[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ މުހިއްމު ކަންތައް

” وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولاً أَنِ اعْبُدُواْ اللَّهَ وَاجْتَنِبُواْ الطَّاغُوتَ  ” (النحل : 36)

 މާނަ: ” އަދި ހަމަކަށަވަރުން ތިމަން އިލާހު ކޮންމެ އުއްމަތަކަށްވެސް ރަސޫލުބޭކަލުން ފޮނުއްވީމެވެ. އެއީ ތިމަން އިލާހު އަށް އެކަނި އަޅުކަން ކުރުމަށާއި ތޯޣޫތުންނަށް ކާފަރުވެ ދުރުހެލިވުމަށްޓަކައެވެ. “

(ތޯޣޫތަކީ ﷲ ތަޢާލާ ފިޔަވާ މީސްތަކުން އަޅުކަންކޮށްއުޅޭ ކޮންމެ ފަރާތެކެވެ. )

މަތީގައި ބަޔާންކުރެވުނު އާޔަތަށް ނަޒަރުހިންގާލާއިރު ވަރަށް މުހިންމު ނުޤުތާއެއް ހާމަވެގެންއެބަ ދެއެވެ. އާދެ އެއީ ﷲ ތަޢާލާ އެއްކައުވަންތަކުރުމަށް ދެވޭ ދަޢުވަތުގެ ވާހަކައެވެ. އެއީ ތަވްޙީދުގެ ވާހަކައެވެ. އާދެ ތަވްޙީދަކީ ﷲ ތަޢާލާގެ ޝަރީޢަތް އޭގެ މައްޗަށް ބިނާވެގެންވާ އަސާސެވެ. އަދި ނަބީބޭކަލުންގެ ދަޢުވަތު ގެ އަޞްލެވެ. އެހެނީ އެންމެހާ ރަސޫލުބޭކަލުންވެސް އެބޭކަލުންގެ ދަޢުވަތު ފައްޓަވާފައި ވަނީ ތަވްޙީދުންނެވެ. އެބޭކަލުންގެ ޤައުމަށް އެންމެފުރަތަމަ ގޮވާލެއްވީ ﷲ ތަޢާލާގެ އެއްކައުވަންތަކަމަށް އީމާންވެ ހަމައެކަނި އެއިލާހަށް އަޅުކަންތައް ޚާލިސްކުރުމަށެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ

” قُلْ إِنِّي أُمِرْتُ أَنْ أَعْبُدَ اللَّهَ مُخْلِصًا لَّهُ الدِّينَ” (سورةُ الزُّمَر11)

މާނަ : ” ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ  ﷲ ތަޢާލާ އަށް ދީން ޚާލިސް ކުރާ ހާލު އެއިލާހަށް އެކަނި އަޅުކަން ކުރުމަށެވެ. “

“فَأَرْسَلْنَا فِيهِمْ رَسُولاً مِنْهُمْ أَنِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَهٍ غَيْرُهُ أَفَلا تَتَّقُونَ” (سورةُ المؤمنون 32)

މާނަ  :ފަހެ، ތިމަންރަސްކަލާންގެ އެއުރެންގެ ގާތައް އެއުރެންގެ ތެރެއިން ރަސޫލަކު ފޮނުއްވީމެވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށޭ އަންގަވަމުންނެވެ. އެކަލާންގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ “

