[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤުރުއާނުގެ އަލީގައި ދަރިން ތަރުބިޔަތު ކުރުން 3

 

الحمد لله رب العالمين، والصلاة والسلام على سيد المرسلين، وعلى آله وصحبه أجمعين أما بعد:

ތަރުބިއްޔަތު ކުރުމުގައި ފަރުވާކުޑަކުރުމުގެ ޚުޠޫރަތްތެރިކަން:

ދަރީންނާ މެދު ފަރުވާތެރިވެ، ޤުރުއާނާއި ސުންނަތުގައި ވާގޮތަށް، އެދަރީންނަށް ހެޔޮ ތަރުބިއްޔަތެއް ނުދެވިއްޖެނަމަ، އަދި އެ ދަރީންގެ ތަރުބިއްޔަތާމެދު އިހުމާލު ވެވިއްޖެނަމަ، އެ ކުދީންގެ ސުލޫކަށް ފޫނުބެއްދޭނެފަދަ ބޮޑު ގެއްލުމެއް ކުރިމަތިވުން އޮންނާނީ ދާދި ކައިރީގައެވެ. އެ ކުދީންގެ މުސްތަޤުބަލު ހަލާކުވުން އޮންނާނީ ދާދި ގާތުގައެވެ. އެހެން ވެއްޖެ ނަމަ، ދަރީންނަކީ ގޯސް ސުލޫކެއްގެ މަތީގައި ބޮޑެތި ވާ ކުދީން ކަމުގައި ވެދެއެވެ. އެ ގޮތުގައި ދަރީން ބޮޑެތި ވެއްޖެ ނަމަ، މާތް ﷲ ޙަރާމް ކުރެއްވި ކަންތައްތަކަށް އެއްވެސް ޖެހިލުމެއް ނެތި އަރައިގަންނަ ޒުވާނުން ކަމުގައި އެމީހުން ވެގެން ހިނގައިދެއެވެ. މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، މައިންބަފައިން ނިކަމެތިކޮށް، އެމީހުންގެ ޙުރުމަތް ކެނޑުމާއި އެމީހުންގެ ހިތުގައި ޖެއްސުމަކީ އެފަދަ ޒުވާނުންނަށް މާބޮޑު ކަމަކަށެއް ނުވާނެއެވެ.

މީގެ އިތުރުން، މުޅި މުޖުތަމަޢަށް ހުރި ގެއްލުމެއްކަމަށް އެފަދަ ޒުވާނުން ވެދެއެވެ. އެމީހުންނާ މެދު މުޅި މުޖުތަމަޢު ޝަކުވާ ކުރާ ބަޔަކު ކަމުގައި އެ ޒުވާނުން ވެދެއެވެ. މި ދެންނެވި ފަދަ ދަރިއަކު މުޖުތަމަޢަށް ދޫކޮށްލައިފި މައިންބަފައިންނަށްވެސް ރައްދުވެގެން ދާނީ މަލާމާތެވެ. މިވެނި އެވަނި މީހަކީ އެއްވެސް ތަރުބިއްޔަތެއް ލިބިފައި ނެތް ޒުވާނެކޭ މީސްތަކުންގެ ދޫތަކުން ބުނެވި، އޭނާއަށާއި އޭނާގެ މައިންބަފައިންނަށް ބަދުބަސް ބުނެވި، ލަޢުނެތް ދެވޭ ހިސާބަށް ކަންތައް ހިނގައިދެއެވެ. އޭނާގެ މައިންބަފައިން އޭނާއާ މެދު އިހުމާލުވެފައިވާ ކަމަށް މީސްތަކުން ބުނަން ފަށާނެއެވެ. އެފަދަ ދަރިއަކު މުޖުތަމަޢަށް ދޫކޮށްލާ ބަޔަކަށް، ކައިވެނީގެ މަޤްޞަދަކީ ކޮބައިކަން އެނގޭކަމާ މެދުވެސް މީސްތަކުން ސުވާލު ކުރާނެއެވެ. ދަރީން ތަރުބިއްޔަތުކުރުމުގެ ޒިންމާއަކީ ކިހައި ބޮޑު ޒިންމާއެއްކަންވެސް އެ ބަޔަކަށް ނޭނގޭ ކަމަށް ދޫތަކުން ބުނާނެއެވެ.

