[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގެތައް އިޞްލާޙުކުރުމަށް 40 ނަސޭހަތް (31)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ސަތާރަވަނަ ނަސޭހަތް: ގޭގައި ކުޑަކުދިންނާމެދު ސަމާލުވުން

 

މިކަމުގައި ވަރަށް ގިނަ ކަންތައްތަކެއްވެއެވެ. އޭގެ ތެރޭގައި:

  •  ކީރިތި ޤުރްއާން ޙިފްޡުކުރުވުމާއި އިސްލާމީ ވާހަކަތައް ދަސްކޮށްދިނުން:

 

ޤުރްއާން ކިޔެވުމަށާއި (އެކުދިންނަށް ވިސްނޭނެފަދަ) އާދައިގެ ގޮތަކަށް ޝަރަޙަ ކިޔައިދިނުމާ އަދި ހިތުދަސްކުރުމުން ހަދިޔާ ދިނުމަށް ބައްޕަ ދަރިން ގޮވައިގެން ޖަމާވުމަށްވުރެ ރިވެތިކަމެއް ފަހެ ކޮބާ ހެއްޔެވެ. ބައްޕަ ކޮންމެ ހުކުރު ދުވަހަކު ދަރިން ގޮވައިގެން ތަކުރާރުކޮށް ކަހްފު ސޫރަތް ކިޔެވުމުން ތުއްތުކުދިން އެ ސޫރަތް ހިތުދަސްކޮށްފައި އެބަހުއްޓެވެ. އަދި އިސްލާމީ ޢަޤީދާގެ އުޞޫލުތައް އެކުދިންނަށް ކިޔަވައިދެވިދާނެއެވެ. އެއީ އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ.

«…احْفَظِ اللَّهَ يَحْفَظْكَ…» [رواه أحمد والترمذي/ صححه الألباني في مشكات المصابيح ]

މާނައީ: “…ﷲ އަށް ރައްކާތެރިވާށެވެ. އޭރުން ﷲ ތިބާ ރައްކާތެރި ކުރައްވާނެއެވެ…”

ރީތި އާދަތަކާއި ޝަރުޢީ ޛިކުރުތައްވެސް އެކުދިންނަށް އުނގަންނައިދެވިދާނެއެވެ. މިޘާލަކަށް ކެއުމާއި، ނިދުމާއި، ކިނބިހި އެޅުމާއި، ސަލާމްކުރުމާ ގުޅުންހުރި ޛިކުރުތަކާ އަދި ގޭގެއަށް ވަނުމުގައި ހުއްދަ ހޯދުންފަދަ ކަންކަމެވެ.

އިސްލާމީ ވާހަކަތައް ކިޔައިދިނުމަށްވުރެ ތުއްތުކުދިންގެ ސަމާލުކަން ލިބޭ އަދި  އަޘަރު ކުރުވާކަމެއް ނުވެއެވެ.

މިފަދަ ވާހަކަތަކުގެ ތެރޭގައި: ނޫހު -عليه السلام- އާއި ޠޫފާނުގެ ވާހަކައާއި، އިބްރާހީމް -عليه السلام- ބުދުތައް ތަޅުއްވާލެއްވި ވާހަކައާއި އަލިފާނަށް އެއްލައި ލެވުނު ވާހަކައާއި، މޫސާ -عليه السلام- ފިރުޢައުނުގެ ކިބައިން ސަލާމަތް ކުރައްވާ ފިރުޢައުނު ޣަރަޤުވިގޮތުގެ ވާހަކައާއި، ބޮޑު މަހުގެ ބަނޑު ތެރޭގައި ޔޫނުސް -عليه السلام- ވެވަޑައިގެން ވާހަކައާއި، ޔޫސުފް -عليه السلام- ގެ ވާހަކައިގެ ޚުލާޞާއާ އަދި މުޙައްމަދު صلى الله عليه وسلم ގެ ސިޔަރަތު ހިމެނެއެވެ.

އެކަލޭގެފާނު صلى الله عليه وسلم ގެސިޔަރަތުގެ ތެރެއިން އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުމާއި، ހިޖުރަ ކުރެއްވުމާއި، ހަނގުރާމަތަކުގެ ތެރެއިން ބަދުރު ހަނގުރާމައާ އަދި ޚަންދަޤު ހަނގުރާމަފަދަ ވާހަކަތަކެވެ. އަދި ޖަމަލަށް ކާން ނުދީ އެޖަމަލު ލައްވާ ބުރަ މަސައްކަތް ކުރުވި މީހާއާއި ނަބިއްޔާ صلى الله عليه وسلم އާ މެދު ހިނގި ޙާދިޘާފަދަ  ވާހަކަތައްވެސް ހިމެނެއެވެ.

އަދި ޞާލިޙުބޭކަލުންގެ ވާހަކަތަކުގެ ތެރެއިން: ފޭލިގޭގެ ތެރޭގައި ބަނޑުހައިކަންމަތީގައިވި އަންހެން މީހާއާއި އެމީހާގެ ދަރިންނާމެދު ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ކަންތައްކުރެއްވި ގޮތުގެ ވާހަކައާއި، އުޚްދޫދުގެ މީހުންގެ ވާހަކައާއި، ޤަލަމް ސޫރަތުގައިވާ ބަގީޗާގެ އަހުލުވެރިންގެ ވާހަކައާއި، ހޮހޮޅައިގައިވި ތިން އެކުވެރިންގެ ވާހަކައާ އަދި މިނޫންވެސް ރަނގަޅު ވާހަކަތަކެވެ. އެކުދިންނަށް ވިސްނޭނެފަދަ ކުރުގޮތަކަށް މި ވާހަކަތައް ކިޔައިދެވިދާނެއެވެ.

ޢަޤީދާއާ ފުށުއަރާ ޚުރާފީ ބިރުވެރި، ޙަޤީޤަތާމެދު އެކުދިންގެ ވިސްނުން ފަސާދަވެ އަދި އެކުދިން ފިނޑިވެ ބިރުގަންނަފަދަ ވާހަކަތައް ކިޔައިނުދީ، މިވާހާކަތައް ކިޔައިދިނުމުން ފުދޭނެއެވެ.

_____________________

=ނުނިމޭ=

އެހެންބައިތައް ބެއްލެވުމަށް