[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ތަރުބިއްޔަތުގެ ޢިލްމު3 – ތަޢުލީމާއި ތަޢުލީމު އުނގަންނައިދިނުމޭ ބެހޭ ފޮތްތައް

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ވަރަށް ފުރިހަމަ ތަރުބަވީ ދަރުސްތަކެއް ވެއެވެ. އެއީ އަހަރެމެންނަށް ވާ މިސާލުތަކެކެވެ. އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއެކު އުޅުއްވި ދިރިއުޅުއްވުމާއި، ޢާއިލާ މީހުންނާއި ގާތްތިމާގެ މީހުންނާއެކު އުޅުއްވި ދިރިއުޅުއްވުމާއި، ޞަޙާބީންނާއެކު އުޅުއްވި ގޮތާއި، އިސްލާމްދީން އިޢުލާނުކުރުމާއެކު އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތްކުރެއްވި އެތައް ވަފުދުތަކާ އެކު މުޢާމަލާތުކުރެއްވި ގޮތާއި، އެކަލޭގެފާނުގެ ޢަދުއްވުން ކަމުގައިވި މައްކާގެ މުޝްރިކުންނާމެދު ކަންތައްތައް ކުރެއްވި ގޮތާއި، މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު، މަދީނާގައި އުޅެމުން ދިޔަ ޔަހޫދީންނާއި އަދި ފަހުން މުނާފިޤުންނާމެދު ޢަމަލުކުރެއްވި ގޮތާއި، އެކަލޭގެފާނުގެ ޢަޤީދާއާއި އަޅުކަމުގައި އަދި އަޚްލާޤުގައި އަދި މިނޫންވެސް ކަންކަމުގައި ޢަމަލުކުރައްވާފައި ހުރިގޮތަކީ އެކަލޭގެފާނު ދޫކުރެއްވި ފަދަ ހަރުދަނާ ޖީލެއް އުފައްދަން އަހަރެމެން ބޭނުންނަމަ ކޮންމެހެންވެސް ދެނެގަންނަންޖެހޭ ކަންކަމެވެ.
އަދި ހަމަ އެގޮތަށް އެކަލޭގެފާނުގެ މޫރިތި ސުންނަތުގައިވެސް ވަރަށް ގިނަ ތަރުބަވީ އުސްލޫބުތައް ގެންގުޅުއްވާފައިވެއެވެ. ވާހަކަ ކިޔާ ދެއްވުމާއި، ޢިބުރަތްތަކާއި، ވަޢުޡު ނަޞީޙަތް ދެއްވުމާއި އުފާވެރި ޚަބަރު ދެއްވުމާއި އިންޛާރުކުރެއްވުމާއި، ޝައުޤުވެރިކުރެއްވުމާއި ބިރުގެންނެވުމާއި މިހެންގޮސް ވަރަށް ގިނަ އުސްލޫބުތަކެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތައް ތަދުވީނުކުރެވެން ފެށުމާއެކު ޙަޤީޤަތުގައި އެ ލިޔެވުނީ އެކަލޭގެފާނު ޞަޙާބީން ތަރުބިއްޔަތު ކުރެއްވުމުގައި ގެންގުޅުއްވި މަންހަޖެވެ. އޭގެ ފަހުގައި ތަރުބިއްޔަތުގެ ނާހިޔާގައި ލިޔުންތައް ވަކިކުރެވުނެވެ. މިސާލަކަށް އިމާމު ބުޚާރީ ރަޙިމަހުﷲ ގެ އަލްއަދަބުލް މުފްރަދު އޭ ކިޔުނު ފޮތެވެ. އޭގެ ފަހުގައި އައި އަހަރުތަކުގައި އިސްލާމީ ތަރުބިއްޔަތާ ގުޅޭ ތަފާތު މައުޟޫތަކަށް ފޮތްތައް ލިޔެވެމުން ދިޔައެވެ. އާދެ ޚާއްޞަ ފަންނެއްގެ ގޮތުގައި ތަރުބިއްޔަތު ޚާއްޞަވިއެވެ. އޭގެ ތެރެއިން ބައެއް ފޮތްތަކަކީ އަޚްލާޤުގެ ވާހަކަތައް ބަޔާންކުރެވިފައިވާ ފޮތްތަކެވެ. އަނެއްބައި ފޮތްތަކުގައި ބޮޑަށް އަލިއަޅުއްވާލައްވާފައިވަނީ ތަޢުލީމާއި ތަޢުލީމު އުނގަންނައިދިނުމުގެ މައްޗަށެވެ. އަދި އޭގެ ތެރެއިން އަލަށް އުފަންވާ ކުއްޖާއާ ބެހޭ ޙުކުމްތަކަށް ޚާއްޞަ ފޮތްތަކާއި، ޒުހުދުވެރިކަމާ ބެހޭ ފޮތްތަކާއި، ތާރީޚީ ތަރުބަވީ ފޮތްތައް ހިމެނެއެވެ.

