[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة العاديات ގެ ތަފްސީރު – 4

 

﴿وَحُصِّلَ مَا فِي الصُّدُورِ﴾ އެބަހީ ހިތްތަކުގައިވާ ނިޔަތްތަކެވެ. އަދި ވަކީލުކުރުމާއި ހިތްޖެހުމާއި ނުރުހުންވުމާއި ބިރުގަތުމާއި ރައްކާތެރިކަމަށް އެދުމާއި މިބާވަތުގެ އެންމެހާ ހިތުގެ ޢަމަލުތަކެވެ. އަދި ހިތްތަކުގައިވާ ކަންކަމީ ބިންގާ ކަމުގައި، ﷲ ތަޢާލާ މިތާނގައި ލައްވާފައި ވެއެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ: ﴿يَوْمَ تُبْلَى السَّرَائِرُ﴾ ﴿فَمَا لَهُ مِن قُوَّةٍ وَلَا نَاصِرٍ﴾ [سورة الطارق: 9، 10] މާނައީ: “ހިތްތަކުގައިވާ ސިއްރުތައް ފާޅުކުރައްވައި، އިމްތިޙާނު ކުރައްވާ ދުވަހެވެ. ފަހެ، އޭނާޔަށް އެއްވެސް ބާރެއް، އަދި ނަޞްރު ދޭނޭ މީހަކުވެސް ނުވެއެވެ.”

އެހެނީ ދުނިޔޭގައި މީސްތަކުންނާމެދު ކަންތައްވެވޭ ހުށީ ބޭރުފުށުން ފެންނަންހުރި ގޮތެއްގެ މައްޗަށެވެ. މުނާފިޤެއް ކަމުގައި ވީނަމަވެސް މުސްލިމެއްގެ ގޮތުގައި މުޢާމަލާތް ކުރެވެއެވެ. އެހެނެއްކަމަކު އާޚިރަތްދުވަހުގައި ޢަމަލުކުރެވޭހުށީ ހިތުގައިވާ އެއްޗެއްގެ މައްޗަށެވެ. މިހެންކަމުން ޢަމަލު ކުރުމުގެ ކުރިން ހިތުގެ ނިޔަތާމެދު ސަމާލުވުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވެއެވެ. އެހެނީ ހަމަކަށަވަރުން ހުރިހާ ކަމެއް ދައުރުވުން ވަނީ ހިތުގެ ތެރެއިންނެވެ. އަދި ޤިޔާމަތް ދުވަހުގައި ޖަޒާލިބުންވާހުށީ ވެސް އޭގައިވާގޮތަށެވެ. މިހެންވެ ވަޙީކުރައްވައި އަންގަވަނީ: ﴿وَحُصِّلَ مَا فِي الصُّدُورِ﴾ “އަދި ހިތްތަކުގައިވާ ސިއްރުތައް އެއްކޮށް ފާޅުކުރައްވާހިނދެވެ.”

ދެންފަހެ މިދެއާޔަތް، އެއްއާޔަތް އަނެއް އާޔަތާ މުހިންމު ގުޅުމެއް ވެއެވެ. [އެއީ] ޤަބުރުތަކުން ނެރެލެވުމަކީ ބިމުގެ އަޑިން ހަށިތައް ނެރެލެވުމެވެ. އަދި ހިތްތުގައި ފޮރުވިފައިވާ ސިއްރުތައް ފާޅުވުމީ އެއީ ހިތުގައިވާ ކަންކަން ނެރެލެވުމެވެ. ފަހެ [ދެވަނަފަހަރަށް] ފޮނުއްވުމީ ބިމުގައި ފޮރުވިފައިވާ ކަށްވަޅުތަކުން ފޮނުއްވުމެވެ. އަދި މިތަނުގައި މިވަނީ ހިތްތަކުގައި ފޮރުވިފައިވާ ކަންކަމުގެ ވާހަކައެވެ. ދެއާޔަތުގެ ގުޅުން ފާޅުވެ ބަޔާންވެގެން ވެއެވެ.

﴿إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌ ﴾ އެބަހީ ހަމަކަށަވަރުން ﷲ ތަޢާލާއީ އެބައިމީހުންގެ ކަންކަން، އެބަހީ އަޅުތަކުންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އާޔަތުގައި އައިސްފައިވަނީ ﴿بِهِمْ﴾ (މާނައީ: އެބައިމީހުން) ނެވެ. އިންސާނާ މިލަފްޒު އެންމެ ފަރުދަކަށް ވުމާއެކުވެސް ((بِهِ)) (އެނާ) އޭ ވަޙީ ނުކުރައްވައެވެ. އެއީ އެކަމުގައި މާނައަށް ރިޢާއަތް ކުރެވިފައިވާތީއެވެ. އެހެނީ ﴿إِنَّ الْإِنسَانَ﴾ ގެ މުރާދަކީ މިތަނުގައި ކޮންމެ އިންސާނެކެވެ. އަދި އެދުވަހާއި ޢިލްމު ގުޅުވާފައި ވަނީ އެހެނީ އެއީ ޙިސާބު ބެއްލެވި ޖަޒާލިބޭ ދުވަހެވެ. ﴿إِنَّ رَبَّهُم بِهِمْ يَوْمَئِذٍ﴾ “ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެއީ، އެދުވަހުން [އެއުރެންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ.]” މިހެން ނޫނަސް ﷲ ތަޢާލާއީ އެދުވަހާއި އޭގެ ކުރީގައިވާ ކަންކަމާމެދުވެސް މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ކަލެކެވެ. ފަހެ އެކަލާނގެއީ އިސްވެ ގޮސްފައިވާ ކަންތަކާއި ފަސްވެ އަންނާނޭހާ ކަމަކާއި ކަންވެނިމޭނޭގޮތް މޮޅަށް ދެނެވޮޑިގެންވާ މަތިވެރި ރަސްކަލާނގެއެވެ.

ދެންފަހެ މިއީ މިމަތިވެރި ސޫރަތުގެ ކުރު ތަފްސީރެކެވެ. މިބަސްފުޅުތަކާމެދު އިތުރަށް އެނގެން ބޭނުންވާ މީހާ ތަފްސީރު ފޮތްތަކުގައި ހިއްޕަވާށެވެ. އަދި މިތަނުގައި އަޅުގަނޑު އިޝާރާތްކޮށްފައި މިވަނީ ޚުލާޞާ މާނަ ކުރުމަކަށެވެ.

ﷲ ގެ ޙަޟްރަތުން އެދި ދަންނަވަނީ ހިދާޔަތާއި ތައުފީޤުގެ ނިޢުމަތް ދެއްވުމެވެ. އަދި ﷲގެ ފޮތް ޙައްޤުގޮތުގައި ކިޔަވައި އުޅޭ ބައެއް ކަމުގައި އަޅަމެން ލެއްވުމެވެ. އެކަލާނގެއީ އެންމެހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

 -ނިމުނީ-

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة العاديات ގެ ތަފްސީރުގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް