[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުގެ ޤަދަރު މަތިވެރިކުރުން 11

madinah islamic university (294)ތެދުމަގުގައި މީސްތަކުން ބެހިގެންދަނީ ތިން ބަޔަކަށެވެ. ފުރަތަމަ ބަޔަކީ ހިދާޔަތުގެ މަތިވެރި ނިޢުމަތް ލިބިފައިވާ އަޅުންނެވެ. އެބައިމީހުންނީ ތެދުމަގު ލިބި އެމަގުގައި ޢިލްމާއި ޢަމަލާއި އިޢުތިޤާދުން އެ ހިދާޔަތުގެ މަތީގައި ޤާއިމްވެތިބޭބައެކެވެ.

ދެވަނަ ބަޔަކީ ހިދާޔަތުގެ މަގުން އެއްކިބާވެ މަގުގުރެދިފައިވާ މީހުންނެވެ. ތިންވަނަ ބަޔަކީ އެބަޔަކަށް ކޯފާލެއްވުނު މީހުންނެވެ. އެމީހުންނީ ހިދާޔަތުގެ މަގު އެނގި އެއަށް ބޯނުލެނބި މީހުންނެވެ.

ފާތިޙާ ސޫރަތަށްފަހު އާމީން ކިޔުމަކީ ޝަރުޢުވެގެންވާ ކަމެކެވެ. އާމީންގެ މާނައީ ފާތިޙާ ސޫރަތުގައި އަޅާ ދެންނެވި ދުޢާ އިޖާބަކުރެއްވުމަށް ﷲ ތަޢާލާއަށް އެދުމެވެ. މުސްލިމުން އެބައިމީހުންގެ ނަމާދުގައި ބާރަށް އާމީންކިޔާ ކިޔުމަކީ ޔަހޫދީން މުސްލިމުންގެ މައްޗަށް ޙަސަދަވެރިވާ ކަމެކެވެ.

ފާތިހާ ސޫރަތަށް ފަހު ސޫރަތެއް ކިޔެވުމަށްފަހު ތަކްބީރާއެކީ ރުކޫޢު ކުރާނީއެވެ. ރުކޫޢަށް ދަމުން ދެއަތް އުފުލުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އަދި އެއީ ނަމާދުގެ ޒީނަތުގެ ތެރެއިން ހިމެނިގެންވާ ކަމެއްވެސް މެއެވެ. އަދި ހަމައެއާއެކީ އެއީ ނަމާދުގައި އެކި ގުނަވަންތަކަށް ވާ ވާޖިބުތަކުގެ ތެރެއިން ދެއަތަށް ޚާއްޞަވެގެންވާ ބައެވެ. ރުކޫޢުގައި އަޅާ އޭނަގެ ބޯ ކާއިނާތުގެ ވެރި އިލާހަށް ތިރިކޮށްލާ ތިރިކޮށްލުން ބަޔާންކުރަނީ އަޅާގެ ހިތުގައި ﷲއަށްޓަކައިވާ މަތިވެރި ކަމެވެ. މަތިވެރި އިޙްތިރާމާއި ހައިބަތާއި ޢިއްޒަތުގެ މަތިވެރިކަމެވެ. ރުކޫޢުގައިވަނީ އަޅާ އޭނާގެ ރައްބަށް ނިކަމެތިކަމާއެކީ ބޯ ތިރިކޮށް އެއިލާހުގެ މަތިވެރިކަން ބަޔާންކޮށް އެއިލާހަށް ޘަނާކިޔުމެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((فَأَمَّا الرُّكُوعُ فَعَظِّمُوا فِيهِ الرَّبَّ عَزَّ وَجَلَّ)) [رواه مسلم] މާނައީ: :ފަހެ ރުކޫޢުގައިނަމަ، ﷲތަޢާލާގެ މަތިވެރިކަން (ބަޔާންކުރާށެވެ).

