[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެއްޗިހިކިޔުން

Mnhyyat0076

މުސްލިމަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެއްޗިހި ކިޔައިފިނަމަ އެމީހާ މުރުތައްދުވެއްޖެއެވެ. އަދި އަހަރެމެންގެ ކައިރީގައި (އެބަހީ ޙަންބަލީ މަޒުހަބުގައި) އެމީހާއަށް ތައުބާއެއް ނުވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿قُلْ أَبِاللَّهِ وَآيَاتِهِ وَرَسُولِهِ كُنْتُمْ تَسْتَهْزِئُونَ لَا تَعْتَذِرُوا قَدْ كَفَرْتُمْ بَعْدَ إِيمَانِكُمْ ﴾ [التوبة :65-66 ] މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅެނީ ﷲއަށާއި އެއިލާހުގެ އާޔަތްތަކަށާއި އެއިލާހުގެ ރަސޫލާއަށް ހެއްޔެވެ؟ ތިޔަބައިމީހުން ބަހަނާ ނުދައްކާށެވެ! ތިޔަބައިމީހުން އީމާންވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ ކާފިރުވެފައިކަން ކަށަވަރެވެ.”

ޞައްޙަވެގެންވާ ބަހަކީ އެފަދަ މީހަކު ޤަތުލުކުރުމެވެ.

ދެން ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެއްޗިހި ކިޔާ ފުރައްސާރަކޮށް ހަދާ މީހަކީ ޛިންމީއެއް (މުސްލިމުންނަށް ޖިޒީ ދީގެން ތިބޭ ކާފިރުން) ނުވަތަ މުޢާހިދެއް (މުސްލިމުންގެ ވެރިމީހާ އެމީހަކާ ސުލްޙަވުމުގެ ގޮތުން ހަނގުރާމަ ހުއްޓާލުމަށް ޢަހުދުވެފައިވާ ކާފިރެއް) ކަމުގައިވާނަމަ އޭނާއާ އެކު ކުރެވިފައިވާ ޢަހުދު ބާޠިލުކުރެވޭނެއެވެ. އަދި އޭނާވެސް ޤަތުލުކުރެވޭނެއެވެ. އޭނާ ދޫކޮށްލުމެއް ނުވެއެވެ. އަދި އޭނާގެ ކިބައިން ފިދުޔައެއްވެސް އެކަމުގައި ޤަބޫލުނުކުރެވޭނެއެވެ. ކޮންމެ ޙާލެއްގައިވެސް އޭނާ ޤަތުލުކުރެވޭނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ދިމާއަށް އެއްޗިހިކިޔާ ފުރައްސާރަކުރާ މީހާ ތައުބާވިކަމުގައިވިޔަސް، އޭނާއަކީ މުސްލިމެއްކަމުގައިވިޔަސް، އޭނާ ޤަތުލުކުރެވޭނެއެވެ. އަހަރެމެންގެ ކައިރީގައި (އެބަހީ ޙަންބަލީ މަޒުހަބުގައި) އޭނާއަށް ތައުބާއެއް ނުވެއެވެ. ﷲ ގެ ޙަޟްރަތުގައި އޭނާގެ ތައުބާ ޤަބޫލުވުމާ ނުވުން އެއީ އެއިލާހަށް ވާ ކަމެކެވެ.

ޝައިޚުލް އިސްލާމު އިބްނު ތައިމިއްޔާ ރަޙިމަހުﷲ އެކަލޭގެފާނުގެ ފޮތް الصارم المسلول على شاتم الرسول  ގައި ވިދާޅުވެފައިވެއެވެ.
“ތިމަންނާ މި ކަންތައް ހަތަރު ބަޔަކަށް ތަރުތީބުކޮށްފީމެވެ.

ފުރަތަމައީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެއްޗިހި ކިޔާމީހާ ޤަތުލުކުރެވޭނެއެވެ. އެއީ މުސްލިމެއްކަމުގައިވިޔަސް އަދި ކާފިރެއްކަމުގައިވިޔަސް މެއެވެ.

ދެވަނައީ: އޭނާއަކީ ޛިންމީއެއް ކަމުގައިވިޔަސް އޭނާ ދޫކޮށްލުމެއް ނުވެއެވެ. އަދި އޭނާގެ ކިބައިން ފިދުޔައެއްވެސް ޤަބޫލެއްނުކުރެވޭނެއެވެ.