ދަރީންގެ ތަރުބިއްޔަތާ މެދު އިހުމާލުވުމުގެ ސަބަބުން އިންސާނާ ނަރަކައަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ދަރީންނާ މެދު އިހުމާލު ވުމުގެ ނުބައިކަމުން ރައްކާތެރިވެ ތިބުމަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ އަޅުގަނޑުމެންނަށް އިންޒާރު ކުރައްވާފައެވެ.

﴿يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ﴾ [التحريم: 6]

އާޔަތުން ދޭހަ ވާ މާނަ: (އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރީން ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިން ކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުން ވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާ ކަންތައް އެބޭކަލުން ކުރައްވާނެތެވެ.)

ޤުރުއާނުގެ އަލީގައި ދަރިން ތަރުބިއްޔަތު ކުރުން

ހަމަ ކަށަވަރުން ޤުރުއާނުގައި ހުރިހާ ޢާލަމްތަކަށް ހިދާޔަތް ލިބޭނޭ ގޮތްތައްވަނީ ބަޔާން ކުރައްވައިފައެވެ. އެ ހިދާޔަތް ލިބިގަންނާން ބޭނުން މީހަކަށް އެ ހިދާޔަތް ލިބޭނެއެވެ. އަދި އެ ހިދާޔަތުން މޫނު އަނބުރައިލައި، ޖަހާލަތުގެ އަނދިރީގެ ތެރެއަށް ދާން ބޭނުން މީހަކަށް، އަނދިރީގެ އެންމެ ފުނަށް ދިއުމުގެ އިޚްތިޔާރުވެސް މާތް ﷲ ވަނީ ދެއްވައިފައެވެ.

އިންސާނާ އޭނާގެ މަންމަގެ ބަންޑުން މި ދުނިޔެއަށް އުފަންވުމާ އެކު، އޭނާ ތަރުބިއްޔަތު ކުރާނެ އެންމެ މޮޅު ގޮތްތައް ކީރިތި ޤުރުއާނުގައި ވަނީ ބަޔާން ކުރައްވައިފައެވެ. އަދި ކީއްތޯއެވެ! އޭނާ ވުޖޫދު ވުމުގެ ކުރިން، އޭނާގެ ތަރުބިއްޔަތުގެ ކަންކަން އެކަށައެޅިގެން ދާން ވާ ގޮތް ވެސް އެ ޤުރުއާނުގައި ވަނީ ބަޔާން ކޮށްދެއްވައިފައެވެ. އެގޮތުން، މައިންބަފައިންނަށް ވަނީ އެބައިމީހުންނަށް ދަރީން ލިބުމުގެ ކުރީންވެސް، ހެޔޮ އަދި ޞާލިޙު ދަރިފަސްކޮޅެއް ދެއްވާތޯ ﷲ އަށް ދުޢާ ދެންނެވުމަށް އިރުޝާދު ދެއްވައިފައެވެ. އަދި ދަރީން ތަރުބިއްޔަތު ކުރުމުގައި ނަބީބޭކަލުންނާއި ޞާލިޙު ތަޤްވާވެރިންގެ މިސާލުން ފިލާވަޅު ލިބިގެން، އެބޭކަލުންގެ މަގުން ހިނގުމަށް މައިންބަފައިންނަށް ވަނީ އިރުޝާދު ދެއްވައިފައެވެ.

އެހެންކަމުން، ޤުރުއާނުގައި ބައެއް ނަބީބޭކަލުންނާއި ޞާލިޙު ތަޤްވާވެރީންގެ ޙަޔާތްޕުޅާއި އުޅުއްވުމުން މިސާލު ޖައްސަވައިފައި ވެއެވެ. އެބޭކަލުން އެބޭކަލުންގެ ބޭފުޅުން ތަރުބިއްޔަތު ކުރެއްވި ގޮތުގެ މިސާލެވެ. އަޅުގަނޑުމެން މިސާލުތަކުން ޢިބްރަތް ލިބިގަތުމަށް ޓަކައެވެ. އެބޭކަލުންގެ މަންހަޖުގައި ފައިތިލަ ސާބިތު ކުރުމަށްޓަކައެވެ. އެގޮތުން، ޤުރުއާނުގައި މިސާލު ޖައްސަވައިފައިވާ ބޭކަލުންގެ ތެރޭގައި އިބްރާހީމުގެފާނާއި، އިސްމާޢީލުގެފާނާއި، ޔަޢުޤޫބުގެފާނާއި، ލުޤުމާނުގެފާނު ފާހަގަ ކޮށްލެވެއެވެ.

