[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޒައްރާތަކާއި ކާއިނާތާއިހުރި ގުޅުން.

މާތްﷲ މި ކައުނު އުފައްދަވާ، ކައުނިގައިވާ ކޮންމެ އެއްޗެއްވެސް ލައަވައިފަނީ އޭގެ އެންމެ ފުރިހަމަ ބޭނުން ހިފޭނެކަހަލަ ނިޒާމެއްގެ ދަށުންނެވެ. މާތްﷲ އެއްވެސް އެއްޗެއް ބޭކާރުގޮތުގައި ޚަލްޤެއް ނުކުރައްވައެވެ. މާތްﷲ ޚަލްޤު ކުރައްވާފައިވާ ކޮންމެ އެއްޗަކީވެސް އިންސާނުން އެކަމާއިމެދު ވިސްނައި ފިކުރު ކުރުމުގެ ބޭނުމުގައި މާތްﷲ ޚަލްޤު ކުރައްވާފައިވާ ތަކެއްޗެކެވެ.

ކައުނުގައިވާ ކޮންމެ އެއްޗަކަށް ނަޒަރު ހިންގައިލި ކަމުގައިވީނަމަވެސް އަޅުގަނޑުމެންނަށް ފެނިގެންދަނީ ކޮންމެ އެއްޗެއްވެސް ތަފާތު އެކި ބައްޓަން ތަކުގައި، ތަފާތު އެކި ބޭނުން ތަކަށް އެއެއްޗެއްގެ ބޭނުން ހިފެމުންދާތަނެވެ. އަޅުގަނޑުމެންގެ ލޮލަށް މިފެންނަ ތަކެއްޗާމެދު ފުންކޮށް ވިސްނުން ބަހައްޓައި ފިކުރުކޮށް ހަދަނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންތޯއެވެ؟

ޒައްރާއަކީ ކޮންމެ އެއްޗެއްގައިވެސް އެކުލެވިގެންވާ، ކޮންމެ އެއްޗެއްގެވެސް އެންމެ ކުޑަ މިންވަރަށް ކިޔައި އުޅޭ ނަމެވެ. ނިކަން ވިސްނަވާ ބައްލަވާށެވެ. ޒައްރާގެ ހަގީގަތް އިންސާނުންނަށް އެނގެންފެށީ ދާދި އިހަކަށްދުވަހުއެވެ. އެއީ ކިހާ ކުޑަ އެއްޗެއްކަމާއި، އޭގައި އެކުލެވިގެންވަނީ ކޮންކޮން އެއްޗެއްކަން ނޭނގޭ މީހަކު މިއަދު މަދު ވާނެއެވެ. އެހެންނަމަވެސް ކީރިތި މާތް ނަބިއްޔާ ރަސޫލު ކަމާއިގެން ފޮނުއްވުނު ދުވަސްވަރު އުޅުއްވި ޞަޙާބީންނަށް، ޒައްރާ އަކީ ކޮންއެއްޗެއްކަމާއި، އޭގައި އެކުލެވިގެންވަނީ ކޮންއެއްޗެއްކަން ފަހަރެއްގައިވެސް އެ ބޭފުޅުންގެ ހިތްތަކަށް ތަޞައްވުރު ވެގެން ގޮސްފައެއްނުވެއެވެ. ކީރިތި ރަސޫލާ ދުނިޔޭގައި ހުންނެވި ދުވަސްވަރަކީ ސައިންޓިފިކް ގޮތުން އިންސާނުން ކުރި އަރައިގެން ގޮސްފައިވާ ޒަމާނަކަށް ނުވާތީއާއި، އެދުވަސްވަރުގައި މިބާވަތުގެ ޢިލްމު ހޯދިފައި ނުވާތީއާއި އަދި މީގެ އިތުރުން ސައިންޓިފިކް އެކިއެކި އާލާތްތައް ނެތުމުގެ ސަބަބުން އެބޭކަލުންނަށް ޒައްރާ އަކީ ކޮންއެއްޗެއްކަން ތަޞައްވުރު ނުވެވި ވަނީ  ގޮސްފައެވެ. އެހެނެއްކަމަކެ ކީރިތި ޤުރުއާނުގައި ޒައްރާ އަށް މިސާލުޖައްސަވައި އަންނަނިވި އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

