[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ މާތްކަމާއި މަތިވެރިކަން

sunset

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين، أما بعـد:

ﷲ ތަޢާލާގެ ޛިކުރުކުރުމުގައި ދެމިހުރުމަކީ އޭގެ ސަބަބުން ދުނިޔޭގައި ގިނަގުނަ ލާބައާއި މަންފާ ލިބިގެންދާ ކަމެކެވެ. އަދި އުޚްރަވީ ޙަޔާތުގައި އޭގެ އަޖުރާއި ދަރުމަ ލިބިގެންދާ ކަމެކެވެ. މިގޮތުން މުސްލިމަކު ރައްކާތެރިވާންޖެހޭ އެންމެ މުހިންމު ޛިކުރުތަކުގެ ތެރޭގައި ހެނދުނާއި ހަވީރުގެ ޛިކުރުތައް ހިމެނެއެވެ. އޭގެ ފައިދާތަކުގެ ތެރޭގައި މޭ ތަނަވަސްވުމާއި، ހާސްކަން ފިލައި ދިޔުމާއި ހިތަށް ހަމަޖެހުން ލިބުމާ އަދި ﷲ ތަޢާލާގެ ރައްކާތެރިކަމާއި ވާވިވެވޮޑިގަތުން އެމީހަކަށް ލިބުން ހިމެނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

(أَلاَ بِذِكْرِ اللّهِ تَطْمَئِنُّ الْقُلُوبُ)[الرعد:٢٨]

މާނައީ: “ދަންނާށެވެ! ހިތްތަކަށް ހަމަޖެހެން ލިބެނީ، الله ގެ މަތިން ހަނދުމަކުރުމުންނެވެ.”

ހެނދުނާ ހަވީރުގެ ޛިކުރުތަކުގެ މާތްކަމާ ބެހޭގޮތުން އެތައް ޙަދީޘްތަކެއް ވާރިދުވެފައިވެއެވެ. މިތަނުގައި އޭގެ ބައެއް މިޘާލު ބަޔާންކޮށްލާނަމެވެ.

ޞަޙީޙުލް ބުޚާރީއާއި މުސްލިމުގައި އަންނަނިވި ޙަދީޘް އައިސްފައިވެއެވެ.

ހަމަކަށަވަރުން ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ قَالَ: لاَ إِلَهَ إِلَّا اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، فِي يَوْمٍ مِائَةَ مَرَّةٍ، كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ، وَكُتِبَتْ لَهُ مِائَةُ حَسَنَةٍ، وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ، وَكَانَتْ لَهُ حِرْزًا مِنَ الشَّيْطَانِ يَوْمَهُ ذَلِكَ حَتَّى يُمْسِيَ، وَلَمْ يَأْتِ أَحَدٌ بِأَفْضَلَ مِمَّا جَاءَ بِهِ، إِلَّا أَحَدٌ عَمِلَ أَكْثَرَ مِنْ ذَلِكَ»

މާނައީ: “ދުވާލަކު ސަތޭކަފަހަރު لاَ إِلَهَ إِلَّا اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ މިޛިކުރުކޮށްފިމީހާ ދަންނައެވެ. އޭނާ ދިހަ އަޅުން މިނިވަންކުރިފަދައެވެ. އަދި އޭނާއަށް ސަތޭކަ ހެޔޮކަން ލިޔުއްވޭނެއެވެ. އަދި އޭނާގެ ކިބައިން ސަތޭކަ ފާފަފުއްސެވޭނެއެވެ. އަދި އެދުވަހު ހަވީރުވަންދެން ޝައިޠާނާގެ ކިބައިން އޭނާ ރައްކާތެރިކުރެވޭނެއެވެ. އަދި އޭނާއަށްވުރެ ގިނައިން މިޛިކުރުކުރިމީހަކު މެނުވީ އޭނާއަށްވުރެ މާތް ޢަމަލެއްކޮށްގެންހުރި ހަމައެކަކު ނުހުންނާނެއެވެ.”

ފަހެ ޢުޘްމާނު ބުން ޢައްފާން رضي الله عنه ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَا مِنْ عَبْدٍ يَقُولُ فِي صَبَاحِ كُلِّ يَوْمٍ، وَمَسَاءِ كُلِّ لَيْلَةٍ: بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ، ثَلَاثَ مَرَّاتٍ، فَيَضُرَّهُ شَيْءٌ» [رواه الترمذي وابن ماجه وصححه الألباني]

މާނައީ: “ހެނދުނާއި ހަވީރު ތިންފަހަރު بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ މިޛިކުރުކޮށްފިމީހާއަށް އެއްވެސް އެއްޗެއް ގެއްލުމެއް ނުދޭނެއެވެ.”

ހެނދުނާއި ހަވީރު ކިޔުމަށް ވާރިދުވެފައިވާ އެހެނިހެން ޛިކުރުތަކަކީވެސް މިފަދަ އެތައް ފައިދާތަކެއް ހިމެނިގެންވާ ޛިކުރުތަކެކެވެ. ދުޢާއަކީ އަޅަމެންނަކީ ﷲ ތަޢާލާގެ ޛިކުރު ގިނަގިނައިންކޮށްއުޅޭ ޞާލިޙު އަޅުންތަކެއްކަމުގައި ލެއްވުމެވެ.