[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 51 “ތުރުކީންނާ ހަނގުރާމަ ކުރެވުން.”

 

10. ތުރުކީންނާ[1] ހަނގުރާމަ ކުރެވުން.

އަބޫ ހުރައިރާގެ އަރިހުން އަލްއިމާމު މުސްލިމް ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((لَا تَقُومُ السَّاعَةُ حَتَّى يُقَاتِلَ الْمُسْلِمُونَ التُّرْكَ؛ قَوْمًا وُجُوهُهُمْ كَالْمَجَانِّ الْمُطْرَقَةِ، يَلْبَسُونَ الشَّعَرَ، وَيَمْشُونَ فِي الشَّعَرِ))[2] މާނައީ: “މުސްލިމުން ތުރުކީންނާ ހަނގުރާމަ ކޮށްފުމަށްދާންދެން ޤިޔާމަތް ނުވާހުއްޓެވެ. އެއުރެންގެ މޫނުތަކަކީ ހަމުން ނިވާކުރެވިފައިވާ އައްޑަނަތަކެއްފަދަ މޫނުތަކެކެވެ. [އެބަހީ: އެއުރެންގެ މޫނުތައް ވަށްވެފައި މަސްގިނަވާނެއެވެ.] އިސްތަށީގެ ފޭރާންލައި އަދި އިސްތަށީގެ [ފައިވާނުގައި] އެބައިމީހުން ހިނގައެވެ.”

އަދި ބުޚާރީގައި ވެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަބޫހުރައިރާ ރިވާކުރެއްވިއެވެ. ((لَا تَقُومُ السَّاعَةُ حَتَّى تُقَاتِلُوا قَوْمًا نِعَالُهُمْ الشَّعَر، وَحَتَّى تُقَاتِلُوا التُّرْكَ صِغَارَ الْأَعْيُنِ، حُمْرَ الْوُجُوهِ، ذُلْفَ الْأُنُوفِ،كَأَنَّ وُجُوهَهُمُ الْمَجَانُّ الْمُطْرَقَةِ))[3] މާނައީ: “އިސްތަށީގެ ފައިވާންތަކެއްވާ ބަޔަކާ ހަނގުރާމަކޮށްފުމަށް ދާންދެން ޤިޔާމަތް ނުވާހުއްޓެވެ. އަދި ކުދިލޯތަކެއްގެވެރި ތުރުކީންނާ ހަނގުރާމަކޮށްފުމަށް ދާންދެނެވެ. ގޮށް ނޭފަތްތަކެއްވާ މޫނު ރަތް ބައެކެވެ. އެއުރެންގެ މޫނުތަކަކީ ހަމުން ނިވާކުރެވިފައިވާ އައްޑަނަތަކެއްފަދަ މޫނުތަކެކެވެ.”

އަދި عَمْرُو بْنِ تَغْلِب ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދިޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ((مِنْ أَشْرَاطِ السَّاعَةِ أَنْ تُقَاتِلُوا قَوْمًا عِرَاضَ الْوجُوهِ، كَأَنَّ وُجُوهَهُمُ الْمَجَانُّ الْمُطْرَقَةُ))[4] “ފުޅާ މޫނުތަކެއްގެ ވެރި ބަޔަކާ ހަނގުރާމަ ކުރެވުން ވަނީ ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރެއިންނެވެ. އެއުރެންގެ މޫނުތަކަކީ ހަމުން ނިވާކުރެވިފައިވާ އައްޑަނަތަކެއްފަދަ މޫނުތަކެކެވެ. “

ދެންފަހެ ޞަޙާބީންގެ ޒަމާނުގައި ތުރުކީންނާ ހަނގުރާމަކުރެވިއްޖެކަން ކަށަވަރެވެ. އެއީ ބަނޫ އުމައްޔާގެ ޚިލާފަތުގެ ކުރީކޮޅުގައި މުޢާވިޔާ رضي الله عنه ގެ ވެރިކަމުގައެވެ.

