[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مَجَالِسُ شَهْرِ رَمَضَانَ – ފަސްވަނަ މަޖްލިސް

ޤުރުއާން ތިލާވަތުކުރުމާއި ތިލާވަތުކުރުމުގެ ވައްތަރުތައް

 

ޙަމްދުހުރީ ﷲ އަށެވެ. އެއިލާހީ އެއިލާހުގެ މަގަށް ދަޢުވަތުދެއްވާ އިލާހެވެ. އެއިލާހު އިރާދަކުރެއްވި އަޅަކަށް ރަނގަޅުގޮތަށް ޢަމަލުކުރުމުގެ ތަޢުފީޤުދެއްވައެވެ. އެއިލާހުގެ ފޮތް ބާވާލެއްވުމުގެ ޛަރީޢާއިން އެއިލާހު ނިޢުމަތް ދެއްވިއެވެ. އަދި އެފޮތުގައި މުޙްކަމް އާޔަތްތަކާއި މުތަޝާބިހު އާޔަތްތައް ހިމެނުއްވިއެވެ. ފަހެ ޙައްޤުމަގުން އެއްކިބާވުމުގެ ގޮތްތައް، އެއުރެންގެ ހިތްތަކުގައިވާ މީހުން މުތަޝާބިހު އާޔަތްތަކަށް ތަބަޢަވިއެވެ. އަދި ޢިލްމުގެ އެންމެ ފުންމިނަށްފޯރިމީހުން ފަހެ ބުނެތެވެ. އަހަރެމެން އެއަށް(އެބަހީ: މުޅި ޤުރުއާނަށް) އީމާންވަމެވެ.

ހިދާޔަތް ދެއްވާ އަދި އެހިދާޔަތުގެ ސަބަބުތައް ފަސޭހަކޮށްދެއްވިކަމުގެ މައްޗަށް އެއިލާހަށް ޙަމްދުކުރަމެވެ. އަދި ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އެއިލާހަށް ބައިވެރިއަކު ނުވެއެވެ. އަދި މިހެކިވުމަކީ، ޢަޛާބުން މިންޖުކޮށްދޭނެ އެއްޗެއްކަމުގައި ވުމަށް އަހަރެން އެދެމެވެ.

އަދި މުޙައްމަދުގެފާނީ ﷲގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނަކީ، ޢަމަލުތަކުގެ ފެށުމުގައިވެސް އަދި ނިމުމުގައިވެސް އެންމެ ފުރިހަމަވެގެންވާ އިންސާނާއެވެ. އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ އެންމެ މާތްޞަޙާބީ، އަބޫބަކުރުގެފާނުގެ މައްޗަށްވެސް ޞަލަވާތްލައްވާށިއެވެ. އެކަލޭގެފާނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ އެންމެ މާތް ޞަޙާބީއެވެ. އަދި ޢުމަރުގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ ﷲތަޢާލާ އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް ދީނަށް ގަދަކަންދެއްވި ފަރާތެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅަށް ދުނިޔެ ސީދާކުރެއްވިއެވެ. (އެބަހީ: އެކަލޭގެފާނު ދުނިޔެ ހަމަމަގަށް އެޅުއްވިއެވެ.) އަދި ގެކޮޅުގައި މިޙުރާބުގައި ވަނިކޮށް ޝަޙީދުވެވަޑައިގެންވި ޢުޘްމާނުގެފާނަށް ޞަލަވާތް ލައްވާށިއެވެ. އަދި ޢިލްމުތަކުގައިވާ މައްސަލަތައް ޙައްލުކޮށް އަދި އޭގައިވާ ސިއްރުތައް ކަޝްފުކުރެއްވުމުގައި މަޝްހޫރުވެފައިވާ ޢަލީގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނާއި އެބޭކަލުންނަށް ތަބަޢަވީހާ ބަޔަކަށް ގިނަގުނަވެގެންވީ ޞަލަވާތާއި ސަލާމްލައްވާށިއެވެ.

އަޚުންނޭވެ! ﷲތަޢާލާ ވީކުރެއްވެވިއެވެ.

﴿إِنَّ الَّذِينَ يَتْلُونَ كِتَابَ اللَّـهِ وَأَقَامُوا الصَّلَاةَ وَأَنفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَارَةً لَّن تَبُورَ* لِيُوَفِّيَهُمْ أُجُورَهُمْ وَيَزِيدَهُم مِّن فَضْلِهِ ۚ إِنَّهُ غَفُورٌ شَكُورٌ﴾[الفاطر: ٢٩-30]

މާނައީ: “ހަމަށަވަރުން ﷲގެފޮތް ކިޔަވާ،އަދި ނަމާދު ޤާއިމްކޮށް،ތިމަންއިލާހު އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށްއުޅޭ މީހުންނީ،ގެއްލުން ނުވާނެ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ. [29] އެއީ އެއިލާހު އެއުރެންނަށް އެއުރެންގެ ދަރުމަ ހަމަޔަށް ދެއްވައި އަދި އެއިލާހުގެ ފަޟްލުވަންތަކަމުން އެއުރެންނަށް އިތުރުކޮށްދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން އެއިލާހީ،ގިނަގިނައިން ފާފަފުއްސަވާ އަދި އަޅުތަކުންގެ ޞާލިޙު ޢަމަލުތަކަށް ގިނަގިނައިން ޤަބޫލުކުރައްވާ އިލާހެވެ.[30]”

ﷲގެ ފޮތް ތިލާވަތުކުރުން ވަނީ ދެ ބަޔަކަށެވެ:

ފުރަތަމަބައި: (تلاوة حُكْميَّة) މިއީ އެފޮތުގައިވާ ޚަބަރުތައް ތެދުކޮށް އަދި އެފޮތުގެ ޙުކުމްތައް ޢަމަލީގޮތުން ތަންފީޛު ކުރުމެވެ. އެފޮތުގައި އަމުރުފުކުރައްވާފައިވާ ކަންތައްތައްކޮށް އަދި ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުވެ ގަތުމެވެ. އެހެން މަޖުލީހެއްގައި މިކަމުގެ ތަފްޞީލު އަންނާނެއެވެ. إن شاء الله.