ފުރަތަމަ: ތަޢުލީމާއި ތަޢުލީމު އުނގަންނައިދިނުމޭ ބެހޭ ފޮތްތައް

1- އާދާބުލް މުޢައްލިމީނަ (ޓީޗަރުންގެ ނުވަތަ އުސްތާޛުންގެ ކިބައިގައި ހުންނަންޖެހޭ އަދަބުތަކާ ބެހޭ ފޮތެއް) – ލިޔުއްވީ އިބްނު ސަޙްނޫން (އަވަހާރަވީ 256 ހ ގައި)

2- އައްރިސާލާ އަލްމުފައްޞަލާ ލިއަޙްވާލިލް މުތަޢައްލިމީނަ ވަ އަޙްކާމިލް މުޢައްލިމީނަ ވަލް މުތަޢައްލިމީނަ- (ކިޔަވާކުދިންގެ ޙާލާއިމެދު އަދި މުދައްރިސުންގެ އަދި ކިޔަވާކުދިންގެ ޙުކުމްތަކާމެދު ތަފްޞީލުކުރެވިފައިވާ ފޮތެއް) ލިޔުއްވީ އަލްޤާބިސީ (324ހ ން 403ހ)

3- އަލްޖާމިޢު ލިއަޚްލާޤިއްރާވީ ވަ އާދާބިއްސާމިޢި (ޙަދީޘް ރިވާކުރައްވާ ބޭކަލުންގެ އަދަބުތަކާއި ޙަދީޘް އަޑުއައްސަވާ ބޭކަލުންގެ އަދަބު ތަކާބެހޭގޮތުން އެކުލަވާލެވިފައިވާ ފޮތެއް) – ލިޔުއްވީ ޚަތީބުލް ބަޣްދާދީ (392ހ ން 463ހ)

4- ތަޢުލީމުލް މުތަޢައްލިމި ފީ ޠަރީޤިއް ތަޢައްލުމި (އުނގެނުމުގެ މަގުގައި ކިޔަވާކުއްޖާގެ ކިޔެވުމާ ބެހޭ ފޮތެއް) ބުރުހާނުއްދީން އައްޒަރުނޫޖީ (އަވަހާރަވީ 593 ހ ގައި)

5- އަލްޙައްޘު ޢަލަލް ޙިފްޡި (ހިފުޒުކުރުމަށް ބާރުއެޅުމާ ބެހޭ ފޮތެއް) – އިބްނުލް ޖައުޒީ (508ހ ން 597 ހ)

6- ތަޛްކިރަތުއް ސާމިޢި ވަލްމުތަކައްލިމި ފީ އަދަބިލް ޢާލިމި ވަލް މުތަޢައްލިމި (މުދައްރިސުންނާއި ދަރިވަރުންގެ އަދަބުތަކާބެހޭ ފޮތެއް – އިބްނު ޖަމާޢާ (639ހ ން 733ހ)

(ނުނިމޭ)