مُعَاوِية بن خُدَيْج ގެ އަރިހުން އަބޫ ޔަޢްލާ ރިވާ ކުރެއްވިއެވެ. ވިދާޅުވިއެވެ. ތުރުކީންނާ ހަނގުރާމަކޮށް ބަލިކުރެވިއްޖެ ކަމާއި އެބައިމީހުންގެ އެތައްބަޔަކު ޤަތުލުކުރެވި ބައިވަރު ޣަނީމާތައް ލިބިއްޖެ ކަމުގެ ޚަބަރުވާ ފަތްކޮޅެއް مُعَاوِيَة بن أَبِيْ سُفْيُان ގެ މުވައްޒަފެއްގެ ފަރާތުން އެކަލޭގެފާނަށް އައިހިނދު ތިމަންކަލޭގެފާނު އިންނެވީމެވެ. ދެންފަހެ މުޢާވިޔަތުގެފާނު އެކަމާ ކޯފާއިސްކުރައްވާ އެބޭކަލަކަށް ލިޔުއްވުމަށް އެންގެވިއެވެ: ހަނގުރާމަކުރި ބަޔަކާއި ޣަނީމާމުދާ ލިބުނުކަން ތިބާގެ ވާހަކައިން ތިމަންކަލޭގެފާނަށް އެނގިވަޑައިގެންފިއެވެ. ފަހެ އެކަމުގައި ހުރިވަރެއް ތިބާއަށް އެނގޭހެނެއް ތިމަންކަލޭގެފާނަށް އެނގިވަޑައި ނުގަންނަވައެވެ. އަދި ތިމަންކަލޭގެފާނުގެ އަމުރުފުޅު އަތުވުމުގެ ކުރިން އެބައިމީހުންނާ ހަނގުރާމަ ކޮށްގެން ނުވާނެ ނޫންތޯއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ މުއުމިނުންގެ ވެރިޔާއެވެ. އެއީ ކީއްވެގެންތޯއެވެ؟ ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރައްވާތީ ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. ((لَتَظْهَرَنَّ التُّرْكُ عَلَى الْعَرَبِ حَتَّى تَلْحَقَهَا بِمَنَابِتِ الشِّيحِ[5] وَالْقَيْصُوم[6]))[7] “ހަމަކަށަވަރުން ޢަރަބީންގެ މައްޗަށް ތުރުކީން ފާޅުވާނެއެވެ. ޤައިޞޫމާއި ޝައިޙުގެ ވިނަގަނޑު ކައިރިން ބައްދަލުވެއްޖައުމަށް ދާންދެނެވެ.” ފަހެ އެކަމާހުރެ އެބައިމީހުންނާ ހަނގުރާމަކުރުމަށް ތިމަންކަލޭގެފާނު ރުހިވަޑައި ނުގަންނަވަމެވެ.”[8]

އަދި ޢަބްދުﷲ ބިން ޒުބައިރު رضي الله عنه އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރައްވައެވެ. ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم އަރިހުގައި ތިމަންކަލޭގެފާނު އިށީދެވަޑައިގެން އިންނެވީމެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم މިފަދައިން ޙަދީޘް ކުރައްވާތީ ތިމަންމެން ބޭކަލުން އަޑުއެއްސެވީމެވެ. ((إِنَّ أُمَّتِي يَسُوقُهَا قَوْمٌ عِرَاضُ الْأَوْجُهِ، صِغَارُ الْأَعْيُنِ، كَأَنَّ وُجُوهَهُمُ الْحَجَفُ، (ثلاث مرات)، حَتَّى يُلْحِقُوْهُم بِجَزِيرَةِ الْعَرَبِ، أَمَّا السَّابِقَةُ الْأُولَى؛ فَيَنْجُو مَنْ هَرَبَ مِنْهُمْ، وَأَمَّا الثَّانِيَةُ؛ فَيَهْلِكُ بَعْضٌ وَيَنْجُو بَعْضٌ، وَأَمَّا الثَّالِثَةُ؛ فَيُصْطَلِمُونَ كُلُّهُمْ مَنْ بَقِيَ مِنْهُمْ)). قَالُوا يَا نَبِيَّ اللَّهِ! مَنْ هُمْ؟ قَالَ: ((هُمُ التُّرك)). قَالَ: ((أَما وَالَّذِيْ نَفْسِي بِيَدِهِ؛ لَيَرْبِطُنَّ خُيُولَهُمْ إِلَى سَوَارِي مَسَاجِدِ الْمُسْلِمِين)) “‘ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތް ފަހައި ބަޔަކު ދުވާނެތެވެ. (ތިންފަހަރެއްގެ މަތިންނެވެ.) ފުޅާ މޫނުތަކެއްގެ ވެރި އަދި ލޯކުދި ބައެކެވެ. އެބައިމީހުންގެ މޫނުތައްވާނީ އައްޑަނަތަކެއް ފަދައެވެ. ޢަރަބިކަރައިން އެބައިމީހުން ބައްދަލުވެއްޖައުމަށް ދާންދެނެވެ. ފުރަތަމަ ދިއަފަހަރު ދަންނައެވެ! ފަހެ އެބައިމީހުންގެ ތެރެއިން ފިލި މީހަކު ސަލާމަތްވެއްޖެއެވެ. އަދި ދެވަނަ ފަހަރު ދަންނައެވެ! އެއްބަޔަކު ހަލާކުވެ އަނެއްބަޔަކު ސަލާމަތްވެއެވެ. އަދި ތިންވަނަ ފަހަރު އެމީހުންގެ ތެރެއިން ބާކީތިބި މީހަކު ވިއްޔާ މަރައިލެވެއެވެ.’ ދެންނެވޫއެވެ: އޭ ﷲގެ ނަބިއްޔާއެވެ! އެއީ ކޮންބައެއް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. ‘އެއީ ތުރުކީންނެވެ.’ ޙަދީޘްކުރެއްވިއެވެ. ‘ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން އެބައިމީހުންގެ އަސްތައް މުސްލިމުންގެ މިސްކިތްތަކުގެ ތަނބުތަކަށް ބަނދެވޭހުއްޓެވެ.'”

