[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة التين ގެ ތަފުސީރު 5

އެއަށްފަހު ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ.

إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ ﴿٥﴾

މާނައީ: “އީމާންވި މީހުންނާއި ޞާލިޙު ޢަމަލު ކުރިމީހުން މެނުވީއެވެ. ފަހެ އެއުރެންނަށް ކެނޑިގެންނުދާ ދަރުމަ ހުއްޓެވެ.”

މިއީ ﷲތަޢާލާގެ އަންނަނިވި ވަޙީ ބަސްފުޅުގައިވާ މީހުންގެ ތެރެއިން އިސްތިސްނާ ކުރެވުނު މީހުންނެވެ.

﴿ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ﴾

މާނައީ: “އެއަށްފަހުގައި ތިމަންއިލާހު އެންމެ ދަށުދަރަޖައަށް އޭނާ ރައްދުކުރެއްވީމެވެ.”

އެބަހީ: މުއުމިނުން ފިޔަވައެވެ. މުއުމިނުންނީ އީމާންވެ ޞާލިޙު ހެޔޮ ޢަމަލު ކުޅަ މީހުންނެވެ. ފަހެ އެބައިމީހުން އެންމެ ދަށު ދަރަޖައަށް ރައްދެއް ނުކުރެވޭ ހުށްޓެވެ. އެހެނީ އެބައިމީހުން، އެބައިމީހުންގެ އީމާންކަމާއި ޞާލިޙު ހެޔޮ ޢަމަލުކުރުންމަތީ މަރުވަންދެން ޘާބިތުކަންމަތީ ދެމިތިބެތެވެ.

އެއިލާހުގެ ވަޙީ ބަސްފުޅުގައި ވެއެވެ.

﴿فَلَهُمْ أَجْرٌ﴾

މާނައީ: “އެބައިމީހުންނަށް ދަރުމަ ހުއްޓެވެ.” އެބަހީ ޘަވާބު ހުއްޓެވެ.

﴿غَيْرُ مَمْنُونٍ﴾ މާނައީ: “ކެނޑިގެންނުދާ” އެބަހީ: ކެނޑިގެން ނުދާ ގޮތުގައެވެ. އަދި ކަލަ ގޮލުމެއްވެސް ނުވާ ގޮތުގައެވެ. ﴿مَمْنُونٍ﴾ މިބަހުގެ މާނަ ކެނޑިގެންދިޔުމާއި ކަލަގޮވުމުގެ މާނައިގަވެސް ބޭނުންކުރެވެއެވެ. އެބައިމީހުންނަށް ކެނޑިގެން ނުދާ ގޮތުގައި ދަރުމަ ހުއްޓެވެ. އަދި އެމީހުންނަށް އެކަމުގައި ކަލަ ގޮވުމެއްވެސްނުވެއެވެ. އެބަހީ: އެބައިމީހުންނަށް އެޘަވާބާއި ދަރުމަލިބުމުން،  އެބައިމީހުންނަކަށް އެޘަވާބާއި ދަރުމަ ދެއްވައިފީމޭ ކިޔައި ކަލަ ގޮވުމެއް ނުވެއެވެ. ފަހެ ކަލަގޮވާ މީހުން  ބުނެއުޅެތެވެ. އަހަރެމެން ތިޔަބައިމީހުންނަށް ދިނީމެވެ. އަދި އެވެނި މިވެނި ކަމެއް ކޮށްދިނީމެވެ. އެބައިމީހުންގެ އީމާންވުމާއި ހެޔޮ ޢަމަލު ކުރުމާއި އަދި އެބައިމީހުންގެ ޘަވާބާއި، މި ހުރިހާ ކަމަކީވެސް ﷲތަޢާލާގެ ދެއްވުމެވެ. އެހެންނަމަވެސް އެބައިމީހުންގެ މައްޗަށް އެދެއްވުންތަކަށް ކަލަގޮވުމެއް ނުވެއެވެ. އެބަހީ: ދުނިޔޭގައި ކަލަގޮވުމުން އެލިބޭ އުނދަގޫ ކަމެއް އެބައިމީހުންނަކަށް ނުލިބޭނެއެވެ. މީސްތަކުންގެ ތެރެއިން މީހަކު ތިބާއަށް ހެޔޮކަމެއް ކޮށްދީފިނަމަ ފަހަރެއްގައި އެމީހަކު ކަލަގޮވުމުން ތިބާއަށް އުނދަގޫ ކޮށްފާނެއެވެ. އަދި ކޮންމެ ވަގުތެއްގައިވެސް އެފަދަ މީހުން ބުނެ އުޅެތެވެ. ކަލެއަށް އެވެނިކަމެއް ކޮށްދިނީމެވެ.  ކަލެއަށް އެވެނި އެއްޗެއް ދިނީމެވެ. އަދި މިނޫންވެސް މިފަދަ ބަސްތައް ބުނެ އުޅެތެވެ.

-ނުނިމޭ-

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه اللهލިޔުއްވާފައިވާ سورة التينގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުުމުގެ އެހެންބައިތައް