ދެވަނަބައި: (تلاوة لفظية) މިއީ ޤުރުއާން ކިޔެވުމެވެ. ޤުރުއާން ކިޔެވުމުގެ މާތްކަމާބެހޭ ގޮތުން އެތައް ނައްޞުތަކެއް ވާރިދުވެގެންވެއެވެ. (އެގޮތުން ވާރިދުވެފައިވަނީ) މުޅި ޤުރުއާން އެއްކޮށް ކިޔެވުމުގެ މާތްކަމާ ބެހޭގޮތުންނެވެ. ނުވަތަ ވަކިވަކި ސޫރަތްތައް ކިޔެވުމުގެ މާތްކަމާ ބެހޭގޮތުންނެވެ. ނުވަތަ ވަކިވަކި މުޢައްޔަންކުރެވިފައިވާ އާޔަތްތައް ކިޔެވުމުގެ މާތްކަމާ ބެހޭގޮތުންނެވެ.

ޞަޙީޙުލް ބުޚާރީގައި ޢުޘްމާނު ބުން ޢައްފާނުرضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

((خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ))([1]) [رواه البخاري] .

މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ، ޤުރުއާން އުނގެނި އެޤުރުއާން އުނގަންނައިދޭ މީހާއެވެ.”

އަދި ބުޚާރީއާއި މުސްލިމް ޢާއިޝާ رضي الله عنهاގެ އަރިހުން ރިވާކުރެއްވި ރިވާޔަތުގައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((الْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ وَالَّذِى يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيهِ وَهُوَ عَلَيْهِ شَاقٌّ لَهُ أَجْرَانِ))([2])[متفق عليه] .

މާނައީ: “ޤުރުއާން ކިޔެވުމުގައި ކުޅަދާނަމީހާ(މާހިރު) ވާހުށީ ވަޙީލިޔުއްވާ މާތް މަލާއިކަތް ބޭކަލުންނާއި އެކުގައެވެ. އަދި އުނދަގުލުން ކޮށަކޮށައިގެން ޤުރުުއާން ކިޔަވާ މީހާއަށް ދެއަޖުރު ލިބޭ ހުށްޓެވެ.”

ދެއަޖުރު ދަންނައެވެ! އޭގެ ތެރެއިން ފުރަތަމަ އަޖުރަކީ، ޤުރުއާން ކިޔެވުމުން ލިބޭ އަޖުރެވެ. ދެވަނަ އަޖުރަކީ، ކިޔެވުމުގައި ކިޔަވާމީހާ އުފުލިބުރައަށްޓަކައި ވީއަޖުރެވެ.

އަދިވެސް  ބުޚާރީއާއި މުސްލިމު، އަބޫ މޫސަލްއަޝްޢަރީ رضي الله عنهގެއަރިހުން ރިވާކުރެއްވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((مَثَلُ الْمُؤْمِنِ الَّذِي يَقْرَأُ الْقُرْآنَ كَمَثَلِ الْأُتْرُجَّةِ رِيحُهَا طَيِّبٌ وَطَعْمُهَا طَيِّبٌ وَمَثَلُ الْمُؤْمِنِ الَّذِي لَا يَقْرَأُ الْقُرْآنَ كَمَثَلِ التَّمْرَةِ لَا رِيحَ لَهَا وَطَعْمُهَا حُلْوٌ))([3]) [متفق عليه].

މާނައީ:”ޤުރުއާން ކިޔަވާ މުއުމިނުމީހާގެ މިޘާލަކީ އުތްރުއްޖާގެ މިޘާލެވެ. (އެއީ އިނގިރޭސިބަހުން (citron)ނަމަކަށްކިޔާ މޭވާއެކެވެ. އެއީ ލުނބޯ އެއްފަދަގޮތަކަށް ހުންނަ މޭވާއެކެވެ.) އޭގެ ވަސް ރަނގަޅެވެ. އަދި އޭގެ ރަހަވެސް ރަގަޅެވެ. އަދި ޤުރުއާން ނުކިޔަވާ މުއުމިނުމީހާގެ މިޘާލަކީ ކަދުރެއްގެ މިޘާލެވެ. އޭގައި ވަހެއް ނުވެއެވެ. ރަހަ ފޮންޏެވެ.”

އަދި ޞަޙީޙު މުސްލިމުގައި އަބޫ އުމާމާ رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِى يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ))([4])[رواه مسلم] .

މާނައީ:”ތިޔަބައިމީހުން ޤުރުއާން ކިޔަވާށެވެ. ހަމަކަށަވަރުން އެޤުރުއާންކިޔަވާ އަހުލުވެރިންނަށް ޤިޔާމަތްދުވަހުގައި ޝަފާޢަތްތެރިއެއްގެ ގޮތުގައި ޤުރުއާން އަންނާނެއެވެ.”

އަދިވެސް ޞަޙީޙު މުސްލިމުގައި ޢުޤުބާ ބުން ޢާމިރު رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((أَفَلاَ يَغْدُو أَحَدُكُمْ إِلَى الْمَسْجِدِ فَيَعْلَمَ أَوْ يَقْرَأَ آيَتَيْنِ مِنْ كِتَابِ اللَّهِ عَزَّ وَجَلَّ خَيْرٌ لَهُ مِنْ نَاقَتَيْنِ وَثَلاَثٌ خَيْرٌ لَهُ مِنْ ثَلاَثٍ وَأَرْبَعٌ خَيْرٌ لَهُ مِنْ أَرْبَعٍ وَمِنْ أَعْدَادِهِنَّ مِنَ الإِبِلِ))([5])[رواه مسلم]. މާނައީ:”ތިޔަބައިމީހުންގެ ތެރެއިން މީހަކު ހެނދުނުގެ ކުރީކޮޅު މިސްކިތައް ނުދާނަންހެއްޔެވެ. އަދި މިސްކިތައްގޮސް ﷲގެ ފޮތުން (ދެއާޔަތް) އެނގި ނުވަތަ ދެއާޔަތް ކިޔެވުން، އޭނާއަށް އަންހެން ދެޖަމަލަށްވުރެ ހެޔޮކަންބޮޑުވެގެންވެއެވެ. އަދި ތިން އާޔަތް، އޭނާއަށް އަންހެން ތިން ޖަމަލަށްވުރެ ހެޔޮކަންބޮޑުވެގެން ވެއެވެ. އަދި ހަތަރު އާޔަތް، އޭނާއަށް އަންހެން ހަތަރު ޖަމަލަށްވުރެ ހެޔޮކަންބޮޑުވެގެންވެއެވެ. އަދި ކިޔަވާ އާޔަތުގެ ޢަދަދުގިނަވުމުން، އެއާޔަތްތަކުގެ ޢަދަދާއި އެއްވަރުގެ އަންހެން ޖަމަލަށްވުރެ ހެޔޮކަންބޮޑުވެގެންވެއެވެ.”

