[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ތަޢާލާ މަތިވެރިކުރުމާއި އެއިލާހަށް ފުރައްސާރަކުރާ މީހާގެ ޙުކުމް (4 ވަނަ ބައި )

ar_t3zeem_Allah_t3alee

ﷲ ތަޢާލާ އަށް ފުރައްސާރަކުރާ މީހާ ކާފަރުވާނެ ކަމަށް ޢިލްމުވެރިން އިޖުމާޢުވެވަޑައިގަތުން.

އީމާންކަމަކީ  ދުލުން ބުނާ ބަސްތަކާއި އެހެން ގުނަވަންތަކުން ކުރާ ޢަމަލުތައް ހިމެނޭ އެއްޗެއްކަމުގައި ބުނާ ހުރިހާ މަޒްހަބެއްގެ ޢިލްމުވެރިންވެސް އިއްތިފާޤުވެފައިވާ ގޮތުގައި ﷲ ތަޢާލާ އަށް ފުރައްސާރަކުރުމަކީ ކުފުރުގެ ޢަމަލެކެވެ. އަދި ﷲ އަށް ފުރައްސާރަކުރާ މީހާ ދައްކާ ޢުދުރަކަށް ނުވަތަ އެއިލާހަށް ޞަރީހާކޮށް އުނިކަމެއް ނިސްބަތްކޮށްފިމީހާ ދައްކާ ޢުޒުރަކަށް އޭނާ ކާފަރުވުމުގައި ނުބެލެވޭނެކަމުގައި މި މަޒްހަބުތައް އިއްތިފާޤުވެފައިވެއެވެ.

حرب އެކަލޭގެފާނުގެ “مسائل” ގައި މުޖާހިދުގެ އަރިހުން ޢުމަރު ރަޟިޔަﷲޢަންހު ވިދާޅުވިކަމަށް ރިވާކުރައްވާފައިވެއެވެ. ” ﷲ އަށް ފުރައްސާރަކޮށްފި މީހަކު، ނުވަތަ އެއިލާހުގެ ނަބީބޭކަލުންގެ ތެރެއިން ނަބީބޭކަލަކަށް ފުރައްސާރަކޮށްމީހަކު ފަހެ ތިޔަބައިމީހުން އޭނާ ޤަތުލުކުރާށެވެ.” [ الصارم المسلول ގައި މިފަދައިން ވެއެވެ. ޞ.102]

އިބްނު ޢައްބާސް ރަޟިޔަﷲޢަންހުމާ ވިދާޅުވިކަމުގައި މުޖާހިދުގެ އަރިހުން ލައިޘް ރިވާކުރައްވާފައިވެއެވެ. ” މުސްލިމުންގެ ތެރެއިން މީހަކު ﷲ އަށް ފުރައްސާރަކޮށްފި ކަމުގައިވަނީނަމަ، ނުވަތަ ނަބީބޭކަލުންގެ ތެރެއިން ބޭކަލަކަށް ފުރައްސާރަކޮށްފިކަމުގައިވަނީނަމަ އެމީހަކު ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ދޮގުކޮށްފިއެވެ. އަދި އޭނާ ކުރިކަމަކީ މުރުތައްދުވާ ކަމެކެވެ. އޭނާއަށް ތައުބާވުމަށް ނަސޭޙަތްދިނުމަށްފަހު [އިސްލާމްދީނަށް] ރުޖޫޢަ ނުވެއްޖެކަމުގައި ވަނީނަމަ އޭނާ ޤަތުލުކުރެވޭނެއެވެ! އަދި މުޢާހިދުންގެ ތެރެއިން މީހަކު ﷲ އަށް ފުރައްސާރަކޮށްފިކަމުގައި ވަނީނަމަ ނުވަތަ ނަބީބޭކަލުންގެ ތެރެއިން ބޭކަލަކަށް ފުރައްސާރަކޮށްފިނަމަ ނުވަތަ އެކަން ފާޅުކޮށްފިކަމުގައި ވަނީނަމަ އެމީހަކު އަޙުދު އުވާލައިފިއެވެ. ފަހެ ތިޔަބައިމީހުން އޭނާ ޤަތުލުކުރާށެވެ!” [ الصارم المسلول ގައި މިފަދައިން ވެއެވެ. ޞ.201]

