[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަރަފާތުގައި ތިބުން އަދި އެކަމުގެ ތެރޭގައި ހެދޭ ގޯސްތައް

ޢަރަފާތުގައި ތިބުން

ޢަރަފާތު ދުވަހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމިރާގައި، އިރު މެދު ޖެހެންދެން މަޑުކުރައްވާ، އޭގެ ފަހުގައި ސަވާރީގައި ދަތުރުކުރައްވާ، ފައިބާވަޑައިގެން މެންދުރު ނަމާދާއި ޢަޞްރު ނަމާދު، އެއް ބަންގިއާއި ދެޤަމަތް ދެއްވައި އިސްކޮށް ޖަމުޢުކުރެއްވިކަން ޘާބިތުވެފައިވެއެވެ. އޭގެ ފަހުގައި ސަވާރީގައި ދަތުރުކުރައްވާ ހުއްޓިވަޑައިގެން ވިދާޅުވިއެވެ. (( وَقَفْتُ هَاهُنَا وَعَرَفَةُ كُلُّهَا مَوْقِفٌ )) [رواه مسلم ، كتاب الحج رقم (1218).] މާނައީ: ” ތިމަންކަލޭފާނު މި ހުންނެވީ މިތަނުގައެވެ. ޢަރަފާތުގެ ހުރިހާ ތަނަކީވެސް ހުއްޓިހުރެވޭނެ ތަންތަނެވެ.”

ދެން އެކަލޭގެފާނު، ޤިބުލައަށް ކުރިމަތި ލައްވައި ދެއަތްޕުޅު މައްޗަށް ނަންގަވައި ﷲ އަށް ދުޢާކުރައްވައި، ޛިކުރުކުރެއްވުމުގައި، އިރު އޮއްސިއްޖައުމަށް ދަންދެން އެކަލޭގެފާނު ޢަރަފާތުގައި ހުންނެވިއެވެ. އިރު އޮއްސުމުން އެކަލޭގެފާނު މުޒުދަލިފާއަށް ވަޑައިގަތުމަށް ދަތުރުފެއްޓެވިއެވެ.

ޢަރަފާތުގައި ތިބުމުގެ ތެރޭގައި ހެދޭ ގޯސްތައް

1- ޢަރަފާތުގެ އިމުން ބޭރަށް ފައިބާ، އެތަނުގައި އިރު އޮއްސެންދެން ތިބުން: އެއަށް ފަހުގައި ޢަރަފާތަށް ނުވަދެ މުޒުދަލިފާއަށް ދިޔުމަށްޓަކައި ދަތުރުފަށައެވެ. މިއީ ވަރަށް ބޮޑު ގޯކެވެ. އޭގެ ސަބަބުން މުޅި ޙައްޖު އޭނާއަށް ނުލިބި ޙައްޖު ގެއްލިގެންދާ ގޯހެކެވެ. ޢަރަފާތުގައި ހުއްޓުމަކީ ޙައްޖުގެ ރުކުނެކެވެ. އެރުކުނާ ނުލާ ޙައްޖު ޞައްޙަނުވާނެއެވެ. ޢަރަފާތުގައި ހުންނަންޖެހޭ ވަގުތުގެ ތެރެއިން ވަގުތުކޮޅެއްގައި ޢަރަފާތުގައި ނުހުރެވޭ މީހާއަށް ޙައްޖެއް ނުލިބޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. ((الْحَجُّ عَرَفَةُ مَنْ جَاءَ لَيْلَةَ جَمْعٍ قَبْلَ طُلُوعِ الْفَجْرِ فَقَدْ أَدْرَكَ)) [  رواه أبو داوود ، كتاب المناسك رقم (1949) والترمذي ، كتاب الحج رقم (889) والنسائي ، كتاب مناسك الحج رقم ( 3044) وابن ماجه ، كتاب المناسك رقم ( 3015).]. މާނައީ:” ޙައްޖަކީ ޢަރަފާތެވެ. އެއްވާ ރޭގައި (ޢަރަފާތު ދުވަހުގެ ރޭގައި) ފަޖުރުލުމުގެ ކުރިން އައިސްފިމީހާ، ހަމަކަށަވަރުން ޙައްޖު ލިބިގެންފިއެވެ.”

