވެ.

މި މިސާލުގައި ސިންގާއަކީ އަހަރެމެންގެ ފަހަތުން އަބަދުވެސް ފާރަލަމުން އަންނަ މަރެވެ. ނާގަހަރުފައަކީ އަހަރެމެން ކޮންމެ މީހަކު ލެވޭނެ ކަށްވަޅެވެ. އެމީހަކީ ރަނގަޅު މީހެއް ކަމުގައި ވާނަމަ އެކަށްވަޅު ސުވަރުގޭގެ ބަގީޗާއަކަށް ބަދަލުވެއެވެ. އަދި އެމީހަކީ މިދުނިޔޭގައި ގޯސް މީހެއް ކަމުގައިވާނަމަ އެކަށްވަޅު ނަރަކައިގެ ހޮހޮޅައަކަށް ބަދަލުވެއެވެ. އޭނާ އެލިގެން އޮތް ވަލަކީ އޭނާގެ މިދުނިޔޭގެ ޙަޔާތެވެ. ކަޅުމީދާ ރަމްޒު ކޮށްދެނީ ރޭގަނޑެވެ. އަދި ހުދުމީދާ ރަމްޒު ކޮށްދެނީ ދުވާލެވެ. އަދި މާމުއި ހަތައަކީ މިދުނިޔޭގެ އަރާމާއި ހިތްހަމަޖެހުމެވެ. މީގެ ފޮނި ރަހަ ލިބުމުން މަރު މަތީން ހަނދާންނެތިވެ ދާން އޮތް ކަށްވަޅުމަތީންވެސް ހަނދާން ނެތިވީއެވެ. މަރުވުމަށްފަހު މާތް ﷲގެ ޙަޟްރަތުގައި ކޮޅަށް ހުންނަންޖެހޭ ދުވަސް މަތީންވެސްމެއެވެ. މިއީ ދުނިޔޭގެ މިސާލެވެ.

ދުޢާއަކީ އަޅުގަނޑުމެންނަކީ މިވަގުތީ ދުނިޔެއަށްވުރެ ތާއަބަދު ދެމިއޮންނަ ސުވަރުގެއަށް މަސައްކަތްކުރާ ބައެއް ކަމުގައި މާތް ﷲ އަޅުގަނޑުމެން ލެއްވުމެވެ. އާމީން.