ވިދާޅުވިއެވެ: ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަޑުއެއްސެވި، ތުރުކީންގެ ވެރިންގެ ކިބައިން ލައިގަންނާނޭ ބަލާވެރިކަމުގެ ވާހަކައިގެފަހުން، ހަނގުރާމައަށްޓަކައި، ބުރައިދާ އެކަލޭގެފާނުގެ އަތްޕުޅުން ދެތިން ސަވާރީއާއި ދަތުރުގެ ކޮއްތާއި ފެން ދޫނުކުރައްވަތެވެ.”[9]

=ނުނިމޭ=

__________________________________________

[1]   (الترك): މިބައިމީހުންގެ އަޞްލާ ބެހޭގޮތުން ޢިލްމުވެރީންގެ ތަފާތު ބަސްފުޅުތައް ވެއެވެ. އޭގެތެރޭގައި؛

ހ. އެބައިމީހުނީ يَافِثْ بن نُوح ގެ ދަރިކޮޅެވެ. ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ވަނީ އެދަރިކޮޅުންނެވެ. ފަހެ މިބައިމީހުންނީ އެމީހުންގެ (އެބަހީ ތުރުކީންގެ) ބޮޑުބޭބެގެ ދަރިންނެވެ.

ށ. އެމީހުންވަނީ قَنْطُوْرَاء ވަންހައިންނެވެ. ސަލާމާއި ޞަލަވާތްލެއްވި އިބްރާހީމް  ޚަލީލުﷲ ގެ ޖާރިޔާއެއްގެ ނަމެވެ. އެކަލޭގެފާނުގެ ފުށުން އެކަމަނާއަށް ދަރިން ލިބި އެމީހުންގެ ނަސްލުން ތުރުކީންނާއި ސީނުކަރައިގެ މީހުން އައެވެ.

ނ. އަދި ބުނެވެއެވެ: އެބައިމީހުންނީ تُبَّع ނަސްލެވެ.

ރ. އަދިވެސް ބުނެވެއެވެ: أَفْرِيْدُونَ بْنِ سَامِ بْنِ نُوح ގެ ދަރިކޮޅެވެ.

އަދި އެބައިމީޙުންގެ ޤައުމާ ބެހޭގޮތުން ބުނެވެނީ އެއީ ތުރުކިސްތާނު ކަމުގައެވެ. އެޤައުމުވަނީ ޚުރާސާންގެ އިރުމަތިން ގޮސް ސީނުކަރައިގެ ހުޅަނގަށެވެ. އަދި ހިންދުކަރައިގެ އުތުރުން ގޮސް މަޢުމޫރުގެ ނިމޭ ހިސާބަށެވެ.

ބައްލަވާ: ((النهاية في غريب الحديث)) (4 / 113)، و ((ترتيب القاموس المحيط)) (3 / 700)، و (معالم السنن) (6 / 68)، و ((معجم البلدان)) (2 / 23)، و ((النهاية / الفتن والملاحم)) (1 / 153) تحقيق د. طه زيني، و ((فتح الباري)) (6 / 104 و 608)، و ((الإشاعة)) (ص 35)، و ((الإذاعة)) (ص 82).