މިއީ އެންމެހާ ރަސޫލުބޭކަލުންގެވެސް ދަޢުވަތެވެ. މިކަމުންވެސް ތަވްޙީދުގެ އަހައްމިއްޔަތުކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. އެހެން ކަމުން މިކަމުގެ އަހަންމިއްތު ތިބާ އަށް އެނގުމަށްފަހު ތިބާގެ ގާތުގައި އެންމެ މުހިންމު ކަމެއްދެވިފައި ވާންޖެހޭނީ ތަވްޙީދު ދެނެގަނެ އޭގެ މަފްހޫމާއި އެއްގޮތައް ތިބާގެ ދިރިއުޅުން ބައްޓަންކުރުމެވެ. އެހެނީ އިސްލާމް ދީނުގެ އެއްމެފުރަތަމަ ރުކުނަކީ ޝަހާދަތުގެ ދެކަލިމަ އެވެ. އެ ދެކަލިމައަށް ހިތުން އިޤްރާރުވާހާލު ދުލުން އެދެކަލިމަ ކިޔައި އެދެކަލިމައިގެ މައްޗަށް ތިމާގެ ދިރިއުޅުން ބައްޓަންކުރަން ޖެހެއެވެ. ނަމާދާއި ޒަކާތާއި ރޯދައާއި ޙައްޖަކީ އެއަށްފަހުގައި އަންނަ ކަންކަމެވެ. لآ إِ لَه إِلاّ الله   ގެ މާނައަކީ  ވެސް “ﷲ ސުބްޙާނަހު ވަތަޢާލާ ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ.” މިފަދައިންނެވެ. މިކަލިމަ ދުލުން ކިޔާލައި ތިމަންނަ އީމާންވަމޭ ބުނެލައިގެން ، ޢަމަލުތަކުން އެއްކިބާވެ ހުރެ ފުއްދާލެވިދާނެކަމަށް ހީނުކުރާށެވެ. އެހެނީ ޤިޔާމަތްދުވަހުގައި ހުއްޖަތް ޤާއިމުކުރުމަށްޓަކައި ﷲ ތަޢާލާވަނީ އީމާންވަމޭ ދުލުން ބުނިބުން އެއީ ތެދުވެރި ބުނުމެއްތޯ އިމްތިހާން ކުރުމަށްޓަކައި ކަންތައްތަކެއް ކުރަން އަންގަވާ ކަންތައްތަކަކުން ދުރުވުމަށް އަންގަވާފައެވެ. ” أَ حَسِبَ النَّاسُ أَنْ يُتْرَكُوا أَنْ يَقُولُوا آمَنَّا وَ هُمْ لا يُفْتَنُونَ (2) وَ لَقَدْ فَتَنَّا الَّذينَ مِنْ قَبْلِهِمْ فَلَيَعْلَمَنَّ اللَّهُ الَّذينَ صَدَقُوا وَ لَيَعْلَمَنَّ الْكاذِبينَ (3)” (سورةُ العَنكبوت)

މާނަ : ” މީސްތަކުން ތިމަންމެން އީމާންވެއްޖައީމޭ ބުނުމުން އެއުރެން އިމްތިހާން ނުކުރައްވާ ދޫކުރައްވާނޭ ކަމަށް ހީކުރަނީހެއްޔެވެ؟  ހަމަކަށަވަރުން އެއުރެންގެ ކުރީގެ އުއްމަތްތަކުގެ މީހުން ތިމަންރަސްކަލާންގެ އިމްތިޙާން ކުރެއްވީމެވެ. ފެހެ އީމާންކަމުގައި ތެދުވެރިވި މީހުން ﷲ ދެނެވޮޑިގެންވެއެވެ. އަދި ހަމަކަށަަވަރުން ދޮގުވެރިވި މީހުންވެސް ﷲ ދެނެވޮޑިގެންވެއެވެ. “

ތަވްޙީދަކީ ﷲ ތަބާރަކަ ވަތަޢާލާ އަށް ޚާއްސަވެގެންވާ ކަންކަމުގައި އެއިލާހު އެއްކައުވަންތަކުރުމެވެ. އެއިލާހާއި އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ. ތިމާގެ ޢަމަލުންވިޔަސް ބަހުން ވިޔަސް އަދި ނިޔަތުން ވިޔަސް މެއެވެ.

ތަވްޙީދަކީ ކާއިނާތުގެ މިލްކުވެރި އިލާހުގެ ހައިބަވަންތަކަމާ ބޮޑުކަން ތިމާ ދެނެގަނެ އެ އިލާހު ސުބްހާނަހު ވަތަޢާލާ އަށް ޚާއްސަވެގެންވާ ކަންކަމުގައި އެއިލާހު އެއްކައުވަންތަކުރުމެވެ. އެއިލާހާ އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ. ﷲ ތަޢާލާއީ ޚާލިޤުކަމާއި ތިބާ އަށް ކާންދެއްވާ ބޯންދެއްވާ ރާޒިޤުކަމާއި ކާއިނާތާއި ކާއިނާތުގައި ވާހައި ތަކެއްޗެއްގެ މިލްކުވެރި އިލާހުކަމަށާއި މުޅި ކާއިނާތުގެ މުޅި ނިޒާމް އެއްމެ ފުރިހަމަ ގޮތުގައި ހިންގަވާ ފަރާތަކީ އެއިލާހުކަމަށް ތިމާ އިޤްރާރުވުމެވެ. މިކަން ކަމުގައި އެއިލާހާއި އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ. މިޘާލަކަށް މިވެނި ވެރިޔަކު ވެރިކަމުން ފައިބައިގެން ދިޔައީ ވާރޭ ވިލާތައްވެސް ހިފައިގެނޭ ނުވަތަ ކަނޑުގައި ވާ މަސްތައްވެސް ހިފައިގެނޭ ބުނެފި ކަމުގައި ވާނަމަ އެމީހަކަށް އެ ﷲ ތަޢާލާ އަށް ޚާއްސަ ކަންކަމުގައި އެހެން ފަރާތެއް ބައިވެރިކުރެވުނީއެވެ. މިއީ ކަނޑައެޅިގެން ޝިރުކުގެ ބަސްތަކެވެ. މަޖަލަކަށް ނުވަތަ ބަޔަކާ ޖެއްސުމަށް ބުނިކަމުގައި ވިޔަސް މިފަދަ ބަސްތަކަކީ ﷲ ތަޢާލާގެ ހަޟްރަތުގައި ބޮޑެތި ބަސްތަކެވެ. ” وَ ما قَدَرُوا اللَّهَ حَقَّ قَدْرِهِ إِذْ قالُوا ما أَنْزَلَ اللَّهُ عَلى بَشَرٍ مِنْ شَيْ ءٍ” (سورةُ الأنعَام91)