 وَقَالَ الَّذِينَ كَفَرُ‌وا لَا تَأْتِينَا السَّاعَةُ ۖ قُلْ بَلَىٰ وَرَ‌بِّي لَتَأْتِيَنَّكُمْ عَالِمِ الْغَيْبِ ۖ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّ‌ةٍ فِي السَّمَاوَاتِ وَلَا فِي الْأَرْ‌ضِ وَلَا أَصْغَرُ‌ مِن ذَٰلِكَ وَلَا أَكْبَرُ‌ إِلَّا فِي كِتَابٍ مُّبِينٍ ﴿٣  سورة سبإ

މާނައީ: ” كافر ވި މީހުން ބުނޫއެވެ. قيامة ވުމުގެ ވަގުތު ތިމަންމެންނާ ހަމަޔަކަށް ނާންނާނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އަދި ކިއެއްތަ! އެހެންނަކުންނޫނެވެ. ތިމަންގެ ވެރިރަސްކަލާނގެ ގަންދެއްވަމެވެ. އެވަގުތު (އެބަހީ: قيامة ވުމުގެ ވަގުތު) ތިޔަބައިމީހުންނާ ހަމަޔަށް އަންނާނެކަން ކަށަވަރެވެ. އެކަލާނގެއީ، غيب ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އުޑުތަކާއި، ބިމުގައިވާ ذرّ އެއްގެ މިންވަރުވެސް، އަދި އެއަށްވުރެ ކުޑަޔަސް އަދި އެއަށްވުރެ ބޮޑަސް، އެކަލާނގެއަށް ވަންހަނާވެގެންނެއް ނުވެތެވެ. بيان ވެގެންވާ ފޮތެއްގައި އެތަކެތި ލިޔުއްވާފައިވާ ކަމުގައި މެނުވީ ނުވެތެވެ.

މިއާޔަތުގައި ޒައްރާ އޭ ބަޔާންކޮށްފައި އޮތުމުން އޭގެން ދޭހަވެގެންދަނީ މާތްﷲގެ ޢިލްމު ފުޅުގައިނުވާ ހަމަ އެކައްޗެއްވެސް ނުވާކަމެވެ. އަޒަލުއްސުރެ އެކަލާނގެ ޢިލްމުފުޅުގައި ހުރިހައިކަމެއް ވާކަމާއި އިންސާނާއަށް ލިބިގެންވާ ޢިލްމަކީ މާތްﷲ ޢިލްމުފުޅާއި އަޅައި ކިރައި ވަޒަން ކުރެވޭނެއެއްޗެއް ނޫންކަން މިއަދުމިވަނީ އަޅުގަނޑުމެންނަށް ޤަބޫލުކުރަން މަޖުބޫރުވެފައެވެ. ދާދި އިހަކަށްދުވަހު ސައިންޓިފިކް އާލާތްތަކުގެ އެހީގައި ހޯދައިގަނެވުނު ޒައްރާތަކުގެ ސަބަބުން އިންސާނުންގެ ނުކުޅެދޭކަން އިހަށްވުރެ ވަކީން ބޮޑަށް ސާބިތުވެގެން ހިނގައްޖެއެވެ. އިންސާނުންގެ ނުކުޅެދޭކަމާއި މާތްﷲ ގެ މަތިވެރިކަން އަޅުގަނޑުމެންނަށް ހާމަވެގެންދަނީ މި ޒައްރާތަކާމެދު އަޅުގަނޑުމެންގެ ނުކުޅެދޭ ސިކުނޑިތަކުން އިތުރަށް ވިސްނައި ފިކުރު ހިންގާލުމުންނެވެ.

އިގިރޭސިބަހުން ޒައްރާއަށް ކިޔަނީ “އެޓޮމް” އެވެ. އަދި ޒައްރާގައި އެކުލެވިގެންވާ ކުދި ކުދި އެތިކޮޅުތަކަށް ކިޔަނީ ” ސަބް އެޓޮމިކް ޕާރޓިކަލް” އޭއެވެ. މި އާރޓިކަލް ކިޔާ މީހުންނަށް ފަސޭހަވެ އަދި އަޅުގަނޑުގެ މަސައްކަތައްވެސް ލުޔެއް ލިބިގެންދާނެކަމުގެ އުއްމީދުގައި އާއި އަދި މި ނޫން އެހެންވެސް ސަބަބު ތައް ހުރުމާއިއެކު މި ލިޔުމުގެ ބާކީ އޮތްބައިގައި އަޅުގަނޑު ބޭނުން ކުރަމުން އަންނަނީ މި ބަޔާން ކުރެވުނު، އިނގިރޭސި ނަން ތަކެވެ.