[2]  ((صحيح مسلم))، كتاب الفتن وأشراط الساعة، (18 / 37 – مع شرح النووي).

[3]  ((صحيح البخاري))، كتاب المناقب، باب علامة النبوة في الإسلام، (6 / 604 – مع الفتح).

[4]  ((مسند أحمد)) (5 / 70 – بهامشة منتخب الكنز) و اللفظ له، و ((صحيح البخاري))، كتاب الجهاد، باب قتال الترك، (6 / 104 – مع الفتح).

[5]  (الشَّيْح): އެއީ އަތަރުވަހެއް ހުންނަ ގަހެކެވެ. الطرقية الوخشيرك އެވެ ކިޔެނީ އެއަށެވެ. އަދި (ذَاتُ الشَيْح): އެއީ ޙަޒަނުކިޔާ ސަރަހައްދުގައިވާ ބަނޫ ޔަރްބޫޢުގެ ގެތައްކަމުގައެވެ. އަދި (ذُو الشَّيْح): އެއީ ޔަމާމާގައްޔާއި ޢަރަބިކަރާގައިވާ ތަނެކެވެ.

ބައްލަވާ: ((معجم البلدان)) (3 / 379).

[6]  (القَيْصُوْم): ބާދިޔާ ތެރޭގައި ހެދޭ ވަސްމީރު ގަސްތަކެކެވެ. މުފްރަދަކީ ޤައިޞޫމާ އެވެ. އަދި އެއީ الشيحة އާ ގުޅީފައިވާ ކޯރެކެވެ. އިރުމަތީ فيدގެ (މައްކާއާއި ކޫފާގެ ދެމެދުވާ މަގު މެދުގައިވާ ކުޑަ ރަށެކެވެ. އެފަދައިން ކިޔައި އުޅުނީ ޙައްޖުވެރީންނެވެ. أجا އަދި سلمى جبلي طيء އެތަނާ ވަރަށް ގާތެވެ.) ނިމޭހިސާބު ވަނީ އެދެތާންގެ މެދުގައެވެ.

ބައްލަވާ: ((معجم البلدان)) (4 / 282 و 422).

[7]   ((فتح الباري)) (6 / 609).

[8]   [ބައްލަވާ:] ((فتح الباري)) (6 / 609).

[9]   ((مسند أحمد)) (5 / 348 – 349 – بهامشه منتخب الكنز).

أبو الخطاب عمر بن دحية ވިދާޅުވިއެވެ: “މިއީ ޞައްޙަ ސަނަދެކެވެ.” ((التذكرة)) للقرطبي، (ص 593).

الهَيثَمِي ވިދާޅުވިއެވެ: ((މިޙަދީޘް، އަބޫދާވޫދު އަދި އަޙްމަދު އަދި ބައްޒާރު ޚުލާޞާގޮތެއްގައި ރިވާކުރައްވާފައި ވެއެވެ. އަދި މީގެ ރާވީންނަކީ ޞައްޙަ ރާވީންނެވެ.)) ((معجم الزوائد)) (7 / 311).

ނަމަވެސް އިމާމު އަޙްމަދުގެ ރިވާޔަތާއި އަބޫދާވޫދުގެ ރިވާޔަތުގައި ތަފާތުކަމެއް ވެއެވެ. ފަހެ އަބޫދާވޫދުގެ ރިވާޔަތުން ފާޅުގައި ދަލީލު ލިބިދެނީ، ޢަރަބިކަރައިން ބައްދަލުވެއްޖައުމަށް ދާންދެން ތިންފަހަރެއްގެމަތީން ތުރުކީން ފަހައި ދުވާ ބަޔަކީ މުސްލިމުންކަމެކެވެ. އޭގައި ވަނީ: ((يُقَاتِلُكُمْ قَوْمٌ صِغَار الأَعْيُن)) “ލޯކުދި ޤައުމެއްގެ ބަޔަކާ ތިޔަބައިމީހުން ހަނގުރާމަކުރާނޫއެވެ.” އެބަހީ ތުރުކީންނާއެވެ. ޙަދީޘްކުރެއްވިއެވެ. ((تَسُوْقُوْنَهُمْ ثَلاَثَ مَرَّات حَتَّى تُلْحِقُوْهُم بِجَزِيْرَةِ العَرَب…)) މާނައީ: “ޢަރަބިކަރައިން އެބައިމީޙުންނާ ބައްދަލުވެއްޖައުމަށް ދާންދެން ތިންފަހަރެއްގެ މަތީން އެބައިމީހުން ފަހައި ދުވާނެއެވެ.”

