[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދު ( الصلاة ) – 9

salat

މުސްލިމު ރަށެއްގެ ބަޔަކު ބަންގިއާއި ޤަމަތް އެއްކޮށް ދޫކޮށްލުމުގެ ޙުކުމު

ރަށެއްގެ އަހުލުވެރިން އެކީ އެކަށް ބަންގި އާއި ޤަމަތް ގޮވުން ދޫކޮށްލައިފިނަމަ އެ ފަރުޟު ގެނެސްގަތުމަށް ދާންދެން އެބަޔަކާއި ހަނގުރާމަކުރެވޭނެއެވެ. އެކަންކުރާނީ އިމާމް މީހާއެވެ. އެއީ އެ ފަރުޟު ޤާއިމުކުރެވެންދެން، ތަޢުޒީރުކުރުމުގެ ގޮތުންނެވެ. އެއްވެސް ޙާލެއްގައި އެރަށުގެ އަހުލުވެރިންގެ މުދަލާއި ލޭ ހުއްދަކުރުމުގެ ގޮތުންނެއް ނޫނެވެ. އެއީ މުސްލިމުންނެވެ. އިމާމްމީހާ އެމީހުންނާއި ހަނގުރާމަކުރަނީ ތަޢުޒީރު ކުރުމުގެ ގޮތުންނެވެ. އެހެނީ ބަންގިއާއި ޤަމަތަކީ އިސްލާމީ ރައްތަކެއްކަމުގެ ޢަލާމާތެކެވެ. ދީނުގެ ފާޅުކަންބޮޑު ޝިޢާރެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔަކާއި ހަނގުރާމަކުރާކަމުގައިވާނަމަ، ނަމާދުގެ ވަޤުތު ޖެހެންދެން މަޑުކުރައްވާކަމުގައި ވެއެވެ. ބަންގީގެ އަޑުއިވެއެޖެ ކަމުގައިވާނަމަ، ހަނގުރާމަކުރުމުން މަނާވެގަނެއެވެ. އެހެންނޫނީ ހަނގުރާމަކުރައްވައެވެ. އެހެނީ ބަންގިއާއި ޤަމަތަކީވެސް ދީނުގެ ފާޅުކަންބޮޑު ދެ ޝިޢާރެވެ.

ނަމާދަށް ގޮވޭ ބަންޤިއާއި ޤަމަތް ޞައްޙަވުމުގެ ޝަރުޠުތައް

1 – ބަންގި ގޮވާމީހާ އަކީ އިސްލާމެއްކަމުގައިވުން.

2 – އެމީހަކީ ބުއްދި ސަލާމަތަށްހުރި މީހަކަށްވުން. ތަންދޮރުވަކިވާ އުމުރަށްގޮސްފައިވާ ކުޑަކުއްޖާގެ ބަންގިވެސް ޞައްޙަވާނެއެވެ. އެއީ މީހުން ދައްކާވާހަކަ ފަހުމުވެ، އެއަށް ޖަވާބުދޭން އެނގޭވަރުވުމެވެ. ނުވަތަ ބައެއް ޢިލްމުވެރިންގެ ގާތުގައި އުމުރުން ހަތް އަހަރުވުމެވެ.

3 – އަދި އެމީހަކީ ފިރިހެނެއްކަމުގައިވުން.

4 – އަދި އެބަންގި އަކީ ނަމާދުގެ ވަގުތު ވަނުމުން ގޮވޭ ބަންގިއެއްކަމުގައިވުން. (ފަތިސްނަމާދުގެ ވަގުތުގެ ކުރީގައި ( ހާރުދަމުގެ ވަގުތުގައި) މީސްތަކުން ހޭލެއްވުމަށް ގޮވޭ ބަނގިއާއި، ހުކުރުނަމާދުގެ ކައިރިވާން އުޅޭކަން އަންގައިދިނުމަށް ހުކުރު ނަމާދުގެ ވަގުތުގެ ކުރީގައި ގޮވޭ ބަންގި ފިޔަވައެވެ.) އަދި ނަމާދުކުރަން ތެދުވާން ވުމުން ދެވޭ ޤަމަތެއްކަމުގައިވުން.

5 – ބަންގިއާއި ޤަމަތުގެ ކަލިމަތައް ތަރުތީބުން ގެނައުން. އަދި ދެ ކަލިމައިގެ ދެމެދު ބޮޑު މެދުކެނޑުމެއް ނާންނަގޮތައް ގުޅިގެން އަންނަކަހަލަ ގޮތަކަށް ކަލިމަތައް ގެނައުން.

6 – ބަންގިއާއި ޤަމަތުގެ ކަލިމަތައް ޢަރަބި ބަހުން އަދި ސުންނަތުން ވާރިދުވެފައިވާ ލަފްޒުތަކުން ބަންގި ގޮވުން.


-ނުނިމޭ-

މަސްދަރު: މި ލިޔުމަށް މައިގަނޑުގޮތެއްގައި މަޢުލޫމާތު ނަގާފައިވާނީ ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން ( ރަޙިމަހުﷲ ) ގެ الشرح الممتع على زاد المستقنع އިން.