އަދިވެސް ޞަޙީޙު މުސްލިމުގައި އަބޫ ހުރައިރާ رضي الله عنهގެއަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((مَا اجْتَمَعَ قَوْمٌ فِى بَيْتٍ مِنْ بُيُوتِ اللَّهِ تَعَالَى يَتْلُونَ كِتَابَ اللَّهِ وَيَتَدَارَسُونَهُ بَيْنَهُمْ إِلاَّ نَزَلَتْ عَلَيْهِمُ السَّكِينَةُ وَغَشِيَتْهُمُ الرَّحْمَةُ وَحَفَّتْهُمُ الْمَلاَئِكَةُ وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ))([6])[رواه مسلم]. މާނައީ:”ބަޔަކު މީހުން ﷲގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅަކަށް އެއްވެ، އެބައިމީހުންގެ މައްޗަށް މަޑުމައިތިރިކަން ބާވާނުލައްވާ ގޮތަކަށް، ﷲގެ ފޮތް ކިޔަވާ، އަދި އެބައިމީހުންގެ މެދުގައި ﷲގެ ފޮތް މުދާރަސާކޮށް ނަހަދައެވެ. އަދި އެބައިމީހުން ރަޙްމަތުން ވަށާލެވެއެވެ. (އެބަހީ: އެބައިމީހުންގެ މައްޗަށް ގިނަގުނަވެގެންވީ ރަޙުމަތް ލައްވައެވެ.) އަދި މަލާއިކަތްބޭކަލުން (މާތްކޮށް ހިއްތެވުމުގެ ގޮތުން) އެބައިމީހުން ވަށާލައްވައެވެ. އަދި ﷲތަޢާލާ، އެއިލާހުގެ ޙަޟްރަތުގައިވާ ބޭކަލުންގެ (މަލާއިކަތް ބޭކަލުންގެ) އަރިހުގައި އެބައިމީހުންގެ ވާހަކަ ޛިކްރު ކުރައްވައެވެ.”

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((تَعَاهَدُوا الْقُرْآنَ فَوَالَّذِي نَفْسِي بِيَدِهِ لَهُوَ أَشَدُّ تَفَصِّيًا مِنَ الْإِبِلِ فِي عُقُلِهَا))([7])[متفق عليه] .

މާނައީ :”ތިޔަބައިމީހުން ޤުރުއާނާއިމެދު ރައްކާތެރިވާށެވެ. ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވާ ޙަދީޘްކުރައްވަމެވެ. ޖަމަލު އެ ބަނދެފައިވާ ވާގަނޑުން ދުވެފިލާ ރައްކާވާވަރަށްވުރެ އަވަހަށް ޤުރުއާން ފިލާދެއެވެ. (އެބަހީ: ޤުރުއާން މުރާޖާނުކޮށް ދޫކޮށްލައިފި ނަމަ ހަނދާންނެތޭލެއް އަވަސްވެގެންދެއެވެ.)”

އަދި އެކަލޭގެފާނު ޙަދީޘްކުރެއެވެ.

((لاَ يَقُلْ أَحَدُكُمْ نَسِيتُ آيَةَ كَيْتَ وَكَيْتَ بَلْ هُوَ نُسِّىَ))([8])[رواه مسلم] .

މާނައީ:”ތިޔަބައިމީހުންކުރެ މީހަކު ޤުރުއާން، އާޔަތަކުން އާޔަތަކުން ހަނދާންނެތުނީއޭ ނުބުނާށެވެ. އަދި ކިއެއް ހެއްޔެވެ. އޭނާ ހަނދުމަ ނެތިކުރެވުނީއެވެ.” މިތަނުގައި ހަނދާންނައްތާލީއޭ ބުނެވޭ ބަހުގެ މާނައަކީ، ޤުރުއާނުން ހިތުދަސްކޮށްފައިވާ މިންވަރު ހަނދާންނެތެންދެން ފަރުވާކުޑަކޮށްގެން ހުއްޓައި ހަނދާންނެތުމެވެ.

އަދި ޢަބްދުﷲ ބުން މަސްޢޫދުرضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((مَنْ قَرَأَ حَرْفًا مِنْ كِتَابِ اللهِ فَلَهُ بِهِ حَسَنَةٌ ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا ، لاَ أَقُولُ الْم حَرْفٌ ، وَلَكِنْ أَلِفٌ حَرْفٌ وَلاَمٌ حَرْفٌ وَمِيمٌ حَرْفٌ))([9]) [رواه الترمذي]

މާނައީ:”ﷲ ގެ ފޮތުން އެންމެ އަކުރެއްވެސް ކިޔަވައިފި މީހަކަށް ހެޔޮ ކަމެއްވެއެވެ. ކޮންމެ ހެޔޮ ކަމެއް އޭގެ ދިހަ ހެޔޮކަންފަދައެވެ. (އަލިފް ލާމް މީމް)އެއީ އެންމެ އަކުރެއް ކަމުގައި ތިމަންކަލޭގެފާނު ވިދާޅެއް ނުވަމުއެވެ. އެހެންނަމަވެސް އަލިފަކީ އަކުރެކެވެ. ލާމަކީވެސް އަކުރެކެވެ. އަދި މީމަކީވެސް އަކުރެކެވެ.”

