[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލްއިމާމު އައްޝާފިޢީ (محمد بن إدريس الشافعي) – 11

imam shafii

އެކަލޭގެފާނުގެ ވަޞިއްޔަތް -رحمه الله-

ربيع بن سليمانވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ޙާޟިރުގައمحمد بن إدريس الشافعي އަށް މިފޮތް ކިޔާދެވުނެވެ.

އެފޮތް ލިޔުއްވާފައިވަނީ ހިޖުރައިން ދުއިސައްތަ ތިންވަނަ އަހަރުގައި ޝާފިޢީގެފާނެވެ.

އަހަރެން ﷲ ހެކިކުރަމެވެ. އެއިލާހީ، ލޯތަކުގެ ޚިޔާނާތާއި ހިތްތަކުގައި ފޮރުވިފައިވާ ކަންކަން މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. ހެކިވާފަރާތަކަށް އެއިލާހު ފުދެއެވެ. އަދި އެއަށްފަހުގައި މިވަޞިއްޔަތް އަޑުއިވުނު ކޮންމެ މީހަކު ހެކިކުރަމެވެ.

ހަމަކަށަވަރުން އެކަލޭގެފާނު، ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކުނުވާކަމަށް ހެކިވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެއިލާހަށް ބައިވެރިޔަކު ނުވެއެވެ. އަދި މުޙައްމަދުގެފާނަކީ އެއިލާހުގެ ރަސޫލާކަމަށާއި އެއިލާހުގެ އަޅާކަމަށް ހެކިވެއެވެ. އެދީންމަތީގައި އެކަލޭގެފާނު ހުރުން ފިލާނުދެއެވެ. އަދި ﷲތަޢާލާ އެކަލޭގެފާނު ދުނިޔެއިން ގެންދެވުމަށް ދާންދެން އެދީންމަތީގައި ހުންނެވިއެވެ. އަދި އަލުން ދިރުއްވޭހުށީވެސް އެގޮތުގެ މަތީގައެވެ. إن شاء الله

ހަމަކަށަވަރުން އެކަލޭގެފާނު، އެކަލޭގެފާނުގެ އަމިއްލަ ނަފްސަށާއި އަދި މިވަޞިއްޔަތް އަޑުއިވުނު އެންމެހާ ބަޔަކަށް ވަޞިއްޔަތް ކުރައްވައެވެ. އެއީ ﷲ (تبارك وتعالي)އެއިލާހުގެ ފޮތުގައި އަދި އެއަށްފަހު އެއިލާހުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދޫފުޅުން ޙަލާލުކުރައްފައިވާ ކަންކަން ޙަލާލުކަމުގައި ބަލައިގަތުމަށެވެ. އަދި ﷲތަޢާލާ އެއިލާހުގެ ފޮތުގައްޔާއި އެއަށްފަހުގައި ސުންނަތުގައި ޙަރާމްކުރައްވާފައިވާ ކަންކަން ޙަރާމްކަމުގައި ބަލައިގަތުމަށެވެ. އަދި އެދޭތި ފަހަނައަޅާ، އެހެން އެއްޗަކަށް ނުދާށެވެ. ފަހެ އެދޭތި ފަހަނައަޅާ ދިޔުމަކީ ﷲތަޢާލާ ފަރުޟުކުރެއްވި ކަންކަން ދޫކޮށްލުމެވެ. އަދި ޤުރުއާނާއި ސުންނަތުގައިވާ ކަމެއް ދޫކޮށްލުމެވެ. އަދި އެފަދައިން ކަންކުރުމަކީ، ދީނުގައި އަލަށް އުފެދިގެން އުޅޭ ކަންކަމުގެ ތެރެއިން ދެކަމެވެ. އަދި އެކަލޭގެފާނު ވަޞިއްޔަތް ކުރައްވަނީ ﷲއަށް ބިރުވެތިވާހާލު ބަހުންނާއި ޢަމަލުން އެއިލާހު ފަރުޟުކުރެއްވި ކަންތައްތައް އަދާކުރުމަށް ރައްކާތެރިވުމަށެވެ. އަދި އެއިލާހު ޙަރާމްކުރެއްވި ކަންތައްތަކުން ދުރުހެލި ވުމަށެވެ. އަދިވެސް ވަޞިއްޔަތް ކުރައްވަނީ، ވެރިރައްބުގެ ޙަޟުރަތުގައި ހުއްޓި ހުންނަންޖެހޭ ހުރުމަށް ގިނަގިނައިން ބިރުވެތިވުމަށެވެ.

