[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: ވިތުރިކުރާ ގޮތް

ސުވާލު: ވިތުރި ނަމާދު ކުރާނީ ކިހިނެތް ހެއްޔެވެ؟ އެ ނަމާދުގައިވަނީ ކިތައް އައްތަހިއްޔާތު ހެއްޔެވެ؟ އަދި އެ ނަމާދުގައި ޤުނޫތުވޭ ހެއްޔެވެ؟ އަޅުގަނޑުމެންނަށް މިކަން އޮޅުންފިލުވައި ދެއްވާށެވެ. جزاكم الله خيراً.

 

ވިތުރިއަކީ ގަދަވެގެންވާ ސުންނަތެކެވެ. އޭގެ އެންމެ މަދު މިންވަރަކީ ޢިޝާ ނަމާދަށްފަހު އެއް ރަކުޢަތެވެ. އެއީ ޢިޝާ ނަމާދުގެ ފަހު ސުންނަތަށް ފަހު އެއް ރަކުޢަތެވެ. އަދި އެއަށްވުރެ އިތުރަށް ކުރުން މޮޅުއިތުރުވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ރޭގަނޑު ވިތުރި ކުރެއްވިއެވެ. އެކަލޭގެފާނު ވިތުރި ކުރެއްވުމުގައި އެކިފަހަރު އެކި ޢަދަދަށް ކުރައްވާފައިވެއެވެ. ބައެއްފަހަރު ތިން ރަކުޢަތެވެ. ބައެއްފަހަރު ފަސް ރަކުޢަތެވެ. ބައެއްފަހަރު ހަތެއް ނުވަތަ އެގާރަ ރަކުޢަތެވެ. އަދި ބައެއްފަހަރު ތޭރަ ރަކުޢަތް ކުރެއްވިއެވެ. މިއީ އެންމެ ގިނައިން ކުރެއްވި ކަމަށް ވާރިދުވެގެންވާ ޢަދަދެވެ. ނަމަވެސް ވިތުރީގެ ރަކުޢަތުގެ ޢަދަދުގެ ޙައްދެއް ކަޑައަޅުއްވާފައެއްނުވެއެވެ. ފަހެ، އެއަށްވުރެ ގިނަ ރަކުޢަތް ކުރަން ބޭނުންވާމީހާއަށް އެގޮތަށް ކުރުމުގައި މައްސަލައެއް ނެތެވެ. އެއީ އެކަލޭގެފާނުގެ އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ.

((صَلَاةُ اللَّيْلِ مَثْنَى مَثْنَى، فَإِذَا خَشِيَ أَحَدُكُمُ الصُّبْحَ، صَلَّى رَكْعَةً وَاحِدَة…)) [متفق عليه]

މާނައީ: “ރޭގަނޑުގެ ނަމާދުވަނީ ދެ ރަކުޢަތުން ދެ ރަކުޢަތުންނެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން މީހަކު ފަތިސްވެދާނެ ކަމަށް ބިރުވެތިވެއްޖެނަމަ އެއް ރަކުޢަތް ކުރާށެވެ…”

ފަހެ، މިނަމާދަށް ވަކި މިންވަރެއް ކަނޑައެޅިފައި ނުވެއެވެ.

އެހެނީ ޢުމަރު رضي الله عنه ވިތުރީގެ ވިހި ރަކުޢަތް ކުރައްވާ ކަމަށް ޘާބިތުވެފައިވެއެވެ. އަދި ބައެއް ރަމަޟާން މަސްތަކުގައި މީސްތަކުންނާއިގެން އިމާމުވެ އެފަދައިން ނަމާދު ކުރެއްވުމަށް އެކަލޭގެފާނު އުބައްޔުގެފާނަށް އަންގަވައެވެ. އަދި ބައެއްފަހަރު އެގާރަ ރަކުޢަތް ކުރެއްވުމަށް އަމުރު ކުރައްވައެވެ.

ފަހެ، މިކަންވަނީ ތަނަވަސްވެގެންނެވެ. އެހެނީ ޞާޙާބީ ބޭކަލުން رضي الله عنهم އެކިވަރަށް ވިތުރި ކުރެއްވިއެވެ. ބައެއްފަހަރު ތޭވީސް ރަކުޢަތް ކުރެއްވިއެވެ. އަދި ބައެއްފަހަރު އެގާރަ ރަކުޢަތް ކުރެއްވިއެވެ. މިއިން ކޮންމެ ގޮތެއްވެސް ހަމަ ރަނގަޅެވެ. އަދި މިއީ ވަކިމިންވަރެއް ކަނޑައެޅިފައިނުވާ ސުންނަތެކެވެ.