އަދިވެސް އެކަލޭގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

)) إِنَّ هَذَا الْقُرْآَنَ مَأْدُبَةُ اللَّهِ، فَتَعَلَّمُوا مِنْ مَأْدُبَتِهِ مَا اسْتَطَعْتُمْ، إِنَّ هَذَا الْقُرْآَنَ هُوَ حَبْلُ اللَّهِ الَّذِي أَمَرَ بِهِ، وَهُوَ النُّورُ الْبَيِّنُ وَالشِّفَاءُ النَّافِعُ،عِصْمَةٌ لِمَنِ اعْتَصَمَ بِهِ، وَنَجَاةٌ لِمَنْ تَمَسَّكَ بِهِ، لا يَعْوَجُّ فَيُقَوَّمَ، وَلا يَزُوغُ فَيُسْتَعْتَبَ، وَلا تَنْقَضِي عَجَائِبُهُ، وَلا يَخْلُقُ عَنْ رَدٍّ، اتْلُوهُ فَإِنَّ اللَّهَ عَزَّ وَجَلَّ يَأْجُرُكُمْ بِكُلِّ حَرْفٍ مِنْهُ عَشْرُ حَسَنَاتٍ، لَمْ أَقُلْ لَكُمْ: الم حَرْفٌ وَلَكِنْ أَلِفٌ حَرْفٌ وَلامٌ حَرْفٌ وَمِيمٌ حَرْفٌ((([10]) [رواه الحاكم]  

މާނައީ: “ހަމަކަށަވަރުން މިޤުރުއާނަކީ ﷲގެ ޖާފަތެކެވެ. ފަހެ ތިޔަބައިމީހުނަށް ކުޅަދާނަވީވަރަކަށް ﷲގެ ޖާފަތާ ކުރިމަތިލާ އޭތި ލިބިގަންނާށެވެ. ހަމަކަށަވަރުން މިޤުރުއާނަކީ ﷲގެ ގަދަފަދަ ވެގެންވީ ވާފަށެވެ. އަދި ސާފުވެގެންވާ ނޫރެކެވެ. ފައިދާކުރަނިވި ޝިފާއެކެވެ. އޭގައި ހިފަހައްޓައިފިމީހަކަށްވާ ރައްކާތެރިކަމެކެވެ. އަދި އެއަށް ތަބަޢަވެއްޖެމީހަކަށްވާ ސަލާމަތްތެރިކަމެކެވެ. އެއީ ސީދާ ކުރަން ޖެހޭ އެއްޗެއް ނޫނެވެ. އެހެނީ އެޔެއް ކަސިޔާރެއް ނުވާނެއެވެ. އަދި އެޔެއް ފުރެދިގެން ނުދާނެއެވެ. އެހެނީ އެއީ އެޔަކަށް މީހެއްގެ ރުހުމެއް ހޯދާކަށް ނުޖެހެއެވެ. އޭގެ އަޖައިބުތައް ނިމިގެން ނުދެއެވެ. ގިނަގިނައިން ތަކުރާރުވުމަކުން އޭތި ބާވެ ނުދެއެވެ. ތިޔަބައިމީހުން އެޤުރުއާން ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން ﷲތަޢާލާ ތިޔަބައިމީހުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ހެޔޮކަންދެއްވާނެއެވެ. ދަންނާށެވެ! އަލިފް ލާމް މީމް އެއީ އެންމެ އަކުރެއް ކަމުގައި ތިމަންކަލޭގެފާނު ވިދާޅެއް ނުވަމުއެވެ. އެހެންނަމަވެސް އަލިފަކީ އަކުރެކެވެ. ލާމަކީވެސް އަކުރެކެވެ. އަދި މީމަކީވެސް އަކުރެކެވެ.”

އަޚުންނޭވެ! މިއީ ޤުރުއާން ކިޔެވުމުގެ މާތްކަމެވެ. މިއަޖުރުވަނީ، ﷲގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދޭ އަދި އެއިލާހުގެ ރުހިވޮޑިގަތުން އެދޭ ކޮންމެ މީހަކަށެވެ. މިއީ ފަސޭހައިންކޮށްލެވޭ ޢަމަލުތަކަކަށް ބޮޑުވެގެންވާ އަޖުރުތަކެކެވެ. ފަހެ މޮޔަމީހަކީ، އެކަމުގައި ފަރުވާކުޑަކޮށްލި މީހާއެވެ. އަދި ގެއްލެނިވެގެންވާ މީހަކީ ފައިދާ ގެއްލިގެންދިޔުން އެކަށީގެންނުވާ ވަގުތުގައިވެސް، އެކަން އޭނާއާއި ފާއިތުވެއްޖެ މީހާއެވެ. މިއީ މުޅި ޤުރުއާނުގައި ޝާމިލުވާގޮތުގައިވާ މާތްކަމާއި މަތިވެރިކަމެވެ.

އަދި ވަކި ވަކި ސޫރަތްތަކުގެ މާތްކަމާއި ބެހޭގޮތުން ހަދީޘް ބަސްފުޅުތައް ވާރިދުވެފައިވެއެވެ.

އެގޮތުން ފާތިޙާ ސޫރަތް ހިމެނިގެންދަނީ އެފަދަ ސޫރަތްތަކުގެ ތެރެއިންނެވެ. ޞަޙީޙުލް ބުޚާރީގައި އަބޫ ސަޢީދު ބުން މުޢައްލާ رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((لَأُعَلِّمَنَّكَ أَعْظَمَ سُورَةٍ فِي الْقُرْآنِ. (الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ) هِيَ السَّبْعُ الْمَثَانِي، وَالْقُرْآنُ الْعَظِيمُ الَّذِي أُوتِيتُهُ))([11])

މާނައީ: “ޤުރުއާނުގައިވާ އެންމެ މަތިވެރި ސޫރަތް ތިމަންކަލޭގެފާނު ހަމަކަށަވަރުން ކަލޭފެފާނަށް އުނގަންނަވާ ދެއްވާނަމެވެ. (الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ)، މިއީ ތަކުރާރުކޮށް ކިޔެވޭ ހަތް އާޔަތެވެ. އަދި އެއީ ތިމަންކަލޭގެފާނަށް ދެވިގެންވާ މަތިވެރިވެގެންވާ ޤުރުއާނެވެ.”