އެޓޮމްއާބެހޭގޮތުން ތަފާތު ހޯދުންތައް ސައިންޓިސްޓުންނަށް ހޯދައިގަނެވޭވަރުވީ 17 ވަނަ ގަރުނުގެ ފަހު ކޮޅާއި އަދި 18 ވަނަ ގަރުނުގެ ކުރީކޮޅު ކުރެވުނު ތަހުލީލު ތަކުންނެވެ. މީގެ އިތުރުން އެޓޮމް އެކުލެވިގެންވަނީ ސަބް އެޓިމޮކް ޕާރޓިކްލް ތަކަކުން ކަން ސައިންސްވެރީންނަށް ހޯދިގަނެވިފައިވަނީ 19 ވަނަ ގަރުނުގެ ފަހުކޮޅާއި 20 ވަނަ ގަރުނުގެ ކުރީކޮޅު ހޯދައިގަނެވުނު ހޯދުންތަކުގެ އަލީގައެވެ. އަދި މިއަދާ ހަމައަށްވެސް މި ތަކެތީގެ ތަހުލީލިތައްކުރެވި މިތަކެއްޗާއިބެހޭ ތަފާތު އެތައް ދިރާސާތައް ދަނީ ކުރެވެމުންނެވެ.

އަރިމަތީގައިއެވަނީ އެޓޮމް އާއި އެޓޮމްގައި ހެމިނޭ ސަބް އެޓޮމިކް ޕާރޓިކްލް ތައް އެކުލެވިގެންވާ ގޮތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ތަސްވީރެކެވެ. މި ތަސްވީރުގެ އެހީގައި އެޓޮމްގައި އެކުލެވިގެންވާ ސަބް އެޓޮމިކް ޕާރޓިކްލް ތައް އެތުރިގެންވާގޮތް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ފަހުމުވެގެންދެއެވެ. ތަސްވީރުގައިވާ ފަދައިން އެޓޯމްގެ މެދުގައިވަނީ ނިއުކްލިއަސް އެވެ. ނިއުކްލިއަސް އެކުލެވިގެންވަނީ ޕްރޮޓޯންސް އާއި ނިއުޓްރޯންސް އޭ ކިޔާ ކުދި ކުދި އެތިކޮޅު ތަކަކުން ނެވެ. ތަސްވީރުގައި މި އެތިކޮޅުތައް ފާހަނގަ ކުރެވިފައިވަނީ ނޫ ކުލައިންނެވެ. ނިއުކްލިއަސްގައި 2 ވައްތަރެއްގެ ޗާރޖް އެއް އެކުލެވިގެންވާ އެތިކޮޅުތައްވެއެވެ. އެއްވަތަރެގެ ޗާރޖް އަކީ ޕޮސިޓިވް ނުވަތަ ޕްލަސް ޗާރޖްއެވެ. މި ވައްތަރުގެ ޗާރޖް ތައް އެވަނީ ” + ” ގެ ގޮތުގައި ފާހަނގަ ވެވިގެންނެވެ. ނިއުކްލިއަސްގައި ބާކީ ހުންނާނީ ޒީރޯ ޗާރޖް ނުވަތަ ނިއުޓްރަލް ޗާރޖް އޭގައި އެކުލެވިގެންވާ އެތިކޮޅުތަކެއް ކަމުގައިވާ ނިއުޓްރޯންސްއޭ ކިޔުނު އެތިކޮޅު ތަކެކެވެ. މިބަޔާން ކުރެވުނު ނިއުކްލިއަސް އަބަދުވެސް ވާނީ އެޓޮމްގެ މެދުގައެވެ

