[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިފްކުގެ ޙާދިޘާ 9

Ifku ge haadhisaa

 

ގަދަކީރިތިވަންތަ މަރިވެރި ﷲ ތަޢާލާއަށް ފުރިހަމައަށް ވަކީލުކުރައްވާ ޙާލު ، ބޭނުންފުޅުވެވަޑައިގެންނެވި މަޤްޞަދު ފުރިހަމަކުރެއްވުމައްޓަކައި ގޭގެ އަހުލުވެރިންނަށް އަޑުއިވޭނޭހެން ސަލާމްގޮވާލެއްވުމަށްފަހު ގޭތެރެއަށް ވަދެވަޑައިގެންނެވިއެވެ. އޭރު ޢާއިޝާގެފާނުގެ މަންމާފުޅުގެ އިތުރުން އެކަލޭގެފާނައްޓަކައި އެބޭކަލެއްގެ ޖާނާއިމާލު ޤުރުބާންކުރެއްވުމުގައި މުޅި ޙަޔާތް ހޭދަކުރެއްވި އެކަލޭގެފާނުގެ އެންމެ އަރިސް ޞާޙިބާކަމުގައިވާ ޢާއިޝާގެފާނުގެ ބައްޕާފުޅު އަބޫ ބަކްރުގެފާނު އެކަމަނާ އަރިހުގައި އިންނެވިތަން ފެނިވަޑައިތަކެވެ. އަދި ދާންކޮޅުމަތީ އޮށޯވެވަޑައިގެން ކީރިތިކުރައްވަން އޮންނެވި ޢާއިޝާގެފާނުގެ އަރިހުގައި ކީރިތިކުރައްވަން އިންނެވި އަންޞާރިއްޔަ ބޭކަނބަލެއްވެސް رضي الله عنهم أجمعين ފެނިވަޑައިގެންނެވިއެވެ. ކުރިމަތިވެފައިވާ ކަންތަކުގެ ސަބަބުން އެބޭކަލުންގެ މޫނުފުޅުމަތިން ހިތްދަތިކަމާއި ދަލުވެތިކަން ފާޅުވޭވޭހުއްޓެވެ. އޭރު ޢާއިޝާ رضي الله عنها ވަނީ ކީރިތިކުރައްވާތާ ގިނަދުވަސްވެގެންގޮސް ބަލިކަށިވެ ނިކަމެތިވެ މުޅިން އަނަރޫފަވެފައިވާ ޙާލުގައެވެ.

ރަސޫލާ صلى الله عليه  وسلم އެބޭކަލުންގެ ތެރެއަށް ވަދެވަޑައިގެން އިށީންދެވަޑައިގެންނެވިއެވެ. އަދި ޝަހާދަތާއި ޙަމްދާއި ޘަނާ ވިދާޅުވެ ޢާއިޝާ رضي الله عنها އާ ދިމާލަށް މޫނުފުޅު އަނބުރާލެއްވުމަށް ފަހު ޙަދީޘްފުޅުކުރެއްވިއެވެ. “އޭ ޢާއިޝާއެވެ! ކަމަނާއާ ބެހޭގޮތުން އެވެނިމިވެނި އަޑުތަކެއް މިވަނީ ތިމަންކަލޭގެފާނާ ހިސާބަށް ފޯރާފައެވެ. ކަމަނާ އެކަމުން ބަރީއަވެގެންވާނަމަ ﷲ ތަޢާލާ ކަމަނާ ބަރީއަކުރައްވާނެތެވެ. ފަހެ ކަމަނާއަށް ފާފައެއް ކުރެވިފައިވާނަމަ ﷲ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދަންނަވައި ތައުބާވާށެވެ. ހަމަކަށަވަރުން ﷲގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދިދަންނަވައި އަޅާ ތައުބާވެއްޖެ ނަމަ އެއަޅެއްގެ މައްޗަށް ﷲ ތައުބާ ލައްވަތެވެ”.

 

(ނުނިމޭ)