ތިންވަނައީ: އޭނާ ތައުބާވެއްޖެނަމަ އޭނާއާ ދޭތެރޭ ޢަމަލުކުރާނޭ ގޮތެކެވެ. ހަމަމިފަދައިން ކާފިރަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެއްޗިހިކިޔުމަށްފަހުގައި އިސްލާމްވެއްޖެނަމަ އޭނާއާ މެދު ހަދާނެގޮތެކެވެ.

ހަތަރުވަނައީ: އެއްޗިހި ކިޔުމަކީ ކޮބައިކަން ބަޔާންކުރުމެވެ. އަދި އެއްޗިހިކިޔުމަށް ނުވަނީ ކޮންކޮން ކަންކަމެއްކަން ބަޔާންކުރުމެވެ. އަދި އެކަމާ ކުފުރާދެމެދު ހުރި ފަރަޤު ބަޔާންކުރުމެވެ.”

މި ބާބުގައި ޝައިޚުލް އިސްލާމް ފައިދާކުރުވަނިވި ބަސްތަކެއް ބަޔާންކުރައްވާފައިވެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބާވެއްޖެ މީހަކަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ ރަޙްމަތް ލިޔުއްވާ ހުއްޓެވެ. އެ ރަޙްމަތަކީ ހުރިހާ ފަރާތަކަށް ތަނަވަސް ވެގެންވާ ރަޙުމަތެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُمْ بِآيَاتِنَا يُؤْمِنُونَ (156) الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الأُمِّيَّ الَّذِي يَجِدُونَهُ مَكْتُوباً عِنْدَهُمْ فِي التَّوْرَاةِ وَالإِنجِيلِ يَأْمُرُهُمْ بِالْمَعْرُوفِ وَيَنْهَاهُمْ عَنْ الْمُنكَرِ وَيُحِلُّ لَهُمْ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمْ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالأَغْلالَ الَّتِي كَانَتْ عَلَيْهِمْ فَالَّذِينَ آمَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَ الَّذِي أُنزِلَ مَعَهُ أُوْلَئِكَ هُمْ الْمُفْلِحُونَ (157) ﴾ މާނައީ: “އަދި ތިމަންއިލާހުގެ ރަޙުމަތް ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ. ފަހެ، ތަޤުވާވެރިވެ، ޒަކާތްދީ އުޅޭމީހުންނަށާއި، ތިމަންއިލާހުގެ އާޔަތްތަކަށް އީމާންވާ މީހުންނަށް ތިމަންއިލާހު އެ ރަޙުމަތްލިޔުއްވާހުށީމެވެ. [156]އެއުރެންނީ، އުއްމީ ނަބިއްޔާ ކަމުގައިވާ ރަސޫލާއަށް ތަބާވާ މީހުންނެވެ. އެ ރަސޫލާއާއި، އެއުރެންގެ ގާތުގައިވާ ތައުރާތާއި، އިންޖީލުގައި (ރަސޫލާގެ ސިފަފުޅުތައް) ލިޔެވިގެންވާތީ، އެއުރެންދެކޭ ރަސޫލެވެ. އެކަލޭގެފާނު، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ. އަދި ރަނގަޅު ތަކެތި އެއުރެންނަށް ޙަލާލުކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމްކުރައްވަތެވެ. އަދި އެއުރެންގެ މައްޗަށްހުރި ބުރަތަކާއި، އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި، ލުއިކުރައްވަތެވެ. ފަހެ، އެކަލޭގެފާނަށް އީމާންވެ، އެކަލޭގެފާނަށް ވާގިވެރިވެ، ނަޞްރުވެރިވެ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި ނޫރަށް ތަބާވީ މީހުން (ދަންނާށެވެ!) ކާމިޔާބުވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ.[157]”

ޙަވާލާ:
1- وجوب محبة النبي ونصرته وحكم من سبه، وعموم رسالته – سعيد بن علي بن وهف القحطاني
2- محبة النبي صلى الله عليه وسلم وتعظيمه- عبد الله بن صالح الخضيري
3- محمد الرسول الله بين الاتباع والابتداع -عبد الرؤوف محمد عثمان
4- الشفا بتعريف حقوق المصطفى صلى الله عليه وسلم – عياض بن موسى بن عياض اليحصبي أبو الفضل