﴿يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا وَمَا عَمِلَتْ مِن سُوءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُ أَمَدًا بَعِيدًا وَيُحَذِّرُكُمُ اللَّـهُ نَفْسَهُ وَاللَّـهُ رَءُوفٌ بِالْعِبَادِ﴾ [آل عمران: ٣٠]

މާނައީ: “ކޮންމެ ނަފްސެއްމެ، ހެޔޮޢަމަލުގެތެރެއިން އެ ނަފްސެއް ކުޅަކަމަކާއި، ނުބައިޢަމަލުތަކުގެތެރެއިން، އެ ނަފްސެއް ކުޅަކަމެއް ޙާޟިރު ކުރައްވާފައިވާތީ ދެކޭނޭ ދުވަސް (ހަނދުމަކުރާށެވެ! އެދުވަހުން) އެ ނަފްސެއްކުޅަ ނުބައިކަމަކާއި، އެނަފްސަކާއިމެދު އެތަކެއް ދުރުމިނެއް ހުންނާނެނަމައޭ ހީކޮށް އެކަމަށް އެދޭނެތެވެ. ﷲ، އެއިލާހުގެ ޢުޤޫބާތަށް ތިޔަބައިމީހުން ބިރުވެރިތިކުރައްވަތެވެ. ﷲއީ، އަޅުތަކުންނަށް ނުހަނު އޯގާވަންތަ އިލާހެވެ.”

އަދި އެކަލޭގެފާނު ވަޞިއްޔަތް ކުރައްވަނީ، ﷲތަޢާލާ ދުނިޔެ ތިރިކުރައްވާފައިވާ މަޤާމަށް ދުނިޔެ ތިރިކުރެއްވުމަށެވެ. ފަހެ ހަމަކަށަވަރުން އެއިލާހު ޞުބުޙާނަހޫ ވަތަޢާލާ ދާއިމަށް ތިބެނިވި ތަނެއްގެ ގޮތުގައި ދުނިޔެވީ ޙަޔާތް ނުލައްވައެވެ. އަދި އެއީ ވަކިމުއްދަތަކަށް ފަހުގައި ވަކިވެގެންދަނިވި، ނިމިގެންދަނިވި ތަނެއްކަމުގައި މެނުވީ ނުލައްވައެވެ. ހަމަކަށަވަރުން އެއިލާހު އެޙަޔާތްލެއްވީ ޢަމަލުކުރުމުގެ ގޯއްޗެއްގެ ގޮތުގައެވެ. އަދި ޤަރާރުވެ ތިބެނިވިތަނެއްގެ ގޮތުގައި އެއިލާހު އާޚިރަތުގެ ޙަޔާތްލެއްވެވިއެވެ.

އަދި އާޚިރަތުގައި ޖަޒާދެއްވުންވަނީ ދުނިޔޭގައި ކޮށްއުޅުނު ޢަމަލުތަކުގެ މައްޗަށެވެ. އެއީ ހެޔޮޢަމަލުތަށް ހެޔޮޖަޒާއެވެ. ނުބައި ޢަމަލުތަކުގެ މައްޗަށް ﷲތަޢާލާ އެމީހެއްގެ މައްޗަށް ޢަފޫނުކުރައްވައިފިނަމަ ނުބައި ޖަޒާއެވެ. އަދި އެކަލޭގެފާނު ވަޞިއްޔަތް ކުރައްވަނީ ﷲއަށްޓަކައި މެނުވީ ޚަލީލެއް (ގާތް އެކުވެރިއެއް) ކަމުގައި އެއްވެސް މީހަކު ނުނެގުމަށެވެ. އެފަދަ މީހުންނީ ﷲތަޢާލާއަށްޓަކައި އެކުވެރިވާނެގޮތް ވިސްނުނު މީހުންނެވެ. އަދި އެމީހުންގެ ކިބައިން ދީނުގެ ޢިލްމުންނާއި ރިވެތި އަދަބުތަކުން ދުނިޔޭގައި ފައިދާނެގުން އެދެވިގެންވެއެވެ.

އަދި އެކަލޭގެފާނު ވަޞިއްޔަތް ކުރައްވަނީ މީހާ އޭނާ އުޅޭ ޒަމާން ދެނެގަތުމަށެވެ. އަދި އެޒަމާނުގައިވާ އޭނާގެ އަމިއްލަ ނަފްސު ނުބައިކަމުން ރައްކާތެރިކަން ﷲގެ ޙަޟްރަތުން އެދުމަށެވެ. އަދި ކޮންމެހެން ކުރަން ނުޖެހޭ ކަންކަމުގައި، ބަހުންނާއި ޢަމަލުން އިސްރާފުކުރުމުން އެއްކިބާވުމަށެވެ.