އެސޫރަތުގެ މަތިވެރިކަމަށްޓަކައި، އެސޫރަތް ކިޔެވުން އެއީ ނަމާދުގެ ރުކުނެއްކަމުގައި ވަނީ ލައްވާފައެވެ. އެސޫރަތާނުލާ ނަމާދު ޞައްޙަނުވާ ހުށްޓެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((لَا صَلَاةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ))([12])[متفق عليه] .

މާނައީ: “ސޫރަތުލް ފާތިޙާ ނުކިޔަވާމީހަކަށް ނަމާދެއް ނުވެއެވެ.”

އަދި އަބޫ ހުރައިރާ رضي الله عنهގެއަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((مَنْ صَلَّى صَلاَةً لَمْ يَقْرَأْ فِيهَا بِفَاتِحَةِ الْكِتَابِ فَهىَ خِدَاجٌ))

މާނައީ: ” މީހަކު ނަމާދެއްކުރިއިރު އެނަމާދުގައި ސޫރަތުލް ފާތިޙާ ނުކިޔަވައިފިނަމަ، ފަހެ، އެއީ އުނިކަމެކެވެ.” އެކަލޭގެފާނު އެފަދައިން ތިންފަހަރު ވިދާޅުވިއެވެ.

ދެންފަހެ އަބޫ ހުރައިރާ رضي الله عنهގެ އަރިހުގައި ދެންނެވުނެވެ. ތިމަންމެން އިމާމުމީހާގެ ފަހަތުގައި ވާއިރުގައިވެސްތޯއެވެ؟ ދެންނެވިއެވެ. އެސޫރަތް ތިމާ އަމިއްލައަށް ކިޔަވާށެވެ. (އެބަހީ: ސިއްރުން ކިޔަވާށެވެ.) رواه مسلم .

އަދި މުޢައްޔަންކޮށް (އެސޫރަތްތަކެއްގެ މާތްކަން ބަޔާންކުރެއްވެވިފައިވާ) ސޫރަތްތަކުގެ ތެރޭގައި ބަޤަރާ ސޫރަތާއި އާލު ޢިމްރާން ސޫރަތް ހިމެނެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((اقْرَءُوا الزَّهْرَاوَيْنِ: الْبَقَرَةَ وَسُورَةَ وآلِ عِمْرَانَ، فَإِنَّهُمَا تَأْتِيَانِ يَوْمَ الْقِيَامَةِ كَأَنَّهُمَا غَمَامَتَانِ أَوْ كَأَنَّهُمَا غَيَايَتَانِ أَوْ كَأَنَّهُمَا فِرْقَانِ مِنْ طَيْرٍ صَوَافَّ، تُحَاجَّانِ عَنْ أَصْحَابِهِمَا، اقْرَءُوا سُورَةَ الْبَقَرَةِ فَإِنَّ أَخْذَهَا بَرَكَةٌ وَتَرْكَهَا حَسْرَةٌ وَلاَ تَسْتَطِيعُهَا الْبَطَلَةُ))([13])[رواه مسلم] 

މާނައީ: “ތިޔަބައިމީހުން ޒަހުރާވައިން (ދެނޫރު) ކަމުގައިވާ ބަޤަރާ ސޫރަތާއި އާލު ޢިމްރާން ސޫރަތް ކިޔަވާށެވެ. ޤިޔާމަތްދުވަހު އެދެސޫރަތް ދެވިލާގަނޑުފަދައިން ނުވަތަ ހިޔާއަޅާދޭއެއްޗެއް ފަދައިން ނުވަތަ ފިޔަ ފަތުރާލާފައިވާ ދޫނީގެ ދެބައިގަނޑެއް ފަދައިން، އެދެ ސޫރަތުގެ އަހުލުވެރިން ދިފާޢުކުރުމަށް އަންނާނެއެވެ. އަދި ތިޔަބައިމީހުން ބަޤަރާ ސޫރަތް ކިޔަވާށެވެ. ފަހެ ހަމަކަށަވަރުން އޭގައި ހިފުމަކީ ބަރަކާތެކެވެ. (އެބަހީ: އެސޫރަތް ކިޔަވާ އެސޫރަތަށް ޢަމަލުކުރާ މީހުންނަށް އެއީ ބަރަކާތެކެވެ.) އަދި އެދޫކޮށްލުމަކީ ގެއްލުމެކެވެ. އަދި އެދެ ސޫރަތުގެ މައްޗަށް ބާޠިލުގެ އަހުލުވެރިންނަށް ކުޅަދާނަކަން ލިބިގެން ނުވެއެވެ.” އެބަހީ: ސިހުރުވެރިންނަކަށް އެދެސޫރަތް ބާޠިލްކޮށްލުމަކަށް ކުޅަދާނަވެގެން ނުވެއެވެ.

އަދި އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((إِنَّ البَيْتَ الذي تُقْرَأ فِيهِ سُورَةُ البقرة لا يدخلُه الشيطان))([14])[رواه مسلم] .

މާނައީ: “ހަމަކަށަވަރުން އެގެއެއްގައި ބަޤަރާ ސޫރަތްކިޔެވޭ ގެޔަކަށް ޝައިޠާނާ ނުވަންނަހުށްޓެވެ.”

އަދި ހަމަ އެފަދައިން އެސޫރަތުގައި އާޔަތުލް ކުރުސި ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ޞައްޙަ މަގުން ވާރިދުވެގެން އައިސްފައިވެއެވެ.