ﷲ ތަޢާލާ އަށް ފުރައްސާރަކުރި މީހާއާއިމެދު އަލްއިމާމް ޢަހްމަދު ބުން ޙަންބަލް އާއި ސުވާލުކުރެވުމުން ވިދާޅުވިއެވެ. ” އޭނާ އަކީ މުރުތައްދުވެފައިވާ މީހެކެވެ. އޭނާގެ ކަރު ބުރިކޮށްލެވޭނެއެވެ.” އެކަލޭގެފާނުގެ އަރިހުން އެކަލޭގެފާނުގެ ދަރިފުޅު ޢަބްދުﷲ އެކަލޭގެފާނުގެ “مسائل” ގައި ރިވާކުރައްވާފައިވެއެވެ.

އަދި ހަމަކަށަވަރުން ﷲ ތަޢާލާ އަށް ފުރައްސާރަކުރާ މީހާ ކާފަރުވާނެ ކަމާއިމެދު ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައިވާކަމަށް އެތަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ:

  • އިބްނު ރާހަވައިހި –رحمه الله تعالى- ވިދާޅުވެފައިވެއެވެ.: (( ﷲ ތަޢާލާ އަށް ފުރައްސާރަކޮށްފި މީހަކު ނުވަތަ އެއިލާހުގެ ރަސޫލާކަށް ފުރައްސާރަކޮށްފި މީހަކު ނުވަތަ އެއިލާހު ތަޢާލާ ބާވައިލެއްވި އެއްޗެއް ދޫކޮށްފިމީހަކު ނުވަތަ އެއިލާހުގެ ނަބީބޭކަލުންގެ ތެރެއިން ނަބީބޭކަލަކު ޤަތުލުކޮށްފި މީހަކު ކާފަރުވާނެ ކަމަށް މުސްލިމުން ވަނީ އިޖުމާޢުވެފައެވެ. އެއީ ﷲ ބާވައިލެއްވި އެއްޗެއްސަށް އިޤުރާރުވާ މީހަކު ކަމުގައި ވިޔަސްމެވެ.” [ابن عبد البر ގެ تمهيد: ޞ(4/226) ، އަދި استذكار: ޞ(2/ 150)]
  • އަދި قاضي عياض –رحمه الله- ވިދާޅުވެފައިވެއެވެ.: ” މުސްލިމުންގެ ތެރެއިން ﷲ ތަޢާލާއަށް ފުރައްސާރަކޮށްފި މީހަކު ކާފަރުވާނެ ކަމާއި އޭނާގެ ލޭ ހުއްދަވާނެ ކަމާއިމެދު [ޢިލްމުވެރިންގެ މެދުގައި] ޚިލާފެއް ނެތެވެ.” [ الشفا 2/270]

އަދި އިބްނު ޙަޒުމް އާއި އެހެންވެސ ބޭފުޅުން ﷲ އަށް ފުރައްސާރަކުރާ މީހާ ކާފަރުވާނެ ކަމާއިމެދު އިޖުމާޢު ގެންނަވާފައިވެއެވެ. އަދި އިމާމުންގެ ތެރެއިން اِبْنُ أَبِيْ زَيْدٍ القَيْرَوَانِيْ އާއި اِبْنُ قُدَامَةَ އާއި އެހެނިހެން ބޭފުޅުންވެސް މިކަމުގެ މައްޗަށް ނައްޞުން އިޖުމާޢު ގެންނަވާފައިވެއެވެ.

އަދި މިގޮތަށް ހުރިހާ ޢިލްމުވެރިންވެސް ﷲ ތަޢާލާ އަށް ފުރައްސާރަކުރާމީހާ ކާފަރުވާނެ ކަމަށް ނައްޞުކުރައްވާ ވިދާޅުވެއެވެ. އަދި އެބޭކަލުން އޭނާގެ ކިބައިން ޢުޒުރެއް ޤަބޫލުނުކުރައްވައެވެ. އެހެނީ ބުއްދީގެ އެންމެ ދަށް މިންވަރު ލިބިފައިވާ މީހާއަށްވެސް ފުރައްސާރައާއި އެހެނިހެން ބަސްތައް ވަކިކުރަން އެނގޭނެއެވެ. އަދި މަދަޙަ އާއި ބަދުބަސް ވަކިކުރަން އިނގޭނެއެވެ. އެހެންނަމަވެސް އަންނަ ފޯރީގައި އަވަސް އަރުވައިގަނެ ފަރުވާކުޑަކަމާއިއެކު ނުވިސްނައި ފުރައްސާރަކުރަނީއެވެ!