ނަމަވެސް ނަބިއްޔާ صلى الله عليه وسلم ވިތުރި ކުރެއްވިގޮތަށް ކުރަން ބޭނުންވާ މީހާ އެގާރަ ނުވަތަ ތޭރަ ރަކުޢަތްކުރުން މޮޅުއިތުރުވެގެންވެއެވެ. މިއަށްވުރެ މަދުން ކުރުމުގައި މައްސަލައެއް ނެތެވެ. އަދި އިތުރު ކުރިޔަސް މައްސަލައެއް ނެތެވެ.

މުއުމިނުންނަށް އެންމެ މޮޅުއިތުރުވެގެންވަނީ ގިނަ ރަކުޢަތް ކުރާނަމަ ކިޔެވުމާއި ރުކޫޢުއާއި ސަޖިދަ ލުއިކޮށްލުމެވެ. އެއީ އޭނާގެ ނަފްސަށް އަދި މީސްތަކުންނަށް އުނދަގޫ ނުވާނެ ގޮތެވެ. އަދި މަދުން ރަކުޢަތްކުރާނަމަ މުސްތަޙައްބު ވެގެންވަނީ ކިޔެވުމާއި ރުކޫޢުއާއި ސަޖިދަ ދިގު ކުރުމެވެ. އެއީ ނަބިއްޔާ عليه الصلاة والسلام ޢަމަލު ކުރެއްވިފަދައިންނެވެ. ފަހެ، މިކަމަކީ ތަނަވަސްވެގެންވާ ކަމެކެވެ. އަދި ހަރުކަށިމުވެމެއް ނެތެވެ. الحمد لله.

ތިން ރަކުޢަތުން ވިތުރި ކުރާއިރު ދެ ފަހަރު ސަލާމްދިނުންވެއެވެ. އެއީ ދެ ރަކުޢަތް ކޮށްފައި ސަލާމް ދިނުމަށްފަހު ދެން ވަކިން އެއް ރަކުޢަތްކޮށް ސަލާމްދިނުމެއެވެ. މިއީ ފުރިހަމަ އެންމެ މަދު މިންވަރެވެ. ފަހެއް ނަވަތަ ހަތެއް ނުވަތަ އެއަށްވުރެ ގިނައިން ކުރުން މޮޅުއިތުރުވެގެންވެއެވެ. އަދި ކޮންމެ ދެ ރަކުޢަތަކުން ސަލާމްދިނުމަކީވެސް އެންމެ މޮޅުއިތުރުވެގެންވާ ގޮތެވެ.

ކޮންމެ ދެ ރަކުޢަތަކުން ސަލާމްދެމުން ނިންމާލަމުން ވަކިން އެއް ރަކުޢަތްކުރާނީއެވެ. އަދި އެ ރަކުޢަތުގައި ޤުނޫތު ކިޔާނީއެވެ. މިއީ އެންމެ މޮޅުއިތުރުވެގެންވާ ގޮތެވެ.

ޤުނޫތު ކިޔާނީ ރުކޫޢުގެ ފަހުން، ރަސޫލާ صلى الله عليه وسلم އަލްޙަސަން ބުން ޢަލީއަށް އުނގަންނަވައިދެއްވި ފަދައިންނެވެ. އެއީ: ((اللهُمَّ اهْدِنِي فِيمَنْ هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ…))[1] މިދުޢާ ނިމެންދެނެވެ.

އެންމެ މޮޅުއިތުރު ގޮތަކީ ޤުނޫތު ކިޔާއިރު ދެ އަތް އުފުލުމެވެ. އެހެނީ ރަސޫލާ عليه الصلاة والسلام ޤުނޫތު ކިޔުއްވާއިރު ދެ އަތް އުފުއްލެވިއެވެ. ޤުނޫތުއްނާޒިލާ އަދި ވިތުރީގެ ޤުނޫތުގައިވެސްމެއެވެ. ޤުނޫތުއްނާޒިލާ ވިތުރީގެ ޤުނޫތާއެއްފަދައެވެ. ދުޢާ ކުރާއިރު ދެ އަތް އުފުލުމަކީ ދުޢާ އިޖާބަވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އަތް ނުއުފުލުމުގައި މައްސަލައެއް ނެތެވެ. އަދި ވިތުރީގައި ޤުނޫތު ނުކިޔުމަކީވެސް މައްސަލައެއް ނޫނެވެ. އެހުރިހާ ގޮތެއް މުސަތަޙައްބުވެގެންވެއެވެ. ޤުނޫތު ކިޔުމާއި ޤުނޫތު ކިޔުމުގައި ދެ އަތް އުފުލުން އެއީ އެންމެ މޮޅުއިތުރު ގޮތެވެ. އެކަން ދޫކޮށްލުމަކީވެސް މައްސަލައެއް ނޫނެވެ.

ވިތުރިއަކީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ. މިއީ ޖުމްހޫރު ޢިލްމުވެރިން ދެކެލައްވާ ގޮތެވެ. އަދި ފަސޭހަވެގެންވާމީހާ ރޭގަނޑުގެ ފަހު ބައިގައި ވިތުރި ކުރުމަކީ އެންމެ މޮޅުއިތުރު ގޮތެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ.

((مَنْ خَافَ أَنْ لَا يَقُومَ مِنْ آخِرِ اللَّيْلِ فَلْيُوتِرْ أَوَّلَهُ، وَمَنْ طَمِعَ أَنْ يَقُومَ آخِرَهُ فَلْيُوتِرْ آخِرَ اللَّيْلِ، فَإِنَّ صَلَاةَ آخِرِ اللَّيْلِ مَشْهُودَةٌ، وَذَلِكَ أَفْضَلُ)) [رواه مسلم في صحيحه]

މާނައީ: “ރޭގަނޑުގެ ފަހު ބައިގައި ހޭނުލެވިދާނެކަމަށް ބިރުވެތިވާމީހާ (ރޭގަނޑުގެ) ކުރީކޮޅުގައި ވިތުރި ކުރާށެވެ. އަދި ރޭގަނޑުގެ ފަހުބައިގައި ތެދުވުމަށް އެދޭމީހާ ފަހެ، ރޭގަނޑުގެ ފަހުބައިގައި ވިތުރި ކުރާށެވެ. ފަހެ، ރޭގަނޑުގެ ފަހުބައިގައި ކުރާ ނަމާދަކީ އެނަމާދަކަށް (މަލާއިކަތުން) ޙާޟިރުވެވަޑައިގަންނަވާ ނަމާދެކެވެ. އަދި އެއީ އެންމެ މޮޅުއިތުރު ގޮތެވެ.”

އެހެންކަމުން އެކަމަށް ކުޅަދާނަވެގެންވާ މީހާއަށް އެންމެ މޮޅުއިތުރު ގޮތަކީ ރޭގަނޑުގެ ފަހުބައިގައި ވިތުރި ކުރުމެވެ. ފަހެ، އެކަމަށް ނުކުޅެދިއްޖެމީހާ ދަންނައެވެ. ނަބިއްޔާ صلى الله عليه وسلم އަބޫ ހުރައިރާ އާއި އަބުއްދަރްދާއަށް ވަޞިއްޔަތް ކުރެއްވި ފަދައިން ރޭގަނޑުގެ ކުރީކޮޅު ވިތުރިކުރާށެވެ. އެހެނީ އެދެބޭކަލުންނަކީ ޙަދީޘް ދަސްކުރައްވަން އުޅުއްވި ދެބޭކަލުންނެވެ. އަދި ރޭގަނޑުގެ ފަހުބައިގައި ނަމާދުކުރުމަށް އެދެބޭކަލުންނަށް ދަތިފުޅުވިއެވެ. ފަހެ، އެދެބޭކަލުންނަށް އެންމެ މުނާސަބުވީ ރޭގަނޑުގެ ކުރީކޮޅު ވިތުރި ކުރުމެވެ.

ޚުލާޞާއަކީ ރޭގަނޑުގެ ފަހުބައިގައި ވިތުރި ކުރުމަށް ކުޅަދާނަވެގެންވާމީހާ އެގޮތަށް ކުރުން މޮޅުއިތުރުވެގެންވެއެވެ. އަދި ރޭގަނޑުގެ ފަހުބައިގައި ނުހޭލެވިދާނެކަމަށް ބިރުވެތިވާމީހާ ރޭގަނޑުގެ ކުރީކޮޅު ވިތުރި ކުރާނީއެވެ. ނަބިއްޔާ عليه الصلاة والسلام ރޭގަނޑުގެ ކުރީކޮޅު ވިތުރި ކުރެއްވިއެވެ. އަދި ރޭގަނޑުގެ މެދުބައިގައި ވިތުރި ކުރެއްވިއެވެ. އަދި އެއަށްފަހު އެކަލޭގެފާނު އަވަހާރަވެއްޖައުމަށް ދާންދެން، ރޭގަނޑުގެ ފަހުބައިގައި ވިތުރި ކުރެއްވުމުގައި ޤާއިމުވެވަޑައިގެންނެވިއެވެ.

__________________________________________________

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله

(ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ(

[1] ވިތުރީގެ ޤުނޫތު ބެއްލެވުމަށް:- (ފޮތް: ވިތުރީގެ ޤުނޫތުގެ ޝަރަޙަ)

ފަތުވާގެ އަޞްލު