“ހަމަކަށަވަރުން ރޭގަނޑު އާޔަތުލް ކުރުސި ކިޔާފިމީހެއްގެ މައްޗަށް ﷲތަޢާލާ ރައްކާތެރިއަކު ނުލައްވައެއް ނުދާނެއެވެ. (އެބަހީ: ރައްކާތެރިކޮށްދޭނެ މަލާއިކަތްބޭކަލުން އޭނާއަށްޓަކައި ލައްވާނެތެވެ.) އަދި ހެނދުނުވެއްޖައުމަށް ދާންދެން ޝައިޠާނަކު އޭނާއާއި ކައިރިނުވާ ހުށްޓެވެ.”([15])

އަދި އިބްނު ޢައްބާސް رضي الله عنهماގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ޖިބްރީލު ޢަލައިހިއްސަލާމު ވިދާޅުވިއެވެ. (އެހިނދު ޖިބްރީލުގެފާނު އިންނެވީ ނަބިއްޔާ ޞައްލަﷲ ގެ އަރިހުގައެވެ.) މިއީ އުޑުން ހުޅުވުނު ދޮރުކޮޅެކެވެ. މީގެ ކުރިން ދުވަހަކުވެސް މިދޮރުކޮޅު ހުޅުވިފައި ނުވެއެވެ. ވިދާޅުވިއެވެ. ދެންފަހެ އެދޮރުކޮޅުން މަލާއިކަތަކު ފައިބައި ވަޑައިގެންނެވިއެވެ. ފަހެ އެމަލާއިކަތާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގަތެވެ. އެމަލާއިކަތާ ވިދާޅުވިއެވެ.

((أَبْشِرْ بِنُورَيْنِ أُوتِيتَهُمَا لَمْ يُؤْتَهُمَا نَبِيٌّ كَانَ قَبْلَكَ: فَاتِحَةُ الْكِتَابِ وَخَوَاتِيمُ سُورَةِ الْبَقَرَةِ، لَمْ تَقْرَأْ مِنْهُمَا حَرْفًا إِلا أُوتيتَهُ))([16])[رواه مسلم] .

މާނައީ: “ކަލޭގެފާނަށް ދެވިގެންވާ ދެނޫރުގެވާހަކައިން ކަލޭގެފާނަށް އުފާވެރިކަމުގެ ޚަބަރު ތިމަންކަލޭގެފާނު ދެމެވެ. ކަލޭގެފާނުގެ ކުރިން އެއްވެސް ނަބިއްޔަކަށް އެދެނޫރު ދެއްވިގެން ނުވެއެވެ. އެއީ ސޫރަތުލް ފާތިޙާ އާއި ސޫރަތުލް ބަޤަރާގެ ފަހު އާޔަތްތަކެވެ. ކަލޭގެފާނަށް އެދޭތީގައި ވާކަމެއް (އެބަހީ: ސޫރަތުލް ފާތިޙާއާއި ސޫރަތުލް ބަޤަރާގެ ފަހު އާޔަތްތަކުގައި ބަޔާންވެފައިވާ ކަމެއް) ނުދެވޭގޮތަކަށް ކަލޭގެފާނު އެންމެ ތަންކޮޅެއްވެސް ކިޔަވާ ވިދާޅުނުވަމެވެ.”

އަދި މުޢައްޔަންކޮށް (އެސޫރަތްތަކެއްގެ މާތްކަން ބަޔާންލުރެވިފައިވާ) ސޫރަތްތަކުގެތެރޭގައި “قُلْ هُوَ اللَّهُ أَحَدٌ” މިސޫރަތް ހިމެނެއެވެ.  ޞަޙީޙުލްބުޚާރީގައި އަބޫ ސަޢީދުލް ޚުދްރީ رضي الله عنهގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ސޫރަތާއި ބެހޭގޮތުން ޙަދީޘްކުރެއްވިއެވެ.

((وَالَّذِي نَفْسِي بِيَدِهِ إِنَّهَا لَتَعْدِلُ ثُلُثَ الْقُرْآن.))([17])

މާނައީ: “ތިމަންކަލޭގެފާނުގެ ނަފްސުފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވާ ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން އެސޫރަތް (އިޚްލާޞް ސޫރަތް) ޤުރުއާނުގެ ތިންބައިކުޅައެއްބަޔާ ހަމަހަމައެވެ.”

މީގެ މާނައަކީ މާތްކަމާއި އަޖުރުގެގޮތުން އެއްވަރުވިޔަސް އެސޫރަތް ކިޔެވުމުން މުޅި ޤުރުއާން އެއްކޮށް ކިޔެވިކަމަށް ވާނެކަމުގެ ވާހަކައެއް ނޫނެވެ. އެހެންކަމުން އެސޫރަތް ނަމާދުގައި ތިންފަހަރު ކީކަމުގައި ވީނަމަވެސް، ސޫރަތުލް ފާތިޙާ ކިޔެވިކަމަކަށް ނުވާނެއެވެ.

އަދި އެއްޗެއް އެހެން އެއްޗަކާއި މާތްކަމުގެ ގޮތުން އެއްވަރުވީކަމުގައި ވީނަމަވެސް، އެއެއްޗަކާނުލާ އޭތި ފުއްދާދިނުން ލާޒިމެއް ނުކުރެއެވެ. އިމާމް ބުޚާރީއާއި އިމާމު މުސްލިމު އަބޫ ޢައްޔޫބުލް އަންޞާރީ رضي الله عنهގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ، عَشْرَ مِرَارٍ،كَانَ كَمَنْ أَعْتَقَ أَرْبَعَةَ أَنْفُسٍ مِنْ وَلَدِ إِسْمَاعِيلَ))([18])

މާނައީ: “” لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ” މިފަދައިން ދިހަފަހަރު ކިޔައިފިމީހަކު، އިސްމާޢީލުގެ ދަރިކޮޅުން ދިހަ އަޅުން މިނިވަންކުރި ފަދައެވެ.”

މިއާއެކު، މީހެއްގެ މައްޗަށް ކައްފާރާއެއްގެ ގޮތުގައި ހަތަރު އަޅުން މިނިވަންކުރަން އޮވެފައި، މިޛިކުރު ކިޔައިފިކަމުގައި ވީނަމަވެސް، އެއަޅުން މިނިވަންކުރި ކަމަކަށް ނުވާނެއެވެ. އެއީ އެފަދައިން ކިޔުން މާތްކަމާއި އަޖުރުގެ ގޮތުން އެއްވަރުވީކަމުގައި ވީނަމަވެސްމެއެވެ.

އަދި މުޢައްޔަންކޮށް އެސޫރަތްތަކެއްގެ މާތްކަން ބަޔާންކުރެވިފައިވާ ސޫރަތްތަކުގެ ތެރޭގައި މުޢައްވިޛާތު ދެސޫރަތް ހިމެނެއެވެ. އެއީ (قُلْ أَعُوذُ بِرَبِّ الْفَلَقِ) އާއި (قُلْ أَعُوذُ بِرَبِّ النَّاسِ)އެވެ.