 ނިއުކްލިއަސް ގެ ވަށައިގެން ރޮނގުބިރިއެއްގެ ސިފާގައިވާ އެތިކޮޅުތަކަކީ އިލެކްޓްރޯން އޭ ކިޔުނު ނެގެޓިވް ނުވަތަ މައިނަސް ޗާރޖް އޭގައި އެކުލެވިގެންވާ އެތިކޮޅުތަކެކެވެ. މި އެތިކޮޅުތައް ބުރު ޖަހަމުންދާނީ މެދުގައި އެވާ ނިއުކްލިއަސް ވަށައިގެންނެވެ. މި ބަޔާންކުރެވުނު ނިއުކްލިއަސް އާއި އިލެކްޓްރޯންއަކީ އެޓޮމްއެއްގެ %0.01 އެވެ. އެޓޮމްގައި އެކުލެވިގެންވާ ބަކީ %99.9 އަކީ އެއްވެސް އެއްޗެއް އެކުލެވިގެންނުވާ ހުސް ތަންތަނެވެ. އެހެން ގޮތަކަށް ބުނާކަމުގައިވާނަމަ އެއީ ހުސް   ” ވެކިއުމް އޭރިއާ ” އެކެވެ.

ނިއުކްލިއަސް ވަށައިގެން ދަތުރު ކުރަމުންދާ އިލެކްޓްރޯންސް ދަތުރު ކުރަމުންދަނީ ކޮންމެ އިލެކްޓްރޯންއެއްވެސް އޭގެ އަމިއްލަ ބުރުޖުގައެވެ. މިގޮތަށް ދަތުރު ކުރަމުންދާއިރު އެއް އިލެކްޓްރޯން އަނެއް އިލެކްޓްރޯންއާއި މުޑިޖެހި އޭގެ ބުރުޖުން ނެއްޓިގެން ނުދެއެވެ. މިގޮތަށް ކަންތައް ހިނގައި ދިއުމަކީ ހަމަ އެއްގޮތަކަށްވެސް ނުވާނޭ ކަމެކެވެ. ނުވަތަ އިމްޕޮސިބަލް ކަމެކެވެ. ކޮންމެ އިލެކްޓްރޯންއަކަށްވެސް އެ އިލެކްޓްރޯންއަކަށް ލިބިގެންވާ ބުރުޖުގައި، ނިއުކްލިއަސްއާއި ވަކި ހިސާބު ދުރުމިނެއްގައި އިލެކްޓްރޯން ދަތުރު ކުރަމުންދެއެވެ. މިގޮތަށް އިލެކްޓްރޯންސް ދައުރުވާއިރު އެއްވެސް އިލެކްޓްރޯންއެއް ނިއުކްލިއަސް އާއި ކައިރިއަށް ނުވަތަ ދުރަށް ދަތުރެއް ނުކުރެއެވެ.

ނިއުކްލިއަސް އާއި އިލެކްޓްރޯންގެ ދުރުމިނަށް ބަލައިލައިފި ކަމުގައިވަނީނަމަ މި ދުރުމިނަކީ  ދުރުމިނުގެ ކުޑަކަމުންެ އަޅުގަނޑުމެންގެ ނުކުޅެދޭ ސިކުނޑިތަކަށް ތަޞައްވުރު ކުރެވޭނެ ދުރުމިނެއްނޫނެވެ. ނިއުކްލިއަސް އާއި އިލެކްޓްރޯންސް އާއި ދެމެދުގައިވާ ދުރުމިން އަޅުގަނޑުމެންނަށް ވަޒަން ކުރެވޭނީ އަޅުގަނޑުމެންގެ ލޮލަށް ފެންނަ ތަކެތި ބޭނުންކޮށްގެން މިސާލުޖަހައި ބަޔާންކޮށްދިނުމުންނެވެ.