ابن أبي زيد القَيْرَوَانِيْ المِالِكِيْ އާއި ސުވާލުކުރެވުނެވެ. މީހަކު ލަޢުނަތް ދިނުމުގެ ސަބަބުން އޭނާ އަށް ލަޢުނަތް ދިން އިރު އޭނާ އާއި އެއްކޮށް ﷲ އަށް ލަޢުނަތްދިނެވެ. ދެންފަހެ އެ މީހާ ބުންޏެވެ. ތިމަންނަ މާފަށް އެދެމެވެ. ތިމަންނައަށް ގަސްދުކުރީ ޝައިޠާނާއަށް ލަޢުނަތް ދިނުމަށެވެ. އެހެން ނަމަވެސް ތިމަންނަގެ ދޫ އޮޅުނީއެވެ!

ދެންފަހެ ابن أبي زيد ޖަވާބުގައި ވިދާޅުވިއެވެ: ” އޭނާގެ ބޭރުފުށުގެ ކުފުރާއި އެކީ އޭނާ ޤަތުލުކުރެވޭނެއެވެ. އަދި އޭނާގެ ޢުޒުރު ޤަބޫލު ނުކުރެވޭނެއެވެ. އޭނާ އެގޮތަށް ބުނީ މަޖަލަކަށް ކަމުގައިވިޔަސް ޤަސްދުގައި ކަމުގައިވިޔަސްމެވެ.”[الشفا لعياض 2/271]

ހުރިހާ ފިޤްހީ މަޒްހަބެއްގެ ޢިލްމުވެރިންނާއި ޤާޞީން ފަތުވާދީ ޙުކުމްކުރަމުން އައީ މިގޮތަށެވެ. އެއީ ފިޤުހުގެ މަޝްހޫރު ހަތަރު މަޒުހަބާއި ޡާހިރީ މަޒްހަބު ވެސްމެވެ. އެބޭފުޅުން ޙުކުމް ކުރަމުން އައީ ބޭރުފުށުގެ މާނަޔަށް ބަލައިގެންނެވެ. އެތެރެފުށުގެ އެ މީހުން ހިތުގައި އޮތްއެއްޗަކަށް ނުބައްލަވައެވެ. އެ ފުރައްސާރަކުރި މީހުން އެމީހުންގެ ހިތުގައިވަނީ އެހެން މާނައެއް ކަމުގައި ބުނިކަމުގައި ވިޔަސްމެވެ!

ޢިލްމުވެރިން ބަހުގެ ބޭރުފުށުގެ ޞާރީޙަ މާނަ ދޫކޮށް، ބޭރުފުށުގެ ޞަރީޙަ މާނައާއި ޚިލާފުވާ، ހިތުގައި ފޮރުވިފައި އޮންނަ މާނަތަކަށް ރުޖޫޢަވެ ޙުކުމް ކުރިނަމަ ޝަރުޢީ ނަންތަކާއި ޙުކުމްތަކާއި ޢުޤޫބާތްތަކާއި ޙައްދުތައް ނެތިދިޔައިހެވެ. އަދި ޙައްޤުތަކާއި ކަރާމާތްތައް ގެއްލި ދިޔައީހެވެ. އޭރުން މުސްލިމެއް ކާފިރެއް ވަކި ނުކުރެވޭނެއެވެ. އަދި މުއުމިނެއް މުނާފިޤެއް ވަކި ނުކުރެވޭނެއެވެ. އަދި ޖާހިލުންނާއި ހިތުތައި ބަލިމަޑުކަން އަށަގެންފައިވާ މީހުންގެ  ދޫތައް މަތީގައި ކުޅޭ ކުޅިވަރަކަށް ދީނާއި ދުނިޔެ ވެގެން ދިޔައީހެވެ.

________________

-ނުނިމޭ-

ކުރީގެ ބައިތައް ވިދާޅުވުމަށް މި ލިންކަށް ޒިޔާރަތްކޮށްލައްވާ!

فضيلة الشيخ عبد العزيز بن مرزوق الطَّريفي ލިޔުއްވާފައިވާ تعظيم الله تعالى و حكم شاتمه ގެ ދިވެހި ތަރުޖަމާ