ޢުޤުބާ ބިން ޢާމިރު رضي الله عنهގެއަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((أَلَمْ تَرَ آيَاتٍ أُنْزِلَتِ اللَّيْلَةَ لَمْ يُرَ مِثْلُهُنَّ قَطُّ (قُلْ أَعُوذُ بِرَبِّ الْفَلَقِ) وَ (قُلْ أَعُوذُ بِرَبِّ النَّاسِ) ))([19]) [رواه مسلم] 

މާނައީ: “ދެކިވަޑައި ނުގަންނަވަމުތޯއެވެ. ރޭ ބާވާލެއްވުނު، އެއާޔަތްތަކާއި އެއްފަދަވެގެންވާ އެހެންއެއްވެސް އާޔަތްތަކެއް މިހާތަނަށް ފެނިފައި ނުވެއެވެ. އެއީ (قُلْ أَعُوذُ بِرَبِّ الْفَلَقِ) އާއި (قُلْ أَعُوذُ بِرَبِّ النَّاسِ)މިދެ ސޫރަތެވެ.”

އަދި ނަސާއީގައި ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢުޤުބާ ބިން ޢާމިރު رضي الله عنهއަށް މިދެސޫރަތް ކިޔެވުމަށް އަމުރުކުރެއްވުމަށްފަހު ޙަދީޘްކުރެއްވިއެވެ.

((مَا سَأَلَ سَائِلٌ بِمِثْلِهَا وَلا اسْتَعَاذَ مُسْتَعِيذٌ بِمِثْلِهَا))([20]) 

މާނައީ: “ކަމަކަށްއެދި ދަންނަވާމީހަކަށް މި ދެސޫރަތާއި އެއްފަދަ ދެންނެވުމެއް ނުވެއެވެ. އަދި ރައްކާތެރިކަމަކަށް އެދޭމީހަކަށް މި ދެސޫރަތާ އެއްފަދަ ރައްކާތެރިކަމެއް ނުވެއެވެ.”

އަޚުންނޭވެ! ޤުރުއާން ކިޔެވުން ގިނަކުރުމުގައި ގަދައަޅާ މަސައްކަތް ކުރާށެވެ. ވަކިން ޚާއްޞަކޮށް ޤުރުއާން ބާވާލެއްވުނު މަސްކަމުގައިވާ، މިމަހުގައި އެކަން އިރުތު ކުރާށެވެ. އެހެނީ މިމަހުގައި ޤުރުއާން ކިޔެވުން އިތުރުކުރުމަށް ޚާއްޞަ އަހަންމިއްޔަތުކަން ދެވިފައިވެއެވެ. ކޮންމެ އަހަރަކު ރަމަޟާން މަހުގައި ޖިބްރީލް ޢަލައިހިއްސަލާމް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެން އެކަލޭގެފާނާއެކު ޚަތިމްކުރައްވައެވެ. އަދި އެކަލޭގެފާނު އަވަހާރަވަޑައިގެންނެވި އަހަރުގައި އިތުރަށް ޘާބިތުކޮށްދެއްވުމަށް ދެފަހަރު ޚަތިމުކުރެއްވިއެވެ.

ސަލަފުއްޞާލިހުން -رضي الله عنهم-ރަމަޟާންމަހުގައި، ނަމާދުގައްޔާއި ނަމާދުން ބޭރުގައި ޤުރުއާން ކިޔެވުން ގިނަކުރައްވާކަމުގައިވެއެވެ. ޒުހުރީ رحمه اللهރަމަޟާންމަސް އައުމުން ވިދާޅުވާކަމުގައިވެއެވެ.

“إِنَمَا هو تِلاَوَةُ القُرْآنِ وَإِطَعَامُ الطَّعَامِ”[21]  

މާނައީ:”މިއީ ޤުރުއާން ކިޔެވުމުގެ މައްސަރެވެ. އަދި (މިސްކީނުންނާއި ފަޤީރުންނަށް) ކާންދިނުމުގެ މައްސަރެވެ.”

އަދި އިމާމު މާލިކު رحمه الله ރަމަޟާންމަސް އަތުވެއްޖެނަމަ، ޙަދީޘް ކިޔެވުމާއި ޢިލްމީ މަޖްލިސްތައް ދޫކުރައްވާ ޤުރުއާންކިޔެވުގައި ވަގުތުހޭދަކުރުމުގައި އުޅުއްވައެވެ.([22])

އަދި ޤަތާދާ رحمه الله ކޮންމެ ހަތްރެއަކުން ދާއިމީ ގޮތެއްގައި ޤުރުއާން ޚަތިމުކުރައްވާކަމުގައިވެއެވެ. އަދި ރަމަޟާންމަހުގައި ތިން ރެއިން ޚަތިމްކުރައްވާކަމުގައިވެއެވެ. އަދި ފަހުދިހައެއްގައި ކޮންމެ ރެއަކު ޚަތިމްކުރައްވާކަމުގައިވެއެވެ.([23])

އަދި އިބްރާހީމު އައްނަޚަޢީرحمه الله ރަމަޟާންމަހުގައި ތިންރެއިން ޚަތިމްކުރައްވާ ކަމުގައިވެއެވެ. އަދި ފަހުދިހައެއްގައި ދެރެއިން ޚަތިމް ކުރައްވާކަމުގައި ވެއެވެ.([24])

އަދި އަލްއަސްވަދު رحمه الله މުޅި (ރަމަޟާން) މަހުގައިވެސް ކޮންމެ ދެރެއަކުން ޤުރުއާން ޚަތިމުކުރައްވާކަމުގައިވެއެވެ.([25])

ޚިޔާރުކުރެވިގެންވާ އެބޭކަލުންނަށް އިޤްތިދާވާށެވެ. – رحمكم الله – އަދި ޠާހިރު ރަނގަޅު މީހުންނާ އަރާ ހަމަކުރުމަށް،އެބޭކަލުންގެ މަގަށް ތަބަޢަވާށެވެ. ޢިއްޒަތްވަންތަ ފާފަފުއްސަވާ އިލާހަށް ކުއްތަންވުމަށްޓަކައި ރޭގަނޑާއި ދުވާލުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އެހެނީ ހަމަކަށަވަރުން އަހަރުތައް އަވަސްގޮތުގައި ނިމިދަނީއެވެ. ވަގުތުތައް އެކީ އެކައްޗަކަށް މާޒީވަނީއެވެ. ދުވާލެއްގެ ގަޑި އިރެއްފަދައިންނެވެ.