ރުކޫޢުން ތެދުވުމަށްފަހު އަޅާގެ މައްޗަށް ޝަރުޢުވެގެންވަނީ، ﷲ ތަޢާލާގެ ދަރުބާރުގައި އެއިލާހަށް ރުކޫޢުކުރުމުގެ ތައުފީޤު ދެއްވިކަމަށްޓަކައި އެއިލާހަށް ޙަމްދުކުރުމެވެ.
ރުކޫޢަތްފަހުގައި ވަނީ ސަޖިދައަށް ދިއުމެވެ. ސަޖިދާގައި ޝާމިލުވާ ކޮންމެ ގުނަވަނަކަށް ލިބިގެންވާ ޢުބޫދިއްޔަތުގެ ޙައްޤު ކޮންމެ ގުނަވަނަކަށް ލިބިދޭންޖެހޭނެއެވެ. އަޅާގެ އެންމެ މަތިވެރިވެ ޝަރަފުވެރިވެގެންވާ ގުނަވަންކަމުގައިވާ ބޯ ﷲ ތަޢާލާއަށްޓަކައި ތިރިކޮށްލަނީ އެއިލާހުގެ ޢިއްޒަތާއި މަތިވެރިކަމަށް ހެކިވާޙާލު އަޅާގެ ނިކަމެތިކަމަށް އިޢްތިރާފްވާ ޙާލުގައެވެ. އަޅާ ސަޖިދާގައިވާ ވަގުތަކީ ﷲއާ އެންމެ ކުއްތަންވެގެންވާ ވަގުތެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ)) [رواه مسلم] މާނައީ: “އަޅާ އޭނަގެ ރައްބާ އެންމެ ކުއްތަންވެގެންވާ ވަގުތަކީ އޭނާ ސަޖިދައިގައިވާ ވަގުތެވެ”.

ފަހެ ނަމަދަކީ ފަސްކަމެއްގެ މައްޗަށް ބިނާވެގެންވާ އަޅުކަމެކެވެ. އެއީ ޤުރުއާން ކިޔެވުމާއި، ޤިޔާމާއި (އެބަހީ ނަމާދުގައި ކޮޅަށްހުރުން)، ރުކޫޢާއި، ސުޖޫދު އަދި ޒިކުރުތަކެވެ. އެހެންކަމުން މިއިން ކޮންމެ ނަމަކުން ޤުރުއާނުގައި ނަމާދަށް ނަންދެވިގެންވެއެވެ. ނުވަތަ މިއިން ކަމަކުން ނަމާދު ސިފަކުރެވިގެންވެއެވެ.

މިގޮތުން ޤިޔާމާ ބެހޭގޮތުން ނަމާދުގެ ޒިކުރުކުރައްވައި ﷲވަޙީކުރައްވާފައިވެއެވެ: (وَقُومُوا لِلَّـهِ قَانِتِينَ) [البقرة238] މާނައީ:”އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) ޤާއިމުވެ ތިބޭށެވެ!”. އަދިވެސް ވަޙީކުރައްވާފައިވެއެވެ: (قُمِ اللَّيْلَ إِلَّا قَلِيلًا ) [المزمل 2] މާނައީ: “ރޭގަނޑުގެ އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަންނަވާށެވެ! ވަރަށްކުޑަ ވަގުތުކޮޅަކަށް މެނުވީއެވެ.”

އަދި ކީރިތި ޤުރުއާން ތިލާވަތުކުރުމުން ނަމާދުގެ ޒިކުރުކުރައްވަމުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (أَقِمِ الصَّلَاةَ لِدُلُوكِ الشَّمْسِ إِلَىٰ غَسَقِ اللَّيْلِ وَقُرْ‌آنَ الْفَجْرِ‌ إِنَّ قُرْ‌آنَ الْفَجْرِ‌ كَانَ مَشْهُودًا) [الإسراء 78] މާނައީ:” އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމަޔަށް، ކަލޭގެފާނު ނަމާދު ޤާއިމުކުރައްވާށެވެ! (އެބަހީ: މެންދުރު ނަމާދާއި، ޢަޞުރުނަމާދާއި، މަޣްރިބު ނަމާދާއި، ޢިޝާނަމާދު ޤާއިމު ކުރައްވާށެވެ!) އަދި ފަތިހުގެ ޤުރުއާން (އަދާކުރައްވާށެވެ!) ހަމަކަށަވަރުން، ފަތިހުގެ ޤުރުއާނަކީ (އެބަހީ ފަތިސްނަމާދު)، (ރޭގަނޑުގެ މަލާއިކަތުންނާއި ދުވާލުގެ މަލާއިކަތުންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ.

އަދި ރުކޫޢު ކުރުމުން ނަމާދުގެ ޒިކުރުކުރައްވަމުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَارْ‌كَعُوا مَعَ الرَّ‌اكِعِينَ) [البقرة43] މާނައީ: އަދި ރުކޫޢު ކުރާ މީހުންނާ އެކުގައި ތިޔަބައިމީހުން ރުކޫޢުކުރާށެވެ!

އަދި ސަޖިދައިން ނަމާދުގެ ޒިކުރުކުރައްވަމުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (فَسَبِّحْ بِحَمْدِ رَ‌بِّكَ وَكُن مِّنَ السَّاجِدِينَ ) [الحجر 98] މާނައީ: ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ! އަދި ސަޖިދަކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ!