މާނަ : ” ﷲ އަށް ޤަދަރުކުރުން ހައްޤުގޮތުގައި އެބައިމީހުން އެއިލާހަކަށް ޤަދަރެއްނުކުރެތެވެ. އެމީހުން ، ﷲ އާދަމުގެ ދަރިޔަކަށް އެއްވެސް އެއްޗެއްބާވައި ނުލައްވައޭ ބުނި ހިނދުގައެވެ. “

އެހެނީ ކަނޑުގައި މަސް ލެއްވުމަކީ އަދި ވާރޭ ވެއްސެވުމަކީ އެއަށް ﷲ ތަޢާލާފިޔަވާ އެއްވެސް ފަރާތަކަށް  ބާރު ފޯރުވޭ އެއްޗެއްސެއްނޫނެވެ. އެހެނީ އަހަރެމެން ކިތައްމެ މަހަށް ބޭނުންވެފައިވާ އިރުވެސް އެއްވެސް މަހެއް ނުބޭނި އެބަ އަންނަން ޖެހެއެވެ. އަދި ވާރެ އަށް ކިތައްމެ ބޭނުންވިޔަސް ، އެ ވާރޭ ވެއްސެވެނީ އެއްކައުވަންތަ އިލާހު ﷲ ސުބްޙާނަހު ވަތަޢާލާ ފިޔަވާ ކޮންފަރާތަކަށް ހެއްޔެވެ!  އިބްރާހީމް ޢަލައިހިއްސަލާމްގެ ބަސްފުޅު ﷲ ތަޢާލާ ޤުރުއާނުގައި ޢިބްރަތެއްގެ ގޮތުގައި ބަޔާންކުރައްވާފައިވެއެވެ. ” الَّذِي خَلَقَنِي فَهُوَ يَهْدِينِ (78) وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ (79) وَإِذَا مَرِضْتُ فَهُوَ يَشْفِينِ (80) وَالَّذِي يُمِيتُنِي ثُمَّ يُحْيِينِ (81)” (سورةُ الشُّعَرَاء)

މާނަ : ” އެކަލާންގެއީ ތިމަން ހެއްދެވި ރަސްކަލާންގެއެވެ. އެކަލާންގެ ތިމަންނައަށް ހިދާޔަތް ދައްކަވަތެވެ. އަދި އެކަލާންގެއީ ތިމަންނައަށް ކާންދެއްވާ އަދި ބޯންދެއްވާ ރަސްކަލާންގެއެވެ. އަދި ތިމަން ބަލިވެއްޖެނަމަ ބަލިން ފަސޭހަކޮށްދެއްވަނީ އެކަލާންގެއެވެ. އަދި އެކަލާންގެއީ ތިމަން މަރުގަންނަވައި ދެން ތިމަން ދިރުއްވާނޭ ރަސްކަލާންގެއެވެ. “