އޭﷲއެވެ! އިބައިލާހުގެ ވަޖުހުފުޅުއަދައިގެން ޤުރުއާން ކިޔެވުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ! އެއީ އިބައިލާހު އަޅަމެންނަށް ރުއްސެވުމަށްޓަކައެވެ. އަދި ސަލާމަތްތެރިކަމުގެ މަގުތަކަށް އަޅަމެންނަށް ހިދާޔަތް ދައްކަވާނދޭވެ! އަދި އަނދިރިކަމުގެ ތެރެއިން  އަލިކަމުގެ ތެރެއަށް އަޅަމެން ނެރެދެއްވާނދޭވެ! އަދި (ޤުރުއާން) އަޅަމެންނަށް ވާ ޙުއްޖަތެއްކަމުގައި ލައްވާނދޭވެ! އަދި އަޅަމެންގެ މައްޗަށްވާ ޙުއްޖަތެއްކަމުގައި ނުލައްވާނދޭވެ!

އޭﷲއެވެ! މަތިވެރިވެގެންވާ ދަރަޖަތަކަށް ވާސިލުވުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ! ދައްކުރެއްވުމާ ނިކަމެތިކުރެއްވުމުން އަޅަމެން ސަލާމަތްކުރައްވާނދޭވެ! އަދި އަޅަމެންގެ ފާފަތައް ފުއްސަވާދެއްވާނދޭވެ! އަޅަމެންނާއި އަޅަމެންގެ މައިންބަފައިންނާއި އެންމެހާ މުސްލިމުންގެ ފާފަތައް ފުއްސަވާނދޭވެ!

برحمتك يا أرحم الراحمين.

وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين

_______________________________________

މިފޮތަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެވެ.

މަޖާލިސް ޝަހްރު ރަމަޟާންގެ އެހެންބައިތައް

([1]) البخاري فضائل القرآن (4739) ، الترمذي فضائل القرآن (2908) ، أبو داود الصلاة (1452) ، ابن ماجه المقدمة (211) ، أحمد (1/69) ، الدارمي فضائل القرآن (3338) .

([2]) مسلم صلاة المسافرين وقصرها (798) ، الترمذي فضائل القرآن (2904) ، أبو داود الصلاة (1454) ، ابن ماجه الأدب (3779) ، أحمد (6/98) ، الدارمي فضائل القرآن (3368) .

([3]) البخاري الأطعمة (5111) ، مسلم صلاة المسافرين وقصرها (797) ، الترمذي الأمثال (2865) ، النسائي الإيمان وشرائعه (5038) ، أبو داود الأدب (4829) ، ابن ماجه المقدمة (214) ، أحمد (4/408) ، الدارمي فضائل القرآن (3363) .

([4]) مسلم صلاة المسافرين وقصرها (804) ، أحمد (5/255) .

([5]) مسلم صلاة المسافرين وقصرها (803) ، أبو داود الصلاة (1456) ، أحمد (4/154) .

([6]) مسلم الذكر والدعاء والتوبة والاستغفار (2699) ، الترمذي القراءات (2945) ، أبو داود الصلاة (1455) ، ابن ماجه المقدمة (225) ، أحمد (2/252) .

([7]) البخاري فضائل القرآن (4746) ، مسلم صلاة المسافرين وقصرها (791) ، أحمد (4/397) .

([8]) البخاري فضائل القرآن (4744) ، مسلم صلاة المسافرين وقصرها (790) ، الترمذي القراءات (2942) ، النسائي الافتتاح (943) ، أحمد (1/417) ، الدارمي الرقاق (2745) .

([9]) رواه الترمذي وقال : حديث حسن صحيح غريب من هذا الوجه ، وقد صححه بعض المتأخرين موقوفا على عبد الله .

([10]) الدارمي فضائل القرآن (3315) . وقال الشيخ الألباني: حديث ضعيف

([11]) البخاري فضائل القرآن (4720) ، النسائي الافتتاح (913) ، أبو داود الصلاة (1458) ، ابن ماجه الأدب (3785) ، أحمد (4/211) ، الدارمي الصلاة (1492) .

([12]) البخاري الأذان (723) ، مسلم الصلاة (394) ، الترمذي الصلاة (247) ، النسائي الافتتاح (911) ، أبو داود الصلاة (822) ، ابن ماجه إقامة الصلاة والسنة فيها (837) ، أحمد (5/313) ، الدارمي الصلاة (1242) .

([13]) مسلم صلاة المسافرين وقصرها (804) ، أحمد (5/249) .

([14]) مسلم صلاة المسافرين وقصرها (780) ، الترمذي فضائل القرآن (2877) ، أحمد (2/378) .

[15]أخرجه البخاري

([16]) مسلم صلاة المسافرين وقصرها (806) ، النسائي الافتتاح (912) .

([17]) البخاري فضائل القرآن (4726) ، النسائي الافتتاح (995) ، أبو داود الصلاة (1461) ، أحمد (3/35) ، مالك النداء للصلاة (483) .

([18]) البخاري الدعوات (6041) ، مسلم الذكر والدعاء والتوبة والاستغفار (2693) ، الترمذي الدعوات (3553) ، أحمد (5/418) .

([19]) رواه مسلم

([20]) النسائي الاستعاذة (5438) ، أبو داود الصلاة (1462) ، أحمد (4/144) ، الدارمي فضائل القرآن (3440) .

([21]) ينظر: التمهيد لابن عبد البر (6/110), لطائف المعارف (ص: 317)

([22]) لطائف المعارف (ص: 317)

([23]) لطائف المعارف (ص: 317)

([24]) لطائف المعارف (ص: 317)

([25]) لطائف المعارف (ص: 317)