މި ގޯސް ހެދޭ އެންމެ ބޮޑު ސަބަބަކީ ބައެއް މީހުން ކަންތައްކުރާ ގޮތަށް ކަންތައްކުރަން އުޅުމެވެ. ބައެއް ޙައްޖުވެރިން ޢަރާފާތަށް ފޯރުމުގެ ކުރިން ފައިބާ އެތަނުގައި މަޑުކުރެއެވެ. ޢަރަފާތު ފާހަގަކުރުމަށް ޖަހާފައި ހުންނަ ބޯޑުތަކާއި ނިޝާންތަކަށް ބަލާލުމެއް ނެތިއެވެ. އޭގެ ސަބަބުން އެބައިމީހުންނަށް ޙައްޖު ނުލިބެއެވެ. އަދި އެމީހުންނަށް ތަބާވެގެން އެމީހުން ކުރާގޮތަށް ކަންތައްކުރި އެހެން މީހުންނަށްވެސް ޙައްޖު ގެއްލިގެންދެއެވެ. ޙައްޖުގެ އެންމެހާ  ކަންތައްތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވެ ތިބޭ މީހުން، ހުރިހާ ޙައްޖުވެރިންނަށް ފޯރާނޭ ފަދަ ވަސީލަތެއް ބޭނުންކޮށްގެން ދުނިޔޭގެ އެކިއެކި ބަސްތަކުން މިކަން އިޢުލާނުކުރާނޭ ނަމައެވެ. އަދި މުޠައްވިފުންނަށްވެސް އެކަމާބެހޭގޮތުން އިރުޝާދުދީ، އެކަން އެގޮތަށްކުރުމަށް ޢަހުދުކަށަވަރު ހިފާނޭ ނަމައެވެ. އޭރުން މީސްތަކުންނަށް އެބައިމީހުންގެ ޙައްޖު އެންމެ ރަނގަޅުގޮތުގައި ކުރުމަށް މަގުފަހިވެގެންދާނެއެވެ.

2- ޢަރަފާތު ދުވަހު އިރު އޮއްސުމުގެ ކުރިން ޢަރަފާތުން ނުކުތުން: މިއީ ސުންނަތާ ޚިލާފުކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އިރު އޮއްސިއްޖައުމަށް ދާންދެން ޢަރަފާތުގައި ހުންނެވިއެވެ. އަދި އެއީ ޖާހިލިއްޔަ ޒަމާނުގައި ކަންކަން ކުަރަމުން އައި ގޮތާ ޚިލާފަށް ކުރުމުގެ ގޮތުންނެވެ. އެހެނީ ޖާހިލިއްޔަ ޒަމާނުގައި އޮންނަގޮތަކީ އިރު އޮއްސުމުގެ ކުރިން ޢަރަފާތުން ނުކުތުމެވެ.

3- ޢަރަފާތު ފަރުބަދަ (ޖަބަލު ޢަރަފާތު) އާ ދިމާއަށް ކުރިމަތި ލައިގެން ހުރެ ދުޢާކުރުން: އެއީ ޤިބުލަ އެމީހުންގެ ފަހަތަށް ވީކަމުގައިވިޔަސް މެއެވެ. ނުވަތަ ޤިބުލައަކީ އެބައިމީހުންގެ ކަނާތް ފަރާތް ނުވަތަ ވާތްފަރާތް ކަމުގައިވީނަމަވެސް މެއެވެ. މިއީވެސް ސުންނަތާ ޚިލާފު ކަމެކެވެ. ސުންނަތަކީ ދުޢާ ކުރާއިރު ޤިބުލައަށް ކުރިމަތިލުމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަންތައްކުރެއްވި ފަދައިންނެވެ.

އަޞްލު ލިޔުއްވީ: الشيخ محمد بن صالح العثيمين رحمه الله

ތަރުޖަމާކުރީ:  محمد شافع بن عبد الغفور

ބަހުގެ ހަމަތައް މުރާޖަޢާ ކުރީ: الأخ حسن زاهر

16 ޛުލްޤަޢިދާ 1435

11 ސެޕްޓެމްބަރ 2014