((سنن أبي داود))، كتاب الملاحم، باب قتال الترك، (11 / 412 – 413 – مع عون المعبود).

عون المعبود ގެ މުޞައްނިފު ވިދާޅުވިއެވެ: “ތިމަންނާ ގާތުގައި ރަނގަޅީ އަޙްމަދުގެ ރިވާޔަތެވެ. އަދި އަބޫދާވޫދުގެ ރިވާޔަތް ދަންނައެވެ؛ ފަހެ ބައެއް ރާވީންނާމެދު ވަހުމު ވަދެފައިވައިކަން ފާޅުވެއެވެ.

މިއަށް ބާރުދެނީ އަޙްމްދުގެ ރިވާޔަތުންނެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަޑުއެއްސެވި، ތުރުކީންގެ ވެރިންގެ ކިބައިން ލައިގަންނާނޭ ބަލާވެރިކަމުގެ ވާހަކައިގެފަހުން، ހަނގުރާމައަށްޓަކައި، ބުރައިދާ އެކަލޭގެފާނުގެ އަތްޕުޅުން ދެތިން ސަވާރީއާއި ދަތުރުގެ ކޮށްތާއި ފެން ދޫނުކުރައްވާ ކަމުގައި ވުމެވެ.

އަދިވެސް މިއަށް ބާރުދޭ ކަމަކީ އަބޫދާވޫދުގެ ބައެއް ރާވީންނާމެދު ޝައްކު ވަދެފައި ވުމެވެ. މިހެންވެ ((أَوْ كَمَا قَال)) “ނުވަތަ މިފަދަގޮތަކަށް ޙަދިޘްކުރެއްވި” ކަމުގައި ޙަދީޘްގެ ނިމުމުގައި ވިދާޅުވެފައި ވެއެވެ.

މިއަށް ބާރުލިބޭ އަނެއްކަމަކީ އިމާމު އަޙްމަދުގެ ރިވާޔަތުގައިވާ ގޮތަށް މިކަން ހިނގައި ދިއުމެވެ.” ((عون المعبود)) (11 / 414).

ދެން އެއަށްފަހު ތުރުކީން ފާޅުވުމާ ބެހޭގޮތުން ޛިކުރުކުރައްވާފައިވާ ކަންތައް ޤުރުޠުބީ ނަޤުލު ކުރައްވާފައި ވެއެވެ. އެބައިމީޙުން މުސްލިމުންނާ ދިމާއަށް ތިންފަހަރެއްގެ މަތިން ނުކުތެވެ. އަދި އެންމެފަހުން އެބައިމީހުން ނުކުތްފަހަރުގައި ބަޣުދާދު ސުންނާފަތިކޮށް، ޚަލީފާއިންނާއި ޢިލްމުވެރިންނާއި އަމީރުންނާއި ޢިއްޒަތްތެރިންނާއި އަޅުވެރީން ޤަތުލުކުރިއެވެ. އަދި ޤައުމުތަކަށް އަތްގަދަކޮށް ޝާމުކަރައިގެ ރަސްކަންވެސް ކުޑަ ދުވަސްކޮޅަކު ކުރިއެވެ. އަދި قُطْز ގެ ލަޤަބު ލިބިފައިވާ ކާމިޔާބު ރަސްގެފާނު، ޢައިނު ޖާލޫތު ހަނގުރާމާގައި އެބައިމީހުން ހުއްޓުވާފުމަށް ދާންދެން މިޞްރަށްވެސް އެމީހުންގެ ބިރުވެރިކަން ވަދެފައިވިއެވެ. އެކަލޭގެފާނަށް އެބައިމީހުންގެ މައްޗަށް ނަޞްރާއި ކާމިޔާބު ލިބިވަޑައިގެންނެވިއެވެ. ޠާލޫތަށް ނަޞްރު ލިބުނު ފަދައިންނެވެ. ދެންފަހެ އެޖަމާޢަތް ކަފިކަފިވެ އަދި ﷲ ތަޢާލާ، އެބައިމީހުންގެ ނުބައިކަމުން މުސްލިމުން ސަލާމަތް ކުރައްވައިފިއެވެ.

ބައްލަވާ: (التذكرة للقرطبي)) (ص 592 – 595)، و ((عون المعبود)) (11 / 415 – 416).