އިބްރާހީމްގެފާނުގެ ދެއްކެވި ތަރުބިއްޔަތު:

އިބްރާހީމުގެފާނު އެކަލޭގެފާނަށް ޞާލިހު ހެޔޮ ދަރިފަސްކޮޅެއް ދެއްވުމަށް އެދި މާތް ﷲ އަށް ގިނަގިނައިން ދުޢާ ދަންނަވައި އުޅުއްވިއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި އިބްރާހީމްގެފާނުގެ މި ދުޢާފުޅު ޒިކުރު ކުރައްވައިފައި ވެއެވެ.

﴿رَبِّ هَبْ لِي مِنَ الصَّالِحِينَ﴾ [الصافات: 100]

އާޔަތުން ދޭހަ ވާ މާނަ: (އަޅުގެ ވެރިރައްބެވެ! މި އަޅާއަށް ޞާލިޙުންގެ ތެރެއިން ވާ ދަރިޔަކު ދެއްވާނދޭވެ! )

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ، އިބްރާހީމްގެފާނުގެ މި ދުޢާ އިޖާބަކުރައްވައި، އެކަލޭގެފާނަށް އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނު ދެއްވިއެވެ. މާތް ﷲ ގެ މި ނިޢުމަތަށް ޝުކުރުވެރި ވެވަޑައިގަންނަވާ ޙާލުކޮޅުގައި އިބްރާހީމުގެފާނު އެ ދެ ދަރިކަލުން ފިސާރި ރިވެތި އަދި މަތިވެރި ތަރުބިއްޔަތަކުން ތަރުބިއްޔަތު ކުރެއްވިއެވެ. އަދި މާތް ﷲ ގެ ރަޙުމަތުން އެ ދެ ދަރިކަލުންނަކީ ވެސް ނަބީން ކަމުގައި ލެއްވިއެވެ. އަދި ނޫޙުގެފާނަށް ފަހު، އިބްރާހީމުގެފާނުގެ ދަރިފަސްކޮޅަކީ، ނަބީންގެ ދަރިފަސްކޮޅު ކަމުގައި މާތް ﷲ އިޚްތިޔާރު ކުރެއްވިއެވެ. އެހެންކަމުން، އެންމެ ގިނަ ނަބިއްޔުން ވަޑައިގަތީ އިސްޙާޤުގެފާނުގެ ދަރިފަސްކޮޅުންނެވެ. އަދި އެންމެ މަތިވެރި އެންމެ މާތް ނަބިއްޔާ، މުޙައްމަދު ޞައްލަﷲ ޢަލަހި ވަސައްލަމަ ވަޑައިގެންނެވީ އިސްމާޢީލު ޢަލަހިއްސަލާމުގެ ދަރިފަސްކޮޅުންނެވެ.

އިބްރާހީމް ޢަލަހިއްސަލާމަށް ފެނިވަޑައިގަތް ހުވަފެނުގެ ވާހަކައަށް ނަޒަރު ހިންގާލާއިރު، އެކަލޭގެފާނު އިސްމާޢީލު ޢަލަހިއްސަލާމަށް ދެއްވި ތަރުބިއްޔަތުގެ މަތިވެރިކަން ހާމަވެގެން ދެއެވެ. އިސްމާޢީލު ޢަލަހިއްސަލާމް ﷲ ގެ އަމުރުފުޅުތަކަށް ބޯލަނބަން ދަސް ކޮށްދެއްވައިފައިވާ ވަރުގަދަކަން މި ޙާދިޘާއިން ހާމަ ވެގެން ދެއެވެ. ﷲ ގެ އަމުރުފުޅުތަކަށް އެންމެ މަތިވެރި ދަރަޖައިގައި ކިޔަމަން ގަތުމުގެ ފިލާވަޅު، އެކަލޭގެފާނު ވަނީ އިސްމާޢީލު ޢަލަހިއްސަލާމަށް ފުރިހަމައަށް ނަންގަވައިދެއްވައިފައެވެ.