ދަންނާށެވެ. ކިތައްމެ ގިނަބަޔަކު އެއްވެގެން ތިބާއަށް ފައިދާއެއް ހޯދައިދޭން ނުވަތަ ވަޒީފާ އެއް ހޯދައިދޭން ވިޔަސް މަސައްކަތްކުރިކަމުގައިވިޔަސް ﷲ ތަޢާލާގެ އިޒްނަފުޅާނުލާ ތިބާއަކަށް އެކަމެއް ހާސިލެއްނުވާނެއެވެ. އަދި ކިތައްމެ ގިނަބަޔަކު ތިބާއަށް ގެއްލުމެއްދޭން އުޅުނުކަމުގައި ވިޔަސް އެކަމެއްވެސް އެއިލާހުގެ އިޒްނަފުޅާއި ނުލާ ނުވާނެކަން ކަށަވަރެވެ. ދުނިޔޭގެ ޖާހާ މަޤާމާއި ވެރިކަން ހޯދުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކިތައްކިތައްމީހުންވޭހެއްޔެވެ. ޓެކްނޮލޮޖީގެ ފަސޭހަތަކާއިއެކު ދުނިޔޭގައި މަޖަލާއި އަރާމުގައި އުޅުމަށް އުންމީދުކުރަމުން އައި ކިތައްކިތައް ޒުވާނުން ތިބާގެ ކުރިމަތީގައި ދުނިޔެ އަޅާ ހިނގައްޖެ ހެއްޔެވެ. އެމީހުންނަށް ހަޤީޤީ އިޚްތިޔާރަކާއި ބާރެއްމިލްކުވެގެންވާނަމަ ވެރިކަމަށް އަރަންވީނޫންތޯއެވެ؟ ނުވަތަ އެ ޒުވާނުންތައް ދުނިޔޭގައި ތިބެންވީނޫންހެއްޔެވެ؟ ލޮބުވެތި އަޚުންނެވެ. އަހަރެމެންގެ މައްޗަށް ބާރުފޯރުވާ ގަދަފަދަ ވަންތަ އިލާހެއް ވޮޑިގެންވެއެވެ. އެއީ ﷲ ތަޢާލާއެވެ.  ދަންނާށެވެ. އެންމެހާކަމެއްގެ ނިމުން ވަނީ އެއިލާހަށެވެ. އަހަރެމެންނަށް ލިބިގެންވަނީ ކުޑަކުޑަ އިޚްތިޔާރެކެވެ. އޭގެ ބޭނުންކޮށްގެން އެއިލާހަށް ކިޔަމަންވުމުގެ މަގު އިޚްތިޔާރު ކޮށްގެން މެނުނުވީ ހަޤީޤީ ކާމިޔާބެއްނުލިބޭނެއެވެ.

އަދި ހަމަ އެއާއެކު ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ސިފަފުޅުތަކަކީ އެންމެ ހެޔޮ ފުރިހަމަވެގެންވާ އިސްމުފުޅުތަކާއި ސިފަފުޅުތައްކަމާއި އަދި އެއިލާހު އިސްމުފުލުތަކާއި ސިފަފުޅުތަކުގައި އެއްވެސް މަޚްލޫޤަކާއި އެއްފަދަވެގެންނުވާކަމަށް އިޤްރާރުވާން ޖެހެއެވެ.

