[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިފްކުގެ ޙާދިޘާ 11

Ifku ge haadhisaa

 

ޢާއިޝާ رضي الله عنها އަށް ކުރިމަތިވެފައިވާ މިބޮޑުވެގެންވާ އިމްތިޙާނުން ސަލާމަތްވުމަށް އެހީއެއްވެދެވޭނެ އެއްވެސް މަޚްލޫޤެއް މިއުޑު ދަށުގައި ނެތްކަން ހިތްޕުޅަށް އަރައިވަޑައިގެން އަދި އެކަމަނާގެ ޚާލިޤުވަންތަ މަތިވެރިވަންތަ އިލާހަށް ފުރިހަމައަށް ވަކީލުކުރާ ޙާލު ހިތްވެރާއެކު ނަބިއްޔާ صلى الله عليه  وسلم ގެ ސުވާލުފުޅަށް އެހިނދުން ޖަވާބުދާރީވެވަޑައިގެން އެކަމަނާ ދެންނެވިއެވެ. “ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ތިޔަބޭކަލުންގެ ހިތްތަކުގައި މިވާހަކަ ރަނގަޅަށް ހަރުލައިފުމަށް ދާންދެން މިވާހަގައިގެ އަޑު ތިޔަބޭކަލުންނަށް އިވިފައިވާކަން ތިކަންކަމަނާއަށް ޔަގީންކަމާއެކު އެނގިއްޖެއެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންކަމަނާ ތިޔަކަމުން ބަރީއަތްވެގެން ވާކަމުގައި ބުނިކަމުގައިވީނަމަވެސް – އަދި ތިމަންކަމަނާ އެކަމުން ބަރީއަތްވެގެންވާކަން ﷲ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ – ތިޔަބޭކަލުން ތިކަންކަމަނާގެ ބަސް ގަބޫލެއް ނުކުރާނެތެވެ. އަދި ތިމަންކަމަނާ އެކަން ކުރިކަމުގައި ބުނެފިނަމަ – އަދި ތިމަންކަމަނާ އެކަން ނުކުރާކަން ﷲ އެންމެ މޮޅަށް ދެނެވޮޑިގެން ވެއެވެ – ތިޔަބޭކަލުން ތިމަންކަމަނާގެ ބަސް ގަބޫލުކުރާނެތެވެ. ﷲ ގަންދީ ބުނަމެވެ. ޔޫސުފްގެފާނުގެ ބައްޕާފުޅު ވިދާޅުވި ބަސްފުޅަށް ވުރެ ހެޔޮ ބަހެއް ތިމަންކަމަނާއަކަށް ނެތެވެ. (فصبر جميل والله المستعان على ما تصفون) (މާނައީ: ފަހެ، – ތިމަންކަލޭގެފާނަށް އޮތީ – ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން ، ތިޔަ ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް އެހީދެއްވާ ފަރާތަކީ اللَّه އެވެ). މިހެން ވިދާޅުވުމަށް ފަހު ކީރިތިކުރައްވާ ޙާލު ހަށިކޮޅުގައި ރަޖާގަނޑު އަޅުއްވައި އަނެއް ފަރާތަށް އެބުރިވަޑައިގެން އޮށޯވެވަޑައިގެންނެވިއެވެ.

އެކަމަނާ ވިދާޅުވިއެވެ: “ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން ތިކަންކަމަނާ އެކަމުން ބަރީއަވެގެންވާކަން ﷲ އެންމެ މޮޅަށް ދެނެވޮޑިގެންވާކަން ތިމަންކަމަނާއަށް އެނގިވަޑައިގެންނަވައެވެ. އަދި ތިމަންކަމަނާ އެކަމުން ބަރީއަކޮށްދެއްވާނެކަންވެސް މެއެވެ. ނަމަވެސް ތިމަންކަމަނާގެ ޙައްޤުގައި ކިޔެވޭ ޥަޙީއެއްގެ ގޮތުގައި ﷲ އެކަން ލައްވާނެކަމުގައި އެއްގޮތަކަށްވެސް ހިޔެއް ނުކުރައްވަމެވެ. އެހެނީ ތިމަންކަމަނާގެ ޙައްޤުގައި ﷲ ޥަޙީބަސްފުޅު ޥަޙީކުރައްވާ ވަރަށްވުރެ ނިކަމެތިވެގެންވާކަމުގައި ތިމަންކަމަނާގެ އަމިއްލަ ނަފްސާމެދު ދުށީމެވެ. އެއާ ޚިލާފަށް ، އެކަލޭގެފާނު އަވަހާރަފުޅުލައްޕަވައި އޮންނަވަނިކޮށް ހުވަފެނެއް ދައްކަވައި ތިމަންކަމަނާ ބަރީއަކުރައްވާނެކަމުގައި ތިމަންކަމަނާ ހީކުރެއްވީމެވެ”.

 

(ނުނިމޭ)