އަދި އެކަލޭގެފާނު ވަޞިއްޔަތް ކުރައްވަނީ އޭނާގެ ބަހާއި ޢަމަލުގައި ﷲއަށް ހިތްނިޔަތް ޚާލިޞްކުރުމަށެވެ. ފަހެ ހަމަކަށަވަރުން ﷲތަޢާލާ އެހެން ހުރިހާ އެއްޗަކާ ނުލާ ފުދިވޮޑިގެންވެއެވެ. އަދި އެއިލާހާ ނުލާ އެހެން އެއްޗަކުން، އެއްވެސް އެއްޗެއް ފުދިގެން ނުވެއެވެ…

އަދި އެކަލޭގެފާނު މިވަޞިއްޔަތް ބަދަލެއް ނުވެއެވެ.

   ދެން އެކަލޭގެފާނު (ރަބީޢު) އެކަލޭގެފާނުގެ (ޝާފިޢީގެފާނުގެ) މިލްކުގައިވާ އެއްޗެތިތަކުގެ ވާހަކައާއި، އަދި އެކަލޭގެފާނުގެ ދަރިންނާއި މެދުކުރެއްވުނު ވަޞިއްޔަތާއި އަދި ޝާފިޢީގެފާނުގެ ޞިފަފުޅުތަކުގެ ވާހަކަތަކާއި އެހެނިހެން ވާހަކަ ޛިކުރުކުރެއްވިއެވެ. ވަޞިއްޔަތުގެ ފަހުކޮޅުގައި ވިދާޅުވިއެވެ.

   އަދި މުޙައްމަދު ބިން އިދްރީސް،ހުރިހާކަމަކަށް ކުޅަދުންވަންތަ ﷲގެ ޙަޟްރަތުން އެދިދަންނަވަނީ އެއިލާހުގެ އަޅާ އަދި ރަސޫލާއަށް ޞަލަވާތް ލެއްވުމަށެވެ. އަދި އެކަލޭގެފާނަށް (ޝާފިޢީގެފާނަށް) ރަޙުމަތް ލެއްވުމަށް އެދެއެވެ. ފަހެ ހަމަކަށަވަވަރުން އެކަލޭގެފާނުވަނީ،އެއިލާހުގެ ރަޙްމަތަށް ނުހަނުބޭނުން ޖެހިގެންނެވެ. އަދި ނަރަކައިގެ ޢަޛާބުން މިންޖު ކޮށްދެއްވުމަށް އެއިލާހުގެ ޙަޟުރަތުން އެދެއެވެ. ފަހެ ހަމަކަށަވަރުން އެއިލާހު ޢަޛާބު ދެއްވުމުން ފުދިވޮޑިގެންވެއެވެ. އަދި އެކަލޭގެފާނު ފަހަށް ދޫކޮށްފައި ދިޔަ ކަންތައްތަކުގެ ބަދަލުގައި އެއަށްވުރެ ހެޔޮކަންތައްތައް އެކަލޭގެފާނަށްޓަކައި ލެއްވުމަށްވެސް އެދެއެވެ. އަދި އެކަލޭގެފާނު ނެތުމުގެ ގެއްލުން މީސްތަކުންނަށް ފުއްދަވާދެއްވުމަށްވެސް އެދެއެވެ. އަދި އެކަލޭގެފާނު އަވަހާރަވުމުގެ މުޞީބާތް ފިއްލަފައިދެއްވުމަށްވެސް އެދެއެވެ. އަދި އެކަލޭގެފާނަށް ކުރެވިފައިވާ ކުށްތަކުން އެމީހުން ސަލާމަތްކޮށްދެއްވުމަށްވެސް އެދެއެވެ. އަދި އެކަލޭގެފާނު އެބައިމީހުންނަށް މަނާކުރެއްވި ނުބައިކަންތަކަށް އެމީހުން އަރައިގަތުމާއި އަދި ޚަލްޤުތަކުންގެ ތެރެއިން އެއްވެސް މީހަކަށް ބޭނުންޖެހުމާއި މިހުރިހާ ކަމަކުން އެއިލާހުގެ ކުޅަދުންވަންތަ ކަމުން އެމީހުން ސަލާމަތްކޮށްދެއްވުން އެދި ދަންނަވައެވެ.[1]

_____________________________

[1] المناقب للبيهقي(2/269-290)