މާތް ﷲ ޤުރުއާނުގައި އިބްރާހީމް ޢަލަހިއްސަލާމްގެ ހުވަފެންފުޅުގެ ވާހަކަ ބަޔާން ކުރައްވަމުން ވަޙީ ކުރައްވައިފައި ވެއެވެ.

﴿فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّابِرِينَ﴾ [الصافات: 102]

އާޔަތުން ދޭހަ ވާ މާނަ: (ފަހެ، އެކަލޭގެފާނުގެ (އެބަހީ: އިބްރާހީމުގެފާނު) އަރިހުގައި އެ ދަރިކަލުން (އެބަހީ: ޢިސްލާމާޢީލުގެފާނު) މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރި ހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަ ކަށަވަރުން، އަހުރެން ތިބާ ޤުރުބާން ކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނިއްޖެއެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަ ގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް އަމުރު ކުރެއްވިގެން ވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! اللَّه އިރާދަ ކުރެއްވިއްޔާ އަޅުގަނޑުވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ.)

ނަބީބޭކަލުންގެ ހުވަފެންފުޅަކީ ތެދު ހުވަފެންތަކެކެވެ. ﷲ ގެ ޙަޟްރަތުން އަންނަ ވަޙީއެކެވެ. ވުމާއެކު، އިބްރާހީމުގެފާނަށް އެކަލޭގެފާނުގެ ދަރިކަލުން (އިސްމާޢީލުގެފާނު) ޤުރުބާން ކުރައްވާތީ ހުވަފެނުގައި ފެނިވަޑައިގެންނެވި ހިނދު، އެއީ ﷲ ގެ ޙަޟްރަތުން އައި އަމުރުފުޅެއްކަން އެކަލޭގެފާނަށް އެނގިވަޑައިގަތެވެ. އަދި އެއީ ﷲ އެކަލޭގެފާނަށް ކުރިމަތި ކުރެއްވި އިމްތިޙާނެއްކަން ޔަޤީން ވެވަޑައިގަތެވެ. އެހެންކަމުން، އެ ހުވަފެންފުޅުގެ ވާހަކަ ދަރިކަލުންނަށް ވިދާޅުވެދެއްވިއެވެ. ދަރިކަލުން އެކަމާ ދެކެވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ޓަކައެވެ. ﷲ ގެ ރަޙްމަތުން، އެކަލޭގެފާނު އެ ދަރިކަލުން، ތަރުބިއްޔަތު ކުރައްވައިފައިވަނީ އެންމެ މަތިވެރި އެންމެ ފުރިހަމަ ތަރުބިއްޔަތުންނެވެ. ވުމާއެކު، އެ ދަރިކަލުންގެ ބަސްފުޅަކަށް ވީ ބައްޕާފުޅަށް ﷲ އަމުރުކުރެއްވި ކަންތައް ކުރައްވާށޭ، އިރާދަކުރެއްވިއްޔާ ބައްޕަގެ މިދަރިފުޅަކީ ﷲ އަށް ކިޔަމަންތެރި ދަރިއެއް ކަމުގައި ބައްޕައަށް ފެނިވަޑައިގަންނަވާނެޔޭ، ﷲ ގެ އަމުރުފުޅުތަކަށް ކެތްތެރިކަމާ އެކު ބޯލަނބާ މީހެއް ކަމުގައި މި ދަރިފުޅުވާތީ އިރާދަ ކުރެއްވިއްޔާ ބައްޕައަށް ފެނިވަޑައިގަންނަވާނެޔޭ، މިއެވެ. އިބްރާހީމް ޢަލަހިއްސަލާމްގެ ތަރުބިއްޔަތުގެ މަތިވެރިކަމާއެވެ. އިސްމާޢީލު ޢަލަހިއްސަލާމްގެ އަޚްލާޤުފުޅުގެ މަތިވެރިކަމާއެވެ.

(ނުނިމޭ)

މިލިޔުމުގެ އެހެންބައިތައް