މިސާލަކަށް މޭޒެއްގެ މަތީގައި އޮތީ ބައި ރުފިޔާއެކެވެ. މި ބައި ރުފިޔާ އަކީ ނިއުކްލިއަސް ކަމުގައި އަޅުގަނޑުމެން ދެކެމާ ހިނގާށެވެ. އެހެން ކަމަށްވާނަމަ އެންމެ ކައިރިންވެސް މި ބައި ރުފިޔާ އާއި ބުރު ޖަހަމުންދާ އިލެކްޓްރޯން ބުރު ޖަހަމުންދާނީ ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުންނެވެ. ބައި ރުފިޔާގެ ފުޅާމިނުގައި ހުންނާނީ އެންމެ 2 ނުވަތަ 3 ސެންޓިމީޓަރެވެ. ސެންޓިމީޓަރުން ވަޒަން ކުރާ ކަމުގައިވަނީނަމަ އެންމެ ކައިރީގައިވާ އިލެކްޓްރޯން ބައި ރުފިޔާ އާއި ދައުރުވަމުންދާނީ އެންމެ މަދުވެގެންވެސް 2 ލައްކަ ސެންޓިމީޓަރު ދުރުންނެވެ. ދެން ބާކީ އޮތް ތަނަކީ އެއްވެސް އެއްޗެއް އެތަނެއްގައި އެކުލެވިގެންނުވާ ވެކިއުމް އޭރިއާއެކެވެ. އެއީ އިސްވެ ބަޔާންކުރެވުނު %99.9 ގެ ގޮތުގައި އެކުލެވިގެންވާ ވެކިއުމް އޭރިއާއެވެ.

މިބަޔާން ކުރެވުނީ ކުޑަކުޑަ ޒައްރާއެއްގެ ނުވަތަ އެޓޮމްއެއްގެ ސިފައެވެ. ދެން އަޅުގަނޑުމެންގެ ކާއިނާތަށް ނިޒަރެއް ހިންގަވަމާ ބައްލަވާށެވެ. ކާއިނާތުގައިވާ ތަކެތީގައި އެކުލެވިގެންވާ ސިފަތަކާއި މިބަޔާން ކުރެވުނު އެންމެ ކުޑަ ޒައްރާއެއްގެ ސިފައާއި ތަފާތުވެގެންވަނީ ކޮން ކަމެއްތޯއެވެ؟

ތިރީގައި އެވަނީ އަޅުގަނޑުމެންގެ ކާއިނާތުގައިވާ ތަފާތު 4 ވައަތަރުގެ ސޯލާރ ސިސްޓަމްއެއް އޭގައި އެކުލެވިގެންވާ ތަސްވީރެކެވެ. އެޓޮމްގައި ނިއުކްލިއަސް އާއި އިލެކްޓްރޯން ވާފަދައިން ކޮންމެ ސޯލާރ ސިސްޓަމެއްގައި ވެސް އިރާއި އިރުގެ ވަށައިގެން ދައުރު ވަމުންދާ ޕްލެނެޓްތަކެއްވެއެވެ. ސިފައިގެ ފޮތުން އިސްވެ ބަޔާން ކުރެވުނު އެޓޮމްއާއި މި ބިޔަ ސޯލާރ ސިސްޓަމްތަކާއި ހުރި ތަފާތަކީ ކޮބައިތޯއެވެ؟ އެންމެ ކުޑަ ޒައްރާއިން ފެށިގެން އެންމެ ބޮޑު ސޯލާރ ސިސްޓަމްއަށް ބަލައިލި ކަމުގައިވިޔަސް ކޮންމެ އެއްޗެއްވެސް އެކުލެވި ދައުރުވެގެންދަނީ ވަކި ނިޒާމެއްގެ ދަށުންކަމާއިމެދަކު ޝައްކެތް ނެތެވެ. މިހުރިހާ ކަމަކުން އަޅުގަނޑުމެންނަށް އެނގިގެންދަނީ އެންމެ ކަމެކެވެ. މާތްﷲ ގެ ކުޅަދުންވަންތަކަމެވެ. މާތްﷲ ގެ ކުޅަދުންވަންތަކަމާއެވެ.

الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْ‌ضِ وَلَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِ‌يكٌ فِي الْمُلْكِ وَخَلَقَ كُلَّ شَيْءٍ فَقَدَّرَ‌هُ تَقْدِيرً‌ا ﴿٢ سورة الفرقان

މާނައީ: ” އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް ملك ވެގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ދަރިކަލަކު ނުހިއްޕަވައެވެ. އަދި ވެރިކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި އެކަލާނގެ ކޮންމެ އެއްޗެއް ހެއްދެވިއެވެ. ފަހެ، އެކަލާނގެ އެތަކެތި ވަރަށް ފުރިހަމަޔަށް މިންވަރު ކުރެއްވިއެވެ.