އަދި ހަމަ އެއާއި އެކު ތިބާ އަދާކުރާ އަޅުކަންތަށްވެސް ޚާލިސްކުރަން ޖެހޭނީ ހަމަ އެކަނި ﷲ ތަޢާލާ އަށެވެ. އަޅުކަމުގައި މީސްތަކުންގެ ރުހުން ހޯދުމުގެ ނިޔަތުގައި އަދާކުރެވޭ އަޅުކަމަކީ ބާތިލު އަޅުކަމެކެވެ. ﷲ ތަޢާލާ އަށް ޚާލިސްކުރަންޖެހޭ އަޅުކަމެއްގައި އެހެންފަރާތަކަށް ބައި އަޅައިފިނަމަ އެވާނީ ޝިރުކަކަށެވެ. ޝިރުކަކީ ތަވްޙީދުގެ ދިމާ އިދިކޮޅެވެ. ޝިރުކު ކުރާ ހާލު ތަވްބާނުވެ މަރުވެއްޖެމީހާ އަކަށް ދުވަހަކުވެސް ސުވަރުގެ ނުވަދެވޭ ހުއްޓެވެ. ދުޢާ ދެންނެވުމުގައާއި ކަންކަމުގައި ވާތްގަށް އެދުމުގައާއި ބިރުވެތިވުމާއި ލޯބިވުމާއި ކިޔަަމަން ވުމާއި ތަބަޢު ވުމުގައި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ޙައްދުން ބޭރުވެގެން ނުވާނެއެވެ. ތިމާ ލޯބިކުރާ ޝަޚްޞިއްޔަތެއް ވިޔަސް ނުވަތަ ސިޔާސީ ފިކުރެއްވިޔަސް އެކަމުގައި މިންވަރެއް އޮންނަން ޖެހޭނެއެވެ. އަދި ބިރުވެތިވުމުގައިވެސް މިފަދައެވެ. އެއީ ﷲ ތަޢާލާ އާއި އެއިލާހުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ވާ ލޯތްބާއި އެއްފަދަ ލޯތްބަކަށް ވެގެންނުވާނެއެވެ. ކޮންމެ މީހަކުވިޔަސް މާތްވެގެންވާ އިސްލާމްދީނާއި ޚިލާފް ކަމެއް ކުރާކަމުގައި ވާނަމަ އެކަމާއި ނުރުހެން ޖެހޭނެއެވެ. އެހެނީ މުއުމިނުން އެއްމެ ބޮޑަށް ލޯބިވާ ފަރާތަކީ ﷲ ތަޢާލާއެވެ. ހަމަ އެފަދައިން ﷲ ތަޢާލާ ފިޔަވާ ޤަބުރުގައި އޮންނަމީހާ އަށް ދެއްނެވުމާއި މިފަދަ އެންމެހާކަންކަމަކީ ތައުޙީދު ބާތިލުކުރާ ކަންކަމެވެ. މިފަދަ ކަންކަމުން ދުރުވެހުރުން ހުއްޓެވެ. އެހެނީ އަޅުކަމަކީ ﷲ ތަޢާލާ އަށް ޚާއްސަކޮށް އަދާކުރަންޖެހޭ ކަމެކެވެ. އެއިލާހަށް ޚާއްސަވެގެންވާ ކަންކަމުގައި އެހެން ފަރާތެއްބައިވެރިކުރުމަކީ ޝިރުކެވެ.

ތަވްޙީދަށް އީމާންނުވާމީހާ ކުރާ ޢަމަލަކުން ﷲ ތަޢާލާގެ ހަޒްރަތުން އޭނާއަށް ލިބޭނޭ އެއްވެސް މަންފާއެއްނެތެވެ. ޝަހާދަތުގެ ދެ ކަލިމައަށް އިޤްރާރުވުމަކީ އިސްވެ ބަޔާންކުރެވުނު ކަންކަމާއިމެދު ތިބާގެ ހިތުގެ އަޑިން އިޤްރާރުވެ އެ އަސާސުގެ މައްޗައް ތިބާގެ އަޤީދާ ބިނާކުރުމެވެ. އިންސާނާ ޚަލްޤުކުރެއްވުނީ ބިންމަތީގައި ތަވްހީދު ޤާއިމުކުރުމަށެވެ. ﷲ ތަޢާލާ ވަހީ ކުރައްވާފައި ވެއެވެ. ” وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلاَّ لِيَعْبُدُونِ (56)” (الذاريات)

 މާނަ : ” އަދި ތިމަން އިލާހު އެއްކައުވަންތަކޮށް އަޅުކަންކުރުމަށް މެނުވީ ތިމަންއިލާހު އިންސާނުނާއި ޖިންނީން ނުހައްދަވަމެވެ، “

އެހެންކަމުން އަޅުގަނޑުމެން އެއްމެ އިސްކަމެއްދޭންޖެހޭނީ ތަވްޙީދު ހިތުގައި ބިންވަޅު ނެގުމަށެވެ. އެހެން ނޫންނަމަ އަޅުގަނޑުމެން ކުރާ ޢަމަލުތައްމަތީ ޘާބިތުވެތިބުމަކީ ވަރަށް ނާދިރުކަމެކެވެ. ވަރަށް ގިނަބަޔަކު ދީނުގެ ޙުކުމުތައް އެނގެންފެށުމުން ޢަމަލު ތައްކުރަން ފަށައެވެ. ނަމަވެސް ފެންނަނީ ދިމާވާ ކުޑަކުޑަ އިމްތިޙާނަކުން ދާދިއަވަހަށް އެކަމުން އެއްކިބާވަމުންދާ މަންޒަރެވެ. ދުނިޔޭގެ ލައްޒަތާއި މަލައްޒަތް ފެނުމުން މަގުން ކައްސާލާތަނެވެ. އޭގެ ސަބަބަކީ އަޅުގަނޑުމެން މި އަޅުކަންތައް އަދާކުރާ ފަރާތަކީ ކޮންފަދަ ރަސްކަމެއްގެ މިލްކުވެރި ފަރާތެއްކަން ނޭންގުމާއި ، އަޅުކަމުގެ އަސްލު މަޤްޞަދު ސާފުވެފައި ނެތުމުންނެވެ. ” وَ ما قَدَرُوا اللَّهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعاً قَبْضَتُهُ يَوْمَ الْقِيامَةِ وَالسَّماواتُ مَطْوِيَّاتٌ بِيَمِينِهِ” (الزمر 67)

