[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހްލުއްސުންނަތި ވަލްޖަމާޢަތުގެ ޢަޤީދާ 7

އަދި ﷲ ތަޢާލާގެ ވަޙީގެ ބަސްފުޅެއްގައިވާ ހުރިހާ ޚަބަރެއްގައި ތެދުވެރިކަމާއި، ކުރައްވާ ޙުކުމްފުޅުތަކުގައި އެންމެ ފުރިހަމަ ޢަދުލާއި އިންޞާފު ވާކަމުގައި އަހުރެމެން އީމާންވަމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((وَتَمَّتْ كَلِمَةُ رَبِّكَ صِدْقًا وَعَدْلًا لَا مُبَدِّلَ لِكَلِمَاتِهِ وَهُوَ السَّمِيعُ الْعَلِيمُ)) الأنعام: ١١٥ މާނައީ: “އަދި ކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ބަސްފުޅުތައް ތެދުވެރިކަމާއި ޢަދުލާއި އިންސާފުގައި ފުރިހަމަވެގެން ވެއެވެ.” އަދި ވަޙީކުރެއްވިއެވެ. ((وَمَنْ أَصْدَقُ مِنَ اللَّهِ حَدِيثًا)) النساء: ٨٧ މާނައީ: “ﷲ ތަޢާލާ އަށްވުރެ ބަސްބުނުމުގައި ތެދުވެރިކަން ބޮޑީ ފަހެ ކާކުހޭ؟”
އަދި ކީރިތި ޤުރުއާނުގައިވަނީ ﷲ ތަޢާލާގެ ކަލާމްފުޅުކަމުގައި އަހުރެމެން އީމާންވަމެވެ. ހަމަކަށަވަރުން އެ ޤުރްއާކީ އެކަލާނގެ ކުރެއްވި ވަޙީގެ ބަސްފުޅެވެ. އެކަލާނގެ ޖިބްރީލު ޢަލައިހިއްސަލާމް އަށް އެވަޙީއާއިގެން ވަޑައިގެންނެވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ޙަވާލުކުރެއްވުމަށްޓަކައެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((قُلْ نَزَّلَهُ رُوحُ الْقُدُسِ مِنْ رَبِّكَ بِالْحَقِّ )) النحل: ١٠٢ މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ. އެ (ޤުރްއާން) އާއިގެން ކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ޙަޟްރަތުން ތެދުވެރިކަމާއިގެން ޖިބްރީލު ޢަލައިހިއްސަލާމް ނާޒިލުވެ ވަޑައިގެންފިއެވެ.”
((نَزَلَ بِهِ الرُّوحُ الْأَمِينُ (193) عَلَى قَلْبِكَ لِتَكُونَ مِنَ الْمُنْذِرِينَ (194) بِلِسَانٍ عَرَبِيٍّ مُبِينٍ)) الشعراء: ١٩٢ – ١٩٥ މާނައީ: “ހަމަކަށަވަރުން ޢާލަމްތައް ހައްދަވައި ބޮޑުކުރައްވާ ރަސްކަލާނގެ އެ (ޤުރްއާން) ބާވައިލެއްވީއެވެ. ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ ޤުރްއާނާއިގެން ފައިބާ ވަޑައިގަތީ ރޫޙުލް އަމީން (ޖިބްރީލްއެވެ.) އިލްޤާ ކުރެއްވީ ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށެވެ. (އިލްޤާ ކުރެއްވީ) ފަޞީޙަ ޢަރަބި ބަހުންނެވެ. އެއީ މީސްތަކުން ﷲގެ ޢަޛާބުން ބިރުގަންނަވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށްޓަކައެވެ.”
ﷲ ތަޢާލާ އެކަލާނގެ އަމިއްލަ ޛާތުފުޅާއި ސިފަފުޅުތަކައިގެން އެންމެހާ މަޚްލޫޤު ތަކުންނަށްވުރެ މަތިވެރިވެ ވޮޑިގެންވާކަމަށް އަހުރެމެން އީމާން ވަމުއެވެ.
((وَهُوَ الْعَلِيُّ الْعَظِيمُ)) البقرة: ٢٥٥ މާނައީ: “އެކަލާނގެއީ މަތިވެރިވެ ވޮޑިގެންވާ އެންމެ ޢަޡީމްވަންތަ ރަސްކަލާނގެއެވެ.”
އަދި ވަޙީކުރެއްވިއެވެ. ((وَهُوَ الْقَاهِرُ فَوْقَ عِبَادِهِ وَهُوَ الْحَكِيمُ الْخَبِيرُ)) الأنعام: ١٨ މާނައީ: “އެކަލާނގެއީ އެކަލާނގެ އަޅުތަކުންގެ މައްޗަށް ގަދަފަދަވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެއީ އެންމެ ޙަކީމްވަންތަ ހުރިހާކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ކަލާނގެއެވެ.”
މިދަންނަވާ އާޔަތުގައިވާ ކަންތަކަށްވެސް އަހުރެން އީމާންވަމުއެވެ. ((إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يُدَبِّرُ الْأَمْرَ)) يونس: ٣ މާނައީ: “ޝައްކެއްނެތެވެ. ތިޔަބައިމީހުން ހައްދަވައި ބޮޑުކުރައްވަނީ ﷲ ތަޢާލާއެވެ. އެކަލާނގެއީ ހަދުވަހުގެ ތެރޭގައި އުޑުތަކާ ބިން ހެއްދެވި ރަސްކަލާނގެއެވެ. ދެން އެކަލާނގެ ޢަރުޝިގެ މަތީގައި އެކަލާނގެ ޢަޟީމްވަންތަކަމާއި ޖަލާލު ވަންތަކަމާއި އެކަށޭނަ މަތިވެރިގޮތުގައި ފުރިހަމައަށް ވޮޑިގެންނެވިއެވެ. އެކަލާނގެ ފިޔަވައި ހަމަ އެކަކަށްވެސް އެވޮޑިގެންނެވި މަތިވެރިގޮތާއި ކައިފިއްޔަތަކީ އެނގޭކަމެއް ނޫނެވެ. އެކަލާނގެ (ޚަލްޤުތަކުން) ހުރިހާ ކަމެއް ތަދްބީރުކުރައްވައެވެ.”

(ނުނިމޭ)