އަދި ޒިކުރުތަކުން ނަމާދު ސިފަކުރައްވަމުން ވަޙީކުރައްވާފައިވެއެވެ. (فَاسْعَوْا إِلَىٰ ذِكْرِ‌ اللَّـهِ) [الجمعة 9] މާނައީ: ﷲ ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ!

ނަމާދުގެ އެންމެ ޝަރަފުވެރިވެގެންވާ ޢަމަލަކީ ސަޖިދައެވެ. އަދި ނަމާދުގެ އެންމެ ޝަރަފުވެރިވެގެންވާ ޒިކުރަކީ ކީރިތި ޤުރުއާން ކިޔެވުމެވެ.

ފުރަތަމަ ސަޖިދައަށްފަހު އިޢްތިދާލުގައި އިށީންނާނީއެވެ. މި ޙާލަތުގައި އަޅާގެ މައްޗަށް ޝަރުޢުވެގެންވަނީ ފާފަފުއްސެވުމާއި ރަޙްމަތާއި ހިދާޔަތާއި ރިޒްޤާއި ޢާފިޔަތަށް އެދި ﷲއަށް ދުޢާކުރުމެވެ. ދެސަޖިދަ ދެމެދު އިށީނދެގެންވާ ޙާލަތަކީ އަޅުކަމުގެ ޚާއްޞަ މަޤާމެކެވެ. މިމަޤާމުގައި އަސްތަޣްފާރުކުރުން ގިނަކުރައްވާ ކަމަށް މާތް ނަބިއްޔާގެ އަރިހުން ރިވާވެގެންވެއެވެ.
އެއަށްފަހުގައި އަޅާގެ މައްޗަށް ޝަރުޢުވެގެންވަނީ ދެވަނަ ސަޖިދައަށް ދިއުމެވެ. ސަޖިދައިގެ މަތިވެރިކަމާއި ޝަރަފަށްޓަކައި، ރުކޫޢު ފަދައިން އެންމެ ސަޖިދައިން ފުއްދާލުމެއްނުވެއެވެ. އެހެނެއްކަމަކު ދެސަޖިދަ ކުރަން ޝަރުޢުވެގެންވެއެވެ.
މިބީދައިން ނަމާދުގެ ޢަމަލުތައް ތަކުރާރުކޮށް ނަމާދު ފުރިހަމަކުރުމުން ހިތާއި ރޫޙުގެ ކާނާ ލިބިގެންދާނެއެވެ. އަދި ނަމާދުގެ ފުރަތަމަ ރަކުޢަތް ބަޔާންވެދިޔަ ގޮތަށް ދެވަނަ ރަކްޢަތުގައި ތަކުރާރުކުރުމީ ފުރަތަމަ ރަކްޢަތަށްޓަކައި އަދާކުރެވޭ ޝުކުރެއްވެސްމެއެވެ. އަދި އެއީ އީމާންކަމުގެ ތިލަފަތަށް ބަރުކަން ލިއްބައިދޭނެ ޢަމަލުތަކެއްވެސް މެއެވެ.

ނަމާދުގެ ދެވަނަ ރަކުޢަތަށްފަހުގައި އަޅާގެ މައްޗަށް ޝަރުޢުވެގެންވަނީ އައްތަޙިއްޔާތަށް އިށީނުމެވެ. އައްތަޙިއްޔާތުގައިވަނީ ﷲތަޢާލާގެ ދަރުބާރުގައި އިށީދެއިނދެ އެއިލާހަށް ޘަނާކިޔުމާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ސަލާމް ދެންނެވުމާއި ޞާލިހުއަޅުތަކުންނަށް ސަލާމްދެންނެވުމެވެ. ދެން އެއަށްފަހުގައި އަޅާގެ މައްޗަށްވަނީ ﷲފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެންއެއްވެސް އިލާހަކު ނުވާކަމަށް ހެކިވުމާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަބީކަމާއި ރަސޫލުކަމުގެ ރިސާލަތަށް ހެކިވުމެވެ. އެއަށްފަހުގައި ﷲއަށް ދުޢާދެންނެވުމަށްޓަކައި ޝަރުޢުވެގެންވަނީ ދުޢާގެ ކުރިން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ އާލުބައިތުންނާއި އިބްރާހިމްގެފާނާއި އެކަލޭގެފާނުގެ އާލުބައިތުންގެ މައްޗަށް ޞަލަވާތާއި ސަލާމްލެއްވުމަށް އެދި ދުޢާކުރުމެވެ. އެއަށްފަހުގައި އަޅާބޭނުން ޙާޖަތަކަށް އެދި ﷲއަށް ދުޢާދެންނެވުމަށްފަހު ސަލާމްދޭނީއެވެ.

(ނުނިމޭ)