މާނަ : ” ﷲ އަށް ޤަދަރުކުރުން ހައްޤުގޮތުގައި އެބައިމީހުން އެއިލާހަކަށް ޤަދަރެއްނުކުރެތެވެ. އަދި ޤިޔާމަތްދުވަހުން މުޅިބިން ވާހުށީ އެކަލާންގެ މުށްޕުޅުގެ ތެރޭގައެވެ. އަދި އުޑުތައްވާހުށީ ފައްޖަހާލެވިފައި ވާ ހާލު އެކަލާންގެ ކަނައަތްޕުޅުގެ ތެރޭގައެވެ.”

 ނަމަވެސް ތަވްޙީދު ހިތުގައި ބިންވަޅު ނެގިފައިވާ މިހާ ، އޭނާ ކޮންމެ ހާލެއްގައި ވިޔަސް ނުވަތަ ދަތި އުނދަގުލެއް ކުރިމަތިވިޔަސް އަދި މީސްތަކުންގެ ކިބައި މަލާމާތާއި ފުރައްސާރަ ރައްދު ކުރެވުނަސް އޭނާ އަށް ޘާބިތުކަން ލިބޭނެތެވެ. އެހެނީ ﷲ ތަޢާލާ ފިޔަވާ އެއްވެސް އާރެއްބާރެއް މިލްކުވެގެންވާ ފަރާތެއްނުވާކަމާއި ކިޔަމަންވުން ހައްޤު ފަރާތަކީ އެއީ ކަމާއި އެއިލާހަށް އުރެދޭ ކަމެއްގައި އެއްވެސް މަޚްލުޤަކަށް ކިޔަމަންވުމަކީ ހުއްދަވެގެން ނުވާނޭ ކަމެއްކަމާއި އެންމެހާކަމެއް އެނބުރި ރުޖޫޢަވަނީ ފަރާތަކީ އެއީ ކަން އޭނާގެ ހިތުގައި ވަނީ ބިންވަޅުނެގިފައެވެ. އެހެނީ ޤިޔާމަތް ދުވަހަކީ ދުނިޔޭގައި ޖައްބާރުވެ ﷲ ތަޢާލާގެ ޝަރީޢަތަށް ފައިން އަރާއުޅުނު ވެރިން ހަމަބިމައްތިރިވާނޭ ދުވަހެވެ. ” رَبِّ السَّمَاوَاتِ وَالأَرْضِ وَمَا بَيْنَهُمَا الرحْمَنِ لا يَمْلِكُونَ مِنْهُ خِطَابًا” (النبأ 37)

މާނަ : ” އުޑުތަކާއި ބިމާއި އެދެމެދުގައިވާހައި ތަކެއްޗެއްގެ ވެރި ރަޙްމާނުވަންތަ ރަސްކަލާންގެ ހަޟްރަތުންނެވެ. އެކަލާންގެ ހަޟްރަތަށް ބަސްބުނުމުގެ އެއްވެސް ބާރެއް އެއުރެންނަކަށް ލިބިގެނެއްނުވެއެވެ.”

ހަޤީޤީ ވެރިކަމަކީ ﷲ ތަޢާލާ ގެ ވެރިކަމެވެ. ” مَالِكِ يَوْمِ الدِّينِ ” (سورة الفاتحة)

މާނަ : ” ޤިޔާމަތްދުވަހުގެ ވެރި ރަސްކަލާންގެއެވެެ.”

ދުނިޔެ އާއި އާޚިރަތުގައިވެސް ވެރިކަމަކީ ﷲ ތަޢާލާގެ ވެރިކަމެވެ. އިރާދަކުރެއްވި އަޅަކަށް ދެއްވައެވެ. އިރާދަކުރެއްވި އަޅެއްގެ ކިބައިން ނަންގަވައެވެ.

އަޅުގަނޑުމެންގެ ދަރީން ތަރުބިއްޔަތު ކުރަންޖެހެނީ މި އަސާސުގެ މައްޗަށެވެ. ތަވްހީދުގެ ބިންގަލުގެ މައްޗަށެވެ.